ރިޕޯޓް ހާލުގެ ދުލުން

ހާލުގެ ދުލުން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ:އިބްރާހިމް މަބްރޫކް

ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަކީ މިނިވަނުންނެވެ. އަމިއްލަ ޘަޤާފަތަކާއި އަމިއްލަވަންތަކަމެއްގެ އަހުލުވެރިންނެވެ. އިސްލާމްދީނުގެ މަތިވެރި ނިއުމަތުގައި ސާބިތުކަންމަތީ ތިބުމުގެ ހެޔޮ ދަރުމަ ލިބިފައިވާ ހަޤީޤީ މިނިވަނުންނެވެ. ބޭރުގެ ހަތުރުންގެ ފަރާތްތަކުންނާއި އެމީހުންގެ ކެހިވެރި މަޅިތަކުން ސަލާމަތްވެފައިވާ ދިވެހިންނެވެ.

މި ހިއްސާކޮށްލެވުނީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތެވެ. ނަމަވެސް ދަންނަވަންތޯއެވެ..! އަޅުގަނޑުމެން މިނިވަންކަންމަތީ އުފަލުގައި ދުވަސްތައް ވޭތުކުރަމުންދާއިރު އަޅުގަނޑުމެންގެ ކިތަށް ކިތަށް ލޮބުވެތި އަޚުނާއި އުޚްތުން ނާމާންކަމާއި ބިރުވެރިކަމާއެކީ ދިރިއުޅޭ ކަމާމެދު ވިސްނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ފަރުދުންބާވެއެވެ. އެ ތަހައްމަލުކުރަމުންދާ ވޭނީއުދާސްތަކުގެ ދިރިއުޅުމާމެދު ވިސްނަވާ ފަރުދެއް މި ޤައުމުގައި އުޅޭ ބާވެއެވެ..؟ އާދެ! ފަލަސްތީނުގެ ރައްޔިތުންނާމެދު އަޅާލުމާ އޯގާތެރިކަމުގެ ނަޒަރަކުން ބަލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މުސްލިމު އަޚުންބާވެއެވެ؟

1967ވަނަ އަހަރުންފެށިގެން މިއަދާ ހަމަޔަށް ފަލަސްތީނުގެ ރައްޔިތުންނަށް އުފާވެރިކަމުގެ ނޭވާލާލުމުގެ ފުރުސަތެއް ލިބަފައެއްނެތެވެ. އެމީހުން މިނިވަންކަމުގެ ރަހަ ދެކިފައެއްނުވެއެވެ. މިނިވަންކަމާއެކީ ދިރި އުޅުމުގެ ފުރުސަތުންވަނީ މަހްރޫމްވެފައެވެ.  ފަލަސްތީނުގެ ރައްޔިތުންތިބީ އިސްރާއިލުގެ ނުބައި ޖާހިލުންގެ ޝިކާރައިގެ ޖެހި ކަސްތަޅުއެޅިފައެވެ. އަދި އެބައިމީހުންނަކީ އަޅުވެތިކަމުގެ ދާންމަތީ ކަޅު އަދިރިކަމާއި ނާމާންކަމުގައި ދުވަސްތައް ހޭދަކުރަމުންދާ، ބައެއްގެ އެހީތެރިކަމުގެ އަތަކަށް ބަލަބަލާތިބި ބަޔެކެވެ.

ޝައްކެތްނެއްގޮތުގައި އެބައިމީހުންނަކީ ހަމަ އަހަރެމެންކަހަލަ އިންސާނުންނެވެ. އަހަރަމެން ފޮނި ހުވަފެންތައްދެކޭ ފަދައިން އެމީހުންވެސް އުފާވެރި ހުވަފެންތަކެއްދެކޭނެކަން ކަށަވަރެވެ. ކޮންމެ މަޔަކު އޭނާގެ ދަރިފުޅައްޓަކައި އުފާފާގަތި ދިރިއުޅުމަކަށް އެދޭނެއެވެ. ނަމަވެސް ފަލަސްތީނުގެ ކޮންމެ މައެއްގެ ފަރާތުންއިވެމުންދަނީ ޤިސްލުމުގެ އަޑެވެ. މާޔޫސްކަމެވެ. ދަރިންނަށްޓަކައި ކުރަމުންއައި އުއްމީދުގެ ހުޅުކޮޅު ނިވިގެންދާތެނެވެ. އޭ އަޚުންނޭވެ..! އަޅުގަނޑުމެން އުފާވެރިކަންމަތީ މީރުހައި ކެޔުމަކާއި ހިތްހަމަޖެހާ ކަމެއްކުރުމުގައި ވަގުތުތައް ހޭދަކުރަމުންދާއިރު އެ ޤައުމުގެ ކިތައްރައްޔިތުން ބަނޑުހައި ހޫނުކަންމަތީ ދުވަސްތައް ހޭދަކުރާކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންބާވެއެވެ.؟

އިސްރާއިލްގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދިރި ހުރުމުގެ ހައްޤުވަނީ ފަލަސްތީނުގެ ކޮންމެ ފަރުދަކަށް ގެއްލިފައެވެ. އިންސާނީ ހައްޤުތަކޭ ކިޔާ އަޑުގަދަކޮށް އެ އަޑު މުޅި ޖައްވުގައި ގުގުމުންދާއިރު އެ ބައިމީހުންނަށް ފަލަސްތީނުގައި ހިންގަމުންދާ ހަރަކާތްތައް ނުފެންނީބާވެއެވެ؟ ނޫނީ އެބައިމީހުންގެ ހިއްސުތައް މަދީ ބާވެޔޭ ހިތައްކަށްނާރާހެއްޔެވެ؟ އެމީހުންގެ ތެރޭ ރަހުމާއި ޙަމްދަރުދީގެ ނަޒަރަކުން ބަލާނެ ހަމަ އެންމެ ފަރުދަކުވެސް ނެތީބަވެއެވެ؟

އޭ އަޚުންނޭވެ..!އެ ޤައުމުގައި ދުވާލެއްގެމަށްޗަށް އެތަށް މަޢުސޫމް ކުދިންގެ ފުރާނަދުއްވާލެއެވެ. އެތަށް ކުދިންނެއް އަޅާލާނެ މީހެއްނެތި މާޔޫސްކަންމަތީ އުޅެމުންދެއެވެ. ޔަތީމު ހާލަތުގައި ދިރިއުޅުން އެތަކެއް މަޢުސޫމް ކުދިންނެއްވޭތުކުރަމުންދެއެވެ. އެތަށް ދުވަހެއްގެ ބުރަ މަސައްކަތުން  ބިނާކޮށްނިންމާފައިވާ އިމާރާތްތައް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ފަނާވެގެންދަނީ ހިތަށް  ފުން އެތެކެއް އަސަރުތަކެއް ކުރާވާހާލު ރޮއްވަމުންނެވެ. ތި އަޚުން ހަމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާހެއްޔެވެ.؟

އަޅުގަނޑުމެންނަކީ އެއް ދީނަކަށް ތަބަވެގެންތިބި ﷲގެ އަޅުތަކުންނެވެ. އެބައިމީހުންނަކީވެސް ހަމަ އެކަލާނގެއަށް ތަބަވެގެންތިބި އަޚުންތަކެކެވެ. މާތް ރަސޫލާގެ ހަދީޘްކުރައްވާފައެވެއެވެ.” ތިމާއަށް އެދޭކަންތައް ތިމާގެ އަޚާއަށްނޭދާހާ ހިނދަކު ތިމާގެ އީމާންކަމެއްފުރިހަމައެއްނުވެއެވެ.” އެހެންކަމުން ތިމާއަމިއްލަ ނަފްސަށްއެދޭ ކަމެއް ފަލަސްތީނުގައި އަނިޔާވެރިކަމުގެ ދަލުގައި ޖެހި ފައިވާ ކޮންމެ ފަރުދަކަށްވެސް އެދެންޖެހޭނެވެ. އެ ފަރުދުންނަކީ ތިމާގެވެސް އެހީތެރިކަމަށް ބޭނުންޖެހިފައިވާ ބަޔެކެވެ. އެގޮތުން އެނުބައި އިސްރާއިލްގެ އަތްދަށުން އެބައިމީހުން ސަލާމަތްކޮށްދެއްވުންއެދި ﷲގެ ހަޞްރަތުން އެދި ދެއްނެވުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަސްޢޫލިއްޔަތެކެވެ.

އާދެ! މިހާރު އެ ޤައުމުގެ ކޮންމެ މުވައްޠިނަކުވެސް ހިތުގެ އާދޭހަކީ އަޅުވެތިކަމުން ސަލާމަތްވުމެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއެކީ އުފަލުގައި ދިރި އުޅެވޭނެ ދުވަހެއްލިބުމެވެ. ނުލިބައިފައިވާ އަމަންއަމާކަންލިބުމެވެ. އެހެންއިންސާނުންފަދައިން ދިރިހުރުމެގެ އުފާ ހާސިލްކުރުމެވެ.

އަޅުގަނޑުގެ ދުއާއަކީ އެންމެހާ ފަލަސްތީނުގެ ރައްޔިތުން އިސްރާއިލްގެ ނުބައި ޖާހިލުންގެ ނުބައި ރޭވުންތަކުން އެބައިމީހުން އަދި މުޅި އިސްލާމީ އުތްމަތް ﷲ ސަލާމަތްކޮށްދެއްވުމެވެ. އަދި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އެބައިމީހުންނަށް ދެއްކެވުމެވެ.މާޔޫސް ވެފައިވާ ކޮންމެ މަޔަކަށް އުފާވެރިކާމާއި ހިތްޖަމަޖެހުންދެއްކެވުމެވެ.

އާމީން..!

ޓެގް

ދީން މާޔޫށް އިސްލާމް އެހީ ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.