ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: އާދަމް ޢަލައިހިއްސަލާމް (3 ވަނަ ބައި)

އިބިލީސް މާތް الله އާއި މުޚާޠަބުކޮށް ދެންނެވިއެވެ. ﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ މާނައަކީ: "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ." ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴾ ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

ޝައިޠާނާ ބުނަން އުޅޭކަހަލައެވެ. އިބަރަސްކަލާނގެ ތިމަންނާ މަގުފުރެއްދެވީތީ، ތިމަން އިންސާނުން ތެދުމަގަށް ވާޞިލުވުމަށް ހުރަސްއަޅާނަމެވެ. ހުރިހާ ފަރާތަކުން އެމީހުން މަގު ފުރެއްދުމަށްޓަކައި އަންނަހުށީމެވެ. ބާއްޖަވެރިޔަކީ ޝައިޠާނާ އާއި ދެކޮޅުވެރިވި މީހާއެވެ. އަބާއްޖަވެރިއަކީ އޭނާއަށް ތަބަޢަވާ މީހާއެވެ.

މާތް الله އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނަށް އަންގަވައިފައިވަނީ ސުވަރުގޭގައި ދިރިއުޅުއްވަމުން ގެންދެވުމަށެވެ. އަދި މަނާ ކުރައްވައިފައިވާ ގަހާ ކައިރިވެވަޑައި ނުގަތުމަށެވެ. ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴾ މާނައަކީ:"އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ."

އަދިވެސް މާތް الله ވަޙީ ކުރައްވައިފައިވެއެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ *فَقُلْنَا يَا آدَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ *إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ *وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾ މާނައަކީ:"آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ. ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."

އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا﴾ މާނައީ:"އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ." އަދިވެސް އިބިލީސާއި މުޚާޠަބު ކުރައްވައި ވަޙީ ކުރައްވައިފައިއެވެ. ﴿قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴾ މާނައީ:"އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުއްޓެވެ."

މިތަނުގައި އިޝާރަތް ކުރައްވަނީ ސުވަރުގެއަށް ނުވަތަ އުޑަށް ނުވަތަ ފޭބިތަނަށެވެ. ކޮންމެ ތަނެއް ކަމުގައި ވިޔަސް އެތަނަކީ ދެމިގެންވާ ދާއިމަށްވާ ތަނެއް ނޫނެވެ. އެއީ ހުރަސްކުރުމަށްޓަކައި އޮތްފާލަމެކެވެ.

ކީރިތި ޤުރްއާނުގެ ސިޔާޤަށް ބަލާއިރު އާދަމުގެފާނަށް ވަސްވާސްދެމުން ޝައިޠާނާ ބުންޏެވެ. ﴿فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلَىٰ ﴾ މާނައީ:" ފަހެ، شيطان އާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ آدم ގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟"
އަދިވެސް އޭނާ ބުނެފައިވެއެވެ. ﴿ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ﴾ މާނައީ:" ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ." ﴿وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ﴾ މާނައީ:" އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ." ﴿فَدَلَّاهُمَا بِغُرُورٍ ﴾ މާނައީ:"މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. "
އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވަމުން ގެންދެވި ސުވަރުގެއަކީ ބިމުގެ އެހެން ހުރިހާ ބައިތަކަށްވުރެ އުސްތަނެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ގަސްތަކާއި މޭވާއިން ފުރިފައިވާ ބިމެކެވެ. ހިޔާކަމާއި ފެހިކަމާއި އާރޯކަމާއި ހިތަށް އުފާވެރިކަން ލިއްބައިދޭ ބިމެކެވެ. އެއީ މިއާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ * وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾ މާނައީ:"ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައި ވުމެއްނުވެތެވެ. އަދި އުނުއޮރިޔާން ވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."
މާނައަކީ ކަލޭގެފާނަކަށް ބަނޑުހައިކަން އިޙްސާސެއް ނުވާނެއެވެ. އަދި އަވީގެ ހޫނުކަމުގެ އިހްސާސެއް ނުވާނެއެވެ."

ބިމަށް ފައިބައިވަޑައިގަތުން:

ނަހީކުރައްވައިފައިވާ ގަހުން ފަރިއްކުޅުއްވުމުން މާތް اللهُ އެ ދެކަނބަލުން ބިމަށް ފޮނުއްވުނެވެ. އެއީ ދަތިކަމާއި އުނދަގުލާއި އިމްތިޙާނާއި މުޞީބާތުގެ ގޮވައްްޗެވެ. ވެށިގެގޮތުންނާއި ދީނީ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި ކުރަންޖެހޭ މަސައްކަތުގެ ގޮތުން ތަފާތު ތަނެކެވެ. އަދި ޤަޞްދު ކުރެވޭ ކަންތަކާއި ބޭނުންތަކައި ބަސްތަކާއި ޢަމަލުތައް ތަފާތު ތަނެކެވެ. އެއީ އަންނަނިވި އާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ﴾ މާނައީ:"އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ."

އެހެންކަމުން މިތަނުގައި އެ ދެކަނބަލުން ތިއްބެވީ އުޑުގައިކަމެއް ލާޒިމެއް ނުކުރެއެވެ. އެއީ އަންނަނި އާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا﴾ މާނައީ:" އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން قيامة ދުވަހުގެ وعد އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ حال، حاضر ކުރައްވާ ހުށީމެވެ." އެހެންކަމުން އެނގިގެންދަނީ އެ ދެކަނބަލުން އެތިއްބެވި ތަނަކީ އުޑެއް ނޫންކަމެވެ.

މާތް اللهُ ވަޙީ ކުރައްވާފައިވާ ﴿فَأَزَلَّهُمَا الشَّيْطَانُ عَنْهَا﴾ މާނައީ:" ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އެޅުއްވިއެވެ." މާނައަކީ ސުވަރުގެ އެ ދެކަނބަލުން ބޭރުކޮށްލިއެވެ. ﴿فَأَخْرَجَهُمَا مِمَّا كَانَا فِيهِ﴾ މާނައީ:"ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ." މާނައަކީ ތިއްބެވި ނިޢުމަތާއި ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި، ފެހިކަމާއި އަރޯކަމުން ދަތިތަކާއި އުނގަގުލާއި ވޭނާ ތުރާލުގެ ތެރެއަށް އެ ދެކަނބަލުން ވައްޓައިލިއެވެ. އެއީ ދެ ދެކަބަލުންގެ ހިތްޕުޅަށް ވެއްދި ވަސްވާސްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ އަންނަނިވި އާޔަތުގައި މާތް اللهُ ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿ فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴾ މާނައީ:" ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ."   - ނުނިމޭ-

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *