ޝަޚުސިއްޔަތު

ނަމޫނާ ވެރިއެއް

ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އަކީ މުސްލިމް ވެރީންނަށް ހުރި ވަރަށްވެސް ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިޘާއަކީވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް ވަރަށްވެސް ގިނަގުނަ ފިލާވަޅުތަކެއް ލިއްބައިދޭނެ ޙާދިޘާއެކެވެ. އެކަލޭގެފާނު ވެރިކަންކުރެއްވީ ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ހުންނަވައެވެ. ރައްޔަތުންގެ މުދަލުން އެއްވެސް އެއްޗެއްގައި އެކަލޭގެފާނު ނާޖާއިޒުގޮތެއްގައި ޖެހިވަޑައިގެންފައެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިދަރީންނާއި ޢާއިލާއަކަށްވެސް ރައްޔަތުންގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ނުޙައްޤުން ދެއްވާފައެއްނުވެއެވެ. އިބްނު ޢަބްދުލް ޙަކީމް އޭނާގެ ފޮތް "سيرت عمر بن عبدالعزيز" ގައި ބަޔާންކުރައްވާފައިވާ މިޙާދިޘާއިންވެސް އެކަން ވަރަށް ރަގަޅަށް އެނގިގެންދެއެވެ. އޭނާ ލިޔުއްވާފައިވެއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމުގެ ވަގުތު ގާތްވެގެން އައިހިނދު مسلمة بن عبدالملك، އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ]އޭ މުއުމިނުންގެ އަމީރެވެ! ކަލޭގެފާނު، ކަލޭގެފާނުގެ ބޭފުޅުންގެ އަނގައިން ކާނާގެ ސުވާ އަތުލައްވައިފީމެވެ. އަދި މުދަލާއި ފައިސާއިން އެކުދީން މަޙުރޫމުކުރައްވައިފީމެވެ. ކަލޭގެފާނު އަވަހާރަވުމުގެ ކުރީން އަޅުގަނޑަށް ނުވަތަ ކަލޭގެފާނުގެ ޢާއިލާގެ ތެރެއިން ކޮންމެވެސް އެހެން މީހަކަށް އެކުދީންނާމެދު ވަޞިއްޔަތްކުރައްވާނެ ނަމަ ކިހާ ރަގަޅުވާނެތޯއެވެ؟[

ދެންފަހެ މަސްލަމާ އޭނާގެ ވާހަކަ ނިންމަވާލެއްވުމުން ކައިރީގައި ތިބި މީހުންގެ އެހީއާއެކު ރަގަޅަށް އިށީނދެވަޑައިގަތުމަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. ]އޭ މަސްލަމާއެވެ! އަހުރެން، ތިބާގެ ވާހަކަ ރަގަޅަށް އަޑުއަހައިފީމެވެ. ތިބާ ތިޔަބުނަނީ އަހުރެން، އަހުރެންގެ ދަރީން މުދަލާއި ފައިސާއިން މަޙުރޫމުކޮށް އެކުދީންގެ ކާނާގެ ސުވާ، އެކުދީންގެ އަތުން ފޭރިގަތްކަމަށް ހެއްޔެވެ؟ ތިޔައީ އެއްވެސް ޙާލެއްގައި ރަގަޅު ބުނުމެއްނޫނެވެ. ﷲ ގަންދީ ބުނަމެވެ! އަހުރެން އެކުދީންގެ އެއްވެސް ޙައްޤެއް އަތެއްނުލަމެވެ. އަދި އެއެއްޗެއްގައި އެކުދީންގެ ޙައްޤެއްނުވާ އެއްވެސް އެއްޗެއް އެކުދީންނަކަށް ނުވެސްދެމެވެ. ދެންއޮތީ އަހުރެން، ތިބާއަށް ނުވަތަ އަހުރެންގެ ޢާއިލާއިން ތިބާއަށްވުރެ ރަގަޅު މީހަކަށް އެކުދީންނާމެދު ވަޞިއްޔަތްކުރުމަށް ތިޔަ ދިން މަޝްވަރާއެވެ. ރަގަޅަށް ދަންނާށެވެ! އަހުރެންގެ ވާރިޘަކީ އަދި ހުރިހާކަމެއް ފުއްދަވައިދެއްވާ ފަރާތަކީ ޙައްޤުގޮތުގައި ފޮތް ބާވައިލެއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއެވެ. އަދި އެކަލާނގެއީ ތަޤްވާވެރީންގެ މަދަދުވެރިޔާއެވެ. އޭ مسلمة އެވެ! ރަގަޅަށް ދަންނާށެވެ! އަހުރެންގެ ދަރީންގެ ވާނީ ދެޙާލަތެކެވެ. އެއްގޮތަކީ އެކުދީންނަކީ ޞާލިޙު ތަޤްވާވެރި ރަގަޅު މީހުންކަމުގައިވުމެވެ. ފަހެ އެހެންވެއްޖެނަމަ ﷲ ތަޢާލާ އެކަލާނގެ ފަޟްލަވަންތަވެރިކަމާއި ދީލަތިވަންތަކަމުން އެމީހުން މުއްސަނދިކުރައްވާހުއްޓެވެ. އަދި ތެދުމަގުން ހިނގުމުގެ ތައުފީޤު އެމީހުންނަށް ދެއްވާހުއްޓެވެ. އަނެއްގޮތަކީ އެމީހުންނަކީ ނުބައި ނުލަފާ ފާފަތަކުގެ ފަހަތުން ދުވާ ބަޔަކުކަމުގައިވުމެވެ. ފަހެ އެފަދަ ޙާލަތެއްގައި މުދަލާއި ފައިސާ އެމީހުންނާ ޙަވާލުކޮށްގެން، އެމީހުންގެ ފާފަވެރި ދިރިއުޅުމަށް އެހީވާ މީހަކަށް ވާކަށް އަހުރެން ނެތީމެވެ.[

ދެން ވިދާޅުވިއެވެ. ]އަހުރެންގެ ކައިރިޔަށް އަހުރެންގެ ދަރީން ގެނެސްބަލާށެވެ![

ދެން އެކުދީން އެކަލޭގެފާނުގެ އަރިހަށް ގެނެވުނެވެ. އެކުދީންގެ ޢަދަދަކީ ގާތްގަނޑަކަށް ނަވާރައެވެ. އެކުދީން އެކަލޭގެފާނުގެ އަރިހުގައި ކޮޅަށް ތިބި ތަން ފެނިވަޑައިގަތުމުން ޚަލީފާގެ ލޯފުޅުން ކަރުނަފޮދު އޮހޭންފެށިއެވެ. އަދި ވިދާޅުވިއެވެ. ]އަހުރެން، އަހުރެންގެ ދަރީން ފަޤީރުކޮށް މުފްލިސްކޮށްފީމުތާއެވެ!] ދެން އަނެއްކާވެސް އެކުދީންނާއި ދިމާއަށް ބައްލަވައިލައްވައި ވިދާޅުވިއެވެ. [ލޯބިވާ ދަރީންނޭވެ! ތިޔަކުދީންނަށްޓަކައި ބައްޕަ ވަރަށްގިނަ އެއްޗިހި ދޫކުރީމެވެ. ލޯބިވާ ދަރީންނޭވެ! ތިޔަކުދީން މިޤައުމުގެ ކޮންމެ ހިސާބަކަށް ދިޔަނަމަވެސް ތިޔަކުދީންނަށް ޢިޙްތިރާމްގެ ލޮލުން މީސްތަކުން ބަލާނެއެވެ. ތިޔަކުދީންނަށް ޚިދުމަތްކުރުމަކީ ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ ބާއްޖަވެރިކަމެއްކަމުގައި ދެކޭނެއެވެ. އަހުރެން ދެކޭގޮތުގައި ހެޔޮނަމަކީ ވަރަށް ބޮޑު މުއްސަނދިކަމެކެވެ. އަހުރެންގެ ލޯބިވާ ދަރީންނޭވެ! މިހާރު ދެކަމެއްގައި ތިޔަކުދީންނަށް ފުރިހަމަ އިޚްތިޔާރު ލިބިގެންވެއެވެ. އެއްގޮތަކީ ތިޔަކުދީން މުއްސަނދިވާށެވެ! އަދި އެކަމުގެ ސަބަބުން ތިޔަކުދީންގެ ބައްޕަ ނަރަކައަށް ފޮނުވާލެވެއެެވެ! ނުވަތަ ފަޤީރުކަން އިޚްތިޔާރުކުރާށެވެ! އަދި އެކަމުގެ ސަބަބުން ތިޔަކުދީންގެ ބައްޕަ ސުވަރުގެއަށް ވެއްދެއެވެ. އަހުރެންނަށް ހީވާގޮތުގައި ތިޔަކުދީން މުއްސަނދިކަމާއި ތަނަވަސްކަމުގެ މައްޗަށް ތިޔަކުދީންގެ ބައްޕަ ނަރަކައިން މިނިވަންކުރުމަށް އިސްކަންދޭނެއެވެ.[

ދެން އެކުދީންނާއި ދިމާޔަށް ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުން ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. ]ތެދުވާށެވެ! ތިޔަކުދީން ބަލަހައްޓަވާ ފަރާތަކީ ﷲ ތަޢާލާއެވެ. ތެދުވާށެވެ! ﷲ ، ކަލޭމެންނަށް ތަނަވަސް ރިޒުޤުދެއްވާށިއެވެ![

އެހިނދު މަސްލަމާ ބިން ޢަބްދުލްމަލިކު، ވިދާޅުވިއެވެ. ]أمير المؤمنين އެވެ! އަޅުގަނޑުގެ އަތުގައި އެކުދީންނަށް ދިނުމަށްޓަކައި ވަރަށް ރަގަޅުތަކެތި އެބަހުއްޓެވެ.[

ވިދާޅުވިއެވެ. ]އެއީ ކޮން އެއްޗެއްހެއްޔެވެ؟[

މަސްލަމާ ދެންނެވިއެވެ. ]އަޅުގަނޑުގެ އަތުގައި ތިންލައްކަ ދީނާރު އެބަހުއްޓެވެ. އަޅުގަނޑު އެތަކެތި ކަލޭގެފާނަށް ހިބަކުރަމެވެ. ކަލޭގެފާނު މިފައިސާ އެކުދީންގެ މެދުގައި ޞަދަޤާތެއްގެގޮތުގައި ބައްސަވާދެއްވާށެވެ![

ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. ]އޭ މަސްލަމާއެވެ! ތިޔަށްވުރެ ރަގަޅު ގޮތެއް އަހުރެންނަށް އެނގެއެވެ.[

މަސްލަމާ ދެންނެވިއެވެ. ]އެއީ ކޮންގޮތެއްތޯއެވެ؟[

ވިދާޅުވިއެވެ. ]އެމީހެއްގެ އަތުން ތިޔަ ދީނާރުތައް ފޭރެވުނު މީހާއަށް ތިޔަ ތަކެތި އަނބުރާދޭށެވެ! އޭގެ މައްޗަކަށް ކަލޭގެ އެއްވެސް ޙައްޤެއްނުވެއެވެ.[

މިބަސްތައް އަޑުއިވުމުން މަސްލަމާގެ ލޮލުން ކަރުނަ އޮހިގެންދިޔައެވެ. އަދި ވިދާޅުވިއެވެ. ]أمير المؤمنين އެވެ! ކަލޭގެފާނުގެ މައްޗަށް ﷲ ތަޢާލާ، ގިނަގުނަ ރަޙްމަތްލައްވާށިއެވެ! ދުނިޔެއާ އާޚިރަތުގައިވެސް ކަލޭގެފާނު އަޅުގަނޑުމެންގެ ހިލަހިތްތައް މަޑުކުރައްވައިފީމެވެ. ހަނދާންނެތިފައިވާ ފިލާވަޅު އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފީމެވެ. އަދި ކަލޭގެފާނުގެ ތަރުބިއްޔަތުގެ ސަބަބުން ޞާލިޙުންގެ ތެރޭގައިވުމުގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ޙާޞިލްވެއްޖެއެވެ.[

ޚަލީފަތުލްމުސްލިމީން ޢުމަރު ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމަށްފަހު މީސްތަކުންނަށް އެކަލޭގެފާނުގެ ބޭފުޅުންގެ ދިރިއުޅުއްވުމުގެ ޙާލަތު ފެނިފައިވެއެވެ. އޭގެތެރެއިން އެއްވެސް ބޭފުޅަކު ބޭނުންޖެހިގެންވާ ފަޤީރު މުޙުތާޖެއްގެ ގޮތުގައި ފެނިފައެއްނުވެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ފުރިހަމަ. ސުކުރިއްޔާ! އީމާން ކަން އިތުރުވެއްޖެ! އަލްހަމްދްލިއްﷲ

  2. އަޅުގަޑުމެންގެ މި ޒަމާނުގައިވެސް ތިފަދަ ވެރީން ފެންނާނޭ ނަމަ ކިހާ ރަގަޅުހެއްޔެވެ. ﷲ އަހަރެމެން އިސްލާމީ ގައުމުތަކުގެ ވެރީންނަށް ތެދުމަގު ދައްކަވާށި. އާމީން

Your email address will not be published. Required fields are marked *