އާއެކެވެ. ތިބާގެ މަންޒިލަކީ ކޮބައިހެއްޔެވެ؟ ތިބާ ހަޔާތުގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ތި އަޚާ ފަޙުރުވެރިކަމާއެކީ ދުނިޔޭގެ ދިރިއުޅުން ވޭތުކުރަމުން ތިދަނީ ހަމަ އެކަނި މި ދުނިޔޭގެ ވަގުތީ އުފަލުގެ ކެހިވެރިކަމުގައި ދަލުގައި ޖެހި، ތިބާގެ ޙަޔާތުގެ އުއްމިދީ ހުޅުކޮޅު ނިއްވާލުމައްހެއްޔެވެ؟
އޭ ފަޚުރުވެރިކަމާއެކީ ދިރިއުޅެމުން މިދާ އިންސާނާއެވެ. ތިބާ ދިރި އުޅެމުންތިދަނީ ތިބާގެ ހަޔާތް ބާއްޖަވެރިކުރުމަށެވެ. ތިބާއަކީ މުދާވެރިއެކެވެ. މުއްސަނޖެކެވެ. ތިބާގެ ވަގުތުތައް ހޭދަކުރަމުން ތި ދަނީ މުދާ އެއްކުރުމުގައެވެ. ނަމަވެސް ތިބާގާތަށް ސަލާމްޖެހުމުގެ އަތް ދިއްކުރުމުންވެސް ތިބާ ތި ކުރަނީ މާލާމާތެވެ. ތިއަންނަނީ ހިންޏެވެ. ތިބަލަނީ ނުރުހުމުގެ ނަޒަރުންނެވެ.ޝައްކެތްނެތެވެ. ތިބާ ތިވަނީ ހަޔާތުގެ ހަޤީޤީ މަޤްޞަދު އޮޅުވާލާއި ﷲގެ މަތިން ހަދުމަނައްތާލާފަކަން ކަށަވަރެވެ. ތިބާ ތިވަނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ހަމަ ރަނގަޅަށްވެސް ޖެހި ކަސްތަޅުއެޅިފައެވެ.
ތިބާ ތިދަނީ ހަމަ ހަޤިޤީ މަންޒިލަށް ވާސިލްވުމަށްހެއްޔެވެ؟ ތިބާ ތި އެދެނީ ވެރިކަމެވެ. މަތިވެރިކަމެވެ.ޤަދަރައެވެ.ޝަރަފާއި އިއްޒަތައެވެ. ދުނިޔެވީ ކުރިއެރުމާއި މަޝްހޫރުކަމެވެ. މީހުންގެ ރުހުމައެވެ. މީހުންގެ މަތިވެރި ޘަނާއާއި ތައުރީފްގެ ބަސްތަކައެވެ. އާދެ! ވަގުތީ އުފަލަށެވެ. ނަމަވެސް ތިބާ ވަގުތީއުފަލަށް އެދޭނަމަ ފަހުން ތިބާ ހިތާމަކުރާނެކަން ޔަޤީނެވެ. އޭރުން ތިބާވާނީ ދެދުނިޔޭއިންވެސް ނާކާމިޔާބުވެގެންދާ މީހަކަށެވެ. އުއްމީދުގެ ރާސްތާ ދާނީ ހިތާމަވެރިގޮތަކަށް ނިމިގެންނެވެ.
އޭ ހަމަހޭވެރިކަން ފިލާފައިތިވާ އިންސާނާއެވެ. ﷲ ނުރައްސަވާގޮތުގައި ތިބާ އުޅެނީނަމަ ފަހުން ތިބާ ހިތާމަކުރާނެކަންކަށަވަރެވެ. ތިބާގެ ހަޔާތުގެ ދުވަސްތައް ހޭދަކުރެވުނު ގޮތާމެދު ތިބާ ކަރުނަ އަޅާ ރޯނެއެވެ. ހަޔާތުގެ ދުވަސްތައް ބޭކާރުގޮތުގައި ހޭދަކުރެވުނުކަމުގެ އިޙުސާސް ކުރާ ޙާލުގައެވެ. ތިބާގެ ހަޔާތުގެ އެންމެ ފަހުވަގުތުއައިސް ތިމާއަށް ބައްދަލުވުމުގެ ކުރިން އަވަހަށް ތިބާ ތަޢުބާވެ ، ﷲގެ މަގަށް ރުޖޫޢަވާށެވެ.
އޭ އިންސާނާއެވެ. ތިބާގެ ހަޤީޤީ މަންޒިލަކީ ނިމުމެއްނުވާ ދުނިޔެވެ. ހަމަކަށަވަރުން ﷲ ވަޚީކުރައްވާފައިވެއެވެ. ” ހަމަކަށަވަރުން އީމާންވެޞާލިޙު އަމަލު ކުރި މީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުއްޓެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.”(ސޫރަތުލް ބުރޫޖު: 11ވަނަ އާޔަތް). އެހެންކަމުން މި ކެހެވެރި ދުނިޔޭގައި ވަގުތުތައް ހޭދަކުރަންޖެހޭނީ މާތްﷲ ރުއްސަވާގޮތުގައެވެ. ޞާލިޙު ހެޔޮ އަމަލުތައްކުރުމުގައެވެ. އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތް ހޯދުމަށެވެ.
އޭ މިހިރަ އިންސާނާއެވެ. ތިބާގެ ހަޤީޤީ މަންޒިލަށް ވާސިލް ވުމަށްޓަކައި މި ދުނިޔޭގައި ހެޔޮގޮތުގައި އުޅޭށެވެ. އާޚިރަތުގެ ކޮށްތު ފުރިހަމަގޮތުގައި ލިބިގަންނާށެވެ. ﷲ އަށް ބިރުވެތިވެ، ތަޤުވާގެ ފޭރާމުން ފޭރާން ލާށެވެ. ދުނިޔަވީ ކެހިވެރި ދަޅަތަކުން ސަލާމަތްވެ، ތިބާގެ އީމާންތެރިކަން ހަރުދަނާކުރާށެވެ. އީމާންކަމަކީ ފޮނި އުއްމީދުތަކަކުން ލިބޭނެ އެއްޗެއްނޫނެވެ. އަދިކިއެއްތަ، އީމާންކަމަކީ ހިތުގައި ބިންވަޅުނެގޭ އެއްޗެކެވެ. އެ ނެނގިފަވާކަން އެމީހެއްގެ އަމަލުން ދައްކުވާދޭނެއެވެ. އަދި އީމާންކަމުގެ ފޮނި މީރުކަން ތިމާ ދެކޭނެއެވެ. އެކަމުގެ އުފާ ތިމާ ހާސިލް ކުރާނެވެ. އަދި އޭރުން ތިބާ ވާނީ ބޮޑުވެގެންވާ ނަސީބު ލިބިގެންވާ މީހުންގެތެރޭގައެވެ. އާދެ! ހަޤީޤީ ކާމިޔާބަކީ އެއީ ނޫންތޯއެވެ؟

ކޮމެންޓް (0)
ލޯޑް ކުރަމުން...