ހުޅަނގުގެ ޤައުމުތަކުން ދުނިޔޭގައި ފަތުރަމުންދާ "ހުމެއް" ދަންނަންތޯއެވެ؟ އެއީ އެމެރިކާއާއި ޔޫރަޕުން އިސްވެ އޮވެ ދުނިޔޭގެ ޤައުމުތަކުގައި ފަތުރަމުންދާ "މޮޅު ޑިމޮކްރަސީ" އެވެ. އެ ހުމުގެ އަސަރު ނުކުރާ ޤައުމެއް މިއަދު ދުނިޔޭގައިމަދެވެ. ކޮންމެއަކަސް މިބައިމީހުން ބޭނުންވާ ފުރިހަމަ ގޮތުގައި މިދަންތުރާގައި ޖެއްސުމަށް އެންމެ އުނދަގޫވާ ޤައުމުތަކަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަދި މުސްލިމުންގެ ވެރިކަންތައް އޮންނަ ޤައުމުތަކެވެ. އެހެންކަމުން ކޮންމެވެސް ބަހަނާއަކުން މުސްލިމުންވެސް މި އަނދަވަޅަށް ވައްޓާލުމަށް މިދެންނެވި ޝައިޠާނުން ހޭބޯނާރައި މަސައްކަތްކުރެވެއެވެ. އެއްގޮތަކީ އެޤައުމުތަކުގެ ވެރިންނަށް ޑޮލަރު ދީގެން ރުއްސައިގެން އެބައިމީހުންގެ އަވާގައި އެވެރިން ޖެއްސުމެވެ. އަނެއްގޮތަކީ އެފަރާތްތަކުގެ ގޮއްމުށުގެ ބާރު ބޭނުން ކޮށްގެން ޤައުމުތަކަށް ވެރިވެގަތުމެވެ.
އެމެރިކާގެ ބަސް ނޭހުމުން އިރާޤަށާއި އަފްޣާނިސްތާނަށް ގަދަބާރުން އަރައިގަނެ، އެމީހުން ގެނެސްދިން ޑިމޮކްރަސީގެ ހިތިރަހަ އަދިވެސް ނުކެނޑެއެވެ. ދެން އޮތީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކަށް ސަޖިދަ ޖަހައިގެންތިބި ވެރިންތިބި ޤައުމުތަކުގެ ވާހަކައެވެ. މިސްރުގެ ރައްޔިތުން ނުކުމެ ދާދި އިހަށްދުވަހު "އެހެލި" ވެރިޔާ، ޙުސްނީ މުބާރަކަށާއި ޓިއުނީޝިއާގެ ރައްޔިތުން "އެހެލި" ވެރިޔާ، ޒައިނުލް ޢާބިދީން އަށް ބަލާލަމާ ތޯއެވެ. އެމެރިކާއާއި ޔޫރަޕަށް ކިޔަމަންވުމާއި ބޯލެނބުމުގައި ލާމަސީލު ނަމޫނާބައެކެވެ. އިސްލާމްދީނަށް އިހާނެތިކޮށް ހިތަމުން ބަޔަކު ދިޔައިރު ހިތްހަރުކޮށްގެންތިބި ޙާލު ދީނަށް ފުރައްސާރަ ކުރަމުން ދިޔަބަޔެކެވެ.
ދެންފަހެ މިޞްރަކީ ފަލަޞްތީނުގެ އެންމެ ގާތް އަވަށްޓެރިޔާއެވެ. އިޒްރޭލުން ފަލަސްތީނަށް އަރައި، ނިކަމެތި މުސްލިމު ރައްޔިތުން މަރަމުން ކަތިލަމުން، އެބައިމީހުން ބިކަޙާލުގައި ޖައްސަމުން ދިޔައިރު ޙުސްނީ މުބާރަކަށް އެކަންވީ ލޮލަށް ފިނިކަން ލިބޭ މަންޒަރެއްގެ ގޮތުގައެވެ. މުޅިފަލަސްތީނުގައި ލޭ އޮހޮރުވާ ޤަތުލުއާންމު ހިންގަމުންދިޔައިރު މިޞްރުގެ ވެރީން އެކަމާއި އެއްޗެއް ނުބުނިތާ އެފަރާތްތަކުން ވެފައިވަނީ މުސްލިމުން ދޫކޮށް ޔަހޫދީންނަށް ވާގިވެރިވީ ބަޔަކު ކަމުގައެވެ. ސަބަބެއް ނެތިޔެއްނޫނެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ ބަސްއަހާ ކިޔަމަންތެރި ޤައުމަކަށް ވުމަށްޓަކައެވެ. މި ބަސްއެހުމުގެ ނަތީޖާއަކަށްވީ ފަލަސްތީނާ ވީފަޅިން މިސްރުގެ ބޯޑަރު ބަންދުކޮށް އެމީހުންނަށް ބޯފެންފޮދެއްވެސް ފޯރުކޮށްދިނުމަށް މިސްރުގެ މުސްލިމުންގެ ވެރިޔާ އުޒުރުވެރިވުމެވެ. އަރާމާއި އުފަލާއި ޢިއްޒަތުގައި ރަނުގެ ގަނޑުވަރުތަކުގައި އުޅުއްވި ބޭފުޅުން ދަންޖެއްސުމަށްޓަކައި އެބެފުޅުންގެ ބޯތައް މަޅިގަނޑަށް މެހުމަށް ރައްޔިތުން ތައްޔާރުވަނީއެވެ. ކާފަރުންތައް ހީހީ ހަލާކުވަނީއެވެ.
މިއީ ދައްކާ ކޮޅުންލާނެ ފަދަ ވާހަކަތަކެއްނޫނެވެ. އެމެރިކާ ފެހިހައި ހެދުމެއް ގަޔަށް ފިޓުކަމަށް ބުނެ އެމީހުން ޖެހިހާ ލަވަލަކަށް ޑާންސުކުރަމުންދިޔަ ޓިޔުނީޝިއާގެ ރައީސްގެ ވާހަކަ ބާކީ އޮތީއެވެ. ބިކަހާލުގައި ޖެހުނު ދުވަހު ރައްޔިތުންގެ ކިބައިން ފިލަންވެގެން އަރާއިން ޖެޓުގަނޑު ޖައްސާލާނެ ކާފަރުޤައުމެއްނުވިއެވެ. އެންމެފަހުންދިޔައީ އެއްކަލަ "ވައްހާބީން" ތައް އުޅޭ ސައޫދީ ޢަރަބިއްޔާއަށެވެ.
އިސްލާމުންގެ މައްޗަށްވީ ވެރިއެއްގެ ގޮތުގައިހުރެ އިސްލާމްދީނުގެ ޙުކުމްތަކަށް މަލާމާތާއި ފުރައްސާރަކުރި ވެރިއެއް، ރާއްޖެއިން ފާޅުވި ވެރިޔާ އާއި ޓިއުނީޝިއާގެ ވެރިކަމުން ބޭލި ރައީސް، ޒައިނުލް ޢާބިދީން އާއި މެނުވީ ނެތޭ ދެންނެވިޔަސް މުޅިޔަކުން ދޮގަކަށް ނުވާނެއެވެ. ބުރުގާގެ ޙުކުމަށް މަލާމާތްކޮށް އެއީ ކޮންމެހެން އަޅަން ޖެހޭ އެއްޗެއް ނޫންކަމުގައި ނުވަތަ އެއީ ވާޖިބުކަމެއް ނޫންކަމުގައި މިފަރާތްތަކުން މީސްތަކުންނަށް ސިފަކޮށްދީ، މުސްލިމު އަންހެންކަނބަލުންގެ އައުރަތަށް ހިލޭ ފިރިހެނުންތަކުގެ ކުރިމަތީގައި ފާޅުކުރުވިއެވެ. ނުވިތާކަށް މޫނު ބުރުގާ އެޅި އުޚްތުން ޖަލަށްލައި އެ ކުދިން އޮރިޔާން ކުރިއެވެ. މިބައިމީހުންގެ ހުންނަ މުނާފިޤު ކަމާއެވެ.
ކާފަރު ޤައުމުތަކުން މޮޑުނު ބަތްތަށިން ކަމުންއައި މިދެންނެވި ވެރިންތައް މިހާރު ކޮބާހެއްޔެވެ؟ އެޤައުމުތަކުގެ ރައްޔިތުން ނުކުމެ ވެރިކަމުގެ ކިއްލާތައް ފުނޑާލާފައި ވެރިކަމުން ފަހާ ދުރައްލާފައިވާކަން ދުނިޔެ މިދަނީ ސާބިތުކޮށްދެމުންނެވެ. ހުޅަނގުގެ ވާގިވެރިންނަށް މިފަރާތްތައްވީތީ، ވެރިކަމުގައި ބަގުޑި ބައްދައިގަނެގެން ތިބެވޭނެ ކަމަށް ހީކުރި ފަރާތްތަކަށް މިކަން މިވަނީ ޢިބްރަތްތެރި ފިލާވަޅަކަށްވެފައެވެ. އެންމެވެސް ހިތާމަކުރަމުންދަނީ އެއްކަމަކާއެވެ. އެއީ ނިކަމެތިގޮތުގައި ވެރިކަމުން ދުރުކޮށް ކުޑަކަކޫ ޖެހިގެންވާޙާލު ވެރިކަމުގެ ކިއްލާ ދޫކޮށްލަންޖެހުނު އިރުވެސް މިވެރިންގެ "މައިން ބަފައިން" ކަމުގައިވި އެމެރިކާއާއި ޔޫރަޕުން މިމަންޒަރާއި ދިމާލަށް އިސްއުފުލާ ބަލާވެސް ނުލައި ނުފެންނަކަމަށް ހަދައިގެން ޗުއްޕުވެސް ނުބުނެ އަރައި އެއްފަރާތުގައި އޮތްއޮތުމެވެ. ޙަޖަމުކުރަން ކިތަންމެ ދަތިކަމުގައިވިޔަސް ރައްޔިތުންގެ މި ނިންމުން އެމެރިކާއާއި ޔޫރަޕުންވެސް ބަލައިގަންނަން ޖެހުނެވެ.
ކޮންމެއަކަސް ކާފަރުންނަށް ވާގިވެރިވާ ފަރާތްތަކަށް މިކަންކަމުގައި ބޮޑުވެގެންވީ ޢިބްރަތެއްވާކަންކަށަވަރެވެ. މުސްލިމުންނާއި މެދު އެންމެ ހަރުކަށި އެންމެ ނުބައިކޮށް ކަންތައްކުރާ ޔަހޫދީންނާއި އެމީހުންނަށް ވާގިވެރިވާ އެމެރިކާ އާއި ޔޫރަޕްގެ ކާފަރުންނާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަޅުގަނޑުމެންގެ ޤައުމުގެ ވެރީން މިކަމުން ޢިބްރަތް ލިބިގަތުންހުއްޓެވެ. އެހެނީ ހުޅަނގުގެ ޝައިޠާނުން ސިފަކުރާތީ، ސުންނަތަށް ތަބާވާ މީހުންނަކީ ޓެރަރިސްޓުން ކަމުގައި މިސަރުކާރުން ބަލައިގަނެތެވެ. އެންމެ ފަހުން "އަޅުގަނޑުގެ ސަރުކާރެއްގައި، ކާފަރުންނާ ދެކޮޅަށް ހަނގުރާމަކުރާ އ.ދ ގެ ފައުޖުތަކުގައި ދިވެހިސިފައިން ބައިވެރި ކުރާނަމޭ" ވެސް މިވަނީ ބުނެވިފައެވެ. ޔަހޫދީންގެ އަތްތައް ދިވެހި ރާއްޖޭގައި ގަދަ ކުރުވާޙާލު ކާފަރުން މުސްލިމުންނާ ދެކޮޅަށް ކުރި ކޮންމެކަމެއްވެސް ބަލައިގަންނަ ބައެއްކަމުގައި މިވެރިން މިވަނީވެފައެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވެގެންދާނީ މިފަދަ ފަރާތްތަކާއި ދެކޮޅަށްވެސް ރައްޔިތުން ތެދުވެ ވެރިކަމުން އެހެލާ ދުވަހު، މިވެރީންގެ ކޮންމެ މީހެއްގެ ފަހަތުގައި ޙަރަކާތްތެރިވަމުންދާ ޔަހޫދީންނާއި ކާފަރުން މަންޒަރުބެލުމަށް އަރާ އެއްފަރާތުގައިތިބެ ހީހީ ހަލާކުވާ މަންޒަރެވެ. ޢިބްރަތް ޙާޞިލްވާނީ ވިސްނާ ފިކުރު ކުރާ ބުއްދިވެރީންނަށެވެ. ސިކުނޑިއަށް.....އެޅިފައި ތިބޭ މީހުންނަކަށް އެއްވެސް އެއްޗެއްނުވިސްނޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...