އެމެރިކާ އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް

އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހީމް ނާޒިމް

ޕާކިސްތާނު ޠާލިބާނުންގެ ވެރިޔާ ޙަކީމުﷲ މަޙުސޫދު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދީފި އެވެ. މި އިންޒާރުތައް އޭނާ ދީފައި ވަނީ މި ފާއިތުވި އެޕްރީލްމަހު ރެކޯޑްކޮށްފައިވާ ދެ ވީޑިއޯއެއްގަ އެވެ. ޙައިރާންވާންޖެހޭ ކަމަކީ މި ވީޑިއޯތައް ނުކުމެފައި މިވަނީ އޭނާ މަރާލެވިއްޖެކަމަށް އެމެރިކާ އިސްވެ އޮވެގެން ދުނިޔެއަށް އަޑުތައް ފަތުރަމުންދާތާ އެތަކެއް މަސް ފާއިތުވެގެން ގޮސްފައި ވަނިކޮށް ކަމުގައި ވާތީ އެވެ. އެ ވީޑިއޯތަކުގައި ޙަކީމުﷲ މަޙުސޫދު އެމެރިކާގެ ރަށްތަކަށް ބޮމުގެ ހަމަލާތައް ދޭނެކަމަށް ބުނެފައި ވެއެވެ. މިކަންތައް ކުރަންޖެހެނީ އެމެރިކާއިން މުސްލިމުންގެ އެތަކެއް މުޖާހިދުންނެއް ޝަހީދުކޮށްލާފައި ވާތީ އެކަމުގެ ބަދަލުހިފުމުގެގޮތުން ކަމުގައި ބުނެފައި ވެއެވެ. ތަޙުރީކް ޠާލިބާން ޕާކިސްތާން ނަމަކަށް ކިޔުނު ޖަމާއަތުގެ ޒަޢީމަކަށް ޙަކީމުﷲ މަޙުސޫދު ވެފައި ވަނީ އޭނާގެ ކުރިން އެ މަޤާމުގައި ހުރި ބައިތުﷲ މަޙުސޫދު އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ޝަހީދުވުމާއި ގުޅިގެންނެވެ.

ޙަކީމުﷲ މަޙުސޫދު ބުނެފައި ވަނީ، "އެމެރިކާގެ ބޮޑަތި ރަށްތަކަށް އަހުރެމެންގެ ފިދާއީން ހަމަލާތަށް ދޭން ފެށުމުގެ ވަގުތު މިވަނީ ކުޑަތަންވެފަ" ކަމުގައެވެ. ވީޑިއޯގައި އޭނާ މިފަދައިން އިންޒާރުކުރަމުން ދިޔައިރު އޭނާގެ ފުރަގަހުގައި ހަތިޔާރު ހިފައިގެން މޫނު ނިވާކޮށްފައި ތިބި ހަނގުރާމަވެރިންގެ ބަޔަކު ފެނެ އެވެ. މި ވީޑިއޯ ތަކަކީ ޙަކީމުﷲ އެމެރިކާއަށް މިފަދަ އިންޒާރުތަކެއް ދީފައި ނެރުނު ފުރަތަމަ ވީޑިއޯތަކެވެ.

އެމެރިކާއަށް ބަހުގެ ހޫނު ހަމަލާތައް ދެމުން އޭނާ ބުނެފައި ވަނީ، "ﷲގެ ވާގިފުޅާއެކު ދާދި އަވަހަށް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަހުރެމެން އެމެރިކާއަށް ދޭ އެންމެ ކާމިޔާބު ފިދާއީ ހަމަލާތަކުގެ ފޮނި މޭވާ އިސްލާމީ އުންމަތަށް ފެނިގެންދާނެ.." މިހެންނެވެ. މަޙުސޫދު މިހެން ބުނުމުގެ ކުރިން ނެރެވުނު އޭނާގެ ވީޑިއޯއެއްގައި ފެނިގެން ގޮސްފައި ވަނީ އެމެރިކާގެ ޗާޓަކާއެކު އޭނާގެ މޫނު ފެންނަމުންދާ މަންޒަރެއްގައި ތަފާތު ބޮންތައް އެމެރިކާގެ އެތަންމިތަނުގައި ގޮއްވާލެވޭތަނެވެ. އިންޓެލް ސެންޓަރއިން ބުނާގޮތުގައި ނިއުޔޯކްގައި ދޭންއުޅުނު ކާރު ބޮމުގެ ބިރުވެރި ހަމަލާއަށްފަހު ނެރެފައިވާ ތަޙުރީކް ޠާލިބާން ޕާކިސްތާން (TTP) ޖަމާއަތުގެ މި ވީޑިއޯތަކަކީ ޞައްޙަ އެއްޗެކެވެ. އިންޓެލް ސެންޓަރ އަކީ އެމެރިކާގައި ޤާއިމްކުރެވިފައިވާ ވަރަށް ތަފާތު ބާވަތެއްގެ ގުރޫޕެކެވެ. މިބައިމީހުންގެ މަސައްކަތަކީ ދުނިޔޭގެ އެތަންމިތަނުން އިސްލާމީ ވެބްސައިޓްތައް ބަލާ ދިރާސާކުރުމެވެ. އެމީހުން ބުނާގޮތުގައި އެމެރިކާގެ ނިއުޔޯކްގައި ދޭންއުޅުނު ބާވަތުގެ ބޮމުގެ ހަމަލާތައް ރާވާ ހިންގޭވަރުގެ ޤާބިލުކަން ޠާލިބާނުން މިއަދު ވަނީ ހޯދާފަ އެވެ. ވީމާ ކުރިޔަށް އޮތް ތަނުގައި މި ބާވަތުގެ ހަމަލާތައް އެމެރިކާއަށް ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

އެކަމަކު ނިއުޔޯކްގެ މޭޔަށް މައިކަލް ބުލޫމްބާރގް މިކަން ޤަބޫލެއް ނުކުރެ އެވެ. އޭނާ ބުނާގޮތުން މި ހަމަލާ އަކީ އަލްޤާޢިދާއިން ނުވަތަ ޠާލިބާނުން ދޭން އުޅުނު ހަމަލާއެއްކަން އެނގޭނެ ފަދަ އެއްވެސް ހެއްކެތް ނެތެވެ. ނަމަވެސް ޔޫޓިއުބްގައިވާ ވީޑިއޯއެއްގައި އެކަމުގެ ޒިންމާ ޓީ.ޓީ.ޕީގެ ފަރާތުން އުފުލާކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން މިހާރު ވަނީ ޙަކީމުﷲ މަޙުސޫދު ދިރިހުއްޓާ ނުވަތަ މަރާލައިގެން ނަމަވެސް އަތުލައިގަނެވޭނެ ފަދަ މަޢުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް 50 މިލިޔަން ރުޕީސްގެ އިނާމެއް ހުށަހަޅާފަ އެވެ. މަޙުސޫދު އަކީ އުމުރުން އެންމެ ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. އެމެރިކާ އާއި ގުޅިގެން މުސްލިމުން މަރަމުންގެންދާ ޕާކިސްތާނު ސިފައިންނާ އޭނާ ހަނގުރާމަކުރަމުން ދަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅުނު ސަރަހައްދުގެ ފަރުބަދަތައް މަތީގަ އެވެ.

ޙަކީމުﷲ މަޙުސޫދު ބުނާގޮތުން އެމީހުންގެ ފިދާއިން މިހާރުވަނީ އެމެރިކާގެ އެތެރެއަށް ވަދެ ހަމަޖެހިފަ އެވެ. ވަގުތުޖެހުމުން ޙައްދުފަހަނާއަޅާފައިވާ އެމެރިކާއަށް ވޭނުން ފުރިގެންވާ ހަމަލާތައް ދޭންފަށާނެ އެވެ. މަޙުސޫދު ވަނީ އެމެރިކާގެ އެކުވެރި ނޭޓޯގެ ޤައުމުތަކަށް ވެސް އިންޒާރު ދީފަ އެވެ. އޭނާ ބުނެފައި ވަނީ އެ ޤައުމުތަކުން އެމެރިކާ ދޫކޮށްލަންވެއްޖެ ކަމުގަ އެވެ. މިހެން ނޫންނަމަ އެމެރިކާއަށް ވުރެ ބޮޑަށް އެބައިމީހުން ދުނިޔޭގައި ބަލިކަށިވެ، އިނދަޖެހި އަދި ލަދުގަންނަންޖެހޭނެ ކަމުގަ އެވެ.

ނޯޓް: ރާއްޖެއިސްލާމް.ކޮމް އިން ނަގާފައި...

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.