ރިޕޯޓް ރޯދައަށް ބެހެއްޓި ކިލާފަނި

ރޯދައަށް ބެހެއްޓި ކިލާފަނި

ރޯދައަށް ބެހެއްޓި ކިލާފަނި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ރޯދައިގެ މާއްދީ އަސަރު ހަށިގަނޑަށް ޓެކްނިކަލް ގޮތުން ކުރަންފަށަނީ، ރޯދައަށް ހުންނަން ފަށާތާ 12 އާއި 24 ގަޑިއިރާ ދެމެދުއެވެ. ކެމިކަލް ގޮތުން ބަލާއިރު ރޯދައިގެ އަސަރުކުރަން ފަށަނީ ހަށިގަނޑުގައި ފޮރުވާފައިވާ ކާރބޯހައިޑްރޭޓްސްތަކުން ހަކަތަ އުފެއްދުމަށް ފަށާ ހިސާބުންނެވެ. ހަށިގަނޑުގައި ފޮރުވިފައި ކާބޯހައިޑްރޭޓްސް އާއި ފެޓްތަކުން ހަކަތަ އުފައްދާހާ ހިނދަކު، ކެމިކަލީ ހަށިގަނޑު އެހުންނަނީ ރޯދައަށެވެ.
ކެއުން ހުއްޓާލާ ކޭ ތަކެތިންލިބޭ ހަކަތަ ހުސްވާ ހިނދުން ފެށިގެން ހަށިގަނޑުގެ ސެލްތަކާއި، ޓިޝޫތަކާއި، ގުނަވަންތަކަށް ބޭނުންވާ ހަކަތަ އުފައްދަނީ ހަށިގަނޑުގެ އެތެރޭގައި ފޮރުފާފައިވާ ފެޓްސް އާއި ކާރބޯހައިޑްރޭޓްސް ބޭނުންކޮށްގެންނެވެ.
އިންސާނާގެ ހަށިގަނޑުގައި ރައްކާކުރެވިފައިވާ ކޮންމެ ފެޓް ޕައުންޑެއްގައި 3500 ކެލަރީ ހުންނާނެއެވެ. މިއަދަދަކީ އިންސާނާގެ ހަށިގަނޑު ހަމައަށް ފުރިހަމައަށް އެއް ދުވަހު މަސައްކަތްކުރުމަށް ބޭނުންވާ މިންވަރުގެ ހަކަތައެވެ.
މިގޮތަށް ހަށިގަނޑުގެ އެތެރޭގައި ފެޓްގެ ގޮތުގައި ރައްކާކުރެވެނީ ހަށިގަނޑަށް، ކާނާގެ ގޮތުގައި ވަންނަ ގުލްކޯސް އާއި ކާބޯ ހައިޑްރޭޓްތައް ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.
ހަށިގާނޑުގައި ފޮރުވާފައިވާ ފެޓްތައް ހަކަތަ އުފެއްދުމަށް ބޭނުންވާ މާއްދާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ލިވާރ ނުވަތަ ފުރަމޭއިންނެވެ.
ކާނާގެ ތެރޭގައި ނުހިމެނޭ ވަރަށް ގިނަވައްތަރުގެ ވިހަތައް އިންސާނާ ދިރިއުޅޭ މާހައުލުގެ ސަބަބުން ހަށިގަނޑަށް އެތެރެވެއެވެ. މިތަކެތި ގިނައިން ހަރުލާފައި ހުންނަނީ ކުރިން ދެންނެވުނު ރައްކާކޮށްފައިވާ ފެޓް ތަކުގެތެރޭގައެވެ. ވީމާ، ރޯދައަށް ހުރުމުގެ ސަބަބުން ރައްކާކުރެވިފައިވާ ފެޓްތައް ހަކަތައަށް ބަދަލުވާއިރު އެފަދަ ނުރައްކާތެރި ވިހަތައް ހަށިގަނޑުން ނުކުމެގެން ދެއެވެ.
ކެއުމުން ދުރުހެލިވެ ހަޖަމުކުރާ ނިޒާމަށް މަސައްކަތެއް ނެތުމުގެ ސަބަބުން ހަށިގަނޑުގެ ހަކަތަތައް ޖަމާވަނީ ދިފާޢީ އަދި ހަށިގަނޑު އާރާސްތު ކުރުމުގެ މަސައްކަތަށެވެ.
ހަށިގަނޑު މަރާމާތްކުރުމުގެ މަސައްކަތް ރޯދައަށް ހުރުމުގެ ސަބަބުން ހަލުއި ވަނީ މިހެންވެގެންނެވެ.
ހަށިގނޑުގައި އުފެދިފައި ނުވަތަ ހެދިފައި ހުންނަ ބޭކާރު އާދައިގެ ޓިއުމަރުތަކާއި އަދި ކެންސަރުގެ ޓިއުމަރުތައް އޮޓޯލިސިސް (ސެލްތައް އަމިއްލައަށް ހަލާކުވުން) ވެގެން ހަށިގަނޑުން ނެތިގެން ދެއެވެ.
ހަށިގަނޑުން ހަލާކުވެފައިވާ ސެލްތައް ބަދަލުކުރުމަށްޓަކައި ޕްރޮޓީންސް އޭ ކިޔޭ މާއްދާ އުފެއްދުމުގެ މަސައްކަތް ނުވަތަ (ޕްރޮޓީން ސިންދެސިސް) ވަރަށް ހަލުވިކަމާއި ބާރުވެރިކަމާއި ފުރިހަމަކަމާއި އެކު ކުރުމުގެ ހަކަތަ، ރޯދައަށް ހުރުމުގެ ސަބަބުން މިދެންނެވެނު މަސައްކަތްކުރާ ނިޒާމަށް ލިބިގެންދެއެވެ.
މިކަމުގެ ދުނިޔަވީ ހެއްކަކަށް ބައެއް ޖަނަވާރުންނަށް އަނިޔާވުމުން ކެއުމާއި ދުރަށްދިއުން ފުދެއެވެ.
އަޅުގަނޑުމެން އިންސާނުންނަށް އަރިދަފުސް ރޯގާ ޖެހުމުން ކާހިތް ނުވަނީ ކީއްވެތޯ؟ އަރިދަފުސްރޯގާގެ އިތުރުން ބަނޑުގެ ބަލިތަކާއި، ޓޮންސިލްގެ ބައްޔާއި ހުންހުމުގެ ސަބަބުން ކެއުމާއި ދުރުވުމުގެ ސަބަބަކީ، އިންސާނާގެ ހަށިގަނޑުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ދިފާއީބާރުގެ ފުރިހަމަކަމެވެ. އިންސާނާ ބަލިވުމުން ހަޖަމުކުރުމަށް ބޭނުންވާ ހަކަތަ ބަދަލުވަނީ ދިފާއީނިޒާމަށެވެ. އެއީ އެބަލިތަކުން ދިފާއުކުރުމަށް ވަރުގަދައަށް މަސައްކަތްކުރުމަށެވެ.
ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގެ މައި ފިނިހޫނުމިން ދަށްވެއެވެ. މިއީ ހަށިގަނޑުގެ އާންމު މަސައްކަތްތައް މަޑުޖެހުނުކަމުގެ ސީދާ އަލާމާތެކެވެ.
މިހެން ވާން މިދިމާވަނީ، ކާއެއްޗެއް ނުކެއުމުގެ ސަބަބުން ލޭގައި ހަކުރު ހުންނަމިންވަރު ދަށްވުމާއި، ރައްކާކޮށްފައި ހުރި ފެޓްތައް ބޭނުންކުރަން ފެށުމާއި، ބާސަލް މެޓަބޯލިކް ރޭޓް (ހަށިގަނޑު އަރާމުކުރާއިރު، ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ހިފެހެއްޓުން، ސެލްތައް އާރާސްތުކުރުން، ލޭ ދައުރުކުރުވުން، މަސްތަކަށް ބާރު ލިއްބައިދުން ކަހަލަ މުޙިއްމު މަސައްކަތް ތައް ކުރެވޭވަރަށް ހަކަތަ އުފައްދާ ރޭޓް) ދަށްވުމުންނެވެ.
މިގޮތަށް ދިމާވުމުން ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ވައްތަރުގެ ހޯރމޯންސް އުފައްދާ ގުނަވަންތަކުން ވަރަށް މަތީ މިންވަރަކަށް ހަށިގަނޑުގެ އެތެރެއަށް އެ ހޯރމޯނުތައް ދޫކޮށްލައެވެ.
ސައިންސްގެ ހޯދުންތަކުން ސާބިތުކުރެވުނު އެންމެ މުޙިއްމު އެއް ފައިދާއަކީ ރޯދަހިފުމުން ހަށިގަނޑު ޒުވާންވުމާއި އުމުރު ދިގުވާ ކަމުގެ ހެއްކެވެ.
މިގޮތަށް މިދިމާވާ އެއްސަބަބަކީ ކުރިންވެސް ދެންނެވުނުހެން މެޓަބޯލިކް ރޭޓް ދަށްވުމާއި، ފުރިހަމަ ޕްރޮޓިން ސިންދެސިސްއާއި، ދިފާޢީ ބާރު ވަރުގަދަވުމާއި، ހަށިގަނޑު އެތެރެއަށް އިތުރަށް ދޫކުރެވޭ ހޯރމޯން ތަކެވެ.
އަނެއް ސަބަބަކީ ހަށިގަނޑު ހެދިބޮޑުވުމަށް އުފައްދާ ހޯރމޯނު ތަކުގެ އިތުރުން، އެންޓި އޭޖިން (ސެލްތައް އުމުރުން ދުވަސްވުމާއި ދެކޮޅަށް މަސައްކަތް ކުރާކެމިކަލެއް) ކިޔާ ހޯރމޯން ގިނައަދަދަކަށް އުފައްދައި އޭގެ މަސައްކަތަށް ފެށުމެވެ.
1930 ވަނަ އަހަރު ވަނީ  ކިލާފަނި ބޭނުންކޮށްގެން ތަހުލީލެއް ހަދާފައެވެ. ކިލާފަނި ތަހުލީލު ކުރި ޓީމުން ވަނީ ކާންދިނުމާއި ކާންނުދީ (ރޯދައަށް) ބެހެއްޓުމުގެ ބުރުތަކެއްގެ މަތީ އެކިލާފަނިތައް ގެންގުޅެފައެވެ.
ރޯދައަށް ބެހެއްޓި ކިލާފަނި ވަނީ އާންމު ކިލާފަންޏަކާއި ހިލާފަށް، އެ ކިލާފަނީގެ ޒުވާންކަމުގެ އަސަރުތަކާއި އެކު އޭގެ އުމުރު "ކިލާ ފަނީގެ އުމުރުގެ 19 ޖީލަށް" ދެމިގެން ގޮސްފައެވެ.
މިކަން މިގޮތަށް ކުރުމުގައި ސައިންސްވެރިންވަނީ އެ ކިލާފަނީ ރޯދައަށް ބަހައްޓައިގެން އޭގެ އަމިއްލަ ހަށިގަނޑުގައިވާ މާއްދާތަކުން އެކަނި އުފައްދާ ހަކަތައިން މަސްތަކެއް ވާނދެއް ގެންގުޅެފައި، އޭގެ ސައިޒު ކުޑަވެ، އޭގެ އަމިއްލަ ހަށިގަނޑުން އުފައްދާ ހަކަތަ މަތީމިންވަރަކަށް ބޭނުންކުރާ ހިސާބުން ކާންދީފައެވެ. މިގޮތަށް އެތައް ބުރެއްވަނީ ފުރިހަމަކޮށްފައެވެ.
މި ތަޙުލީލުން އެނގުނުގޮތުގައި، އެ ކިލާފަނީގެ އުމުރު ދިގުވިގޮތަށް ރިޢާޔަތް ކުރާއިރު އިންސާނުންގެ އުމުރު 600- 700 އަހަރާއި ދެމެދުގެ މުއްދަތަކަށް ދިގުކުރެވިދާނެއެވެ.
މުޅި އަހަރުގެ ތެރޭގައި ހަށިގަނޑަށް އެތެރެވެފައިވާ ނުރައްކާތެރި އެތައް ވިހަތަކާއި، އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތަކުން ރޯދައަށް ހުރުމުގެ ސަބަބުން ފަސޭހަވެއެވެ.
އެހެންނަމަވެސް ބައެއްކަހަލަ ބަލިތައްހުންނަ މީހުން ރޯދަހިފުމުގައި ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ތިމާ ހުރި ބައްޔާއި ރޯދައާއި ހުރިގުޅުމާއި ކާ ބޭހާއި އޭގެ ޑޯސޭޖާއި ބެހޭ ފުރިހަމަ މައުލޫމާތު ނުހޯދާ ރޯދަހިފުމުގެ ސަބަބުން ހިތާމަވެރިގޮތެއް ދިމާވުމަކީ ވަރަށް ކައިރިކަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.