ދުނިޔެ

އިސްލާމިކް ފައިނޭންސްގެ އެޑްވާންސް ޑިޕްލޮމާ ކޯހެއް "ސީމާ" އިން ފަށައިފި

ލިޔުނީ: ޙުސައިން ރަޝީދު

ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) އިން އިސްލާމިކް ފައިނޭންސްގެ އެޑްވާންސް ޑިޕްލޮމާ ކޯހެއް ފަށައިފިއެވެ. މިއީ ޗާޓަޑް އެކައުންޓެންސީ މުޢައްޞަޞާއަކުން މިފެންވަރަށް އިސްލާމިކް ފައިނޭންސްއަށް ކިޔަވައިދޭންފެށި ފުރަތަމަ ފަހަރުކަމަށް ސީމާއިން ހާމަކުރެއެވެ. މީގެ ހަތަރު އަހަރުކުރިން ސީމާއިން ވަނީ "ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް" ތަޢާރަފްކޮށް، ދާދިފަހުން "ޑިޕްލޮމާ އިން އިސްލާމިކް ފައިނޭންސް" އަށް ކިޔަވައިދޭން ފަށައިފައެވެ.

އިސްލާމިކް ފައިނޭންސްއާއި ބެހޭގޮތުން ސީމާ އިން ތައްޔާރުކޮށްފައިވާ ތަޢާރަފްގައިވާގޮތުން އިސްލާމިކް ފައިނޭންސްއަކީ އިސްލާމީ ޝަރީޢަތާއި ޚިލާފުނުވާނޭގޮތެއްގެ މަތިން ކުރިއަށްގެންދެވޭ މާލީ މުޢާމަލާތްތަކެވެ. އެގޮތުން މިނިޒާމުގައި އިންޓަރެސްޓް (ރިބާ) ދިނުމާއި ލިބިގަތުން، އޫރުމަހާއި، ދުންފަތް، ރާ، ޖުވާކުޅުމާއި އޮރިޔާން އިންޑަސްޓްރީފަދަ މުޅި މުޖްތަމަޢަށް ގެއްލުންހުރި ދާއިރާތަކުގައި ފައިސާ އިންވެސްޓް ނުކުރާނެއެވެ.

ސީމާގެ އޮފިޝަލަކާއި ޙަވާލާދީ އެތަނުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ދުނިޔޭގެ މާލީ ނިޒާމުގައި އިސްލާމިކް ފައިނޭންސް ޙިއްސާވާ މިންވަރުވަނީ ވަރަށް ބޮޑުތަން އިތުރުވެ، މާލީ ނިޒާމުގެ މުހިންމު ބައިވެރިއަކަށްވެފައެވެ. މިނިޒާމު ކުރިއަރަމުންދާވަރަށް އެކަށީގެންވާ މީހުން ބިނާކުރެވެމުންނުދާތީ، އެހުސްކަން ފިލުވުމުގެ ގޮތުން މިފަދަ ކޯހެއް ފަށަން ޖެހުނީކަމަށްވެސް ނޫސްބަޔާނުގައިވެއެވެ. އަދި މީގެ ކުރިން އިސްލާމިކް ފައިނޭންސްގައި ދެވެމުން އަންނަނީ ވަކި ސަރަޙައްދަކަށް ޚާއްޞަ ސަނަދުތަކެއްކަމުން، ބައިނަލްއަޤްވާމީ ސަނަދަކަށް މި ސިނާޢަތް ބޭނުންވެފައިވާކަންވެސް ސީމާއިން ފާހަގަކުރެއެވެ.

އިސްލާމިކް ފައިނޭންސްވަނީ 1.1 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑު ސިނާޢަތަކަށްވެފައެވެ. މިއަހަރުތެރޭ ރާއްޖޭގައިވެސްވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ހުޅުވިފައެވެ. މީލާދީ ތާރީޚުން 1919 ވަނަ އަހަރު އުފެދުނު ސީމާއަކީ 168 ޤައުމެއްގެ 183,000 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑު މުޢައްޞަޞާއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ