ރިޕޯޓް ލޭ ހަދިޔާކުރުން

ލޭ ހަދިޔާކުރުން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުޙައްމަދު

ލޭ ހަދިޔާކުރުމަކީ ރަގަޅު ސިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްމެ އިންސާނިއްޔަތަށްޓަކައި މުޖުތަމަޢަށްޓަކައި ކުރެވިދާނެ ވަރަށް މާތް ޚިދުމަތެކެވެ. ލޭ ހަދިޔާކުރުމަކީ އިންސާނެއްގެ ފުރާނަ މަރުން ސަލާމަތްކުރުމަށްޓަކައި ތިބާގެ ލެއިން ކުޑަ މިންވަރެއް އެހެން މީހަކަށް ދިނުމެވެ. ނަފްސެއް ރައްކާތެރިކޮށް ދިރުވައިފި މީހަކީ އެންމެހާ މީސްތަކުން ދިރުވައިފި މީހެއްކަމުގައި އަދި މީހަކު މަރައިފި މީހަކީ އެންމެހާ މީސްތަކުން މަރައިފި މީހަކު ފަދަ މީހެއްކަމުގައި މާތް ﷲ ގެ ފޮތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ތިބާގެ ހަށިގަނޑުން މަދުވާ ކުޑަ ލޭކޮޅެއްގެ ސަބަބުން މުޅި ދުނިޔޭގައިވާ އެންމެހާ އިންސާނުން ދިރުއްވިކަމުގެ ޝަރަފު އެމީހަކަށް ލިބުމީ މިކަމުގައި ހުރި އެންމެ ބޮޑު އުފަލެވެ.
ލޭ ހަދިޔާކޮށް، އެލޭގެ ސަބަބުން ނަފްސަކަށް ލިބޭ ދިރުމަކީ އަދި ހިނިތުންވުމަކީ އަމިއްލަ ނަފްސަށް އެކަމުން ވަރަށް ފޮނި އިޙްސާސެއް ކުރުވާނެ ހެޔޮ ޢަމަލެކެވެ. ލޭގެ ދީލަތި އެހީ ޤަވާއިދުން ބޭނުންވާ ތެލަސީމިއާ ކުދިންގެ އިތުރުން އެކިއެކި ޙާލަތްތަކާއި ގުޅިގެން ހޮސްޕިޓަލްތަކުގައި ލޭ ބޭނުންވާ މީހުންގެ ޢަދަދު މަދެއްނޫނެވެ.
ލޭ ހަދިޔާކުރުމުގައި ގިނަ ފައިދާތަކެއް ވާކަމުގައި އެދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ބައެއް ފައިދާތައް ތިރީގައި ބަޔާންކޮށްލަމެވެ.
1. ލޭ ހަދިޔާކުރުމުން ލޭގައި އަޔަން (Iron) އިތުރުކޮށްދީ ހުންނަންވާ ދަރަޖާގައި ބަލަހައްޓައިދެއެވެ. އަދި މީގެ ސަބަބުން ހާޓް އެޓޭކާއި އަދި ހިތުގެ ބަލިތަކުގެ ނުރައްކަލުން ދުރުކޮށް ރައްކާތެރިކޮށްދެއެވެ.
2. ލޭ ހަދިޔާކުރުމުން ލޭގައި ތާޒާ ރެޑް ބްލަޑް ސެލްސް (Red Blood Cells) އުފައްދާދެއެވެ. މީގެ ސަބަބުން ލޭ ހަދިޔާ ކުރާ ކޮންމެ ފަހަރަކު މީހާ ތާޒާކޮށްދެއެވެ. އަދި ލޭގެ އާ ސެލްސްތައް އުފައްދައިދެއެވެ.
3. ލޭ ހަދިޔާކުރުމަކީ ހަށިގަނޑު ރަގަޅު ސިއްޙަތެއްގައި ބެލެހެއްޓުމަށާއި، ހަށިގަނޑުގައިވާ ސަރުބީތައް އަންދާލުމަށް އެންމެ ފަސޭހަ ވަޞީލަތެވެ. އަދި ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑު އެހީއެކެވެ. 450 އެމް.އެލް. ލޭ ހަދިޔާކުރުމުން ހަށިގަނޑުން ގާތްގަޑަކަށް 650 ކެލަރީސް (Calories) އަންދާލައެވެ. އަދި މީގެ ސަބަބުން ހަށިގަނޑު ލުއިކޮށްދެއެވެ. ބައެއް މީހުންނަށް ހީވެފައިވަނީ ލޭ ހަދިޔާކުރުމުން މީހާ ފަލަވެ ބަރުދަން އިތުރުވާކަމަށެވެ. އެއީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު ވާހަކައެއް ކަމުގައި މިދާއިރާގެ ބޭފުޅުން މަޢުލޫމާތު ދެއްވައެވެ.
4. އެއްވެސް އަގަކާއި އަދި ޚަރަދަކާއި ނުލާ ބޭނުންޖެހިފައިވާ މީހާއަށް ދެވޭ މިހަދިޔާއިން ނަފްސާނީ ގޮތުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ރަގަޅު ސިއްޙަތެއްގައިހުރެ ގަވާއިދުން ލޭ ހަދިޔާކުރާ މީހަކަށް ތާޒާކަމާއި އާރޯކަން އިޙްސާސްކުރެވޭނެއެވެ.
ލޭ ހަދިޔާކުރުމަކީ އޭގައި އެއްވެސް ނުރައްކަލެއްވާކަމެއް ނޫންކަމަށާއި އަދި މިހާތަނަށް އެއްވެސް ސައިޑް އިފެކްޓެއް ފެނިފައިނުވާކަމުގައި ކަމާބެހޭ ދާއިރާތަކުން މަޢުލޫމާތު ދެއްވައެވެ. ބައެއް މީހުން މުޅިން އަލަށް ލޭ ހަދިޔާކުރާއިރު ފަހަރެއްގައި ކޮންމެވެސް ވަރަކަށް ބޯ އަބުރަފާނެކަމަށާއި، އެހެންނަމަވެސް އެއީވެސް މަދު މިނެޓް ކޮޅަކަށްކަމުގައި ކަމާބެހޭ ދާއިރާތަކުން މަޢުލޫމާތު ދެއްވައެވެ. ލޭ ހަދިޔާކުރުމަށް ޚާާއްޞަވުމާއި ބިރުގަތުމަކީ އާއްމުކަމެއްކަމަށާއި ވަރަށްގިނަ މީހުން ލޭ ހަދިޔާކުރަން ބިރުގަންނަކަމުގައި ކަމޭބެހޭ ދާއިރާތަކުން ލިޔުއްވާފައިވެއެވެ. އަދި ފުރަތަމަ ފަހަރަށް ލޭ ހަދިޔާކުރުމުން މިބިރު ފިލައިގެންދާނެކަމަށާއި ސުވާލުކޮށް އޮޅުން ފިލުވުމުން ހާސްކަންކުޑަވާނެކަމުގައި އެބޭފުޅުން ވިދާޅުވެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުން ލޭ ހަދިޔާކުރުމަށް ވަރަށް ފަސްޖެހެއެވެ. ބައެއްފަހަރު ކަޑައެޅިގެން ދޮގުހަދާކަންވެސް ފާހަގަކުރެވެއެވެ. ބައެއް އަޚުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށް ބިރުންކަމުގައި ވެދާނެއެވެ. ނުވަތަ ތުންތުން މަތިން ލިބިފައިވާ ހިތްނުތަނަވަސްކުރުވާފަދަ މަޢުލޫމާތުތަކެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އިވޭއަޑަށް ތަބާނުވެ އެކަން ޙަގީގަތުގައިވެސް އޮތްގޮތް ބަލާހޯދުން ވަރަށް މުހިއްމެވެ. އަމިއްލަ ހަށިގަނޑަށްވެސް ބަލަން ޖެހޭނެކަމަށާއި، ލޭ ދޭތީވެ ހަށިގަނޑަށް މިކަހަލަ މިކަހަލަ ބަދަލުތަކެއް އަންނަކަމަށް ބައެއް އަޚުން ބުނެފައި އެބަހުއްޓެވެ. ނަމަވެސް ހަށިގަނޑަށް ބެލުމުގެ ގޮތުން ކަސްރަތެއްގެ ކުޑަމިންވަރެއްމެ ނުކުރާތާނގައި ކެއިންބުއިމުގައިވެސް މާބޮޑު އަޅާލުމެއް ނުދޭކަން ފާހަގަކުރެވެއެވެ.
ރަގަޅު ސިއްޙަތުގައި ހުރި ދުވަހު، މިޙަޔާތާއި ވަކިވެގެން ދިޔުމުގެ ކުރިން މިޢަމަލު ޤަވާއިދުން ކުރުމަށް ޢަޒުމު ކަޑައަޅަމާތޯއެވެ. ނޫންނަމަ މިއަދު ލޭ ހަދިޔާނުކޮށް ހުއްޓާ، ރަގަޅު ސިއްޙަތުން ލޭ ހަދިޔާނުކުރެވޭ ގޮތް މެދުވެރިވެދާނެއެވެ. ނުވަތަ މާދަން މިޙަޔާތާއި ވަކިވާން ޖެހިދާނެއެވެ. އެހެންވެއްޖެނަމަ އެފުރުޞަތު އަތުން ބީވެގެން ދިޔައީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.... މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."
ތިމާގެ އަޚާއަށް ހިނިތުންވެލުމީ ވެސް ޞަދަގާތެއް ކަމުގައިވާއިރު ތިމާގެ ލޭގެ ސަބަބުން އުޖާލާވާ ކޮންމެ ފުރާނައަކީ އަދި އެ ފުރާނައަށް ލިބޭ އުޖާލާކަމުގެ ސަބަބުން އެމުޅި ޢާއިލާއަށް ލިބޭ އުފަލަކީ ތިބާއަށް ކުރެވޭ ނުހަނު ބޮޑު ޞަދަގާތަކަށް ނުވެނުދާނެއެވެ. އަދި ތިބާގެ ދެދުނިޔޭގެ ޙަޔާތަށް ލިބޭ ބާއްޖަވެރިކަމެއްކަމުގައި މެނުވީ ނުވެނުދާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. މުސްލިމަކު އޭނާގެ އަޚާ އާއިމެދު އިހާނެތިކޮށް ނުވަތަ އޭނާ ދެރަވާ ގޮތަށް ކަންތައް ކޮށްގެންނުވާނެއެވެ. އޭނާގެ އަޚާގެ ބޭނުމެއް ފުއްދައިދީފި މީހެއްގެ ބޭނުންތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ. އަދި މުސްލިމެއްގެ ކިބައިން ދަތިކަމެއް ފިލުވައިފި މީހެއްގެ ދަތިކަމެއް މާތް ﷲ ޤިޔާމަތް ދުވަހުން ފިލުވައިދެއްވާނެތެވެ. މުސްލިމެއްގެ އައިބު ފޮރުވައިފި މީހެއްގެ އައިބުތައް މާތް ﷲ މިދުނިޔޭގަ އާއި އާޚިރަތުގައި ފޮރުއްވާދެއްވާނެތެވެ." (ރިވާހު ބުޚާރީ

ޓެގް

ލޭ ހަދިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.