އަޅުގަނޑުމެން މުސްލިމުންނަކީ ވަރަށްވެސް ނަސީބުވެރި ބަޔެއް ކަމާމެދު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަކީ އެންމެ މާތް އުންމަތުގެ އަހުލުވެރީންނެވެ. އަދުގެ ދުނިޔެއަށް ބަލާއިރު ތެލާއި ގޭސްފަދަ ގުދުރަތީ ވަސީލަތްތައް އެންމެ ގިނައިން ހުރީ މުސްލިމު ގައުމުތަކުގަ އެވެ. މާޒީއަށް ބަލާއިރު މިޒަމާނުގެ ތަމައްދުނުގެ ސަބަބު ކަމުގައިވި އިލްމީ ހޭލުންތެރިކަމުގެ ބިންގާ އަޅައިދިން މޭސްތިރިންނަކީ ހީވާގި މުސްލިމު އިލްމުވެރިންނެވެ. ނަމަވެސް އެއީ މާޒީ އެވެ. މިއަދު ދުނިޔެ ދައްކާ މަންޒަރުން ފެންނަނީ އޭރު މުސްލިމު އިލްމުވެރިން އަރިހުން ދަރިވަރުވި ޣައިރު މުސްލިމުން މިއަދު އެދުރުންނަށް ވެފައިވާތަނެވެ.
އަދުގެ ހަގީގަތަކީ ދުނިޔަވީ ތަރައްގީ އާއި ތަމައްދުނާއި އިލްމީ ދިރާސާތަކާއި އީޖާދުތަކުގެ ތެރެއިން ބޮޑުބަޔެއްގެ މޭސްތިރިން ކަމުގައި ވަނީ ޣައިރު މުސްލިމުންނެވެ. އަޅުގަނޑުމެން މުސްލިމުންނަށް މިކުރިއެރުންތަކުގެ މައުލޫމާތާއި، އިލްމީ ހޯދުންތައް އުނގެނި ދަސްވަނީ ޓީވީއާއި ރޭޑީޔޯގެ ޒަރިއްޔާއިންނާއި، އިންޓަނެޓުންނާއި، ކޮންމެ މީހެއްގެ ޖީބުގައި މިއޮންނަ ފޯނުގެ ބައެއް ސޮފްޓުވެއަރ މެދުވެރިކޮށް ލިބިދޭ "ފީޑްސް"ތަކުގެ ޒަރިއްޔާއިންނެވެ. މިފަދަ މައުލޫމާތު ލިބޭލެއް ކިތަންމެ ގިނަވެފައި ހިތްގައިމު ނަމަވެސް މިފަދަ މައުލޫމާތުތަކާމެދު ނުހަނު ރައްކާތެރިވާން ޖެހެއެވެ.
މިސާލަކަށް ބަލާއިރު އެމެރިކާގެ ސައިންޓިސްޓުން ކުރާ ކޮސްމިކް ދިރާސާއެއްގެ ސަބަބުން އޮސްޓްރޭލިޔާގައި ބިންހެލުމެއް އައުމަށް މެދުވެރިވިކަމަށް ފޯނަށް އަންނަ ފީޑެއްގައި ބުނާކަމަށް ވަންޏާ އެދިރާސާ ކުރެވުނު ގޮތާއި، ކުރި ބަޔަކާއި، މުއުތަބަރު ބައެއްތޯއާއި، ބިންހެލުން އައި ވަގުތާއި، އައި ގޮތާއި، ބިންހެލުމާގުޅޭ ގޮތުން ކަމާބެހޭ ތަޖުރިބާކާރުން ދައްކާފައިހުރި ވާހަކަތައް ބަލައި ދިރާސާކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް އެއަށްވުރެ މުހިއްމު ކަމަކީ ދީނީގޮތުން އެކަން ބެލެންއޮތް ގޮތާމެދު ދީނުގެ އިލްމުހުރި ފަރާތްތަކާ މަޝްވަރާކޮށް ތިމާގެ އަގީދާއާއި އީމާންކަމަށް ބުރޫނާރާނެ ފަދަ ގޮތަކަށް އެ އިލްމީ މައުލޫމާތު ލިބިގަތުމެވެ.
ޝައްކެއްނެތެވެ. ކަމެއްގައި ތަރައްގީވެ ކުރިއަރައި ހުރި މީހަކަށްވުރެ މޮޅު މީހަކަށްވާން އެދޭނަމަ ފުރަތަމަ އޭނާ ހުރި ހަރުފަތާ ހަމައަށް އަންނަން ޖެހެއެވެ. މިއުސޫލުން ބަލާއިރު މިއަދު މުސްލިމުން ކުރިއަރަން މަސައްކަތް ކުރާއިރު ޣައިރު މުސްލިމުންގެ ކިބައިން ހެޔޮ ފިލާވަޅުތަކެއް ލިބިގަތުމަކީ ނެތްކަމެއް ނޫނެވެ. އެހެނަސް އެމީހުންގެ ހުރިހާ ކަމެއް ކޮޕީކޮށް ގޯނިފުލަށް ލައިފިނަމަ އަޅުގަނޑުމެންނަކީ ކޮންބައެއް ކަން އޮޅިގެންދާ ހިސާބަށް ކަންތައް ދިޔުމަކީ ވަރަށްވެސް ފުރުސަތުބޮޑު ކަމެކެވެ. އެމީހުންގެ ގޮތާއި ފޮތުގައި ހިފުމުގައި ހައްދު ފަހަނައަޅައި ދެވިދާނެ އެވެ. މީހަކު ދައްކާ މަންޒަރެއްގެ ކަޅާއި ހުދު ވަކިކުރަން ނޭނގޭވަރަށް ލޯބިވެވިއްޖެ ނަމަ އެމީހެއްގެ ފަރާތުން ތިމާ ހުށަހެޅޭނެ އެންމެ ބޮޑު ނުރައްކަލަކީ އޮޅުވާލުމާއި ކެހިވެރިކަމުގެ ނުރައްކަލެވެ. އަޅުގަނޑުމެން އެމީހުންގެ ދީނަށް ތަބާނުވާހާ ހިނދަކު ޣައިރު މުސްލިމުން އަޅުގަނޑުމެންނާމެދު ހިތްނުރުހޭނެކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވުމާއެކު (ސޫރަތުލް ބަޤަރާ 120 ވަނަ އާޔަތް) އެފަދަ އޮޅުވާލުމާއި ޕްރޮޕެގެންޑާ ތަކުގެ ތެރެއިން އަޅުގަނޑުމެންގެ އީމާންކަމާ ކުޅެލަން އުޅޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އަދި އެފަދަ ހައްދުފަހަނައެޅުމެއްގެ ސަބަބުން އެމީހުންނަށްވުރެ ކުރިއަރައި ދެވިދާނެކަމާމެދު އަޅުގަނޑުމެންގެ ހިތުގައި ޝައްކުއުފެދި ނަފްސުގެ އިތުބާރު ގެއްލި އަޒުމް ބަލިކަށިވާނެކަމީ ކަށަވަރު ކަމެކެވެ.
ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ ދުނިޔަވީ ހުރިހާ ރޮނގުތަކެއްގައި ޣައިރު މުސްލިމުން އެހާ ކާމިޔާބުނޫން ކަމެވެ. ދާދި ފަހުން ހުޅަނގުގެ އިގްތިސާދީ ނިޒާމަށް ކުރިމަތިވި ކާރިސާގެ ސަބަބުން އެނިޒާމުގެ އެތައް ދިމާލަކުން ފޫވެއްޓިފައިވާކަން ހާމަވެ ދިއްލުނު ރަތް ބޮކިތައް އަދިވެސް ނިވިފައެއް ނުވެ އެވެ. އަމަން އަމާން ކަމާއި މުޖްތަމައުގެ އެއްބައިވަންތަކަމުން އެމީހުންވަނީ މަހްރޫމްވެފަ އެވެ. އިޖްތިމާއީ އަދާލަތަކީ ހަމައެކަނި އެމީހުންގެ ޑިމޮކްރަސީގެ ހުވަފެނީ ތަސްވީރަކަށް ވުމުން ރައްޔިތުން ވަނީ މާޔޫސްވެފައެވެ. އެމީހުންގެ އަމިއްލަ އަތުން ހެދި ގާނޫނުތައްވަނީ ފޭލްވެފައެވެ. މިސާލަކަށް ބަލާއިރު ޣައިރު މުސްލިމު ޙަޟާރަތުގެ މައި މަރުކަޒު ކަމުގައިވާ އެމެރިކާގައި 2009 ވަނަ އަހަރުގެ ކުށުގެ ރިކޯޑަށް ބަލާއިރު 15241 މަރާއި، 88097 ރޭޕާއި، 2607342 ވައްކަން އަދި ފައިސާއާއި އަގުބޮޑު މުދަލާ ގުޅޭ 9320971 ކުށް ރިކޯޑުކުރެވިފައިވާ ކަމަށް އެފް.ބީ.އައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އިތުރު އެތައް ހާސް މިސާލެއް އެ ހޯދާބަލާ މީހަކަށް ފެންނަން އެހެރީ އެވެ.
ޣައިރު މުސްލިމުންނަށް ހައިރާންކުރުވަނިވި މޮޅު އިލްމީ ކުރިއެރުމާއި ޓެކްނޮލޮޖީތަކުގެ ނަސީބު ލިބިފައި ވުމާއެކުވެސް މަތީގައި ބަޔާން މިކުރި ނާކާމިޔާބީތަކުގެ ސަބަބުން ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ނަސީބު ލިބުމުން އެމީހުން ވަނީ މަހުރޫމްވެފައެވެ. މިދަންނަވާ ޣައިރު މުސްލިމު ޙަޟާރަތުގެ އިލްމުވެރިންނާއި، މުފައްކިރުންނާއި، ފައިސާވެރިންނާއި، ފަންނާނުންނާއި، އެނޫންވެސް ދުނިޔެ ހިތަކަށް ލިބިފައިވާ އެތައް ބަޔަކު އެމީހުންގެ ހިތްދަތި ދިރިއުޅުމަށް ހައްލުހޯދުމަށް އެތިބަގެން އެނބުރެނީ އިސްލާމްދީނާ ދިމާލަށެވެ. އިބްރަތް ހާސިލްކުރާ ބަޔަކަށް މީގެން އެނގި ސާފުވަނީ ޣައިރު މުސްލިމުން ފަދައިން ދުނިޔަވީ ބައެއް ކަންކަމުގައި ކުރިއަރާފައިނުވި ނަމަވެސް އަޅުގަނޑުމެންނަށް އެމީހުންނަށްވުރެ ބޮޑު ނިޢުމަތެއް ލިބިފައިވާ ކަމެވެ. އިސްލާމްދީނުގެ މަތިވެރި ނިޢުމަތެވެ.
އެހެންކަމުން އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް ދެނެގަންނަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެންގެ ދީނީ އަގީދާ އާއި ދީނީ ލޯބި ބީވެގެންދާ ދަނޑިވަޅެއްގައި ލިބޭ ދުނިޔަވީ އިލްމަކާއި ކުރިއެރުމަކީ ހަގީގަތުގައި ގެއްލުމާއި ހަލާކު ކަމެވެ. އެމީހުންގެ މުޅި އުމުރު ތެދުމަގު ހޯދުމަށް މަސައްކަތްކޮށް ބައެއް ފަހަރު އިސްލާމް ދީނުގެ ހިދާޔަތުލިބޭ ޣައިރުމުސްލިމު އަޚުން ފަދައިން މިއަދު އީމާންކަން ގެއްލި، ލާހޫރުމަށްފަހު ދިރިއުޅުމުގެ ބޮޑު ބަޔެއް ވޭތުވެ "ހަޔެއް ޖަހަން ފަސް މިނެޓަށް" ވާފަހުން ހޭވެރިކަން އިހްސާސްވާ ބަޔަކަށް ނުވަމާތޯ އެވެ! މުސްކުޅި ހަރުބަހެއްގައި ވެއެވެ. "އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ!" އަދި ޒުވާނަކު ބުނެފައިވާ ހަރުބަހެއްގައި ވެއެވެ. "ރައްކާވެ ތިއްބަސް، ރައްކާނުވެ ތިއްބަސް ދަތުރެވެ!"


















ޚިޔާލު