ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު 1,600 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް!


ލިޔުނީ: ޙުސައިން ރަޝީދު

ބައެއް ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާއިހެދި، ރިކޯޑް މިންވަރަކަށް ރަނުގެ އަގު އުފުލި، ރަން އައުންސެއްގެ އަގު 1,600 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.

ރަނުގެ އަގު ރިކޯޑް މިންވަރަކަށް އުފުލުނުއިރު، ރިއްސާއި ބުލިއަންގެ އަގުތައްވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މިހާބޮޑަށް އަގުތައް މައްޗަށް އުފުލެން މެދުވެރިވީ އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ގްރީސް، ސްޕެއިން އަދި އިޓަލީފަދަ ބައެއް ޤައުމުތަކުގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެޤައުމުތައް "ބަނގުރޫޓް"[1]ވެދާނެކަމުގެ ބިރު ހީވެފައިވާތީ، އިންވެސްޓަރުން ރަނަށް މިސްރާބުޖެހުމުންނެވެ.

އެމެރިކާގެ ދަރަނީގެ ލިމިޓް، 2 އޮގަސްޓްގެ ކުރިން 14.3 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިކުރުމަށް އެޤައުމުގެ ކޮންގްރެސްއިން އެއްބަސްނުވެއްޖެނަމަ، އެޤައުމު "ބަނގުރޫޓް"ވެގެން ދާނެއެވެ.

އެހެންނަމަވެސް، އެމެރިކާގެ މާލީ ވަޒީރުވަނީ އެޤައުމު "ބަނގުރޫޓް"ވެގެން ދާން ކޮންގްރެސްގައި ތިއްބެވި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ދޫކޮށްނުލައްވާނެކަމުގެ ޔަޤީންކަމުގައި ހުންނެވިކަމަށާއި، އަދި ދަރަނީގެ ލިމިޓްވެސް މިހާރަށްވުރެ ބޮޑުކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށް ހާމަކުރައްވާފައެވެ. އަދި ދުނިޔޭގެ އިޤްތިޞާދުގައި އެމެރިކާ ކުޅެމުންދާ މުހިންމު ދައުރުގެ ސަބަބުން އެޤައުމު "ބަނގުރޫޓް"ވާން ދޫކޮށްލައިފިނަމަ، އިޤްތިޞާދީގޮތުން ދަތި ދުވަސްވަރަކާ އަނެއްކާވެސް ދުނިޔެ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ދެއްވާފައެވެ.

މާކެޓް ދިރާސާކުރައްވާ މާހިރުން ހާމަކުރައްވާގޮތުގައި އެމެރިކާ "ބަނގުރޫޓް"ވެއްޖެނަމަ، އިންޓަރެސްޓް ރޭޓްތައް އިންތިހާއަށް މަތިވެ، ރިޒާވްގެ ގޮތުގައި އެމެރިކާ ފައިސާ ބޭނުންކުރުން ހުއްޓިގެންދާނެއެވެ. އޭގެ ބަދަލުގައި، އިންވެސްޓަރުން ރަނާ ދިމާއަށް މިސްރާބުޖަހާ، ރަނުގެ އަގުތައް މިހާރަށްވުރެވެސް ބޮޑުވާނެއެވެ.

ޢާންމުކޮށް ބޭނުންކޮށްއުޅޭ ފައިސާގެ ތެރެއިން އެމެރިކާ ޑޮލަރާއި، ޔޫރޯ އަދި ސްޓާލިންގ ޕައުންޑްގެ އަގުތައް ދަނީ އެހެން ބައެއް ޤައުމުތައް ކަމަށްވާ ކެނެޑާ، އޮސްޓްރޭލިއާ އަދި ސްވިޓްޒަލެންޑްގެ ފައިސާގެ އަގާއި އަޅައިބަލާއިރު ދަށްވަމުންނެވެ.

ނޯޓް: [1] "ބަނގުރޫޓްވުން" މާނަކުރެވިފައި އެވަނީ އިނގިރޭސިބަހުން “Default” ގެ މާނައިގައެވެ. މިލިއުމުގައި "ބަނގުރޫޓްވުން" މާނަކުރެވިފައިއެވަނީ، ދަރަނިތައް ބޮޑުވުމުގެ ސަބަބުން ބައެއް ދަރަނި ދެއްކުން ހުއްޓާލުމުގެ މާނައިގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ