ޔަހޫދީންނާއި ނަޞާރާއިން އަޅުގަނޑުމެންގެ މައްޗަށް ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، މާތް ﷲ ގެ ގެކޮޅުތަކަށް، މިސްކިތްތަކަށް، ޝައިޠާނީ ދުންމާރުތައް ވެއްދުމެވެ. މި ދައްކަނީ މިޔުޒިކުގެ ވާހަކައެވެ. އެބައިމީހުން ވަނީ ރިންގްޓޯންސް ގެ ނަމުގައި ޝައިޠާނީ ދުންމާރު އަޅުގަނޑުމެންގެ މިސްކިތްތަކަށް ވައްދާފައެވެ.
ނަމާދުގައި މުޞައްލީން ތިބޭ އިރު، އިރުއިރު ކޮޅާ ކޮންމެވެސް މީހެއްގެ މޯބައިލް ފޯނު ރިންގުވާނެއެވެ. ހިތާމައަކީ، ގިނަ މުސްލިމުން، އެބައިމީހުންގެ، ރިންގުޓޯންއަކަށް މިޔުޒިކު ލާފައި ހުންނަ ކަމެވެ. އެގޮތުން، ﷲ ގެ ގެކޮޅުގައި އޭތި ގޮވަން ފަށައެވެ. މުޞައްލީންގެ ޚުޝޫޢަތްތެރިކަން ގެއްލަމުންނެވެ. ކިހާ ބޮޑު ނުބައެއްތޯއެވެ؟ މިޔުޒިކަކީ ޙަރާމް އެއްޗެއްކަން އެނގިގެން ވިޔަސް އަދި ނޭނގިވިޔަސް އޭތި ރިންގްޓޯންއަށް ލާ މީހުން ތިބެއެވެ. ބައެއް ފަހަރު ކޮންމެވެސް ޝައިޠާނީ ރޮކް މިޔުޒިކެކެވެ. އަނެއްބައި ފަހަރު، ހިންދީ ފާޙިޝް މިޔުޒިކެކެވެ. ޝައިޠާނާވެސް މިފަދަ މީހުންގެ މައްޗަށް ހޭނެކަން ހަމަ ޔަޤީނެވެ.
ވާހަކަ މާ ދިގު ނުކުރާނަމެވެ. އިލްތިމާސަކީ، ޝައިޠާނީ ދުންމާރުތަކުން ﷲ ގެ ގެކޮޅު ސަލާމަތްކުރާށޭއެވެ. އެހެނީ، ނަމާދުކުރަން ގޮސް އެފަދަ ނުބައި ކަމަކަށް އަރައިގަތުމަކީ، އެއީ ބުއްދިވެރި ކަމެއް ނޫނެވެ. ރިންގްޓޯންސްތައް ބަދަލުކުރާށެވެ. މިޔުޒިކު ނޫން އެހެން ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެއެވެ. ނަމާދަށް މިސްކިތަށް އަރަމުން، ފޯނު ނިއްވާލުން ނުވަތަ ރިންގް އޮފްކޮށްލުން އެއީ އާދައަކަށް ހަދަންވީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...