ހަފްތާއެއްގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ޙައްޖާއި މެދު ގޮތެއް ނިންމަވާނެކަމަށް ބެލެވޭ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސް ފައިނޭންޝަލް ޓައިމްސް އިން ވިދާޅުވެއްޖެއެވެ.
ފައިނޭންޝަލް ޓައިމްސުން ވިދާޅުވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާގެ ވުޒާރާއިން އެނޫހަށް ޚަބަރު ދެއްވާ ގޮތުގައި އެބޭފުޅުން ވަޑައިގަންނަވަނީ މިކަމާއި ގުޅޭ އެކި އިޙްތިމާލާތުތައް ބައްލަވަމުން، އެކި ގޮތްގޮތަށް ވިސްނަވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި މިކަމާއި ގުޅޭ ގޮތުން ރަސްމީ ނިންމެވުމެއް ނިންމަވާނެކަމަށްވެސް ޚަބަރުދެއްވާފައިވެއެވެ.
ދުނިޔޭގައި އެއްމެ ބޮޑު އިސްލާމީ އާބާދީއެއް އޮންނަ ޤައުމު ކަމުގައިވާ އިންޑޮނޭޝިއާއާއި، އަވައްޓެރި މެލޭޝިޔާއިން ވަނީ އެދެ ޤައުމުން މިއަހަރު ޙައްޖަށް މީހުން ނުފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާން ކުރައްވާފައެވެ.
މީގެ ކުރިން އެބޯލާއާއި މާރްސްފަދަ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފެތުރިފައިވާ ބައެއް ވަބާތަކާއި އެކުގައިވެސް ސަޢުދީ ޢަރަބިއްޔާގައި ހައްޖުގެ އަޅުކަން ކުރިއަށް ގެންދަވާފައިވެއެވެ. އެހެނަސް މިވަބާތަކަކީ މުޅި ދުނިޔެއަށް ފެތުރުނު ވަބާތަކެއް ކަމަށް ނުވުމާއިއެކު، އެބަލިތަކާއިއެކު ޙައްޖު ކުރެވުނު ކަމުގައިވިޔަސް، މިހާރު ދުނިޔެއަށް ކުރިމަތިވެފައި މިވާ ޢާލަމީ ވަބާއަކީ އޭގެ ނުރައްކާ މުޅި ދުނިޔެއަށް ޢާއްމުވެފައިވާ ވަބާއެކެވެ.
ފައިނޭންޝަލް ޓައިމްސިން މިގޮތަށް ރިޕޯޓު ކުރައްވާފައި މިވަނީ ދުނިޔޭގެ ގިނަ ބައިނަލް އަޤްވާމީ، އަދި ދާޚިލީ ނޫސްތަކަކުން ސަޢުދީ ޢަރަބިއްޔާއިން މިއަހަރު ޙައްޖު ކެންސަލް ކުރައްވާނެކަމަށް ލަފާ ކުރައްވާފައި ވަނިކޮށެވެ.
ފައިނޭންޝަލް ޓައިމްސާއި ހަވާލާދީ މެދު އިރުމަތީގެ އެތައް ނޫސްތަކެއް މިގޮތަށް ރިޕޯޓު ކުރައްވާފައިވާ އިރު، ސަޢުދީ ޢަރަބިއްޔާއިން އަދި މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...