މުދަލަކީ ހަމަކޮންމެ މީހަކުވެސް ބޭނުން އެއްޗެކެވެ. މުއްސަނދި ވުމަކީ ވަރަށް ގިނަ ބައެއްގެ އުންމީދެކެވެ. ހުވެފެނެކެވެ. އެއްބަޔަކު އެކަމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު އަނެއްބަޔަކު ޙައްޤު ނޫން މަގުތަކުން
ފަސޭހަ ކަމާއެކު މުއްސަނދިވެއެވެ. ނުވަތަ ތިމާއަށް ނޭނގި ހުއްޓައި މުއްސަނދިކަމުގެ ނަސީބު އަތުގައި ހިފައެވެ. މުއްސަނދި ވެއްޖެނަމަ ނުވަތަ އެފަދަނަސީބެއް ލިބިއްޖެނަމަ ކަންތައް ކުރާނެ ގޮތުގެ ޚިޔާލީ ފޮލާތައް ކައްކާ މީހުންވެސް މަދެއްނޫނެވެ.
ޝައްކެއް ނެތެވެ. މުއްސަނދިވުމަކީ ނުވަތަ މުއްސަނދި ކަމަކީ ދީން މަނާކުރާ ކަމެއްނޫނެވެ. ނަމަވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައި އިމުގެ ތެރޭގައެވެ. ޙައްޤުމަގުތަކުންނެވެ. ހަމަ އެއާއި އެކު މުދާ ހޭދަކުރުމަށްވެސް އިސްލާމްދީނުގައި ވަކި އުޞޫލުތަކަކާއި ހަމަތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެއުޞޫލުތަކާއި އެއްގޮތަށް ހޭދަކޮށް މުދަލުގެ ޙައްޤުތައް އަދާކުރާނަމަ މުދަލަކީ ތިމާއަށް ދެދުނިޔޭގައި ނިޢުމަތަކަށް ވެދެއެވެ. މީގެ އިދިކޮޅުވެސް އެބައޮތެވެ.
އެންމެ ނުރައްކާތެރި ކަމަކީ އެއީ އެވެ. އަދި ގިނަފަހަރަށް ފެންނަ މަންޒަރަކީވެސް އެއީއެވެ. މުދާއެއްކުރަމުން ގޮސް މުދަލަށް ލޯބިޖެހި މުދަލުގެ ޙައްޤު އަދާ ނުކުރެވުމެވެ. ޙައްޤުނޫން ގޮތުގައި މުދާހޯދައި ބޭކާރު ވިޔާނުދާ ގޮތްތަކުގައި މުދާ ހޭދަކުރުމެވެ. މުދަލަކީ ﷲ ދެއްވާ ނިޢުމަތެއްކަން ހަނދުމަ ނެތުމެވެ. ޒަކާތް ދިނުމާއި، ޞަދަޤާތް ކުރުމަކީ، މުދަލުގައި ބަރަކާތް ލައްވާ މުދާ އިތުރުވާނެ ކަމެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އިރުވެސް އެކަން ޤަބޫލުނުކުރެވި އެއީ ތިމާގެއަތުން އުނިވާ އެއްޗެއް ކަމުގައި ހީކުރެވުމެވެ. މުދާއެއްކޮށް އޭގެ ޙައްޤު އަދާނުކޮށް ބަހައްޓާ މީހުނަށް ގަދަފަދަ ވަޢީދުގެ ބަސްތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.
ބައެއްމީހުންނަކީ މުއްސަނދި ކަމާއެކު ދީނީޢިލްމު ލިބިފައިވާ މީހުންނެވެ. އެމީހުންނަށް މުދަލަކީ ކިހާ ބުރަދަނެއް ހުރި އެއްޗެއްކަމާއި އޭގެ ޙައްޤުތަކަކީ ކޮބައިކަން އެނގެއެވެ. މުދަލުގެ ބޭނުން ދެދުނިޔޭގައި އެންމެ ފައިދާހުރިގޮތުގައި ބޭނުން ހިފައެވެ. އެހެން ކަމުން އެފަދަމީހުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ސިފަކުރައްވާފައިވަނީ އެންމެ މަތިވެރި މީހުންގެ ގޮތުގައެވެ. އަނެއްބައިމީހުންނަކީ މުދާލިބިފައި ޢިލްމުނެތް މީހުނެވެ. މިފަދަ މީހުންނަށް މުދަލުގެ ޙައްޤުތަކެއް ނޭނގެއެވެ. އެހެން ކަމުން މުދާހޯދާ ހޭދާކުރުމުގައި އެއްވެސް އުޞޫލުތަކެއް ނޯވެއެވެ. ހަމަ އެއާއި އެކު މުދަލުގެ ޙައްޤުތަކެއް އަދައެއް ނުކުރެވެއެވެ. މިފަދަ މީހުންނަކީ އެންމެ ދަށުދަރަޖައިގެ މީހުންގެ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސިފަކުރައްވާފައިވެއެވެ.
ގިނަ މުދާތަކެއް ނުވަތަ ބައިވަރު ފައިސާތަކެއް ލިބިއްޖެނަމަ ކުރާނީ ކީއްތޯ މިއީ ވަރަށް ގިނަ ބަސްދީގަތުން ތަކުގައި ކޮއްލެވޭ ސުވާލެކެވެ. ހަމައެއާއި އެކު މަދުރަސީ ދައުރުގައި މަޒުމޫނުފަދަ ތަކެތި ލިއުމަށް ޙަވާލުކުރެވޭ މައުޞޫޢެއް މެއެވެ. މިސުވާލުގެ ޖަވާބު ތަފާތު މީސްމީހުންގެ ކިބައިން އަޑުއަހާފައިވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް މިސުވާލުގެ ޖަވާބު ދެއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް "އުޙުދު" ފަރުބަދަހާ ރަން ލިބުނު ނަމަވެސް ތިމަންކަލޭގެފާނުގެ ދަރަނިތައް އަދާކޮށްލެވޭ މިންވަރު ފިޔަވައި، ތިންދުވަހަށްވުރެ ގިނަދުވަހަށް އެހުރުމަށް ތިމަންކަލޭގެފާނު ލޯބި ނުކުރައްވަމެވެ."
މި ލިޔުން ނެގިފައިވަނީ މާވަށް އިންފޯ އިންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...