ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (4 ވަނަ ބައި)

ޝައިޠާނާ ބުންޏެވެ. މާތް اللهُ ތިޔަ ދެކަނބަލުންނަށް އެގަހާ ކައިރިވެވަޑައިގަތުން މަނާކުރެއްވީ އެ ގަހުން ތިޔަ ދެކަނބަލުން ފަރިއްކުޅުއްވައިފަނަމަ، ތާއަބަދަށް ދެމިތިބެނިވި ބަޔަކަށް ވެދާނެތީއެވެ. އަދި އޭނާގެ އެވާހަކައިގެ ތެދުކަން ހާމަ ކުރުމަށްޓައި ހުވާ ކުރިއެވެ. މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ﴾ މާނައީ:” އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.” އަދިވެސް އަންނަނިވި އާޔަތުގައި ވަޙީ ކުރައްވާފައިވަނީ: ﴿فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلَىٰ﴾ މާނައީ:” ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟”

އެގަހަކުން ކަލޭގެފާނު ފަރިއްކުޅުއްވައިފިނަމަ ތާއަބަދަށް ދާއިމަށް ދެމިހުންނެވޭނޭ ގަހެއް ކަލޭގެފާނަށް ދައްކަންތޯއެވެ. ކަލޭގެފާނު އެގަހުން ފަރިއްކުޅުއްވައިފިނަމަ، ދާއިމަށް ދެމިހުންނެވުން ލިބިވަޑައިގެން ތިޔަ ނިޢުމަތުގައި ތާއަބަދަށް ހުންނެވޭނެއެވެ.”

މަޤްޞަދަކީ ޝަޖަރަތުލް ޚުލްދު ފަރިއްކުޅުއްވައިފިނަމަ ފަނާވެގެންނުދާނެއެވެ. އެ ގަހަކީ އިލްއިމާމު އަޙްމަދު އަންނިވި ގަސް ކަމުގައި އިޝާރަތް ކުރައްވާފައިވާ ގަސްކަމަށް ވެދާނެއެވެ. އަލްއިމާމު އަޙްމަދު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނަށް عبد الرحمن بن مهدي ކިޔައި ދެއްވިއެވެ. އަދި شعبة އަށް أبى الضحاك ކިޔައި ދެއްވިއެވެ. އަބޫހުރައިރާ ވިދާޅުވަނިކޮށް އަޑު އެއްސެވީމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “إِنَّ فِي الْجَنَّةِ شَجَرَةً يَسِيرُ الرَّاكِبُ فِي ظِلِّهَا مِائَةَ عَامٍ لَا يَقْطَعُهَا، وَاقْرَءُوا إِنْ شِئْتُمْ {وَظِلٍّ مَمْدُودٍ} މާނައީ:” ސުވަރުގޭގައި ގަހެއްވެއެވެ. އެ ގަހުގެ ހިޔަލުގައި ދަތުރުކުރާ މީހުން ސަތޭކަ އަހަރުވާންދެން ދަތުރު ކުރިޔަސް އެގަހުގެ ހިޔާ ގެނޑިގެން ނުދާނެއެވެ.” ތިޔަބައިމީހުން ބޭނޫން ކަމުގައިވާނަމަ އަންނަނިވި އާޔަތް ކިޔާށެވެ.” {وَظِلٍّ مَمْدُودٍ} މާނައީ:” އަދި ފެތުރިގެންވާ ހިޔަލުގައެވެ.”

މާތް اللهُ ވަޙީ ކުރައްވައިފައިވާ އަންނަނިވި އާޔަތާއި މެދު الإمام أحمد ވަކިން ބަޔާން ކުރައްވައިފައިވާ ރިވާޔަތުގައިވަނީ މިފަދައިންނެވެ. ﴿فَدَلَّاهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ﴾ މާނައީ:”މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟”

އާދަމުގެފާނަށްވުރެ ކުރިން އެގަހުން ފަރިއްކުޅުއްވީ ޙައްވާގެފާނެވެ. އެގަހުގެ ވާހަކަ އާދަމުގެފާނަށް ކިޔައިދެއްވީ ޙައްވާގެފާނެވެ. (والله أعلم)
ކީރިތި ޤުރްއާނުގެ ޢިބާރާތަށް ބަލާއިރު ސުވަރުގޭގައި އެދެކަނބަލުން އުޅުއްވިއިރު އެދެ ކަނބަލުންގެ ހަށިކޮޅުގައި ފޭރަމެއް ހުރިކަން އެނގެއެވެ. އެއީ މާތް اللهُ ވަޙީ ކުރައްވައިފައިވާ އަންނަނިވި ބަސްފުޅުންނެވެ. ﴿ يَنزِعُ عَنْهُمَا لِبَاسَهُمَا﴾ މާނައީ:”އެ ދެކަނބަލުންނަށް ދެއްކެވުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބޭލެއްވުނެވެ.”

އިބުނު އަބީ ޙާތިމް ވިދާޅުވެފައިވެއެވެ. ތިމަންނާ އަށް على بن الحسن بن أسكاب ކިޔައި ދެއްވިއެވެ. އަދި على بن عاصم ގެ އަރިހުން ތިމަންކަލޭގެފާނަށް سعيد بن أبي عروبة ކިޔައިދެއްވިއެވެ. އެއީ ޤަތާދާ އާއި އަލް ޙަސަން އާއި އުބައްޔު ބުނު ކަޢުބުގެ އަރިހުންނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ خَلَقَ آدَمَ رَجُلا طُوَالا كَثِيرَ شَعْرِ الرَّأْسِ كَأَنَّهُ نَخْلَةٌ سَحُوقٌ ، فَلَمَّا ذَاقَ الشَّجَرَةَ سَقَطَ عَنْهُ لِبَاسُهُ، فَأَوَّلُ مَا بَدَا مِنْهُ عَوْرَتُهُ، فَلَمَّا نَظَرَ إِلَى عَوْرَتِهِ جَعَلَ يَشْتَدُّ فِي الْجَنَّةِ ، فَأَخَذَتْ شَعْرَهُ شَجَرَةٌ فَنَازَعَهَا، فَنَادَاهُ الرَّحْمَنُ: يَا آدَمُ مِنِّي تَفِرُّ ؟ فَلَمَّا سَمِعَ كَلامَ الرَّحْمَنِ، قَالَ : يَا رَبِّ لا، وَلَكِنِ اسْتِحْيَاءً) މާނައީ:” ހަމަކަށަވަރުން މާތް اللهُ އާދަމުގެފާނު ހައްދަވައިފައިވަނީ ވަރަށް ދިގު މީހެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ވަރަށް އިސްތަށި ގިނައެވެ. ހީވަނީ ކަދުރު ކުރެއްހެންނެވެ. އެކަލޭގެފާނު މަނާކުރައްވައިފައިވާ ގަހުން ފަރިއްކުޅުއްވުމުން ހަށިކޮޅުގައިވާ ލެވިފައިވާ ހެދުންކޮޅު ބޭލުނެވެ. އެކަލޭގެފާނުގެ ކިބައިން އެންމެ ފުރަތަމަ ކަޝްފުވެގެން ދިޔައީ އެކަލޭގެފާނުގެ އަޢުރައެވެ. ޢައުރަ ކަޝްފުވެފައިވާ ތަން ފެނިވަޑައިގަތުމުން، ނިވައިވެޑައިގަތުމަށްޓަކައި ސުވަރުގޭގައި ދުވެވަޑައިގަތެވެ. އަދި ގަސްގަހުގެ ފަތް ބިންނަވައިގެން އަޢުރަ ނިވާކުރައްވަން މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މާތް اللهُ އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ އާދަމުގެފާނެވެ! ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ފިއްލަވަނީތޯއެވެ؟ މާތް اللهُ ގެ ނިދާ އިވިވަޑައިގަތުމުން އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާގެ ވެރިރަސްކަލާނކޮ! އެހެނަކުން ނޫނެވެ. ލަދުވެތިކަމުގެ ސަބަބުންނެވެ.”

އަބީލައިލާގެ އަރިހުން އައްޘައުރީ ރިވާ ކުރައްވައިފައިވެއެވެ. އެއީ އަލްމިމްހާލް ބުނު ޢަމްރޫ، ސަޢީދު ބުނު ޖުބައިރާއި، އިބުނު ޢައްބާސުގެ އަރިހުން ރިވާ ކުރައްވައިފައިވަނީ:﴿ وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ﴾ “އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ.” މިއާޔަތުގައި ބަޔާން ކުރައްވައިފައިވާ ގަހަކީ ނުވަތަ ފަތަކީ “ތީން” ގަހުގެ ފަތް ކަމަށެވެ.”

އެދެކަނބަލުންނާއި މުޚާޠަބު ކުރައްވައި މާތް اللهُ ވަޙީ ކުރެއްވިއެވެ. ﴿وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ﴾ މާނައީ:” ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟”

އެދެކަނބަލުން ދެންނެވިއެވެ. ﴿رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ މާނައީ:” އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

މިއީ އިޢުތިރާފު ވުމެކެވެ. ޙަޤީޤަތަށް އެނބުރި ދިޔުމެކެވެ. އަދި ބޯލަނބާލުމާއި، ކިޔަމަންތެރިކަން އަދާކުރުމާއި ދަތި ޙާލާއި މުޞީބާތުގައި މާތް اللهُ އަށް ރުޖޫޢަ ވުމެވެ.

މިއާޔަތުގައި ބަޔާން ކުރައްވައިފައިވާ ޚިޠާބު ﴿قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ﴾ މާނައީ:” އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.”

މިޚިޠާބަކީ އާދަމުގެފާނާއި އިބިލީސަށް އޮތް ޚިޠާބެކެވެ. އަދި މީގައި ހަރުފަވެސް ޝާމިލުވެއެވެ. އަމުރު ކުރެވިގެންވަނީ ސުވަރުގެއިން ބޭރުވުމަށެވެ. އެބައިމީހުންވަނީ ދެކޮޅުވެރިކަމާއި އަނިޔާވެރި ކަމުގައެވެ.

ހަރުފަ ވެސް ޝާމިލުވެގެންވާކަން ޘާބިތުވަނީ ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ހަރުފަ މެރުމަށް އަމުރު ކުރައްވައިފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވެއެވެ. «مَا سَالَمْنَاهُنَّ مُنْذُ حَارَبْنَاهُنَّ وَمَنْ تَرَكَ شَيْئًا مِنْهُنَّ خِيفَةً، فَلَيْسَ مِنَّا» މާނައީ:” އަހަރެމެން އެ ސޮރުމެންނާ ހަނގުރާމަ ކުރި ދުވަހުން ފެށިގެން އެ ސޮރުމެންގެ ކިބައިން ސަލާމަތެއް ނުވެއެވެ. ބިރުން އެ ސޮރުމެން (ހަރުފަ) ނުމަރާ ދޫކޮށްލައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”

މިޙަދީޘްގެ ޝަރަޙާގައި ޢިލްމުވެރިން ބަޔާން ކުރައްވައިފައިވަނީ އިންސާނުންނާއި ހަރުފަޔާ ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމަކީ ފިޠުރީކަމެކެވެ. ކޮންމެ މަޚްލޫޤަކުވެސް މަސައްކަތް ކުރަނީ އަނެކާ ނައްތާލުމަށެވެ. ބުނެވުނެވެ. މިތަނުގައި މުރާދަކީ އާދަމުގެފާނާ މެދު އޮތް ޢަދާވަތްތެރިކަމެވެ. ބުނެވޭ ގޮތުގައި އިބިލިސް ސުވަރުގެއަށް ވަންނަން ޤަޞްދުކުރިއެވެ. ނަމަވެސް އޭނާގެ ހިތާމައިގެ ބޮޑުކަމުން ސުވަރުގެއަކަށް ނުވަދެވުނެވެ. ނަމަވެސް ހަރުފަ ސުވަރުގެއަށް ވަދެ އާދަމުގެފާނާއި ޙައްވާގެފާނަށް ވަސްވާސް ދިނުމުގެ ސަބަބުން އެދެކަނބަލުން މާތް اللهُ ނަހީ ކުރައްވައްވައިފައިވާ ގަހުން ފަރިއްކުޅުއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެދެކަނބަލުން ސުވަރުގެއިން ނިކުމެވަޑައިގަންނަވަން ޖެހުނީއެވެ.”

ޠާހާ ސޫރަތުގައި ބަޔާން ކުރައްވައިފައިވާ ބަސްފުޅުގައިވާ ﴿قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ﴾ މާނައީ:” އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑަައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް عداوة ތެރިން ކަމުގައިވާ حال ގައެވެ.” މިއާޔަތުގައި ބަޔާން ކުރައްވައިފައިވާ އަމުރަކީ ގުޅިގެންދާގޮތެއްގައި އާދަމުގެފާނަށާއި ޙައްވާގެފާނާއި އިބިލީހާއި ހަރުފަވެސް ޝާމިލުވާ ގޮތެއްގައި އައިސްފައިވާ އަމުރުފުޅެކެވެ.”

ބަޤަރާ ސޫރަތުގައި ފޭބުން ތަކުރާރު ކުރައްވައިފައިވެއެވެ. ﴿ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ﴾ މާނައީ:” ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوةތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرارވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. ﴿ فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ﴾ މާނައީ:” ފަހެ، آدمގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން كلمةފުޅުތަކެއް ބާވައިގަންނަވައި (އެ كلمةފުޅުތައް ވިދާޅުވެ، توبةވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة قبولކުރައްވާ رحيمވަންތަ ރަސްކަލާނގެއެވެ. ﴿ قُلْنَا اهْبِطُوا مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ މާނައީ:” ތިމަންރަސްކަލާނގެ (آدمގެފާނުގެ ދެކަނބަލުންނާއި إبليسއަށް) وحىކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންރަސްކަލާނގެ حضرةން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަންރަސްކަލާނގެ ތެދުމަގާ تبعވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. ﴿وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَـٰئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ މާނައީ:” އަދި كافرވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.

މިސިލްސިލާގެ އިތުރުލިޔުތައް ވިދާޅުވޭ:

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (1 ވަނަ ބައި)

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (2 ވަނަ ބައި)

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (3 ވަނަ ބައި)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *