އިދިކޮޅު ޕާޓީގެ ފިރިހެން މެމްބަރަކު ގޭގައި ގެންގުޅޭ ގުރައެއް ބާރަށް ގޮވާތީ އެކަމުގެ އުނދަގޫވެގެން އެގޭ ކައިރީގައި އުޅޭ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރަކު ފުލުހުންނަށް ދާދި ފަހުން މައްސަލަ ހުށަޅާފައިވާ ކަމަށް މީޑިއާތަކުގެ ފަލަ ސުރީޚީ އިން ވަނީ ފެނިފައެވެ. މިބުނާ އަންހެން މެމްބަރަކީ ރައްޔިތުންގެ މަޖިލީހަށް ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ބިލެއް ހުށަހެޅުއްވި މެމްބަރުވެސް މެއެވެ. މިފަހަރު މިއަންހެން މެމްބަރަށް މިވަނީ "ޙަޤީޤަތުގައިވެސް ތަފާތު ގޮތަކަށް ގެވެށި އަނިޔާ އާއި ކުރިމަތިލާންޖެހިފައި" ތޯއްޗެކެވެ. ވުމާއެކު ގެވެށި އަނިޔާ އަށް ތަފާތު ދުރުމިއަކުން ބަލާލަން އެބަޖެހެއެވެ.
ނަވާޒް އެއުޅެނީ ނުނިދިގެންނެވެ. ކީއްވެގެން ހެއްޔެވެ؟ އޭނަ ނިދާ ކޮޓަރީގައި އުނދަގޫވާވަރަށް ބާރަށް ލަވަޖަހާތީއެވެ. ނަވާޒް އަވަހަށް ނިދަން ބޭނުންވެއެވެ. އޭނަގެ ކޮޓަރީގައި އުޅޭ އެހެން މީހުން ފަތިސް ނަމާދަށް ހޭލުމަށް ފަރުވާ ނުބެހެއްޓިޔަސް، ފަތިސް ނަމާދަށް ހޭލުމަށް އޭނާ ބޭނުންވެއެވެ. އޭނާ ހެނދުނު ހެނދުނާ އޮފީހަށް ވެސް ދާންޖެހެއެވެ. ބާރަށް ލަވަޖަހާތީ ނަވާޒަށް އުނދަގޫވާ ވާހަކަ އާއި އެކަން އެގޮތަށް ނުކުރުމަށް އެތައް ފަހަރަކު އޭނަ އަށް ބުނެވިއްޖެއެވެ. ނަމަވެސް އެކަމަކަށް ޙައްލެއް ނުލިބެއެވެ.
ނަވާޒް އެވަނީ ޙަޤީޤަތުގައިވެސް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައެވެ. ގެވެށި އަނިޔާ އަކީ ހަމައެކަނި އަންހެނުންނަށާއި، ކުޑަކުދިންނަށް ގޭތެރޭގައި ޖިންސީ ގޮތުން ނުވަތަ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރާ އަނިޔާ ކަމަށް ނުދެކޭށެވެ. ދިރާސާތައް ކުރަންވީ ހަމައެކަނި އަންހެނުންނަށާއި، ކުޑަކުދިންނަށް ލިބޭ މިފަދަ އަނިޔާތައް ހުރިގޮތުގެ މައްޗަށް ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ގޭތެރޭގައި އަމާންކަމާއެކު ހަމަޖެހިލައިގެން އުޅެވެނީ ކިތައް ކިތައް މީހުންނަށް ބާވައެވެ؟ ގޭތެރޭގެ އަމާންކަމާއި، ހަމަޖެހުން ޤާއިމްވެފައިވަނީ ކިތައް ކިތައް ގޭގައިތޯއެވެ؟ އިސްލާމީ ވެއްޓެއް ޤާއިމް ކުރެވިފައިވަނީ ކިތައް ކިތައް ގޭގައިތޯއެވެ؟
ގޭތެރޭގައި އެއްބަޔަކު ކުރާ ކަމަކީ ޓީވީ ޗެނަލްތަކުން އަންނަ ފިލްމުތަކާއި ލަވަތައް ބެލުމެވެ. އަނެއް ބަޔަކު ބާރަށް ލަވަޖެހުމެވެ. އަނެއް ބަޔަކު ޒުވާބު ކުރުމާއި ތަޅާފޮޅުމެވެ. މައިންބަފައިންނާއި ދަރިން ވެސް ޒުވާބުކޮށް އަޑުގަދަ ކުރަނީއެވެ. އަނެއް ބަޔަކު ކޮމްޕިއުޓަރާއި، އިންޓަނެޓް ނަހަމަ ގޮތުގައި ބޭނުންކުރަނީ އެވެ. ފާޙިޝް ޢަމަލުތަކަށް މަގުފަހިވާ ކަން ކަން ކުރަނީއެވެ. ޖެހިލުމެއްނެތި ބަދުއަޚްލާޤީ ޢަމަލުތައްވެސް އެއްބަޔަކު އަނެއްބައެއްގެ ކުރިމަތީގައިވެސް ކުރަނީއެވެ. ފަރުޟު ނަމާދުތައް އަޅާފައި ތާސްކުޅުމާއި، ރާޒުވާކުޅުމާއި، ފާޑުފާޑުގެ ގޭމްތަކާއި މިފަދަ ކޮންމެވެސް ކުޅިވަރެއްގައި ވަޤުތުތައް ދުއްވާލަނީ އެވެ. ގޭގައި ތިބޭ އަންހެނުން ނަމާދެއް ނުކުރެއެވެ. ބައެއް ފިރިހެނުން ހާލަކުން ފަހަރަކު މިސްކިތަށް ގޮސް ހަދައެވެ. އަޅުގަނޑުމެންގެ ގިނަ ގެތަކުގެ އެތެރޭގެ ޙާލަތު މިފަދަ ގޮތެއްގައި ހުރިއިރު މިފަދަ ގެތަކުގައި ދީނީ ކަންކަމަށް ސަމާލުކަންދީގެން އުޅެން ބޭނުންވާ މީހާ އަށް އުޅެން ޖެހެނީ ޙަޤީޤަތުގައިވެސް ގެވެށި އަނިޔާގެ ތެރޭގައި ނޫންތޯއެވެ؟
އެއް އެޕާޓްމަންޓްގެ މީހުން ޖެހިގެން ހުންނަ އެޕާޓްމަންޓްގައި ދިރިއުޅޭ މީހުންނަށް ވެސް އުނދަގޫ ކުރަނީއެވެ. އަވަށްޓެރިންގެ ޙައްޤުތަކަށް އަރައިގަންނަނީ އެވެ. ބާރަށް ލަވަޖަހަނީ އެވެ. އިސްލާމް ދީނާއި ޚިލާފަށް އުފަންދުވަސް ފާހަނގަ ކުރަން ޕާޓީތައް ބޭއްވުމާއި ހިތާނުކުރުމުގެ ޙަފްލާތަކުގައި އަވަށްޓެރިންނަށް އުނދަގޫވިޔަސް ހެޔޮކަމަށް ބަލާ، ބޮޑުބެރާއި މިއުޒިކާއި ނަށާ ގްރޫޕްތައް ގެނެސް ނާޗަރަންގީ ކުޅުވަނީއެވެ. އަވަށްޓެރި ގޭ ނުވަތަ އެޕާޓްމަންޓްގައި އުމުރުން ދުވަސްވީ ބަލި މީހަކު ނުވަތަ ތުއްތު ކުއްޖަކު އޮތަސް ފަރުވާލެއް ނުބަހައްޓާ ޖެހުނުހާ ސަކަރާތެއް ޖަހަމުން ދަނީއެވެ.
ޝައްކެއްނެތް ގޮތުގައި، މިފަދަ ނޭދެވޭ ކަންތައްތައް ނައްތާލާ އަޅުގަނޑުމެންގެ ގެތަކުގައި އިސްލާމީ ވެއްޓެއް ޤާއިމްކޮށް، އެންމެހައި ބާވަތް ބާވަތުގެ ގެވެށި އަނިޔާތަކުން ސަލާމަތްވެވޭނީ އަޅުގަނޑުމެން އެންމެންނަކީ އިސްލާމީ އަޤީދާ ވަރުގަދަ، ނަފްސުތަކުގައި އިސްލާމީ ޝަރީޢާ ޤާއިމްކުރާ ބަޔަކަށް ވެގެންނެވެ. އިސްލާމް ދީނުގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ހުއްދަވެގެނެއް ނުވެއެވެ. މާތްﷲ ވަނީ އަނިޔާވެރިވުން ޙަރާމްކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...