މިއަދު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވަބާއެއްކަމުގައިވާ ( ކޮވިޑް 19 ) އާއި ގުޅިގެން މިވަނީ މުސްލިމުންގެ އެއްމެ މުޤައްދަސް ތަންތަންވެސް ބަންދުކުރަން ޖެހިފައެވެ. މާތްވެގެންވާ ދެ ހަރަމްފުޅާއި ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ގިނަ މިސްކިތްތައް މިވަނީ ބަންދުވެފައެވެ.
އަޅުގަނޑު މިލިޔުމުގައި ބަލާލާނީ ތަފާތު އެކި ވަބާތަކާއި ގުޅިގެން ބައެއް މިސްކިތްތަކުގެ ޖަމާޢަތް މެދުކެނޑިގެންގޮސްފައިވާ ތާރީޚުތަކަށާއި ތަންތަނަށެވެ.
18ހ (ފަލަސްޠީނުގެ ރަށެއް ކަމަށްވާ " عمواس" ގައި ފެތުރުނު ވަބާ)
މިއަރުގައި ޝާމްކަރައިގެ ފަލަސްޠީނުގެ ރަށެއް ކަމަށްވާ " عمواس" ގައި ޠާޢޫންގެ ބަލިމަޑުކަމެއް ފެތުރިގެން ދިޔައެވެ. އަދި ގިނަ އަދަދެއްގެ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން މިބަލީގެ ސަބަބުން މިދުނިޔެ ދޫކޮށް ދިޔައެވެ. ތާރީޚު ލިޔުއްވުން ތެރިޔާ ابن الأثير (ت 630هـ) ލިޔުއްވުންތަކުން އެގިގެންދަނީ އެއިރު މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިޔަﷲ އަންހު މީސްތަކުން މަރުވާލެއް ގިނަކަމުން އެކަލޭގެފާނު މީސްތަކުންނަށް ދިރުންލިބިގެން ދަންދެން (އެބަލިން ނަޖާވެއްޖައުމަށް ދާންދެން) ގިތެލާއި ކިރު އަދި މަސް ފަރީނުކުޅެއްވުމަށް ﷲ ގަންދީ ހުވާކުރެއްވިކަމެވެ.
الإمام أحمد (ت 241هـ) – އެކަލޭގެފާނުގެ مسند ގައި ގެންނަވާފައިވެއެވެ. އެއިރު ޝާމްކަރައިގައިވާ ލަޝްކަރުގެ ލީޑަރަކީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި މާތް ޞަޙާބީ أبو عبيدة بن الجراح އެވެ. އެކަލޭގެފާނު ޠާޢޫން ބަލީގައި އަވަހާރަވެ ވަޑައިގައި ގަތެވެ. އެއަށްފަހު މުސްލިމުންގެ ލަޝްކަރުގެ ވެރިކަމާއި ޙަވާލުވެވަޑައިގަތީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި މާތް ޞަޙާބީ معاذ بن جبل އެވެ. އަދި މިކަލޭގފާނުވެސް މިބަލީގައި އަވަހާރަ ވެވަޑައިގަތެވެ. ދެން މުސްލިމުންގެ ލަޝްކަރާއި ޙަވާލުވެ ވަޑައިގަތީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި عمرو بن العاص އެވެ. އެކަލޭގެފާނު ޠާޢޫން ބަލިޖެހި އެތަކެއް ފުރާނަ ތަކެއް ގެއްލެމުންދާތީ މީސްތަކުންނަށް ދެއްވި ޚުޠުބާގައި ޠާޢޫން ބައްޔަކީ އަލިފާން ފެތުރޭހެން ފެތުރެމުންދާ ބައްޔެއް ކަމަށް ވިދާޅުވެ މީސްތަކުން ވަކިވަކިވެ ފަރުބަދަ ތަކުގެ މައްޗަށާއި ވާދީތަކަށް ދިޔުމަށް އިރުޝާދު ދެއްވިއެވެ. މިހިނދު އެކަލޭގެފާނުގެ މިވާހަކާއި ޞަޙާބީ ބޭކަލުންގެ ތެރެއިން أبو واثلة الهذلي ދެކޮޅު ހެއްދެވިއެވެ. ދެން މީސްތަކުން عمرو بن العاص ގެ އިރުޝާދުގައި ހިއްޕަވައި ވަކިވަކި ވެގެން ފަރުބަދަތަކަށާއި ވާދީތަކަށް ދިޔައެވެ. އެހިނދު މިބަލި އެބޭކަލުންގެތެރެއިން ފިލާގެންދިޔައެވެ.
ތާރީޚީ އެހެން ރިވާޔަތްތަކަށް ނަޒަރުހިންގާލާއިރު عمرو بن العاص ވިދާޅުވި ބަސްފުޅާއި ދެކޮޅު ހެއްދެވީ ޠާޢޫން ބަލީގައި އަވަހާރަވެ ވަޑައިގެންނެވި ޞަޙާބީ شُرحبيل بن حسنة އެވެ.
ދެން އޮތީ މިދުވަސްކޮޅު ޖަމާއަތުގގައި ނަމާދާއި، ހުކުރު ނަމާދު ކުރެވުނުތޯ ކުރޭ ސުވާލެވެ. މިސުވާލަށް ސީދާ ޞަރީޙަކޮށް ޖަވާބުދެވޭނެ މަޢުލޫމާތެއް މަސްދަރުތަކުން އަޅުގަނޑަކަށް ނުފެނުނެވެ. ނަމަވެސް މީސްތަކުން ވަކިވަ ވަކިވެ ގެން ފަރުބަދަ ތަކުގެ ކުރިޔަށާއި ވާދީ ތަކަށް ދިޔުމުން އެބޭކަލުންނަކީ ރަށުގައި ޤާއިމުވެ ތިބި ބަޔަކަށް ނުވާނެވެ. އެހެން ކަމުން ޖަމާއަތުގައި ނަމާދާއި ހުކުރުނަމާދު ކުރެވުނުކަމަކަށް ނުބެލެވެއެވެ. والله أعلم
395ހ (ތޫނިސް ގައި ފެތުރުނު ވަބާ)
ابن عذاري المراكشي (ت 695هـ) އެކަލޭގެފާނުގެ ފޮތް (البيان المُغرب في أخبار الأندلس والمغرب) ގައި ބަޔާން ކުރައްވާފައިވާ ގޮތުން ތޫނުސް(ޓިއުނީޝިއާ) ގައި ހިޖުރައިން 395ހ ވަނައަހަރު ބޮޑުވެގެންވާ ވަބާއެއް ކުރިމަތިވެ މުދަލުގެ އަގު އުފުލި، ދުވަހުގެ ކޮށްތު ނެތިގެން ދިޔައެވެ. އަދި ގިނަ އަދަދެއްގެ މީހުން ހަލާކުވެދިޔައެވެ. މުއްސަދިންނާއި ޙާޖަތައް ބޭނުން ޖެހިފައިވާ މީހުންވެސް މެއެވެ. މީގެ އިތުރުން ތޫނިސްގެ ޤައިރަވާންގެ މިސްކިތްތައްވެސް ހުސްވެ ފަޅުވެގެންދިޔައެވެ.
448ހ (އަންދަލުސް އަށް މެދުވެރިވި ތަދުމަޑުކަން )
ތޫނިސްގައި ފެތުރުނު ވަބާފަދަ ވަބާއެއް ސްޕެއިންގައިވެސް ހިޖުރައިން 448ހ ފެތުރުނެވެ. الإمام الذهبيّ – އެކަލޭގެފާނުގެ ފޮތް (تاريخ الإسلام) ގައި މިވާހަކަ ގެންނަވާފައިވެއެވެ. މިތަދު މަޑުކަމުގައި އިޝްބީލިއާ (ސްޕެއިންގެ ސިޓީއެއް) ގެ ގިނައަދަދެއްގެ ޚަލްގުތަކުން މަރުވެދިޔައެވެ. އަދި މިސްކިތްތައް ބަންދުވެ މިސްކިތްތަކުގައި ނަމާދު ކުރާނެ މީހަކު ނެތި ދިޔައެވެ. މިއަހަރަށް ބޮޑު ހައިހޫނު ކަމުގެ އަހަރުން ނަންދެވުނެވެ.
449ހ (މެދުތެރޭ އޭޝިޔާ އަށް ފެތުރުނު ވަބާ )
ތާރީޚު ލިޔުންތެރިޔެއްކަމަށްވާ ابن الجوزي (ت 597هـ) މިވަބާ ސިފަކޮށްފައިވަނީ އަވަހަށް ފެތުރޭ، މީހުން ގަތުލުކޮށްލާ، ނުރައްކާތެރި ވަބާއެއްގެ ގޮތުގައެވެ. އަދި މިއަހަރު ސިފަކޮށްފައިވަނީ މުޅި އިސްލާމީ ރަށްތަކަށް ބޮޑުވެގެންވާ ވަބާއެއް ކުރިމަތިވި އަހަރެއްގެ ގޮތުގައެވެ. މިގޮތުން ބާޒާރުތަކުންނާއި މަގުތަކުން މީހުން ހުސްވެ ފަޅުވެގެން ގޮސް ގިނަ މިސްކިއްތަކެއްގެ ޖަމާއަތް މެދުކެނޑިގެން ގޮސްފައިވާ ކަމަށް ލިޔުއްވާފައި ވެއެވެ. މިވަބާގައި މެދުތެރޭ އޭޝިޔާގެ ރަށްތަކުން ދެމިލިޔަނާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެދިޔައެވެ. އަދި މިވަބާ ހުޅަނގާއި ދިމާލަށް މިސްރާބުޖަހައި އިރާގުގެބިމާއި ކައިރިޔަށް ފެތުރިގެން ދިޔައެވެ. އަދި ތާރީޚުގައި އައިސްފައިވާގޮތުން މިއަހަރުގެ جمادى الآخرة މަހުގެތެރޭގައި ދުވާލެއްގެ މަށްޗަށް މިސަރަހައްދުން އަށާރަ ހާސް (18000) ޖަނާޒާ ބާއްވަން ޖެހުނެވެ.
749ހ (މިސްރުގައި ފެތުރުނު ޠާޢޫންގެ ވަބާ)
ޔޫރަޕްގައި މިވަބާ މަޝްހޫރުވެގެން ގޮސްފައިވަނީ "ކަޅު މަރު" ގެ ގޮތުގައިއެވެ. المقريزي (ت 845) – އެކަލޭގެފާނުގެ ފޮތް (السلوك لمعرفة دول الملوك) ގައި ބަޔާން ކުރައްވާ ގޮތުން މިސްރުގައި މިވަބާގެ ސަބަބުން ހަފްލާތަކާއި ކައިވެނިޕާޓީތައް ބޭއްވުންހުއްޓި، ލަވައިގެ އަޑުވެސް ކެނޑުނެވެ. އަދި އެއްމެ މިސްކިތެއް ފިޔަވާ އެހެން މިސްކިތްތަކުގައި ބަންގި ގޮވުންވެސް މެދުކެނޑިގެން ދިޔައެވެ. ތާރީޚު ލިޔުއްވުން ތެރިޔާ ابن تغري بردي (ت 872هـ) އެކަލޭގެފާނުގެ ފޮތް (النجوم الزاهرة) ގައި މިވަބާގައި ގިނަ މިސްކިތްތައް ބަންދުވެގެން ދިޔަކަމަށް ގެންނަވާފައިވެއެވެ.
827ހ (މައްކާގައި ފެތުރުނު ވަބާ)
الحافظ ابن حجر (ت 852هـ) އެކަލޭގެފާނުގެ ފޮތް إنباء الغُمْر بأبناء العمر ގައި ލިޔުއްވާފައިވާގޮތުން މިއަހަރުގެ ކުރީކޮޅުގައި މައްކާގައި ވަރުގަދަ ވަބާއެއް ފެތުރިގެން ދިޔައެވެ. މިވަބާގައި ސާޅީސް (40) ހަކަށް މީހުން ދުވާލެއްގެ މައްޗަށް މަރުވަމުންދިޔައެވެ. މިގޮތުން އެއަހަރުގެ ربيع الأول މަހުގައި މަރުވި މީހުން ހިސާބު ކުރައްވައި އެމަހުގައި އެއްހާސް ހަތް ސަތޭކަ (1700) މީހުން ނިޔާވިކަމަށް އިބުނު ޙަޖަރު ލިޔުއްވާފައިވެއެވެ. އަދި އެއިރުގައި މަސްޖިދުލް ހަރާމުގެ މަގާމު އިބްރާހީމް ކަރީގައި (ޝާފިޢީ މަޒުހަބުގެ މީހުން ނަމާދު ގާއިމުކުރާތަނުގައި) އިމާމާއި އެކުގައި ދެމީހުން މެނުވީ އިތުރުބަޔަކު ނަމާދު ކުރުމަށް މިސްކިތުގައި ނުވާކަމަށްވެއެވެ. އަދި އެހެން މަޒުހަބުތަކުގެ އިމާމުންނާއި އެކު ނަމާދު ކުރުމަށް މީހަކު ނާދެއެވެ.
މިތާގައި ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ މީސްތަކުން ޖަމާއަތް ދޫކޮށްލިކަމެވެ. އެއީ ބަލިމީހުންނަށް އަޅާލުމާއި މަރުވާމީހުންގެ ޖަނާޒާގެ ކަންތައްތަކުގައި އުޅެންޖެހުމުން ކަމަށްވުންވެސް އެކަށީގެންވެއެވެ. އަދި އެއީ އެބަލީގެ ބިރުވެރިކަމުން ރާއްކާތެރިވުމަށް ކަމަށްވެސް ބެލެވިދާނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މަތިވެރިވަންތަ އިލާހެވެ.
1441ހ- 2020 ( ކޮވިޑް-19)
2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ވަބާ، ނުރައްކާތެރި ސިގުނަލްތައް ދެމުން އައިސް 2020 ގައި މުޅި ދުނިޔެއަށް ފެތުރިއްޖެއެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް މިބަލި ވާޞިލުވެ އިސްލާމީ ގައުމުތަކާއި އެނޫން ގައުމުތަކައްވެސް މިވަބާގެ ވޭނުގައި ޖެހި ބަނދެވިއްޖެއެވެ.
ގިނަ އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން މިވަބާ ފެތުރުނު ނުދިނުމަށްޓަކައި މީސްތަކުން އެއްތަނަކައް އެއްވިޔަ ނުދިނުމުގެ ގޮތުން މިސްކިއްތައް ޝާމިލުވާ ގޮތައް މުޅިގައުމު ފުރަބަންދު ކުރުމަށް ނިންމިިއެވެ. އަދި މިނިންމުމަށް އިސްލާމީ ގިނަ ގައުމުތަކުގެ ފިޤްހު އެކަޑަމީ ތަކާއި ފަތުވާ ދެއްވާ މަޖުލިސް ތަކުންވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް ފިޤުހު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މިރައުޔާއި ޚިޔާލު ތަފާތުވެ މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާލުން އެއީ ކޮއްގެންވާނެ ކަމެއް ނޫންކަމަށާއި އަދި ޚާއްސަކޮށް މުސްލިމުންގެ އެއްމެ މުގައްދަސް ގެކޮޅު ޠަވާފު ކުރާމީހުންނަށާއި ނަމާދު ކުރާ މީހުންނަށް މިގޮތައް ބަންދު ނުކުރެވޭނެކަމަށް ދެކިލައްވައެވެ. މިގޮތުން ކުވައިތުގެ أحمد المطيري އާއި މަޣުރިބުކަރައިގެ މަޝްހޫރު ސަލަފީ ޝައިޚު عمر الحدوشي ގެ ފަތުވާ މިމައްސަލައިގައި ފާހަގަ ކޮށްލެވެއެވެ.
ޚިޔާލު