ރިޕޯޓް

ރަލާއި ނުލާ ދިވެހި ރާއްޖެ

ލިޔުނީ: ބިލާލް ޢަބްދުއްސައްތާރު

އެއްވެސް ޝައްކެއްނެތްގޮތުގައި މާތް ވެގެންވާ އިސްލާމްދިނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެވެ. އެއްވެސް ކަމެއް އުނި ނުވާނޭ ގޮތުގެ މަތިން މި ދީނުގެ ވެރި އިލާހު ވަނީ އެއްމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ މިދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އެކަން ވަނީ އެއިލާހުގެ ކަލާމް ފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަދި ހަމައެކަނި އިސްލާމް ދީން ދީނެއްގެ ގޮތުގައި ޤަބޫލު ނުކުރާ ޙާލު އިންސާނާ މަރުވެއްޖެ ކަމުގައި ވާނަމަ އޭނާއަކަށް އެއްވެސް ކާމިޔާބެއް ނެތެވެ. އެފަދަ މީހަކު ވެގެންދަނީ ނަރަކައިގައި ދާއިމުވެ ތިބެންޖެހޭ މީހުންގެ ތެރެއިންނެވެ. ވީމާ އެދީނުގައި ކަނޑއެޅިފައިވާ އެންމެހާ ޙުކުމް ތައް އެއްވެސް ކަހަލަ ނުރުހުންތެރި ކަމެއްނެތި ޤަބޫލު ކުރަން ޖެހެއެވެ. އެދީނުގައި އެއްވެސް އުނިކަމެއް ނެތެވެ. އިންސާނަކު ދުނިޔެއަށް އުފަންވީއްސުރެ އޭނާ މަރުވަންދެން ދުނިޔޭގައި ހޭދަ ކުރަންޖެހޭނޭ އެންމެ ފުރިހަމަ އުސޫލު މާތްވެގެންވާ އިސްލާމް ދީނުގައި ވެއެވެ. މިކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިދީން އިންސާނާ މާތް ކުރިއެވެ. އިންސާނާ އަށް ރަޙްމު ކުރިއެވެ. ނަމަވެސް އެކަން ދަންނަނީ ވަރަށް މަދު ބަޔެކެވެ. ގިނަ ބަޔަކު ވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. ދުނިޔެވީ މަދު ފައިދާ ކޮޅަކަށް އުޚްރަވީ ޙަޔާތް ވިއްކާލާފައެވެ.

ކޮންމެއަކަސް އިސްލާމީ ޝަރީޢަތަކީ މިއަދު ޤައުމު ތަކުގެ " ބޮޑުން" ވަރަށް ނުރުހޭ އެއްޗަކަށް މިވަނީ ވެފައެވެ. މިމީހުން އަމިއްލއަށް ހަދާ ޤާނޫނުތައް ނުވަތަ ޤާނޫނުއަސާސީ އޭ މިކިޔާ "ސިޔާސީ ޕްލޭން" މާ ރަނގަޅުކަމަށް މިމީހުން ބުނަމުންދެއެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ މަޖްލީހުގައި މިބައިމީހުންގެ ކަމަކަށް އޮންނަނީ "ރީތި ޢިބާރާތުން" އިސްލާމީ ޝަރީޢަތައް ފުރައްސާރަ ކުރުމެވެ. އިސްލާމީ ޝަރީޢަތް މިޒަމާނަށް ނުފެތޭ ކަމަށް ބުނެ، ސީދާކޮށާއި ނުސީދާ ކޮށް އިސްލާމް ދީނާމެދު ހައްޤު ނޫން ބަސްތައް ބުނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނުކުރެވިގެން އުޅެނީ އެންމެ ކަމެކެވެ. އެއީ ރަލާއި އޫރުމަސް މުޅި ރާއްޖެ އަށް ފަތުރަން ކުރާ މަސައްކަތެވެ. އަދި ފައްޅި އަޅަން ކުރާ މަސައްކަތެވެ. މި ކަން ކަމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަންކަމެއްނޫނެވެ. އެހެންކަމުން މިބައިމީހުންގެ ރުޅި ދީނަށް ބާލަނިއެވެ.

ރަލަކީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. އިންސާނާ އުފެއްދެވީ ﷲ ތަޢާލާ އެވެ. އިންސާނާ އަށް ބޭނުންވާ ކަންތަކާއި ބޭނުންނުވާނޭ ކަންތައްތައް، އަދި އޭނާ އަށް ފައިދާ ހުރި ކަންތައްތަކާއި ގެއްލުން ހުރި ކަންތައްތައް އެ އިލާހު މޮޅަށް ދެނެވޮޑެގެންވެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ މުއުމިނަކު، އޭނާގެ ޙަޔާތުގައި އެންމެ ހިނދުކޮޅަކުވެސް އެއިލާހުުގެ ޒިކުރު ނުކުރެވޭ ޙާލަތެއްގައި ހުރުމަކަށް އެއިލާހު ބޭނުންވެވޮޑިނުގަންނަވައެވެ. އަދި 24 ގަޑި އިރުގެ ތެރެއިން އެންމެ ސިކުންތެއްވެސް ހަމަ ބުއްދީގައިި ނޫންގޮތަކަށް ހުރުމަކަށް އެއިލާހު ރުހިވޮޑިނުގަނަންވައެވެ. އެހެންކަމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަ ކުރުމަކަށް މުސްލިމަކު ނުރުހޭނެއެވެ. ރާ ޙަރާމް ކުރެއްވީ ﷲ ތަޢާލާ އެވެ. ޙަރާމް ވެގެންވަނީ މުސްލިމުންނަށެވެ.

ކޮންމެއަކަސް ރާ އާއްމުކުރަން މިއުޅޭ މަސައްކަތުގައި މިމީހުން ބުނަމުން އަންނަނީ ޓްއަރިޒަމް ކުރިއަރާނީ ފަސޭހައިން ރާ ލިބެން ހުރުމުން ކަމުގައެވެ. އެހެން ނޫނީ ޓްއަރިޒަމް އިނދަ ޖެހިދާނެ ކަމުގައެވެ. ނުވަތަ ޓްއަރިސްޓުން ރާއްޖެ އަށް ނާންނާނެ ކަމުގައެވެ. މިއީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ ތަކެކެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ބަޔަކު މީހުންގެ އަމިއްލަ، ފައިދާއެއް ޙާސިލް ކުރުމަށް ދައްކަމުން އަންނަ ވާހަކަ ތަކެކެވެ. މީގެ ސަބަބުން ދުނިޔަވީ ގޮތުންވެސް އަދި އުޚްރަވީ ގޮތުންވެސް ދިވެހި ރައްޔިތުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ސަބަބަކީ ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗަކުން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެތީއެވެ.

މިހާރުވެސް ރާއްޖޭގެ ރިސޯޓްތަކުން ޓްއަރިސްޓުންނަށް ބޭނުންވާ ރާ ލިބެއެވެ. އެމީހުން ރާ ނުލިބިގެން ޝަކުވާ އެއްނުކުރެއެވެ. ޝަކުވާ ކުރަނީ "އެހެން" ބަޔެކެވެ. ދިވެހި ރައްޔިތުން މިކަމާމެދު ވިސްނާށެވެ. ޓްއަރިސްޓުން ރާއްޖެ އަންނަނީ އެމީހުންގެ ޤައުމުން ރާ ނުލިބިގެން އެ ހޯދާކަށެއްނޫނެވެ. ދިވެހި ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ ސަބަބުން އޭގެ ހިތްހަމަޖެހުން ހޯދާ، މި މަންޒަރުތައް ހަމަ ލޮލުން ދެކިލުމަށެވެ. އަހަހަރުތެރޭގައި ބުރަ މަސައްކަތުގައި ހޭދަ ކުރުމަށްފަހުގައި ، އާއިލާއާއި އެކު ޗުއްތީ ހޭދަ ކޮށްލުމަށްޓަކައެވެ. ދަންނާށެވެ. ދިވެހިރާއްޖޭގެ ޓްއަރިޒަމް ދަށަކަށް ނުދެއެވެ. 2009 ވަނަ އަހަރުގެ ޖެނުއަރީ އާއި އަޅާ ބަލާއިރު 2010 ވަނަ އަހަރު ގެ ޖެނުއަރީގައި ޓްއަރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު %9.7 އިތުރު ވެފައި ވެއެވެ. އަދި 2009 ވަނަ އަހަރުގެ މާޗް މަހާއި އަޅާ ބަލާއިރު މިއަހަރުގެ މި ނިމުނު މާޗް މަހުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޓްއަރިސްޓުންގެ އަދަދު %20.7 އިތުރު ވެފައި ވެއެވެ. އެހެން ކަމުން ޓްއަރިޒަމް ދައްވާތީ އޭކިޔާ ވާހަކަ ދެއްކޭކަށް ނެތެވެ. ދިވެހި ރާއްޖެ އަށް ލިބިފައި މިވާ ޤުދުރަތީ ރީތި ކަމަކީ ﷲ ތަޢާލާ ރަޙްމަތްފުޅުން ވަރަށް ބޮޑު ނިޢުމަތެކެވެ. މި ނިޢުމަތަށް ޝުކުރުވެރި ވުމަށްޓަކައި ހެޔޮ ގޮތުގައި މީގެ ބޭނުން ހިފާށެވެ. ޙަރާމް ކަންތައްތައް ތަޢާރަފް ކުރުމަށް މި ވަސީލަތުގެ ބޭނުން ހިފަން ނުވިސްނާށެވެ. ރަލާއި ނުލައި ވެސް އެންމެ ފުރިހަމަ ގޮތުގައި ޓްއަރިޒަމް ހިންގިދާނެއެވެ.

އަޅުގަނޑުމެން އެންމެންވެސް ޤައުމުގެ ކުރިމަގާއި މެދު ވިސްނާކަމަށް ދަޢުވާ ކުރަމުއެވެ. އެހެން ކަމުން މިރަލުން ޤައުމު ސަލާމަތް ކުރެވޭނޭ ގޮތެއް ހޯދަން ވެއްޖެއެވެ. މިއީ ﷲ ތަޢާލާ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ އިންސާނުންފަދަ ބަޔަކަށް އެކަށީގެންވާ އެއްޗެއްނޫނެވެ. ސަބަބަކީ މިއީ އިންސާނާގެ ބުއްދި ފިލުވާލާ އެއްޗެކެވެ. މި ތަކެއްޗަކީ ރިސޯޓް ތަކުގައި ޓްއަރިސްޓުންނަށް ޙާއްސަ ކުރެވިފައިވާ އެއްޗެއް ކަމުގައި ވިޔަސް، މީގެ އިސްތިޢުމާލު ކުރާ ދިވެހިން މަދެއްނޫނެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. އެހެން ކަމުން މުޅި ރާއްޖެ އަށް މީތި ނުފެތުރެނީސް އަޅުގަނޑުންމެން އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ޅަ ޖީލު މިކަމުން ސަލާމަތް ކުރުމަށްޓަކައި ރަލުން ސަލާމަތް ވެފައިވާ ޤައުމަކަށް މިޤައުމު ހަދަން ވެއްޖެއެވެ. އެއްވެސް މިންވަރަކަށް ރާ އެތެރެ ނުކުރެވޭނޭ ގޮތެއް ހަދަން ވެއްޖެއެވެ. ސަރުކާރުން މިކަމަށް އިސްނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރިސޯޓް ތަކުންވެސް ، ރާ ލިބެން ހުރެގެން ނުވާނެއެވެ. ސަބަބަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއް، އަދި އިންސާނާގެ ބުއްދި ފިލުވާލާ އެއްޗަކަށް މީތި ވާއިރު، އަޅުގަނޑުމެންފަދަ އެހެން އިންސާނުންވެސް މި ރަލުން ދުރު ކުރެވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާތީއެވެ. ދިވެހި ރާއްޖޭގެ ޓްއަރިޒަމް ބިނާ ވެފައި އޮންނަނީ ރަލުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ޤުދުރަތީ ރީތި ކަމުގެ މައްޗަށެވެ. އެހެން ކަމުން ރަލުގެ ބަދަލުގައި އެހެން ޕްރޮޑަކްޓެއް ތަޢާރަފް ކުރެވޭތޯ މަސައްކަތް ތަކެއް ނުކޮށްވާކަށް ނެތެވެ.

އެގޮތުން، އަޅުގަނޑަށް މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހި ރާއްޖެއިން އެންމެ އާންމުކޮށް މި ލިބޭ ކުރުނބާ ފެނަކީ ރާއްޖެ އަންނަ ޓްއަރިސްޓުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. މިއީ ރާއްޖެ އިން ހުސްނުވާ ވަރަށް ލިބެން ހުންނަ އެއްޗެކެވެ. ވީމާ އަދުގެ ސަރުކާރުން އިސްނަގައިގެން، މިކަމަށްޓަކައި މަސައްކަތް ތަކެއް ކުރުން މުހިއްމު ކަމަށް ފެނެއެވެ. މީގެ ބޭނުން ކޮށްގެން ޙަލާލު ޕްރޮޑަކްޓެއް އުފެއްދިދާނެއެވެ. ރާއްޖޭގެ ފަޅު ރަށެއް މިކަމަށް ޙާއްސަ ކޮށްގެން ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާ އަށް ހަމަޖައްސައި، ހަމައެކަނި ކުރުނބާ ހެއްދުމަށް ޙާއްސަ ކުރެވިދާނެއެވެ. ދިވެހިންނަކީ ރުކަށް އެރުމަށްވެސް ވަރަށް ކުޅަދާނަ ބަޔެކެވެ. އޭރުން ވަޒީފާގެ ފުރުޞަތުތައްވެސް ގިނަވެގެންދާނެއެވެ. އާމްދަނީ އެންމެ އާދައިގެ މީހާއާ ހަމައަށްވެސް ބެހިގެން ދާނެއެވެ. ރާއްޖޭގެ ޕްރޮޑަކްޓިވިޓީ އިތުރުވެ ބޭރު ފައިސާ ވަންނަ އަދަދުވެސް އިތުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ރަނގަޅު ފައިދާތަކެއް ކުރާނެއެވެ.

ދުޢާ އަކީ ބަނގުރަލުގެ ނުބައިކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތް ކޮށް ދެއްވުމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހޫނ، ބަނގު ރާދޯ. ރާއްޖޭގެ ހަލާކު.

Your email address will not be published. Required fields are marked *

More in ރިޕޯޓް