ރިޕޯޓް

ކުއްލިއްޔާގެ ދެފުށް ދެގޮތް އެންގެވުން!

ދާދިފަހުން ވަނީ ކުއްލިއްޔާއަށް ކިޔަވަންދާ މޫނު ބުރުގާ އެޅި ދަރިވަރަކަށް، ކިޔަވަން އަންނަ އިރު މޫނު ބުރުގާ ނައަޅާ އައުމަށް އެތަނުގެ ރެކްޓަރ އަންގަވާފައެވެ. މި އެންގެވުމާ ގުޅިގެން ކުއްލިއްޔާ ދަރިވަރުންގެ މެދުގައި ވަނީ މި މައްސަލަ ހޫނުވެ، ރާއްޖޭގެ މީޑިއާގެ ސަމާލުކަން ވެސް ލިބިފައެވެ.

ދަންނާނެ ފަދައިން، މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. މި ޤައުމުގައި ދީނީ މިންގަނޑުން މީހަކު ކަމެއް ކުރާނަމަ، ރަސްމީ ފަރާތްތަކަށް އަބަދުވެސް އެކަން އޮންނަނީ ބޮޑުވެފައެވެ. ނަމަވެސް ދީނީ މިންގަނޑުން ކައްސާލައިގެން ގޮސް ޙަރާމްގެ ދަރަޖައަށް ދިޔަޔަސް އެއީ މައްސަލައެއް ނޫނެވެ. އެފަދަ ބަޔަކު އެކަން އިޞްލާޙުކުރުމަށް އެންގުމެއް ވެސް ނޯވެއެވެ. މިއީ ވިސްނާ މީހުން އަޖައިބު އަންތަރީސް ކުރުވާ ކަމެކެވެ.

މޫނު ބުރުގާއަކީ އިސްލާމީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ. ދެކޮޅުގައި ތިއްބެވީ ވެސް ފަރުބަދަތައް ވަރުގެ ޢިލްމުވެރިންނެވެ. އެހެންކަމުން، ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ވާޖިބެއް ކަމުގައެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ވާޖިބެއް ނޫންކަމުގައެވެ. ނަމަވެސް ސުންނަތެއް ކަމުގައެވެ. އެހެންކަމުން، ހުރިހައި ޢިލްމުވެރިންވެސް އިއްތިފާޤުވެ ލައްވާ ނުކުތާއަކީ މޫނު ބުރުގާއަކީ ދީނުގައި އޮތް ކަމެއް ކަމަށެވެ. ތަފާތަކީ އެއްބަޔަކު އެއީ ވާޖިބެއް ކަމަށް ދެކޭއިރު އަނެއް ބަޔަކު އެއީ ސުންނަތެއް ކަމުގައި ދެކޭތީއެވެ. މި ދެ ދާއިރާއިން ބޭރަށް މޫނު ބުރުގާގެ މައްސަލަ ގޮސްފައި ނުވެއެވެ.

ނަމަވެސް، އަންތަރީސް ވާން ޖެހޭ ކަމަކީ، މޫނު ބުރުގާ އަޅައިގެން ދާ ދަރިވަރަށް އެކަން މަނާކުރުމުންނެވެ. އަދި މިއަންނަ އަހަރުން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިން އިންޒާރުންނެވެ.

ސުވާލަކީ، ކުރު ހެދުމާއި ގަޔަށް ބާރު ހެދުން ލައިގެން ދާ ދަރިވަރުންނަށް މިފަދަ އަމުރެއް ނުކުރަނީ ކީއްވެތޯއެވެ؟ ދީނީ މިންގަނޑުން ބަލާއިރު ގަޔަށް ބާރު ކުރު ހެދުން ލުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ. މިއީ އެބޭފުޅުންގެ ލޮލުގައި އަޅައިގަންނަ މަންޒަރަކަށް ނުވިއެވެ. ނަމަވެސް، މައްސަލަ މި ޖެހެނީ ކުއްޖަކު މޫނު ބުރުގާ އަޅައި އޭނަގެ ވަނާތައް ނިވާ ކުރުމުގެ ސަބަބުންނެވެ.

އިންޞާފުގެ ނަޒަރަކުން ވިސްނާލިޔަސް އަދި ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށް ދަޢުވާ ކުރާއިރު، އިސްލާމީ ނަޒަރަކުން ވިސްނާލިޔަސް، މި އެންގުމަކީ ކަނޑައެޅިގެން އިންޞާފާއި އިންސާނީ ހަމަހަމަކަމުގެ ތަރަހައިން ބޭރުގައި އެންގި އެންގުމެއްކަން ފިކުރު ހިންގާލި ކޮންމެ މީހަކަށްވެސް ކަށަވަރު ވާނެއެވެ. ސަބަބަކީ، ކޮންމެ ސަބަބަކާ ހެދި މޫނު ބުރުގާ އެޅި ކަމުގައިވީ ނަމަވެސް، ވާޖިބެއް ކަމުގައި ދެކިގެން އެޅިޔަސް އަދި ސުންނަތެއް ކަމުގައި ދެކިގެން އެޅިޔަސް، އިސްލާމީ ޤައުމެއްގައި، އެފަދަ ދަރިވަރަކަށް ތަޢުލީމުން މަހުރޫމު ކުރެވިގެން ނުވާނެއެވެ. އޭނައަށް ދީނުގައި ދީފައިވާ އިޚްތިޔާރަށް މަޖުބޫރު ކުރުވުމެއް އޮވެގެން ނުވާނެއެވެ.

ދީނީ ރޮގުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުން އެ ކުއްލިއްޔާގެ އިސް މަޤާމުތަކުގައި ތިއްބެވި ހިނދު، އެބޭފުޅުންގެ ފަރާތުން މިފަދަ ދުނިޔެވީ ނަޒަރަކުންވެސް ބޭ އިންޞާފުވެރި އެންގުމެއް އެންގުމަކީ ހައިރާންވާ ފަދަ ކަމެކެވެ. ކުރު ހެދުން ލައިގެން އަންނަ ދަރިވަރުގެ ހެދުމުގައި މައްސަލައެއް ނެތެވެ. އެއީ ސިވިލް ސާވިސްގެ ޑްރެސް ކޯޑާ އެއްގޮތްވީމައެވެ. އިސްލާމްދީނުގައި މާތް ﷲ ވަނީ މުސްލިމުންނަށް ޑްރެސް ކޯޑެއް ދެއްވާފައެވެ. އެ ޑްރެސް ކޯޑުގެ ދަށުން، ކުރު ހެދުމާއި، ގަޔަށް ބާރު ހެދުން ލުން ވަނީ މުޅިން މަނާ ކުރައްވާފައެވެ.

މޫނު ބުރުގާ އެޅި ކުދިން ތަޢުލީމުން މަހްރޫމު ކުރުމަކީ ޙައްލުތޯއެވެ؟ ހައްލެއް ނޫނެވެ. މޫނު ބުރުގާއަކީ ކުރިން ދެންނެވި ފަދައިން ދީނުގައި ޖާގައެއް ދެވިފައިވާ އެއްޗެކެވެ. އެހެންކަމުން، ވާޖިބެއް ކަމަށް ދެކިގެން އަޅާ ކުދިންވެސް އުޅޭނެއެވެ. އެކުދިން މޫނު ބުރުގާ ނެގުމަށް މަޖުބޫރު ކުރުމަކީ މުޖުތަމަޢުގައި ހަމަޖެހުން ނަގާލުން ފަދަ ކަމެކެވެ. ސަބަބަކީ، އެ ކުދިން މޫނު ބުރުގާ ނެގުމުގެ ބަދަލުގައި ދީނުގައި އެކުދިންނަށް ލިބިގެންވާ ފުރިހަމަ އިޚްތިޔާރުގެ ބޭނުން ހިފަން ގަދަ ދައްކާނެއެވެ. އަދި ސުންނަތެއް ކަމަށް ދެކިގެން އަޅާ ކުދިންވެސް އުޅޭނެއެވެ. މިކަން އިސްލާމީ ޤައުމެއްގެ ތަޢުލީމީ މުއައްސަސާތަކާއި އޮފީސްތަކުން ދަންނަ ޖެހޭނެއެވެ.

އެހެންވެއްޖެއްޔާ ޙައްލަކީ ކޮބައިތޯއެވެ؟

ޝެއިޚް ޝަހީމު ވިދާޅުވިފަދައިން މިކަމުގައި ޙައްލެއް ލިބިދާނެއެވެ. ނަމަވެސް އެއީ ކުދިންނަށް މޫނު ބުރުގާ ނެގުމަށް މަޖުބޫރުކޮށްގެނެއް ނޫނެވެ. އެކަން އިޚްތިޔާރަށް ދޫކޮށްލުމެވެ. ނަމަވެސް، މުއައްސަސާތަކުން ސެކުއިރިޓީގެ ގޮތުން، އެކުދިންގެ މޫނު ޗެކުކުރުމުގެ ގޮތުން އަންހެން ގާރޑުން ހަމަޖެއްސިދާނެއެވެ. މިއީ ބައެއް އިސްލާމީ ޤައުމުތަކުން ޢަމަލުކުރަމުންދާ ކާމިޔާބު ނިޒާމެކެވެ.

ނިންމާލަމުން، އަޅުގަނޑު ކުއްލިއްޔާގެ އިސްވެރިންނަށް، ދަންނަވާލަން ބޭނުންވަނީ، ތިޔަ ބޭފުޅުންނަކީ ތަޢުލީމީ ގޮތުން މަތީ ސެޓްފިކެޓްތަކެއް ޙާޞިލްކުރައްވާފައިވާ ބޭފުޅުން ކޮޅަކަށްވީ ހިނދު، އިންޞާފާއި ހަމަހަމަކަމާއި، މުޖުތަމަޢުގެ ހަމަޖެހުމާއި، ދީނީ މިންގަނޑުތަކާއި، މިހިރަ މިހިރަ ކަންތަކާމެދު ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނަވާ ބޭފުޅުން ކޮޅަކަށް ވެލައްވާށޭއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް