އަރަބިދުނިޔެދުނިޔެ

އިސްވެދިޔަ ހަފްތާގެ ފަލަސްޠީނުގެ ހުކުރު ޚުޠުބާ: ލޭ އޮހޮރުވުމުގެ ޙަރާމްކަމާއިމެދު

Isvedhiya Hafthage Falastheenuge Hukuru Khutbah; Ley Ohoruvumuge Haram Kamai Medhu

އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، ލޭއޮރުވާ، ޒަޚަމްކުރާ ވާހަކަ އަކީ އާ ވާހަކައެއްނޫނެވެ. ދާދި މިދާކަށް ދުވަހު އިވިގެން ދިޔައީ އިސްރާއީލުގެ ފުލުހުން ފަލަސްޠީނުގެ ޚާއްޞަ އެހީއަށް ބޭނުންވާ އޯޓިސްޓިކް ޒުވާނަކު ޝަހީދު ކޮށްލި ވާހަކައެވެ. ޢުމުރުން 34 އަހަރުގެ އިޔާދު އަވަހާރަކޮށްލެވުނީ އޭނާގެ އަތުގައި އޮތް ފޯނަކީ ހަތިޔާރެއް ކަމަށް ޝައްކު ކުރެވިގެންނެވެ. އޭނާގެ އެހީތެރިޔާ، އޭނާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަމަށް ބުނެބުނެ އޮއްވައެވެ.

މިޙާދިޘާގެ ކުރީ ދުވަހު ރާމަ ﷲ ކައިރީގައި، ފާޟީ ޢަދުނާން ސަމާރާ، އޭނާގެ ޢާއިލާގެ ގާތަށް ކާރުގައި ދުއްވާފައި ވަޑައިގަންނަވަނިކޮށް، އިސްރާއީލު ސިފައިން، އޭނާގެ އުޅަނދު ހުއްޓުވަން އެންގިއެވެ. ކާރު ހުއްޓުމުގެ ތެރޭގައި ފާޟީ އަތްޕުޅުން ކާރުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ފުލުހުން ތިބި ފަރާތް ނޫން އަނެއް ފަރާތުގެ ގަސްދަށުގައި ހުރި ބެންޗެއްގައި ކާރު ގޮސް ޖެހުމުން، ސިފައިންގެ ގަޔަށް ކާރު ކޮޅުން ޙަމަލާ ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި، އޭނާގެ ހަށިކޮޅަށް އެވަގުތުން ވަގުތަށް ބަޑި ޖަހާ ޒަޚަމްކޮށްލިއެވެ. އަދި އޭނާއަށް ޞިއްޙީ ފަރުވާ މަނާކުރުމަށްފަހު، ދެގަޑިއިރު ފަހުން ނޭނގޭ ސަރަޙައްދަކަށް އޭނާ ގެންދިޔައެވެ. ދެން ސިފައިންގެއިން ނެރެފައިވަނީ އޭނާ އަވަހާރަވީ ކަމުގެ ޚަބަރެވެ.

މިޙާދިޘާއާއި ވިދިގެން ފަލަސްޠީނުގައި މުޒާހަރާކުރުމުން، އިސްރާއީލު ސިފައިން ރައްދު ޙަމަލާ ދިނީ ކަރުނަ ގޭހާއި، ވަޒަނުންނެވެ. މީގެ ސަބަބުން ފަލަސްޠީނުގެ ޑައުން ސިންޑްރަމްގެ ބޭފުޅެއްގެ ފަޔަށް ވަޒަން އަރާ ޒަޚަމްވިއެވެ.

މިކަންކަމާއި ވިދިގެން މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު، ފަލަސްޠިނުގެ ވުޒާރަތުލް އައުޤާފް ވައްޝުއޫނުއް ދީނިއްޔާއިން އެހަފްތާގެ ހުކުރު ދުވަހު ދެއްވުމަށް ކަނޑައަޅުއްވާފައިވާ މައުޟޫޢަކީ އިންސާނާގެ ލޭގެ ޙުރުމަތްތެރިކަމެވެ. މިގޮތުން އެބޭފުޅުން ލިޔުއްވާފައިވާ ގޮތުގައި ނަފްސު ޙިމާޔަތް ކުރުމާއި ރައްކާތެރި ކުރުމަކީ ދީނީ ޟަރޫޫރަތެކެވެ. އަދި ޝަރުޢީ މަޞްލަޙަތެކެވެ. އަދި މުސްލިމުންގެ ލެޔަކީ މާތް ﷲ ގެ ޙަޟްރަތުގައި މާތް ކުރެވިގެންވާ އިޙްތިރާމު ލިބިގެންވާ އެއްޗެކެވެ. އަދި މީސްތަކުން (ނުޙައްޤުން) ޤަތުލު ކުރުމަކީ މާތް ﷲ ގެ ރަޙްމަތުން މީހާ ނިކުމެގެންދާ ސަބަބެކެވެ.

މީގެ އިތުރުން މިޚުޠުބާގެ އިރުޝާދު ތަކުގައިވާ ގޮތުގައި ރުޅިވެރިކަމާއި ދުރުވެ، ކެތްތެރިކަމާއި ޙިލްމުވެރިކަމުގައި ހިފުމަކީ އިންސާނާ އެންމެހާ ނުބައި ކަންކަމުން ސަލާމަތްކޮށް، ފިތުނަވެރިކަމުގެ އަލިފާންގަނޑު ނިވާލާ ކަމެކެވެ.

މިއިރުޝާދު ތަކުގައި، ޚަޠީބުންނަށް މިމައުޟޫޢުގެ ދަށުން ދަލީލު ދެއްކެވިދާނޭ 11 ޝަރުޢީ ނައްޞު ގެންނަވާފައިވެއެވެ، މިގޮތުން އެބޭފުޅުން ގެންނަވާފައިވާ ބުޚާރީގެ ޙަދީޘެއްގައިވެއެވެ، "ދެމުސްލިމަކު އެބައިމީހުންގެ ކަނޑިއައި އެކު ބައްދަލުކޮށްފިނަމަ، ޤަތުލުކުރާ މީހާވެސް، އަދި ޤަތުލުވެވޭ މީހާވެސް ވަނީ ނަރަކައިގައެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. މި ޤާތިލު (ނަރަކައަށް ވައިން ސަބަބު ތިމަންބޭކަލުން ދެނެވަޑައިގަންނަވަމުއެވެ.) އެހެނަށް މަޤުތޫލުގެ ޙާލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭނާ ހުރީ އޭނާގެ އެކުވެރިޔާ މެރުމުގެ ފޯރީގައެވެ."

މީގެ އިތުރުން މިއިރުޝާދު ކަރުދާހުގައި އައްނަކްސާ ދުވަހަށް އަލިއަޅުއްވާލެއްވުމަށް އެދިލައްވާފައިވެއެވެ. އައްނަކްސާގެ ދުވަހަކީ ކޮންމެ ޖޫން މަހެއްގެ 5 ވަނަ ދުވަހު ފަލަސްޠީނުގެ ރައްޔިތުންން ފާހަގަ ކުރާ ދުވަހެކެވެ. އެދުވަހަކީ ޢަރަބި ޤައުމުތަކުން އިސްރާއީލާއި އިދިކޮޅަށް ކުރެވުނު 6 ދުވަހުގެ ހަނގުރާމައަށް ފަހު އިސްރާއީލަށް ގަދަކަން ލިބި، މިޞްރާއި އުރްދުންގެ ބާރުގެ ދަށުގައިވާ ޣައްޒާއާއި، ހުޅަނގު އައްސޭރި، އިސްރާއީލުގެ އަތްދަށަށް ދިޔަ ދުވަހެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *