އަރަބިދުނިޔެދުނިޔެ

ޖޯޖް ފްލޮޔިޑުގެ މަރާއި ވިދިގެން މެދު އިރުމަތީގައި ކުރެވުނު އިޙްތިޖާޖުތައް

George Floyd ge Maraai Eku Medhu Irumathyga Kurevunu Ihthijaajthah

އެމެރިކާގެ ފުލުހުން އެޤައުމުގެ ކަޅު ނަސްލުގެ ރައްޔިތުންނަށް ކުރާ އަނިޔާގެ ވާހަކައަކީ އާ ވާހަކައެއްނޫނެވެ. އެމެރިކާގެ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް އިން ރިޕޯޓުކުރައްވާ ގޮތުގައި، އެމެރިކާގެ ކަޅު ނަސްލުގެ މުވާޠިނުން، އެމެރިކާގެ ދޮން ނަސްލުގެ މުވާޠިނުންނަށްވުރެ ފުލުހުންގެ އަތުން މަރުވުމުގެ 2.5 ގުނަ ގާތެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގެ ދޮން ނަސްލުގެ މީހަކު މަރުވުމުގެ އިހްތިމާލަކީ ނެތުމާއި ގާތް ކަމަކަށް ވާއިރު، އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މަރުވުމުގެ އިޙްތިމާލަކީ 1 އަކުން 1000 އެވެ. އެމެރިކާގެ ކަޅު ނަސްލުގެ މުވާޠިނުންނަކީ އެޤައުމުގެ 13 އިންސައްތައެވެ. އެހެނަސް، ފުލުހުން ބަޑީގެ ޙަމަލާތަކުގެ ޝިކާރައަކަށްވާ މީހުންގެ 4 ބައި ކުޅާ އެއްބަޔަކީ އެބައިމީހުންނެވެ.

ނަސްލީ ގޮތުން މިކުރެވޭ ތަފާތުތަކަކީ، ފަލަސްޠީނުގެ ރައްޔިތުންވެސް ތަކުރާރުކޮށް ތަޙައްމަލު ކުރަމުންދާ ކަމެކެވެ. 8 މިނެޓާއި 46 ސިކުންތު ވަންދެން ޖޯޖް ފްލޮޔިޑްގެ ކަރަށް އަރާ، އޭނާ ނުޙައްޤުން މަރާލުމާއި އެކު، މުޅި އެމެރިކާގައި އެކަމާއި އިދިކޮޅަށް އިޙްތިޖާޖުކޮށް މުޒާހަރާ ފެށުނެވެ. އަދި މާގިނަ ދުވަހެއްނުވެ މުޅި ދުނިޔެ އެމުޒާހަރާތަކުގައި ބައިވެރިވިއެވެ.

މިގޮތުން ސޫރިޔާގެ ހުޅަނގު އުތުރު އިދްލިބްގައި ޢަޒީޒް އަސްމަރާއި، އަނީސް ހަމްދޫން ވަނީ ފްލޮޔިޑްގެ ކުރެހުމުގެ މިޔުރަލެއް ކުރަހާ، "އަހަރެންނަކަށް ނޭވައެއް ނުލެވެއެވެ" މިފަދައިން ލިޔެފައެވެ.

ފަލަސްޠީނު ޤުދުސާއި، ހައިފާއާއި، ޓެލް އަވިވްގައި، ޢަރަބިންނާއި އަދި ޔަހޫދީންވަނީ "އިޔާދަށް އަދި ފްލޮޔިޑަށް އިންޞާފު ހޯދާދިނުމަށް" ގޮވާލާފައެވެ. މިމުޒާހަރާތަކުގެ ފަހަތުގައި ފްލޮޔިޑްގެ ޙާދިޘާގެ އިތުރުން، އިސްރާއީލުގެ ފުލުހުން ޝަހީދުކޮށްލި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަމަށްވާ އިޔާދު ޙައްލާޤު އަވަހާރަވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން މިސަރަޙައްދުގައިވަނީ  #أمريكا_تنتفض (އެމެރިކާ އުތުރި އަރައިފިއެވެ) އަދި #لا_للعنصرية (ތަފާތުކުރުންތަކަށް ނޫނެކެވެ) މިފަދަ ހޭޝްޓޭގްތައް ބޭނުންކުރެވި، މިއަނިޔާވެރިކަމާއި އިދިކޮޅަށް އަޑުއުފުލިފައެވެ. އަދި ޚާއްޞަކޮށް، މިޤައުމުތަކުގެ ޘަޤާފަތާއި މަސްހުނިވެގެން ގޮސްފައިވާ ހަމުގެ ކުލައަށް ބިނާކުރެވޭ ތަފާތު ކުރުންތަކާއިމެދު، އާ ބަޙުޘެއް ފެށި، ފަރުދީ ގޮތުންނާއި، ޖަމަޢީ ގޮތެއްގައި، މިކަންކަން ރަގަޅު ކުރެވޭނީ ކިހިނެއްތޯއާއި "މަޤްޞަދަކާއި ނުލާ ކުރެވޭ ތަފާތުު ކުރުންތަކަށް" ވަނީ އިތުރަށް އަލިއަޅުވާލެވިފައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި އިސްލާމްދީނުގައި ވަނީ މިފަދަ ނަސްލީ، ހަމުގެ ކުލައިގެ ތަފާތުކުރުންތަކަށް އިންކާރު ކުރައްވާފައެވެ. މުސްލިމުންނަށް އިރުޝާދު ދެއްވާފައިވަނީ އަނިޔާވެރިކަމެއް ފެނިއްޖެނަމަ، އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން އެކަން ބަދަލުކުރުމަށެވެ. އަނިޔާ ލިބިގެންވާ މީހާއަށް ނަޞްރުދީ، އަނިޔާވެރިޔާ، އޭނާ އެކުރާ އަނިޔާ ހުއްޓުވުމުން ނަޞްރު ދިނުމަށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތްތައް ނަހީކުރުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *