ވާހަކަ

ވަޢުދު (ނުވަވަނަބައި)

އެ ބޭސްތަކަށް ބަލަންހުރެ މި ކުއްޖާއަށް ނުހިނގޭކަން ސިކުނޑިއަށް ނަގައިގަނެވުނު ހިނދު އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނަ އިންޑިޔާގައި މަޑުކުރި ރެއެވެ. އެރޭ އޭނަގެ ޝައުޤުވެރިކަން ހޯދި އެމްއާރްއައި ރިޕޯޓެވެ. ހަމަ އެއާއެކު އެ ސްކޭންގެ މަތީގައި އޮތް ނަން ވެސް އޭނަގެ ލޯކުރިމަތިން ސާފުކޮށް ސިފަވެގެން ދިޔަ ހިނދު އޭނައަށް މަލާކަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ.

"މި ކުއްޖާގެ އެމްއާރްއައި ރިޕޯޓެއް އޮތިއްޔާ ގެނެސްދެވިދާނެތޯ؟" އަޔާޒަށް ކުއްލި ގޮތަކަށް އެހެން އަހާލެވުނީ އަވަސްއަވަހަށެވެ. އެ ރިޕޯޓް ބަދަލުކުރަން އުޅުނު ބައެއްގެ މަތިން ހަނދާންވުމާއި އެކީގައިވެސްމެއެވެ.

"އެއީ ކޮން...ކަހަލަ ރިޕޯޓެއްތޯ؟" ސާރިޔާ ޝައްކެއްގެ މަތީގައި ހުރެ އަހާލިއެވެ.

"އެއީ ސިކުނޑީގެ ސްކޭންއެއް ހަދާފަ އެއަށް ބަލައިގެން ލިޔެފަ އޮންނަ ރިޕޯޓެއް. އެކަހަލަ ރިޕޯޓެއް އެބައޮތްތޯ؟" އަޔާޒް ސުވާލުކުރިއެވެ. އެއާއެކު ސާރިޔާގެ ދެލޯ ބޮޑުވެ މެއަށް ފިނިވެގެން ދިޔައެވެ. އޭނަގެ ކުރިމަތީގައި އިން ޑޮކްޓަރު މަލާކްގެ ބޭސް ގެންނާށޭ ބުނުމުން މަލާކަށް ދިމާވާ ކަންތައް އެ ދިމާވަނީ އެ ބޭހުގެ ސަބަބުންހެން އޭނައަށް ހީވިއެވެ. އެހެނަސް ސިކުނޑީގެ ސްކޭންގެ ރިޕޯޓް ގެނައުމަށް އެންގުމުން އޭނަގެ ހިތް ބިރުގަންނަ ގޮތްވިއެވެ. މަލާކް މިއަދު އެ ހޭނެތުނީ އޭނަގެ ސިކުނޑީގެ ޙާލަތު ދަށްވެފައިވި މިންވަރުންހެން ސާރިޔާއަށް ހީވިއެވެ.

"ދައްތާ...." ޖަވާބެއް ނުލިބި ގިނައިރުވުމުން އަޔާޒަށް ގޮވާލެވުނެވެ. ހަމަ އެއާއެކު ސާރިޔާއަށް ހަމަހޭވެރިކަމެއް ލިބުނެވެ.

"އެ...އެބަ ގެންނަން." ސާރިޔާ ތުރުތުރު އަޅާ އަޑަކުން އެހެން ބުނެ ވަގުތުން އެކޮޓަރިން ނިކުމެގެން ދިޔައީ އޭނައާއި މަސްޢޫދު ޙިއްސާ ކުރާ ކޮޓަރިއަށެވެ. އެއަށްފަހު އޭނަ އެ ކޮޓަރީގައި ހުރި އަލަމާރި ހުޅުވައި، އަލަމާރީގެ ތިރީގައި ހުރި ފިލަގަނޑު މަތީގައި ހުރި ފަށްޖެހި ފަޓުލޫނުތަކެއްގެ ބަރިއެއް ހިއްލާލިއެވެ. އޭނަ މަލާކް އަތުން އެ ރިޕޯޓް ހޯދާފައި ބޭއްވީ އެތާނގައި ކަމަށްވާތީވެއެވެ. އެހެނަސް އެތަނުން އެ ރިޕޯޓް ނުފެނުމުން ސާރިޔާގެ ސިކުނޑި ހާސްވިއެވެ. އޭނައަށް ވަގުތުން ހަމަ އެ ފިލަގަނޑު މަތީގައި ބެހެއްޓިފައި ހުރި އެހެނިހެން އަންނައުނު ބަރިތައް ހިއްލައި ބަލާލެވުނެވެ. އެހެނަސް އެއްވެސް ބަރިއެއްގެ ދަށުން އޭތި ފެންނަ ގޮތެއް ނުވުމުން ސާރިޔާ އަލަމާރިގައި ހުރި ވަތްގަނޑުތައް ވެސް ހުޅުވައި ހާވާލިއެވެ. އެތަނުން ވެސް ނުފެނުމުން ސާރިޔާއަށް ކުރުވެފައިވާ ނޭވާއަކާއެކީ ތެދުވެލެވުނެވެ. އޭތި ބެލުމަށްޓަކައި މަލާކް އޭތި ނެގީބާއޭ ހިތައި އޭނަ އަނެއްކާވެސް މަލާކްގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ.

ސާރިޔާ ގޮސް މަލާކްގެ ކޮޓަރިއަށް ވަން ވަގުތު އަޔާޒް އިނީ މަލާކްގެ ފައިލާ ކޮޅާއި އޭނަ އިން ގޮނޑި ކައިރިކޮށްގެން އެ ފައި ސީދަލަށް ހުރޭތޯ ބަލަބަލައެވެ. އެކަމަށް ސަމާލުކަން ދީގެން ހުރިވަރުން ސާރިޔާ އެކޮޓަރިއަށް ވަންކަމެއް ވެސް އޭނައަށް ރޭކާނުލައެވެ. އެއީ އޭނަގެ ކަށީގައި ހިފާފައިވާ އާދައަކަށްވާތީވެއެވެ. ބަލި މީހެއް އޭނަ ގާތަށް ގެނެވިއްޖެނަމަ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނައަށް ވިސްނޭނީ އެ ބަލި ރަނގަޅު ކުރެވޭނެ ގޮތަކާއި މެދުގައެވެ.

އަޔާޒްގެ ސަމާލުކަން އެހެން ދިމާލަކަށް ދަތުރު ކުރީ އެތައް ގަނޑުތަކެއް އެއްފަހަރާ ބިންމައްޗަށް ވެއްޓުނު އަޑަށެވެ. އަޔާޒް ބަލާލިއިރު ސާރިޔާ އެތާހުރި ކިޔަވާ މޭޒުގެ ވަތްގަނޑުތައް ހުޅުވައި ހާވަމުން އޭގެ ތެރޭގައި ހުރި އެއްޗެހި ބިމަށް ޖަހަނީއެވެ. އެ ދައްތަ އެއްޗެއް ހޯދަނީ އޭނަގެ އެދުމަށްކަން އެނގުންވި ހިނދު އަޔާޒަށް ވާހަކަ ދެކެވުނެވެ.

"ރިޕޯޓް ނުފެނުނީތޯ ދައްތާ؟" އަޔާޒަށް އަހާލެވުނެވެ.

"އަ....އާނ...އޮތިއްޔާ އޮންނަންވާނެ މި ކޮޓަރީގަ. އެކަމަކު މި ވަގުތު ނުފެނޭ." ސާރިޔާ އެހެން ބުނެލީ ދެންވެސް އެ މޭޒުމަތީގައި ހުރި ފޮތްތަކުގެ ތެރެއިން ހާވަމުންނެވެ.

"އެ ރިޕޯޓް ބަލާފަ ޑޮކްޓަރު ބުނުއްވީ ކީކޭކަން އެނގިލައްވާތޯ ދައްތައަށް؟" އަޔާޒް ދެންވެސް މަލާކްގެ އެއްފައިގައި އެއްއަތުން ހިފަހައްޓައިގެން ހުރެ ސުވާލުކުރިއެވެ. އޭނަގެ އެ ސުވާލާއެކީ ސާރިޔާ އޭނައާއި ދިމާލަށް އެނބުރިލިއެވެ. އަޔާޒަށް ނޭނގުނު ސަބަބަކާހުރެ އެ ހިނދު އޭނަގެ ކުރިމަތީގައި ހުރި ދައްތަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވެއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދައްތަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ކޮޓަރީގެ ބޭރުން ކޮންމެވެސް އަންހެން ކުއްޖެއްގެ އަޑު އިވުނެވެ.

"ސާރިޔައްތާ! ސާރިޔައްތަ މިތާނގަ އެބަހުރިދޯ މި ގަޑީގަ ލަފާ ދޯންޏަށް އިންތިޒާރުކޮށްގެން ހުރި ކުއްޖެއް؟ ދޯނި ލަފައިފިކަން އަންނަން މަ މިއައީ. އެކުއްޖާގެ ދަބަސް މިހިރީ..." ފަހު ޖުމްލަ ބުނެލި ހިނދު ދޮރުމަތިން ފެނިގެން ދިޔައީ އަޔާޒްގެ ދަބަސް ހިފައިގެން ރަކިވަމުން އައި ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއާމެދު ހިސާބަކަށް ފޫހިވެފައި އިނދެވެސް އަޔާޒް މަޑުމަޑުން މަލާކްގެ ފަޔަށް ފިތާލަމުން އެ ފައިން ދޫކޮށްލިއެވެ. އަދި ހިތާއި ދެކޮޅަށް ތެދުވެ މަލާކަށް ބަލާލިއިރު މަލާކަށްޓަކައި އޭނަގެ ހިތުގައި ޙަމްދަރުދީއެއްވިއެވެ. އަދި އެއްފަހަރު މަލާކާއި ދިމާވާނެ ކަމަށް އޭނައަށް އުއްމީދު ކުރެވުނީ އޭނަ މަލާކްގެ ޙާލަތް ރަނގަޅުކޮށްދޭން ބޭނުންވި މިންވަރުންނެވެ. މިއީ އޭނަ ޝައުޤުވެރިކަން ހުރި ޙާލަތަކަށް ވާތީވެސްމެއެވެ. ކޮންމެއަކަސް އޭނަ އަނބުރާ ރަށަށް ވެސް ދާން ޖެހޭކަން އެނގުންވުމުން އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެކެވުނެވެ.

"އަޅުގަނޑު ދެން ދަނީ ދައްތާ....މަލާކް މިވަގުތު ކަމުންދާ ބޭސްތައް މެދުކަނޑާލުން އެދެން. އޭރުން ބޯ އެނބުރުން ކަހަލަ ކަންތައް މުޅިން ރަނގަޅުވެގެންދާނެ. މީގެ ގަޑިއިރުތަކެއް ފަހުން މަލާކް ހޭއަރާނެކަމަށް ބެލެވެނީ. މިރޭ 9 ޖަހާއިރަށް ހޭނޭރިއްޔާ ފަހަރެއްގަ ހޮސްޕިޓަލްގަ އެޑްމިޓްވެސް ކުރަން ޖެހިދާނެ ދެ ތިން ދުވަހަށް. ހޭއެރުމުން ގިނަގިނައިން ފެންބޮއި، މޭވާއާއި ތަރުކާރީ ފަދަ ޞިއްޙަތު ރަނގަޅު ކާނާ ކެއުން މުހިއްމު....އަޅުގަނޑު..." އަޔާޒްގެ ވާހަކަ ފުރިހަމަ ނުވަނީސް ސާރިޔާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ވާހަކަ ދެއްކިއެވެ.

"ތިއީ މިތާ ކައިރި ރަށުގެ ހަސްފަތާލުގަ ހުންނަ ޑޮކްޓަރެއްތޯ؟" ސާރިޔާ ކަރުނުން ފުރިގެންވި ދެލޮލާއި އެކީ އަހާލިއެވެ.

"ނު....ނޫން ދައްތާ އަޅުގަނޑު އުޅެނީ މާލޭގަ." އަޔާޒް އެހެން ބުނިތަނާހެން ސާރިޔާގެ އަޑުހަރުވިއެވެ.

"މާލޭގަ ހުރެގެން އަހަރުމެންގެ މަލާކަށް ކޮން ފަރުވާއެއް ދެވޭނީ؟! އެނ؟! އެއްފަހަރު ވިޔަސް ރަނގަޅު ފަރުވާއެއް ދެވޭނެ ޑޮކްޓަރަކު އަހަރުމެން ރަށުގަ ހުރިއްޔާ ވާނީ ކީއް؟ މި...މިރޭވެސް އަހަރުމެންގެ މަލާކް ހޭނޭރިއްޔާ ޖެހޭނީ ކަނޑުމަގުން ގަނަތެޅިގެން އެކުއްޖާ ގޮވައިގެން ދާން! ގޮއްސަ އެތާނގަ ހުރި ބޭރުމީހާ ކިޔާ އެއްޗެއް އެތާ ހުރި ދިވެހި ކުއްޖާއަށް ރަނގަޅަށް ކިޔައިދޭން އެނގެނީއެއްނޫން. އެނގިގެން ވެސް ހޯދާ ފަރުވާއަކުން ރަނގަޅެއް ވަނީއެއްނޫން...އަހަރުމެންގެ މަލާކަށް ވެދާނެ ގޮތެއް އެނގެނީއެއްވެސް ނޫން...." ސާރިޔާ ވާހަކަ ދައްކަމުން ގޮސް ފަހު ޖުމްލަ ބުނެލި ހިނދު އޭނައަށް ގިސްލެވެން ފެށިއެވެ. ކުރިއަށް އޮތްތާނގައި މަލާކަށް ވެދާނެ ގޮތަކާއިމެދު އޭނަ ޙަޤީޤަތުގައި ވެސް ހިތްބިރު ގެންފައިވެއެވެ. އެދުވަހަކުން މަލާކަށް ރަނގަޅު ފަރުވާއެއް ހޯދައިނުދެވިދާނެކަމުގެ ބިރުވެސްމެއެވެ.

ސާރިޔާގެ ވާހަކަތައް އަޑުއެހުމަށްފަހު އަޔާޒަށް އިރުކޮޅެއް ވަންދެން އެ ދައްތަ ރޯ މަންޒަރު ބަލަހައްޓައިގެން ހުއްޓެވެ. އެ ދައްތަގެ އިޙްސާސްތައް އޭނައަށް އެނގުންވިއެވެ. ރަނގަޅު ޑޮކްޓަރަކު ނެތް ރަށެއްގައި ބަލި ކުއްޖަކު ގޮވައިގެން އުޅޭނީ ކިހާ ބޮޑު ނުތަނަވަސްކަމެއްގައި ކަން އޭނައަށް އިޙްސާސް ކުރެވުނީ ފުރަތަމަ ފަހަރަށެވެ. އެކަން ޙައްލުކުރެވިދާނެ ގޮތެއް ވިސްނުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

"ދައްތާ....އަޅުގަނޑުގެ ނަންބަރު އަޅުގަނޑު ދައްތައަށް ދޭނަން. މަލާކަށް އެއްވެސް ގޮތެއް ދިމާވެއްޖެއްޔާ އެންމެ ފުރަތަމަ އަޅުގަނޑަށް ގުޅާލުން އެދެން. އޭރުން އަޅުގަނޑު ކިޔައިދޭނަން ގޭގަ ވެސް ދެވިދާނެ ފަރުވާތައް. ހޮސްޕިޓަލަށް ގެންދަން ޖެހެންޏާ ވެސް އަޅުގަނޑު ބުނާނަން. އަދި ހޮސްޕިޓަލުން ދޭ މަޢުލޫމާތުތައް އަޅުގަނޑަށް ފޮނުވީމަ މަލާކްގެ ޙާލަތު ކިހިނެއްތޯ އަޅުގަނޑު ދައްތަމެންނަށް ސާފުކޮށް ކިޔާލަދޭނަން....ދައްތަގެ ފޯނުގަ އަޅުގަނޑުގެ ނަންބަރު ސޭވްކޮށްލަންވީ ނޫންތޯ؟" އަޔާޒް އޭނަ ކޮށްދޭން އެދިގެން ހުރި ކަންތައް ކިޔައިދިނުމަށްފަހު ބުނެލިއެވެ. އެ ހިނދު ސާރިޔާއަށާއި ދޮރުމަތީގައި ހުއްޓިހުރި އަންހެން ކުއްޖާއަށް ވެސް ހުއްޓުން އަރާފައި އަޔާޒަށް ބަލަހައްޓައިގެން ތިބެވުނެވެ. ސިކުންތުކޮޅެއްފަހުން ސާރިޔާ ވާހަކަ ދެއްކިއެވެ.

"ދައްތަ އަތުގަ ނޯވޭ ފޯނެއް...މަލާކްގެ..." ސާރިޔާގެ ވާހަކަ މެދުކެނޑުނެވެ.

"އެހެންވީއިރު އަޅުގަނޑުގެ ނަންބަރު އެ ފޮތުގަ ނޯޓްކޮށްލިޔަސް މައްސަލައެއްނެތްތޯ؟" ކިޔަވާ މޭޒުމަތީގައި ހުޅުވިފައި އޮތް ފޮތެއް ފެނިފައި އަޔާޒް އަހާލިއެވެ. ސާރިޔާ އެދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. އެއާއެކު އަޔާޒް ކިޔަވާ މޭޒު ކައިރިއަށް ގޮސް ހުޅުވިފައި އޮތް ފޮތުގެ ކައިރީގައި ބޭއްވިފައި އޮތް ގަލަމުން ފޮތުގެ ހުސް ގަނޑެއްގައި އޭނަގެ ނަންބަރާއި ނަން ލިޔެލިއެވެ. އެއަށްފަހު ގަލަން އޮތްގޮތަށް ބާއްވަމުން ކޮޓަރިން ނިކުންނަން ދިމާކުރިއެވެ.

"ދަނީ އިނގޭ ދައްތާ؟ އެމްއާރްއައި ރިޕޯޓް ފެނުނުއިރަކުން ކޮންމެވެސް ގޮތަކަށް އަޅުގަނޑަށް އޭގެ ފޮޓޯއެއް ވިޔަސް ފޮނުވާލަ ދިނުން ވަރަށް ބޮޑަށް އެދެން." އަޔާޒް އެތާ ދޮރުމަތީގައި އާޝޯޚުވެފައި އޭނައަށް ބަލަން ހުރި ކުއްޖާ އަތުން އޭނަގެ ދަބަސް ހޯދަމުން ސާރިޔާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސާރިޔާއަށް ލިބުނު ހިތްހަމަޖެހުމުގައި ބޭއިޚްތިޔާރުގައި އޭނައަށް ހީލެވުނެވެ.

"ވް...ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި ކުއްޖާއަށް ނޭނގޭ ތި ކޮށްދިނީ ކިހާ ބޮޑު ކަމެއްކަން....މާތް ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވައި ގިނަގުނަ ނިޢުމަތްތައް ދެއްވާށި...ކިތައް ރުފިޔާތޯ ނަންގަވާނީ މިއަދު މަލާކް ބަލައިދިން ކަމަށްޓަކައި؟" ސާރިޔާ ކަމެއް ހަނދާންވި ފަދައަކުން ސުވާލުކޮށްލިއެވެ. އަޔާޒް ބޯހޫރުވާލިއެވެ.

"ހޮސްޕިޓަލުން ބޭރުގައި އަޅުގަނޑު މީހަކަށް ފަރުވާއެއް ދެނީ ފައިސާއަށް އެދިގެނެއްނޫން. އަޅުގަނޑަށް އެހީވެވެން އޮތް މީހަކަށް އެހީވެދިނުމަކީ ލިބޭ އުފަލެއްކަމުގައި ދެކެން. ދައްތަ ރަނގަޅަށް މަލާކް ބަލައްޗޭ. އަޅުގަނޑު ދެން މިރަށަށް އައިއްޔާ މިގެއަށް އަންނާނަން." އަޔާޒް ބުނެލިއެވެ. ސާރިޔާ އުފާވެރި ހިނިތުންވުމަކާއެކީ އިން ޝާ ﷲ އޭ ބުނެލުމުން އަޔާޒް ބޯޖަހައި އެތަނުން ދާން ހިނގައިގަތީ އެތާ އޭނައަށް ބަލަން ހުރި ކުއްޖާއަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. އަޔާޒް ހަމަ ޙަޤީޤަތުގައި ވެސް އޭނަ ދެންމެ ކޮށްދިން ކަމާއިމެދު ހިތްހަމަޖެހިފައި ހުރެ އޭނަގެ ދަބަސް އެއްކޮނޑުގައި އަޅުވައިގެން އެގެއިން ނިކުންނަން ދިޔައެވެ. އޭނަ ދޮރުމައްޗަށް އެރި ވަގުތަކީ މަލާކްގެ ޚަބަރު އިވިގެން ރަށު އޮފީސް ކައިރީގައި ހުރެފައި ހާސްވެގެން ގެއަށް އަންނަމުން ދިޔަ މަސްޢޫދު ގެއާއި ހަމަވަމުން ދިޔަ ވަގުތެވެ. މަސްޢޫދު ހަރު ހިނގުމެއްގައި އައިސް އިސްއުފުލާލި ވަގުތު އަޔާޒް ފެނިފައި ފިޔަވަޅުތައް މަޑުކޮށްލިއެވެ. އަޔާޒް މަސްޢޫދަށް ހިނިތުންވުމެއް ދައްކާލުމުން މަސްޢޫދުގެ ނިތަށް ރޫގިނަވިއެވެ.

"ތިއީ ކާކު؟" މަސްޢޫދު އޭނަގެ ކަންބޮޑުވުމުގައި ހުރެ އަހާލިއެވެ.

"އަޅުގަނޑު މިއީ ޑޮކްޓަރެއް. މަލާކް ހޭނެތުނީމަ ގެއަށް ގެނެސް އަޅުގަނޑު ބަލައިފިން. މަލާކްވަނީ ނުރައްކާތެރި ޙާލަތެއްގައެއްނޫން. ވަރަށް އަވަހަށް ހޭވެސްލެވޭނެ. އެހެން ހުރިހާ ތަފްޞީލެއް މަލާކްގެ މަންމައަށް ކިޔައިދީފަވާނީ." އަޔާޒް އޭނަގެ ހިނިތުންވުމުގައި ހުރެ ބުނެލިއެވެ. މަސްޢޫދަށް އަޔާޒާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ މި ރަށަށް ބީރައްޓެއްސެއްކަން އެނގުންވުމުން އެއީ ޑޮކްޓަރަކަށް ވެދާނެކަމަށް މަސްޢޫދަށް ޤަބޫލުކުރެވުނެވެ. އެހެނަސް ކީއްވެކަމެއް ނޭނގުނެވެ. އެ މޫނުމަތިން އޭނަ ދަންނަ ގޮތެއް ހުއްޓެވެ. އެ ސޫރަ ފެނިފައި އޭނަ ހަނދާންވަނީ ކާކުކަން އެނގުންވި ވަގުތު މަސްޢޫދުގެ ނޭވާ މެދުކެނޑޭ ގޮތްވިއެވެ. އިރުކޮޅެއްފަހުން އޭނައަށް ވާހަކަ ދެކެވުނެވެ.

"ތިއީ....ޢަބްދުލްޙަލީމްގެ ދަރިއެއްތަ؟" މަސްޢޫދަށް އެހެން އަހާލެވުނީ އޭނަގެ ވިންދު އަވަސްވެފައިވާ ޙާލުގައެވެ.

"އާދެ! ކިހިނެއްތޯ އެނގިލެއްވީ؟!" އަޔާޒަށް ޙައިރާންވެފައިހުރެ އަހާލެވުނެވެ. އެ ހިނދު މަސްޢޫދަށް ލުއި އާހަކާއެކީ ހިނިތުންވެލެވުނެވެ.

"މޫނުމަތިން ހަމަ ހީވަނީ ޙަލީމްގެ ޒުވާން ދުވަސްވަރުހެން ވިއްޔާ. ޙަލީމްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އޭނަ ދުނިޔޭގަ ހުރިއިރު. ދެމީހުން އެކީގަ ބޯޓު ދަތުރުތަކުގަ ވަޒީފާ އަދާކުރީ." މަސްޢޫދު ކިޔައިދިނެވެ.

"އެހެންތޯ؟ ކޮން ނަމެއްތޯ ބޭބެއަށް ކިޔަނީ؟" އަޔާޒަށް އަހާލެވުނެވެ.

"މަސްޢޫދު....މަސްޢޫދު ޢަލީ." މަސްޢޫދު ބުނެލިއެވެ. އެ ނަން އިވިގެން ދިޔަ އަޔާޒް ކުއްލިއަކަށް އެއްޗެއްގެ މަތިން ހަނދާންވިއެވެ. އެއާއެކު އޭނަ އޭނަގެ ދަބަސް ކޮނޑުން ނަގައި ހިފަހައްޓާލަމުން ދަބަހުގެ ކުރިމަތީގައި ހުރި ބައި ހުޅުވާލިއެވެ.

"ނަސީބެއް ބޭބެއާއި ދިމާވިކަން. ބޭބެއަށް ދޭން އަޅުގަނޑުގެ ދޮންބެ އަޅުގަނޑާއި ޙަވާލުކުރި އެއްޗެއް މީ." އަޔާޒް އޭނަގެ ދަބަހުން އެއްކަލަ ސިޓީ އުރަ ނަގައި މަސްޢޫދުގެ އަތަށް ލައިދިނެވެ.

"މިއީ ކޯޗެއް؟" މަސްޢޫދަށް އަހާލެވުނެވެ.

"ނޭނގެ. އަޅުގަނޑު ނުއެއް ބަލަން ތިއީ ކޯޓު މައްސަލައަކާއި ގުޅޭ އެއްޗަކަށް ވެދާނެތީ. އަޅުގަނޑުގެ ދޮންބެއަކީ ވަކީލެއްވީމަ ޢާއްމުކޮށް ދޮންބެ މިހެން ދޭ އެއްޗެހި ބަލައި ނޫޅެން." އަޔާޒް ތެދުތެދަށް ބުނެލިއެވެ. މަސްޢޫދު ބޯޖަހާލިއެވެ.

"ތިއީ އެހެންވީއިރު ޙަލީމްގެ ހަގު ފިރިހެން ދަރިފުޅުދޯ؟" މަސްޢޫދު ސިޓީ އުރައަށް ބަލައި އަޔާޒަށް ބަލާލަމުން އަހާލިއެވެ. އަޔާޒް އޭނަގެ ދަބަސް ކޮނޑުގައި އަޅުވާލަމުން އާދެއޭ ބުނެލިއެވެ. އެއަށްފަހު ފާލަމާއި ދިމާލަށް މީހުން ދާ މަންޒަރު ފެނިފައި ދަނީއޭ ބުނެ އެދިމާލަށް ދާން އަވަސްވެގަތެވެ. އަޔާޒް ދިޔަ މަންޒަރު މަސްޢޫދަށް ބަލަހައްޓައިގެން ހުރެވުނީ ސީރިއަސް ނަޒަރެއްގައެވެ.

ފާލަމަށް އެއްވި ހުރިހާ ދަތުރުވެރިން ދޯންޏަށް އަރައި ނިމުނުތާ މާ ގިނައިރެއްނުވެ ދޯނި އެ ފާލަމާއި ދުރުވާން ފެށިއެވެ. ނިސްބަތުން މަދު މީހުން އެރި އެ ދޯނީގައި އަޔާޒް އިށީނދެގެން އިނީ ފުދޭވަރަކަށް ހުސް ޖާގަ ހުރި ތަނެއްގައެވެ. ދޯނި ފާލަމާއި ދުރަށްދާން ފެށި ވަގުތު އަޔާޒަށް އޭނަ އަލްވަދާޢު ކިޔަމުންދާ ރަށާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. އެ ހިނދު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ ހިނިތުންވުމެއްގައި ފުރޮޅިލީ ގޮނޑީގައި އިން މަލާކެވެ. އޭގެ މާ ގިނައިރެއްނުވެ މަލާކް ދެލޯ މެރިގެން ވެއްޓެން ދިޔަ ގޮތެވެ. އޭނަގެ އަތުތެރޭގައި އޮތްއިރު އެ މޫނުމަތިން ފެނުނު ނާޒުކުކަމެވެ. އެއަށްފަހު އޭނަ މަލާކްގެ ގެއަށް ގޮސް މަލާކަށް ފަރުވާ ދޭން އުޅުމުން ވީ ގޮތެވެ. އޭނަ ނުހަނު ދެކެން ބޭނުންވި އެމްއާރްއައި ރިޕޯޓް އޭނައަށް ނުފެނުނު ގޮތެވެ.

އެ ރިޕޯޓާއިމެދު ވިސްނަން އިނދެއިނދެފައި އަޔާޒަށް އޭނަގެ ފޯނު ނެގުނެވެ. އެއަށްފަހު އޭނަ ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ހެލޯ ކޯރމެޑް ހޮސްޕިޓަލް؟ މިއީ ޑޮކްޓާރ އަޔާޒް......މީގެ 3 ދުވަސްކުރިން....އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު ލިޔުނު ހުރިހާ އެމްއާރްއައި ރިޕޯޓެއް އަޅުގަނޑަށް މެއިލްކޮށްދެވިދާނެތޯ؟ އެމް.ޑީ. ގެ ހުއްދަ އަޅުގަނޑު އަމިއްލައަށް ހޯދާނަން...އާދެ. ޝުކުރިއްޔާ!" އަޔާޒް އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލިއެވެ. އެއަށްފަހު ވިސްނުމެއްގައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނެވެ.

**

މަސްޢޫދު އޭނަގެ އަތަށް ލިބުނު ސިޓީ އުރައަށް ބަލައިގެން އިރުކޮޅެއް ވަންދެން ހުރެފައި މަސްޢޫދު ގެއަށް ވަންނަން ދިޔައެވެ. އޭނަ ހުރީ ދެންމެ އޭނައަށް ފެނުނު ކުއްޖާއާއިމެދު ސާރިޔާއާއި ސުވާލުކުރަން ބޭނުންވެފައެވެ. އޭނަ ސާރިޔާއަށް ގޮވަމުން ދަނިކޮށް އުޖާލާވި ހިނިތުންވުމެއްގައި ހުރި ސާރިޔާ މަލާކްގެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލި މަންޒަރު އޭނައަށް ފެނުނެވެ.

"މަސްޢޫދަށްވާ ތި އާދެވުނީ ތަންކޮޅެއް ލަހުން! ދެންމެ މިގެއަށް އައި ކުއްޖަކު ފެނުނުނަމަ އުފަލުން ގޮސް މޮޔަވީސް....އެއީ ދިވެހި ޑޮކްޓަރެއް. އައިސް މަލާކް ބަލާފަ ބުނީ މަލާކްގެ ބޭސް މެދުކެނޑީމަ އެ މަންޖެ ރަނގަޅުވާނެއޯ. ހޭއެރީމަ ޞިއްޙަތު ރަނގަޅު ކާނާ ދޭށޯ. އަދި އެއްވެސް ކަމެއް ދިމާވިއްޔާ ތިމަންނައަށް ގުޅާށޯ ކިޔާފަ ނަންބަރުވެސް ދީފައޭ ދިޔައީ! ވަރަށް މި ޒަމާނުގަ ނުފެންނާނެ ކަހަލަ ކުއްޖެއް އެއީ މާ ޝާ ﷲ!" ސާރިޔާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

"އެއީ ކާކުކަން ސާރިޔާއަށް އެބަ އިނގޭތަ؟" މަސްޢޫދު އާދައިގެ އަޑަކުން އަހާލިއެވެ.

"ނޫން ނޭނގޭ....ނަމެއް ނާހަން. ނަންބަރު ލިޔުނު ފޮތުގަ ނަން ލިޔެފަ ކަންނޭނގެ އޮންނާނީ ބަލާލަ...." ސާރިޔާ އެއްނޭވައިން އެހެން ބުނެ އެ ޑޮކްޓަރުގެ ނަން ބެލުމަށްޓަކައި މަލާކްގެ ކޮޓަރިއަށް ވަންނަން އުޅުނެވެ. އެހެނަސް އޭގެ ކުރިން މަސްޢޫދު ވާހަކަ ދެއްކިއެވެ.

"އެއީ ޢަބްދުލްޙަލީމްގެ ހަގު ފިރިހެން ދަރިފުޅު..." މަސްޢޫދު އަންގާލަދިނެވެ. އެ ހިނދު ސާރިޔާގެ ދެލޯ ބޮޑުވެ ހުއްޓުންއަރާ ގޮތްވިއެވެ. ހިނދުކޮޅެއް ވަންދެން އެހެން ހުރެފައި ސާރިޔާ ވާހަކަ ދެއްކިއެވެ.

"މް...މަސްޢޫދު ސިޓީއެއް ފޮނުވީތަ އެމީހުންނަށް؟" ސާރިޔާ ތުރުތުރު އަޅާ އަޑަކުން އަހާލިއެވެ.

"އަހަރެން ނުފޮނުވަން. އެކަމަކު އެމީހުން މިއޮތީ ސިޓީއެއް ފޮނުވާފަ." މަސްޢޫދު އެހެން ބުނުމާއެކު ސާރިޔާއަށް ލިބުނު ލުއި ސިހުމާއެކީ އޭނަގެ އާހެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަވަސް ފިޔަވަޅުތަކެއްގައި އައިސް މަސްޢޫދުގެ ކުރިމަތީގައި މަޑުކޮށްލިއެވެ.

"ކީކޭ އޮތީ ތީގަ؟" ސާރިޔާއަށް އަހާލެވުނެވެ. އެއާއެކު މަސްޢޫދު އެ ސިޓީ އުރަ ކަނޑަމުން ފަށްޖެހި ގޮނޑީގައި އިށީންނަން ދިޔައެވެ. މަސްޢޫދު ގޮނޑީގައި އިނދެ އެ އުރައިގެ ތެރެއިން ސިޓީ ނަގައި ހުޅުވާލި ވަގުތު ސާރިޔާވެސް ކެތްމަދުވެފައިވާ ފަދައަކުން ގޮސް އޭނަ ކައިރި އިށީނދެ އެއަށް ނަޒަރު ހިންގާލިއެވެ.

**

އަނެއްކާވެސް ކަނޑު ދަތުރަކާއި ބައި ގަޑިއިރުގެ ފްލައިޓަކަށްފަހު އަޔާޒް މާލެއާއި ހަމައަށް ފޯރީ 7:30 ވާން ގާތްވެފައި ވަނިކޮށެވެ. އާދައިގެ މަތިން އޭނަ އެފަދަ ގަޑިއެއްގައި ރަށަށް އައުމާއެކު ބޮޑުމަންމަ އޭނައަށް ނަމާދު މަތިން ހަނދާންކޮށްދިނެވެ. އޭނަ އުޅުނީ ނަމާދުގެ ކުރިން ވެސް އަނުމްއާއި ބައްދަލުވޭތޯއެވެ. އެހެނަސް....

"އެ މަންޖެ މަޣްރިބް ނަމާދަށް ވަންގޮތަށް ކޮޓަރީގެ ދޮރު ތަޅުލައިގެން ހުރީ. ކުރީކޮޅު އަހަރުމެންވެސް ކަންބޮޑުވި. އެކަމަކު ހައިފާ އެބަ ބުނޭ ދޭތެރެދޭތެރެއިން ޤުރުއާން ކިޔަވާ އަޑު އެބަ އިވެއޭ. ހީވަނީ ދެން އެ ދޮރު ހުޅުވޭނީ ޢިޝާ ނަމާދަށް ފަހުހެން. އަމިއްލަ ކޮއްކޮ ކައިރިން ދަސްކޮށްބަލަ އަޔާޒް!" ބޮޑުމަންމަ އޭނަ ނަމާދާއި ދުރު މިންވަރު އިޙްސާސްކޮށްދިނުމަށް އެ ފުރުޞަތުގެ ބޭނުންވެސް ހިފިއެވެ. އެހެނަސް އަޔާޒް ދެންވެސް ނަމާދަށް ދިޔުމުގެ ކުރިން ބޮޑުމަންމައާއި ހައިފާ ޙިއްސާ ކުރާ ކޮޓަރީގެ އެތެރޭގައި ހުންނަ ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައެވެ. އޭރުވެސް އެ ކޮޓަރީގެ ތެރެއިން އަނުމްގެ ކިޔެވުމުގެ އަޑު އިވުމުން އަޔާޒަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ބޮޑުމަންމަ ބުނިހެން އަޔާޒް ދެން އަނުމްއާއި ބައްދަލުކުރަން ދިމާކުރީ ޢިޝާ ނަމާދަށް ފަހުގައެވެ. ދޮންބެއާއިއެކު މިސްކިތަށް ގޮސް ޢިޝާ ނަމާދުކޮށްލައިގެން ގެއަށް އައިއިރު ބޮޑުމަންމައާއި ހައިފާގެ އިތުރުން އަނުމް ވެސް ކާމޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައި އަތްގާތް ކޮށްލަދެމުން ދިޔައެވެ. އެ މަސައްކަތުގެ ތެރެއިން އޭނަގެ ދެބޭބެއިން ފެނުމާއެކު އެމީހުންނަށް ހީކުރެވުނު ފަދައިން އަނުމް ގަނޑުވެގެން ދިޔަ މަންޒަރު އަޔާޒަށާއި ނިޝާނަށް ފެނުނެވެ. އެ ހިނދު އަޔާޒް އޭނަގެ ޖީބުގައި އޮތް ފަށް ނުދޭންވެސް ހިތަށްއެރިއެވެ. އެހެނަސް އޭނަގެ ފަރާތުން ޖެހިލުންވާ ވަރަކަށް ވެސް އެގުޅުން ހީނަރުވުން ނޫންކަމެއް ނުވާނެކަން ދަނެގެން އަޔާޒް ފިޔަވަޅެއް އެޅިއެވެ.

"އަނުމް....ކޮބާ ފުރަތަމަ ދުވަހުއްސުރެ ވެސް ހޭނިއްޖެދޯ މިގެއަށް؟" އަޔާޒް އޭނަގެ އަޑަށް ޖޯޝެއް ގެންނަމުން އެދިމާލަށް ދަމުން ސުވާލުކުރިއެވެ. ބޮޑުމަންމަ ގައިމެއްނޫންހޭ ބުނެލުމުން އަނުމް އިސްޖަހާލި ވަގުތު ހިނިތުންވުމެއް އޭނަގެ ތުންފަތްމަތިން ދުވެލިއެވެ. އެކަން ފާހަގަވުމުން އަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ.

"އޭ ބޮޑުމަންމާ.....އެބަ އިނގޭތަ އަހަރެން ޖިންސްގެ ޖީބު ތެރެއިން ކޮންމެވެސް އެއްޗެއް އެބަޖެހޭ.....ދަގަނޑު ފަންޏެއް ކަހަލަ އެއްޗެއް." އަޔާޒް އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލި ވާހަކައިން އަނުމް އޭނައަށް ބަލާލިއިރު ދެން ތިބި މީހުންނަށް ސިއްރުވެރި ގޮތަކަށް ހީލެވުނެވެ.

"ދަގަނޑު ކޯޗެކޭ؟ ޔޫ އާރ ޓޫ މަޗް ޔަޒްބެ!" ހައިފާ ސަމާސާކުރަމުން ހެވިފައިހުރެ އަހާލިއެވެ.

"ދެން ތިއެއް ބަލާލީމައެއްނު އެނގޭނީވެސް؟" ވަސީމާ އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.

"އާނދޯ؟ އަނހަ! މިއީ ކޯޗެއްބާ؟" އަޔާޒް އޭނަގެ ޖީބަށް އަތް ކޮއްޕައި އެ ޖީބުގައި އޮތް ރަން ފަށް ނަގާލަމުން ބުނެލިއެވެ. އޭނަ އޭތި އެލުވައިގެން ހުރި ގޮތުން އޭގެ ފުލުގައި އޮތް ހިތް ސާފުކޮށް ފެންނަމުން ދިޔައެވެ. އޭތި ފެނިފައި އަނުމްގެ ދެލޯ ބޮޑުވިއެވެ. އޭނަ ކުއްލިއަކަށް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަޔާޒްގެ ކައިރީގައި ހުއްޓިލިއެވެ.

"ތިއީ ކޮއްކޮގެ ފަށް!" އަނުމް ގޮސް ބުނެލިއެވެ. އެއާއެކު އަޔާޒް ޙައިރާންވާކަމަށް ހެދެމުން ހިނިތުންވުމަކާއެކީ އެ ފަށް އަނުމްގެ އަތަށް ލައިދިނެވެ.

"ކިހިނެއްބާ ދޯ ކޮއްކޮގެ ފަށް މި ބޭބެގެ ޖީބަށް އަންނާނީ؟" އަޔާޒް ނޭނގޭ ކަމަށް ހަދާފައި ބުނެލިއެވެ.

"މި ފަށް ހޯދަން ބޭބެ ކުރިން ކޮއްކޮ އުޅުނު ރަށަށް ދިޔަ ވާހަކަ ދޮންބެ ބުނި. ޖަޒާކަ ﷲ ޚައިރަން ބޭބޭ!" އަނުމް ލޯތްބާއެކީ ބުނެލި ބުނެލުމުން އަޔާޒްގެ ހިތް ވިރިގެންދާން ފެށިއެވެ. ހަމަ އެ ހިނދު އަނުމްގެ ނަޒަރުގައި އޭނަ ރަނގަޅުވީ ކާކުގެ ސަބަބުންކަން އެނގުންވުމުން އޭނައަށް ދޮންބެއާއި ދިމާލަށް ބަލާލެވުނެވެ. ދޮންބެ އޭނައަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ. އެހެނަސް އޭނަ ފުރުމުގެ ކުރިން ދޮންބެ އޭނައާއި ދެއްކި ވާހަކަ މަތިން ހަނދާންވެގެން ދިޔުމުން އަޔާޒް އަނެއްކާވެސް އަނުމްއަށް ބަލާލިއެވެ.

"ކޮއްކޯ....ތިހާ މުސްކުޅި ނަމެއް ބޭބެއަށް ނުކިޔައްޗޭ. ވަރަށް ރީތި ނަމެއްނު ކިޔަންވާނީ މިކަހަލަ ރީތި ބޭބެއަކަށް؟ ބޭބެއާއި ދިމާލަށް ކޮއްކޮ ކިޔާނީ....ތިއްތި! ކިޔާބަލަ ތިއްތި!" އަޔާޒް ހިނިތުންވުމަކާއެކީ އެދުނެވެ.

"ޖަޒާކަ ﷲ ޚައިރަން ތިއްތި!" އަނުމް ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. އެއާއެކު އަޔާޒް އުފާވެފައިހުރެ ބަރާބަރޭ ބުނެލިއެވެ. ހަމަ އެ ހިނދު އެންމެން އައިސް ކާން އިށީނުމަށް ވަސީމާ އެންގިއެވެ. އެވަގުތު ލަޔާންއާއި ލިލިއަން ވެސް އެތަނަށް ގެނެވުނެވެ. ލަޔާން ނިޝާންގެ ކައިރީގައި ބެހެއްޓިގެން ދިޔައިރު ލިލިއަން އޭނައަށް ޚާއްޞަ ކުރެވިފައިވާ އުސް ގޮނޑީގައި ކުޅޭ ތަކެއްޗާއެކީ ވަސީމާ ބެހެއްޓިއެވެ. އާދައިގެ މަތިން ތަންކޮޅެއް ކުރިން ލިލިއަންއަށް ކާންދެވިފައި ވުމުންނެވެ.

އެހެން ރޭތަކާއި ޚިލާފަށް ބީރައްޓެއްސަކު ކާ މޭޒު ދޮށުގައި އިނުމުން ލަޔާންއާއި ލިލިއަން ވެސް ޖެހިލުންވެފައި ތިބުމުން އެތަނަށް ވެރިވެފައިވީ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން ބޮޑުމަންމަ އަޔާޒް ކައިރިން އަޔާޒްގެ ދަތުރާއިމެދު ސުވާލުކުރިއެވެ. އަޔާޒް ވަގުތުން އޭނައަށް މުޅި އެދުވަހު ހަނދާންވަމުން ދިޔަ މަންޒަރުތައް ކިޔައިދޭން ފެށިއެވެ. ފުރޮޅިލީ ގޮނޑިއެއްގައި އިން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭން ފެށުމުން އަޔާޒަށް ނޭނގުނު ސަބަބަކާހުރެ އަނުމް އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލަހައްޓައިގެން އިނީ ކަންބޮޑުވެގެން އުޅޭ ފަދައަކުންނެވެ. އަޔާޒް އޭނަގެ ކަނާތް ފަރާތަށް ބަލާލިނަމަ އޭނަގެ ދޮންބެވެސް ނުހަނު ފަރުވާތެރިކަމާއެކީ އޭނައަށް ބަލަން ހުރިކަން އޭނައަށް އެނގުނީހެވެ.

"ނަސީބެއް އަނެއްހެން އަހަންނަށް އެވަގުތު އެރަށުގަ ހުރެވުނުކަން. އެ ނޫންނަމަ އެ ޢާއިލާ މީހުން ހިނގީހީ އެކުއްޖާއަށްވެގެން އުޅޭ ގޮތެއް ނޭނގިގެން. އަސްލު ތަންކޮޅެއް ޑޯޒޭޖް ހައި ކޮށް ބޭހެއް ދީފަ ހުރީ އެކުއްޖާއަށް. ބުނިން އެ ބޭސްތައް މެދުކަނޑާލާށޭ. ކަމެއް ދިމާވިއްޔާ އަހަންނަށް ގުޅާށޭ ވެސް އަހަރެން ބުނިން އެގޭ މަންމަ ކައިރި." އަޔާޒް ކިޔައިދިނެވެ.

"މާ ޝާ ﷲ! އަޔާޒްގެ ހިތުގަ އެޅީ ދޯ ތިކުއްޖާ؟ އެކުއްޖާ ގެންނަންވީއެއްނު މިގެއަށް؟" ނިޝާން އެވާހަކަ ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ސަމާސާވެރި ރާގަކަށް ކަމަށްވިޔަސް އެ ލޮލުގައި ސީރިއަސްކަމެއްވިއެވެ.

"ދޮންބޭ......އަހަންނަށް އެތަނުން ފެނުނީ އިންނާނެ ކުއްޖެއްނޫނޭ...އަހަންނަށް ފެނުނީ ބަލިމީހެއް. ބަލިމީހަކަށް އެހީވާން ވެވެން އޮތް ހުރިހާ ކަމެއް އަހަރެން ކުރާނެކަން ދޮންބެއަށް އެނގެއެއްނު؟" އަޔާޒް އޭނަގެ ކޮޅު ދިފާޢުކުރަމުން ބުނެލިއެވެ. ނިޝާން އެ ވާހަކައަށް ބޯޖަހާލިއެވެ.

"އެންމެ ރަނގަޅު. އަޔާޒް ކައި ނިމިގެން ދޮންބެގެ ކޮޓަރީގެ ބެލްކަންޏަށް ޖައްސާލަބަލަ....ކުޑަ ވާހަކައެއް ދައްކަންވެފަ އެބައޮތް." ނިޝާން އެހެން ބުނެ އޭނަގެ އުލާއި ވަޅި ތަށްޓަށް ދޫކޮށްލަމުން ތެދުވެލިއެވެ. އެއަށްފަހު އޭނަގެ ކޮޓަރިއަށްދާން މިޞްރާބުޖެހިއެވެ. ދޮންބެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލަންދެން އަޔާޒަށް އެދިމާލަށް ބަލަން އިނދެވުނެވެ. ދެންމެ ދެކެވުނު ވާހަކައާއި ގުޅުވައިގެން ދޮންބެ ކުއްލި ގޮތަކަށް އޭނައާއި ވަކިން ވާހަކަ ދައްކަން އެދުމުން އަޔާޒްގެ މެއަށް ގޮތެއްވިއެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ