ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (2 ވަނަ ބައި)

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. މި ބިންމަތީގައި އެންމެ ފުރަތަމަ އަޅާކިޔާ ހެދި މީހަކީ އިބިލީހެވެ. މިގޮތަށް އަޅާކިޔުމުން އޭނާއަށް އާދަމުގެފާނަށްވުރެ މަތިވެރިކަމަށް އަމިއްލައަށްދެކި ބޮޑާވެގަތެވެ. ނަމަވެސް މާތް الله އާދަމުގެފާނަށް ސަޖިދަކުރުމަށް އައަމުރު ކުރައްވާފައިވަނީ ހުރިހާ މަލާއިކަތުން ނަށެވެ. ވަކިމީހަކު އިސްތިސްނާ ވާގޮތަކަށް ނޫނެވެ.

ކަހުފު ސޫރަތުގައި މާތް الله سبحانه وتعالى ވަހީކުރައްވައިފައިވަނީ:

﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ﴾

މާނައަކީ:" އާދަމުގެފާނަށް ސަޖިދަކުރުމަށް ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ކަންހިނގިގޮތް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެހިނދު އިބިލީސް ފިޔަވައި އެ އެންމެން ސަޖިދަކުރޫއެވެ. އެ އިބިލީސްވަނީ ޖިންނީންގެ ތެރެއިންނެވެ. އޭނާ ހެއްދެވި ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވުމުން ބޭރުވެގަނެ ފާސިޤުވިއެވެ."

އިބިލީސް ބޮޑާވެގަނެ، ދެކޮޅުވެރި ކިބުރުވެރިވެ މާތް الله سبحانه وتعالى ގެ އަމުރުފުޅާ ދެކޮޅު ހެދިއެވެ. އެއީ އޭނާ ހެއްދެވިފަރާތަކީ މާތް الله سبحانه وتعالى ކަން ހަދާން ނައްތާލާފައެވެ.

ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. ކުޑަހިނދު ކޮޅަކަށްވެސް ޝައިޠާނާ މަލާއިކަތަކަށް ނުވެއެވެ. އިބިލީސް އާދަމުގެފާނަށް ސަޖިދަކުރުމުން މަނާވެގަތް ވާހަކަ ބަޔާން ކުރައްވައި ޞާދު ސޫރަތުގައި މާތް الله سبحانه وتعالى ވަޙީކުރައްވައިފައިވަނީ:

﴿ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ﴾

މާނައަކީ: "އޭ އިބިލީސްއެވެ! އެއްވެސް ވާސިޠާއަކާނުލައި ތިމަންރަސްކަލާނގެ ހެއްދެވި އާދަމުގެފާނަށް ސަޖިދަކުރުމުން މަނާވެގަތީ ކީއްވެ ހެއްޔެވެ؟ ކަލޭ ސަޖިދަކުރުމަށް ބޮޑާވެގަތީ ހެއްޔެވެ؟ ނުވަތަ (ކަލޭ ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް) ކިބުރުވެރިވެގަންނަ މީހުންގެ ތެރެއިން ވީހެއްޔެވެ." އޭނާ ބޮޑާވެ ދެންނެވިއެވެ. ﴿ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ﴾ މާނައަކީ: "އެކަލޭގެފާނަށްވުރެ އަހުރެން މާމޮޅެވެ. އިބަރަސްކަލާނގެ އަހުރެން ހެއްދެވީ އަލިފާނުންނެވެ. އެކަލޭގެފާނު ހެއްދެވީ މަށީންނެވެ." އިބީލީހުގެ މިކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿ قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ މާނައަކީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ސުވަރުގެއިން ކަލޭގެ ނުކުންނާށެވެ. ކަލެއަކީ ސުވަރުގެއިން ނެރެލެވިފައިވާ މީހެކެވެ. وَإِنَّ عَلَيْكَ لَعْنَتِي إِلَىٰ يَوْمِ الدِّينِ އަދި ޤިޔާމަތް ދުވަހަށް ދާންދެން ކަލޭގެ މައްޗަށް ތިމަންރަސްކަލާނގެ ލަޢްނަތް ހުއްޓެވެ." قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ އޭނާދެންނެވިއެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ! މިއަޅާ ޤިޔާމަތާހަމައަށް ލަހައްޓަވާނދޭވެ! މީސްތަކުން މަޙްޝަރަށް ފޮނުއްވޭ ދުވަހާއި ހަމައަށް އަޅުލަހައްޓަވާނދޭވެ! قَالَ فَإِنَّكَ مِنَ الْمُنظَرِينَ * إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ ﴾ އެކަލާނގެ ވަޙީކުރެއްވިއެވެ. ކަނޑައެޅިގެންވާ ވަޤުތުގެ ދުވަހަށް (ޔަޢްނީ ފުރަތަމަ ތާޅަފިލި ފުމެލެވޭ ވަޤުތުގެ ދުވަހަށް) ކަލޭވަނީ ލެހެއްޓެވިގެންނެވެ."

އެކަލާނގެ އަމުރަށް އުރެދުމަށްފަހުވެސް، އެކަލާނގެ އޭނާއަށް ޤިޔާމަތާހަމަޔަށް ދެމިހުރުމުގެ ނިޢުމަތް ދެއްވުމުން ދަންނަވަނީ ﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ * إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ﴾

މާނައަކީ: "އިބިލީސް ދެންނެވިއެވެ. އިބަރސްކަލާނގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. އެ އާދަމުގެދަރިންގެ ތެރެއިން ޚިޔާރުކުރެވިގެންވާ އިބަރަސްކަލާނގެ އަޅުންމެނުވީ އާދަމުގެ ދަރީންގެ އެންމެން މަގުފުރައްދާ ހުށީމެވެ."

މާތް الله سبحانه وتعالى އިބިލީހުގެ މި އިދިކީލި ޖަވާބުގައި ވަޙީ ކުރެއްވިއެވެ. ﴿قَالَ فَالْحَقُّ وَالْحَقَّ أَقُولُ *لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ﴾ މާނައަކީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ޙައްޤު ވަނީ ތިމަންރަސްކަލާނގެ ހަޟްރަތުގައެވެ. ތިމަންރަސްކަލާނގެ ވަހީކުރައްވަނީ ޙައްޤުތެދެވެ. ކަލެޔާއި (ކަލޭގެދަރިކޮޅާއި) އަދި އާދަމުގެ ދަރީންގެ ތެރެއިން ކަލެއަށް ތަބަޢަވީ ބަޔަކާއި އެންމެން ނަރަކަޔަށް ވައްދަވައި ނަރަކަ ފުރުއްވާހުށީމެވެ."

އިބިލީސް މާތް الله އާއި މުޚާޠަބުކޮށް ދެންނެވިއެވެ.

﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ
މާނައަކީ: "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ." ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴾ ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

ޝައިޠާނާ ބުނަން އުޅޭކަހަލައެވެ. އިބަރަސްކަލާނގެ ތިމަންނާ މަގުފުރެއްދެވީތީ، ތިމަން އިންސާނުން ތެދުމަގަށް ވާޞިލުވުމަށް ހުރަސްއަޅާނަމެވެ. ހުރިހާ ފަރާތަކުން އެމީހުން މަގު ފުރެއްދުމަށްޓަކައި އަންނަހުށީމެވެ. ބާއްޖަވެރިޔަކީ ޝައިޠާނާ އާއި ދެކޮޅުވެރިވި މީހާއެވެ. އަބާއްޖަވެރިއަކީ އޭނާއަށް ތަބަޢަވާ މީހާއެވެ.

މާތް الله އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނަށް އަންގަވައިފައިވަނީ ސުވަރުގޭގައި ދިރިއުޅުއްވަމުން ގެންދެވުމަށެވެ. އަދި މަނާ ކުރައްވައިފައިވާ ގަހާ ކައިރިވެވަޑައި ނުގަތުމަށެވެ. ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.

﴿ وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴾

މާނައަކީ:"އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ."

އަދިވެސް މާތް الله ވަޙީ ކުރައްވައިފައިވެއެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ *فَقُلْنَا يَا آدَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ *إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ *وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾

މާނައަކީ: "آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ. ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."    –  (ނުނިމޭ)

މިސިލްސިލާގެ އިތުރުލިޔުތައް ވިދާޅުވޭ:

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (1 ވަނަ ބައި)

ޓެގްތައް: ނަބީބޭކަލުންގެ ވާހަކަ ، އާދަމް ޢަލައިހިއްސަލާމްގެ ވާހަކަ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *