ވާހަކަ

އިމާމް މާލިކާ ބައްދަލުވި ކުޑަކުއްޖާ

އިމާމް މާލިކް މަދީނާގައި ޢިލްމު އުނގަންނަވައި ދެއްވި ދުވަސްވަރު މައްކާގެ އަންހެނަކު، އޭނާގެ ދަރިފުޅު އިމާމް މާލިކްގެ އަރިހަށް ޢިލްމު އުނގެނުމަށްޓަކާ ފޮނުވުމަށް ނިންމިއެވެ. މި އަންހެންމީހަކީ މައްކާގެ އޭރުގެ ޤަވަރުނަރާ ތިމާގެ މީހެއްކަމުން މި އަންހެންމީހާ، މައްކާގެ ޤަވަރުނަރަށް ބުންޏެވެ. އަހަރެންގެ މި ދަރިފުޅު، އިމާމް މާލިކްގެ ދަރިވަރަކަށް ހެއްދެވުމަށް އެދި މަދީނާގެ ޤަވަރުނަރަށް ސިޓީއެއް ފޮނުވައިދީބަލާށެވެ.

އަންހެންމީހާގެ މި އެދުމާއެކު މައްކާގެ ޤަވަރުނަރު، މަދީނާގެ ޤަވަރުނަރަށް ސިޓީއެއް ލިޔުނެވެ. އެއީ އެސިޓީއާއެކު ދާ ކުއްޖާ އިމާމް މާލިކްގެ ދަރިވަރަކަށް ހެދުމަށް އިމާމް މާލިކް އަރިހުގައި ދެންނެވުމަށެވެ. ކޮންމެއަކަސް އެއަންހެންމީހާގެ ތޭރަ ވަރަކަށް އަހަރުގެ ދަރިފުޅު ސިޓީއާއިގެން މަދީނާއަށް ދަތުރުކުރިއެވެ. ޢިލްމު ހޯދުމަށްޓަކައި ދިގު ދަތުރެއް ކުރެއްވުމަށްފަހު މަދީނާއަށް ދެވުމުން، މަދީނާގެ ޤަވަރުނަރަށް މައްކާގެ ޤަވަރުނަރުގެ ސިޓީ ހަވާލު ކުރިއެވެ.

އެސިޓީ ކިޔާލުމާއެކު މަދީނާގެ ޤަވަރުނަރުގެ މޫނުގެ ކުލަ ބަދަލުވެ، ދާހިއްލާން ފެށިއެވެ. ސިޓީ ހިފައިގެން ދިޔަ ކުއްޖާ މަދީނާގެ ޤަވަރުނަރާ ސުވާލު ކުރިއެވެ. "ކިހިނެއް ވީތޯ؟"

ޤަވަރުނަރު: "ﷲ ގަންދީ ބުނަމެވެ. މައްކާގެ ޤަވަރުނަރު އަހަރެން ގާތުގައި، ފައިވާނަކަށް ނާރައި، ބޯނިވާ ނުކޮށް ހޫނުގަދަ ހަނަފަސް ސަހަރާގައި ހިނގުމަށް ބުނި ނަމަ، އެކަންވެސް އިމާމް މާލިކް ގެ ގެއަށް ދިއުމަށްވުރެ އަހަންނަށް ފަސޭހަވާނެއެވެ." އާދެ މަދީނާގެ ޤަވަރުނަރަށް މިހާބޮޑު ހާސްކަމެއް މެދުވެރިވީ އިމާމް މާލިކް ގެ ގެއަށް ދާން ޖެހުމުންނެވެ. ސަބަބަކީ އިމާމް މާލިކްގެ ޝަޚުސިއްޔަތުގެ ބޮޑުކަމާއި ހައިބަތު ވަރުގަދަ ކަމާއި މީސްތަކުން އެކަލޭގެފާނަށް ކުރައްވާ އިޚްތިރާމު ބޮޑުކަމުން އިމާމް މާލިކާ މިފަދަ މައްސަލައެއްގައި ވާހަކަ ދައްކަވަން މައްކާގެ ޤަވަރުނަރު ފަސްޖެހޭތީއެވެ.

ވާހަކައިގެން ކުރިއަށް ދަމާތޯއެވެ. ޤަވަރުނަރުގެ މި ޙައިރާން ކުރަނިވި ޖަވާބާއެކު ކުއްޖާ ޤަވަރުނަރު ގާތުން އެއްސެވިއެވެ. "ޤަވަރުނަރު އިމާމް މާލިކް އަރިހަށް ވަޑައިގަންނަވަނީ ކީއްކުރަންތޯއެވެ. އިމާމް މާލިކް ނޫންތޯ ޤަވަރުނަރު ގާތަށް ވަޑައިގަންނަވަން ޖެހޭނީ؟"

ޒުވާނާގެ އަނގައިން ނުކުތް މި ޖުމުލަޔާއެކު ޤަވަރުނަރު ހިނިވަރުނަ ކުރައްވައި ވިދާޅުވިއެވެ. "އަހަންނާ އެކު އިމާމް މާލިކް ގެ އެއަށް ދާން އަންނާށެވެ."

ޒުވާނާ އާއި މަދީނާގެ ޤަވަރުނަރު އިމާމް މާލިކްގެ އެއަށް ވަޑައިގެން ސަލާން ގޮވާލެއްވުމުން، އެގޭގެ ޚާދިމް އައިސް ސަލާމަށް ޖަވާބު ދިނެވެ. ޤަވަރުނަރު އިމާމް މާލިކާ ބައްދަލު ކޮށްލައްވަން ޚާދިމު ގާތުން އެދުމުން ޚާދިމު ބުންޏެވެ: "ދީނީ ސުވާލެއްގެ ޖަވާބު ހޯދުމަށް އެދޭނަމަ، މިއީ އެކަމަށް އެކަށޭނަ ވަޤުތެއް ނޫނެވެ. ޙަދީޘް އުނގެނެން ބޭނުން ނަމަ އިމާމް މާލިކް ގެ ދަރުހަށް ވަޑައިގަންނަވާށެވެ. ދަރުސް އޮންނާނީ މިވެނި އެވެނި ގަޑިއެއްގައެވެ. ދަޢުލަތުގެ (ސަރުކާރުގެ) ކަމެއް ކަމުގައި ވާނަމަ، މިއީ އެކަމަށް އެކަށޭނެ ވަޤުތެއް ނޫނެވެ." އެހިނދު މަދީނާގެ ޤަވަރުނަރު ވިދާޅުވިއެވެ: "އަހަރެންގެ އަތުގައި މައްކާގެ ޤަވަރުނަރު، އިމާމް މާލިކަށް ފޮނުވާފައިވާ ސިޓީއެއް އެބަ އޮތެވެ."

އެހިނދު ހަށިގަނޑު ބޮޑު، ދިގު، ވަރުގަދަ، ބޮލުގެ އިސްތަށިގަނޑު ދޮން ކުލައިގައިވާ، އަދި ލޮލުގެ ކުލަ ނޫކުލައިގައިވާ މަދީނާގެ މީހުންނާ ސިފައިގެ ގޮތުން ތަފާތު މީހެއް ގޭތެރެއިން ނުކުތެވެ. އެއީ އިމާމް މާލިކެވެ. އިމާމް މާލިކު އެދެމީހުންނާއެކު މަޖްލިސް ކުރަށްވާ ސުވާލުކުރެއްވިއެވެ: "މައްކާގެ ޤަވަރުނަރު އަހަރެންގެ ކިބައިން އެދެނީ ކޮން ކަމެއް ހެއްޔެވެ؟"

އިމާމް މާލިކު ގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މަދީނާގެ ޤަވަރުނަރު، ސިޓީ އިމާމް މާލިކާ ޙަވާލު ކޮށްލެއްވިއެވެ. ސިޓީ ކިޔުއްވުމަށް ފަހު ނުރުހުންވެ ވަޑައިގެން އިމާމް މާލިކް ވިދާޅުވިއެވެ: "لا حول ولا قوة إلا بالله. މިހާރު ޢިލްމު އުނގެނުމަށްވެސް ވެރިންގެ ނުފޫޒު ވަންނަން ފެށީތޯއެވެ؟"

އިމާމް މާލިކް އެހިނދު ކުއްޖާއަށް ބަލައިލުމުން އެކުއްޖާ އިމާމަށް އިޚްތިރާމާއެކު ބުންޏެވެ: "ﷲ ޝައިޚަށް ތެދުމަގަށް މަގު ދައްކަވާށިއެވެ. އަޅުގަނޑަކީ ރަސޫލުﷲ ޞއްލަﷲ ޢަލައިހި ވަސްއްލަމްގެ ނަސަބުފުޅުން ވާ ޤުރައިޝް ވަންހައިގެ މީހަކީމެވެ." އެކުއްޖާ މިހެން ބުނި ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަސަބުފުޅުން ވާ މީހެއް ކަން އެނގުމުން، އިމާމް މާލިކް އޭނާގެ ވާހަކަ އަހާނެކަން އިނގޭތީއެވެ. އެއާއެކު އެކުއްޖާ ކުރިއަށް ގެންދިޔައެވެ: " އަޅުގަނޑު އުމުރުން ހަތް އަހަރުގައި ޤުރްއާން ހިތުދަސް ކުރީމެވެ. އަދި އުމުރުން ދިހަ އަހަރުގައި، ޝައިޚް ލިޔުއްވި ޙަދީޘް ފޮތް ކަމަށްވާ އަލް މުވައްތާ، އޭގައިވާ ކޮންމެ ޙަދީޘެއްގެ ސަނަދާއެކު ހިތުދަސްކުރީމެވެ. އަޅުގަނޑުގެ މަންމަ އަޅުގަނޑު މިތަނަށް ފޮނުވީ އިމާމް ކައިރިން ކިޔަވާށެވެ.

އެހިނދު، އިމާމް މާލިކް އެޒުވާނާއަށް ބަލާލުމަށްފަހު ބުންޏެވެ: "އޭ ކުޑަ ކުއްޖާއެވެ! ﷲ އަށް ތަޤުވާވެރި ވާށެވެ. އަދި ފާފަ ތަކުން ދުރުހެލިވާށެވެ. ތިބާ މިދެކަންތައް ކޮށްފި ނަމަ ތިބާގެ މުސްތަޤްބަލުގައި ފާހަގަ ކޮށްލެވޭނޭ ކަންތައްތަކެއް ވާނެއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުން. އެނގިވަޑައިގަންނަވަމުތޯ މިވާހަކައިގައި މިވާ ކުޑަ ކުއްޖަކީ ކާކު ކަން, އާދެ އެއީ ޝާފީ މަޛުހަބުގެ އިމާމް ކަމަށްވާ އަލް އިމާމް އައްޝާފިޢީއެވެ. އިމާމް މާލިކަށް އެދުވަހު އެވަނީ ޝާފީގެފާނު އެހާމެ ކުޑައިރު ޖަވާބު ދެއްވި ގޮތުންވެސް، މިއީ އާދައިގެ ކުއްޖެއް ނޫންކަން ފާހަގަ ވެފައެވެ. އަދި އެކަލޭގެފާނުގެ ހިތުދަސްކުރުމުގެ ބާރުގަދަކަމާއި ޢިލްމަށް ދަހިވެތިވެފައި ވާ މީންވަރު އިމާމް މާލިކަށް ހާމަވެގެންދިޔައެވެ. އެއާއެކު، ޢިލްމު ހޯދުމުގެ ދަތުރުގައި އަދި އިތުރު ދެކަމަކަށް ސަމާލުވުމަށް އެދި ނަސޭޙަތް ދެއްވިއެވެ. އާދެ ޝާފީގެފާނު، އިމާމް މާލިކުގެ މި ނަސޭޙަތާއި އެކު ޢިލްމު އުނގެނުމުގައި އެތައް ހަރުފަތްތަކެއް ގިރާކޮށް އެންމެ ފަހުން އިމާމް މާލިކް ވިދާޅުވި ފަދައިން މުސްތަޤުބަލުގައި ފާހަގަކޮށްލެވޭފަދަ ކަންތައްތަކެއް ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާލިކީމަޛްހަބުގެ ފަހުން ވުޖޫދުވި ޝާފިޢީ މަޛްހަބުގެ އިމާމް ކަމުގައި އެކަލޭގެފާނު ވެވަޑައިގަތެވެ.

ގުޅުންހުރި

2 ޚިޔާލު

  1. Mi vaahakain alhugandakah e kudakujjaa imaam maalikge kibain ilmu haasil kurevvi kameh adhi e baddhalu vumah fahu anburaa vadaigennevee
    kameh dheyha eh nuvi.

  2. Mivaahakain alhugandakah e kudakujjaa reygandu keykameh nuvatha nukai nidheekameh ves dheyha eh nuvi.

    Vaahaka liyunu faraathun heevaniee bahdhaluvumuga hingi kanthakah hen bodah iskandheefa eheriee. Egothun balaa iru ok

Your email address will not be published. Required fields are marked *

More in ވާހަކަ