ސަޢުދީ ޢަރަބިއްޔާގައި ކުޑަކުއްޖަކު ޑޮކްޓަރަށް ދައްކަން ޕްރައިވެޓު މަތިންދާބޯޓެއް ފޮނުވައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ޢަސީރު ސަރަޙައްދުގައި ދިރިއުޅެމުންދިޔަ އިބްތިހާލަކީ އެޓްރޮފީ އާއި މިނޫނަސް ޞިއްޙީ މައްސަލަތައް ހުންނަ ކުއްޖެކެވެ. އޭނާގެ ބައްޔަށް މިހާތަނަށް ފަރުވާކުރެމުން ދިޔައީ ވެރިރަށް ރިޔާޟުގެ ހަސްފަތާލެއްގައެވެ. އިބްތިހާލް މިރަމަޟާން މަސް ތެރޭ ޑޮކްޓަރަށް ދެއްކުމަށް ކުރީ ބައިގައި ވަނީ އެޕޮއިންޓުމަންޓު ހެދިފައެވެ. އެހެނަސް ކޯވިޑް 19 އާއި ވިދިގެން ސަޢުދީ ޢަރަބިއްޔާއިން ބޭރު އަދި އެތެރޭގެ އުދުހުންތައް ބަންދު ކުރެވެމުން އިބްތިހާލަށް ރިޔާޟަށް ދެވޭނެ މަގު ބަންދުވިއެވެ. އެހެނީ ރިޔާޟާއި ޢަސީރާއި ދެމެދު ގާތްގަނޑަކަށް 715 ކިލޯމީޓަރުގެ ދުރުމިން ހުރެއެވެ.
އިބްތިހާލުގެ ބައްޕަ، އަލްޙަސަން ޢަލީ ޚަބްރާނީ، އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމުގެ ހުއްދައަށް އެދި ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ގުޅުމުން އިބްތިހާލާއި ބެހޭ ބައެއް މަޢުލޫމާތު އޮޅުންފިލުވިއެވެ. އޭގެ ދެތިން ގަޑިއިރު ފަހުން ވުޒާރާއިން ޢަލީ ޚަބްރާނީއަށް ގުޅީ އިބްތިހާލާއި، އިބްތިހާލުގެ ޢާއިލާ ރިޔާޟަށް ގެންދިޔުމަށް ޕްރައިވެޓު މަތިންދާބޯޓެއް ހަމަޖެހިފާއިވާ ކަމަށާއި، އެމަތިންދާބޯޓުން އިބްތިހާލު ޑޮކްޓަރަށް ދެއްކުމަށްފަހު އެނބުރި އައުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމުގެ އުފާވެރި ޚަބަރާއި އެކުއެވެ.
ޢަލީ ޚަބްރާނީ މަޢުލޫމާތު ދޭ ގޮތުގައި އިބްތިހާލާއި، އިބްތިހާލުގެ ޢާއިލާއަށް މަތިންދާނޯޓަސް އެރެންދެން ޞިއްޙަތާއި ބެހޭ ވުޒާރާއިން އެމީހުންގެ ޚަބަރު ބަލަމުން ގެންދިޔައެވެ. އަދި އެމީހުން ރިޔާޟު އާދެވުމުން، ކޯވިޑް 19 ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޢާއިލާގެ އެއްމެންގެ މެޑިކަލް ޗެކްއަޕެއް ހެދުނެވެ. އަދި އެއަށްފަހު އެމްބިއުލެންސެއްގެ އެހީގައި އިބްތިހާލާއި ޢާއިލާ އެއާޕޯޓުން ހޮސްޕިޓަލަށް ގެންދެވުނެވެ.
ޢަލީ ޚަބްރާނީވަނީ މިފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި، ޞިއްޙީ ވުޒާރާއަށާއި، ޢަސީރުގެ ސަރަޙައްދަށް ކަނޑައެޅިފައިވާ ޞިއްހަތާއި ބެހޭ މިނިސްޓްރީއަށް، އަދި އެތަންތަނުގެ މުވައްޡަފުންނަށް ޝުކުރު އަދާކޮށްފައެވެ. "މިފަދަ އެހީތެރިވާ ދައުލަތެއްގެ ދަރީންނަށްވީތީ އަހަރެމެން ﷲ އަށް ޙަމްދުކުރަށް ޖެހޭ" އޭނާ ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...