ވާހަކަ

ވަފާތެރި އަޢުރާބީ

ޢިރާޤުގެ ގަވަރުނަރުކަމުގެ މަޤާމުގައި ޙައްޖާޖު ބިން ޔޫސުފް ، ހުރި ދުވަސްވަރު ވަރަށް ގިނަ ބަޣާވާތްތަކެއް ސަރުކާރާއި ދެކޮޅަށް ކުރެވިފައިވެއެވެ. ނަމަވެސް ޙައްޖާޖު ގެންދިޔައީ އެހުރިހާ ބަޣާވަތެއްވެސް ވަރަށް ހަރުކަށިކަމާއެކު ފުނޑުފުނޑުކޮށް މައިތިރިކުރަމުންނެވެ. އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް ޙައްޖާޖަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު އޭނާގެ ސިފައިންނަށް އަމުރުކުރީ އެހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން ގޮސް އެންމެ އަޢުރާބީއެއް ބާކީ ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާގެ އިތުބާރުކުރެވޭ ކޮމާންޑަރެއްކަމުގައިވާ ޤުތައިބާ ބިން މުސްލިމް އަށް ގޮވައި ގެނެސްފައި ބުންޏެވެ. [މި މީހާ، މިރޭ ކަލޭގެ ކައިރީ ބެހެއްޓުމަށްފަހު، މާދަމާ އަހަރެންގެ ކުރިމައްޗަށް ގެންނާށެވެ!]

ޤުތައިބާ ބަޔާންކުރައްވާފައިވެއެވެ. ތިމަން އެ އަޢުރާބީ ގޮވައިގެން ގެއާ ދިމާއަށް މިޞްރާބުޖެހީމެވެ. ގެއަށް ދިޔަ މަގުމަތީގައި އޭނާ ވަރަށް އާދޭހާއެކު ތިމަންނާއަށް ބުންޏެވެ. [ޤުތައިބާއެވެ! ތިބާގެ ކިބައިގައި ހެޔޮކަމުގެ ކުނޑިފުކެއްވެސް ބާކީވާނަމަ އަހަރެން ވާހަކައެއް ބުނަންހެއްޔެވެ؟] ތިމަން ބުނީމެވެ. [އާނއެކެވެ! ބުނެބަލާށެވެ! ކިހިނެއްވީ ހެއްޔެވެ؟] އޭނާ ބުންޏެވެ. [އަހަރެންގެ އަތުގައި މީސްތަކުންގެ އަމާނާތްތަކެއްވެއެވެ. މާދަމާ ޙައްޖާޖު، އަހަރެން ޤަތުލުކުރާނެއެވެ. މީސްތަކުންގެ އަމާނާތްތައް އެމީހުންނަށް ރައްދުކޮށް، ޙައްޤުވެރީންނަށް އެމީހުންގެ ޙައްޤުއަދާކޮށް އަދި އަހަރެންގެ މައްޗަށްވާ ލޭންދޭނުގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އަހަރެންގެ  ވާރިޘުންނަށް ބުނެދީފައި އައުމަށް އަހަރެން ގެއަށް ދިއުމުގެ ހުއްދަ ތިބާއަށް ދެވިދާނެ ހެއްޔެވެ؟ އަހުރެން ޢިއްޒަތްވަންތަ ރައްބު ޖާމިނުކޮށް ތިބާއަށް ވަޢުދުވަމެވެ! އަހަރެން މާދަމާ އަންނާނަމެވެ.]

އޭނާގެ ވާހަކަ އިވުމުން ތިމަން ވަރަށް ޢަޖައިބުވިއެވެ. އަދި ހިނިވެސްއައެވެ. ތިމަންގެ ހިތަށްއެރިއެވެ. [މިއީ ކޮންކަހަލަ ވާހަކައެއް ދައްކާ މީހެއްހެއްޔެވެ؟] އޭނާ ތިމަންގެ މޫނަށް ބަލައިލިއެވެ. އަދި ބުންނަންފެށިއެވެ. [ﷲ ތަޢާލާ، ހެކިކޮށް އަހަރެން ބުނަމެވެ. އަހަރެން މާދަމާ އެނބުރި އަންނާނަމެވެ. އަހަރެން ދިޔަދޭށެވެ!] ނަމަވެސް ތިމަން މެދުނުކެނޑި އިންކާރުކުރަމުން ގެންދިޔައީމެވެ. [ތިހެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން، ކަލޭ ދޫކޮށްލައިފިނަމަ ކަލޭ އެނބުރި އަތުވެދާނަންހެއްޔެވެ؟؟؟] އޭނާވެސް ހުއްޓުމެއްނެތި އޭނާގެ ބޭނުން ތަކުރާރުކުރަމުން ގެންދިޔައެވެ. އަދި އާދޭސްކުރަމުން ގެންދިޔައެވެ. އެންމެފަހުން ތިމަންގެ ހިތުގައި އޭނާގެ މައްޗަށް ރަޙުމް އުފެދި އޭނާއަށް އިތުބާރުކުރެވުނެވެ. އެހެންކަމުން އޭނާ ގެއަށް ދިއުމުގެ ހުއްދަ ދިނީމެވެ.

އޭނާއަށް ހުއްދަ ހަމަ ލިބުމާއެކު ގެއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ. ނަމަވެސް އޭނާ ދިއުމާއެކު މިކުރެވުނު ކަންތަކާމެދު ތިމަންނައަށް ހިތާމަކުރެވެން ފެށިއްޖެއެވެ. ތިމަންގެ ހިތަށްއެރިއެވެ. [މިކުރެވުނީ ކީއްހެއްޔެވެ؟ އޭނާ ދުކޮށްލީ ކީއްވެހެއްޔެވެ؟ އޭނާ އެނބުރިއައުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.] އަނެއްކޮޅުން ޙައްޖާޖުގެ ބިރެވެ. މާދަމާ އޭނާއާ ޤައިދީ ޙަވާލުނުކޮށްފިނަމަ ތިމަންނަ އާމެދު ޙައްޖާޖު ޢަމަލުކުރާނީ ކޮންގޮތަކަށް ބާވައެވެ؟ ކޮންމެއަކަސް އެރެއަކީ ތިމަންގެ ޙަޔާތުގައި އައި އެންމެ ނުތަނަވަސްރެއެވެ. މުޅި ރޭ ވޭތުވީ ހިތާމައާ ދުޢާގައެވެ.

އަނެއް ދުވަހު ފަތިހުފަތިހާ ތިމަންގެ ގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. ތިމަން އަވަސްއަވަހަށް ބޭރަށް ނުކުމެ ދޮރުހުޅުވާލިއިރު އެއްކަލަ އަޢުރާބީ ދޮރުމަތީގައި ކޮޅަށްހުއްޓެވެ. އޭނާ ފެނުމުން ތިމަންގެ ހަށިގަނޑަށް އަލުން ފުރާނަ އައި ކަހަލައެވެ. ތިމަން، އޭނާއާ ސުވާލުކުރީމެވެ. [ކަލޭ ހަމަ އައީ ހެއްޔެވެ؟] އޭނާ ޖަވާބުދިނެވެ. [އާނއެކެވެ! ތިބާގެ ކުރިމަތީގައި މިހުރީއެވެ.] އަހަރެން ބުނީމެވެ. [އަދިވެސް މަށަށް ހަމަ ޔަޤީންނުވަނީއެވެ.] އޭނާ ބުންޏެވެ. [ﷲ ތަޢާލާ ކަފީލެއްކަމުގައި ހެދުމަށްފަހު ތިމަންނައަށް ނައިސް ހުރެވިދާނެ ހެއްޔެވެ؟]

ޤުތައިބާ ބަޔާންކުރައްވައެވެ. ތިމަން، އޭނާ ގޮވައިގެން ޙައްޖާޖުގެ ދަރުބާރަށް ދިޔައީމެވެ. ދޮރުމަތީގައި ހުރި ހަށިފާރަވެރިޔާ ކައިރިއަށް ޤައިދީ ދޫކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. ޙައްޖާޖަށް ތިމަން ހަމަ ފެނުމާއެކު ސުވާލުކުރިއެވެ. [ޤުތައިބާއެވެ! އަހަރަމެންގެ ޤައިދީ ކޮބައިހެއްޔެވެ؟] ތިމަން ބުނީމެވެ. [އަމީރަށް ސަލާމަތްކަންހުއްޓެވެ. ދޮރުމަތީގައި އެބަހުއްޓެވެ.] ތިމަން ދޮރުކައިރިއަށް ގޮސް ޙައްޖާޖާ، އޭނާ ޙަވާލުކުރީމެވެ. އަދި ރޭގެ ހާދިޘާ ޙައްޖާޖަށް ކިޔައިދިނީމެވެ. ޙައްޖާޖު އެޤައިދީގެ ތިރިން މައްޗަށް، މަތިން ތިރިއަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ހީވަނީ ކޮންމެވެސް ގޮތެއް އޭނާ އާމެދު ނިންމަނީހެންނެވެ. ކުއްލިއަކަށް ޙައްޖާޖުގެ އަޑުއައެވެ. [އަހަރެން މިޤައިދީ ކަލެއަށް ދީފީމެވެ. އޭނާ އާމެދު ކަލޭ ބޭނުންގޮތަކަށް ޢަމަލުކުރާށެވެ!]

ތިމަން ޤައިދީ ގޮވައިގެން ބޭރަށްނުކުތީމެވެ. ބޭރަށްނުކުމެ ޤައިދީއަށް ބުނީމެވެ. [ކަލޭ ބޭނުން ތަނަކަށް ހިނގައިދާށެވެ. އަހަރެންގެ ކިބައިން ކަލޭ ތިވަނީ މިނިވަންވެގެންނެވެ.]

އަޢުރާބީ އުޑާ ދިމާއަށް އިސްއުފުލައިލުމަށްފަހު ބުންޏެވެ.  [އޭ ﷲ އެވެ! ހުރިހާ ޙަމްދަކާއި ޝުކުރެއްހުރީ އިބަ ރަސްކަލާނގެއަށެވެ!]

އެއަށް ފަހު އޭނާ ދެވަނަ ބަހެއްނުބެނެއެވެ. އަދި އަވަސްއަވަހަށް އެއްފަރާތަކަށް ހިނގައިގަތެވެ. އޭނާ ޢަމަލުކުރިގޮތާމެދު ތިމަން ވަރަށް ޙައިރާންވިއެވެ. ތިމަން، އޭނާ މަރުގެ އަދަވަޅަކުން ސަލާމަތްކުރީމެވެ. އެކަމަކު އެންމެ ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ތިމަންނައަށް ބުނެނުލިއެވެ. ތިމަން ހިތާ ހިތުން ބުނީމެވެ. [ކަޢުބާގެ ވެރި އިލާހު ގަންދެމެވެ! ޔަޤީނުންވެސް މި ބަދަވީ ކަލޭގެ ވާނީ މަޖްނޫނަކަށެވެ.]

އަނެއްދުވަހު އެއްކަލަ އަޢުރާބީ ތިމަންގެ ކައިރިއަށް އައެވެ. އަދި ބުނަންފެށިއެވެ. [އޭ އަޚާއެވެ! ﷲ ތަޢާލާ، އަހަރެންގެ ފަރާތުން ތިބާއަށް އެންމެ ހެޔޮވެގެންވާ ޖަޒާ ދެއްވާށިއެވެ. ﷲ ގަންދީބުނަމެވެ! އިއްޔެގައި އަހަރެން ކަންތައްކުރި ގޮތް ރަގަޅަށް ހަނދާން އެބަހުއްޓެވެ. ތިބާ ގޯސްކޮށް ހީނުކުރުންއެދެމެވެ. ތިމަން އެގޮތަށް ކަންތައްކުރީ ﷲ ގެ ޙަމްދާ ޘަނާ އާއި ޝުކުރުގައި އެހެން ފަރާތެއް ބައިވެރިކުރަން ތިމަން ނުރުހޭތީއެވެ.]

ލިޔުމުގެ އަޞްލު: ސުންހެރޭ އަޥްރާޤް / ޢަބްދުލްމާލިކް މުޖާހިދް

ގުޅުންހުރި

1 ޚިޔާލު

  1. މާޝާﷲ…ވަރަށް އިބްރަތްތެރި!!

Your email address will not be published. Required fields are marked *

More in ވާހަކަ