ވާހަކަ

ޙިޖުރަ – 2

އަފޫ މިހާރު ދޮންތަ ހުންނާނީ ވަރުބަލިވެފައޭ. ފަހުން ވާހަކަ ދައްކާނީ. މިހާރު އާދޭ….” ޝަރީފް ނަޞްރާގެ ފޮށި ބަހައްޓާފައި ކޮޓަރީގެ ދޮރުކައިރީ ހުރެ އަފްރީންއަށް ގޮވާލިއެވެ. އަފްރީން ޝަކުވާގެ ރާގަކަށް ދެނޭ ކިޔަމުން ޝަރީފަށް ޝަކުވާގެ ނަޒަރެއް ދިނެވެ. ނަޞްރާ އިރުކޮޅަކު ހުރުމަށްފަހު ފަސްއެނބުރެމުން އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. އެއަށްފަހު ބަލި ގޮތަކަށް ފުން ނޭވައެއްދޫކޮއްލުމަށްފަހު ޝަރީފާއި އަފްރީނަށް ވެސް ވާގޮތަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އެވަގުތު ބަލަން ހުރި މީހަކަށް ހީވެގެންދާނީ އެ އަލި މޫނުން މުޅި އެތަންވެސް އަލިވެގެން ދިޔައީހެންނެވެ. ނަޞްރާއަށް ލިބިފައިވަނީ ހިތުގެ ބަށްޓަމައްވާ މޫނެކެވެ. އެދެލޯ ޢިޝާރާތް ކުރަމުން ދިޔައީ މައުސޫމްކަމަށާއި ހިތްތިރިކަމަށެވެ. އެ ލުއި ހިނިތުންވުން ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަމެއް ލިބޭނެއެވެ. މިހުރިހާކަމެއްވެސް ޝަރީފަށް ހަނދާންކޮށްދިނީ އާބިދާގެ މަތިންނެވެ. ނަޞްރާ އޭނަގެ މަންމައާ ވަރަށްވެސް ވައްތަރެވެ.

“ޖަޒާކައް ﷲ ޚައިރަން ބައްޕާ، ފޮށި ބަހައްޓައިދިން ކަމަށްޓަކައި…..އަފޫ ޔުނިފޯމް ބަދަލުކޮށްގެން ވުޟޫކޮށްލައިގެން އާދޭ ނަމާދަށް. މަޣުރިބް ނަމާދަށް ބަންގި ގޮވާކަށެއްނު މިހާރު އުޅޭނީ؟” ނަޞްރާ ހަމަ އެހިނިތުންވުމުގައި ހުރެ އޭނަގެ މަޑުމައިތިރި އަޑުން ބުނެލިއެވެ. ނަޞްރާގެ ވާހަކަ ހުރިގޮތުން ޝަރީފްގެ މޫނުމައްޗަށް ހަމަޖެހުން ވެރިވީއިރު އަފްރީން ހުރީ ޤަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް ބޯއަރިކޮށްގެން އަނގަ ހުޅުވައިގެން ނަޞްރާއަށް ބަލާށެވެ. އޭނަ އިރުކޮޅަކު ހުރުމަށްފަހު ނަޞްރާގެ ކައިރިއަށް ގޮސް ނަޞްރާގެ ނިތުގައި އަތުގެ ނުފުށް ޖައްސާލިއެވެ.

“ދޮންތާ އާރ ޔޫ އޯކޭ؟ މަޣުރިބް ނަމާދަށް ބަންގި ގޮވަންވެސް އަދި ދިހަ މިނިޓު އެބަހުރި…..ދޮންތައެއް ނޫންތަ ބުނެއުޅުނީ މަޣުރިބް ނަމާދު ކުރާނީ ޢިޝާ ނަމާދާ އެކީގައޭ؟ އަދި ޢިޝާ ނަމާދުޖެހެން ކިހާ ވަގުތެއް އެބައޮތް؟ މި ވަގުތުކޮޅުގެ ތެރޭގަ ދޮންތަ އަހަންނަށް…..” އަފްރީންގެ ވާހަކަ މެދުކެނޑުނީ ނަޞްރާ އޭނަގެ ދެކޮނޑުގައި ހިފައި އަފްރީންގެ ނަމުން ގޮވާލުމުންނެވެ. އަފްރީން ނަޞްރާގެ މޫނަށް ބަލާލިއެވެ. އެވަގުތު ނަޞްރާގެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. ވީ މުޅިންވެސް ސީރިއަސްކަމެވެ. ދުރުގައިހުރި ޝަރީފްގެ މޫނުމަތީގައިވެސްވީ ހަމަ އެފަދަ އަސަރެކެވެ.

“އަފްރީން….އެއީ ގޯހެއް. ކޮންމެ ނަމާދެއްވެސް ކުރަންޖެހޭނީ ހަމަ އެނަމާދެއްގެ ވަގުތުގަ. ނަމާދަކީ އަހަރުމެންނަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅުކަން. އެކަމަށްޓަކައި ގޮވުމުގެ ކުރިން އެކަންކުރުމަށް ތައްޔާރުވެގެން ހުރުމުގައި ކޮބައިތަ ނުބައަކީ؟” ނަޞްރާ ނަޞޭޙަތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.

“ބަޓް މުހިންމީ ނަމާދު އަދާކުރުމެއްނު؟ ހަމަ ޢިޝާ ނަމާދާ ކައިރިކޮށްފަ ވެސް އަދާކުރެވި….” އަފްރީންގެ ވާހަކަ މިފަހަރު މެދުކަނޑާލީ ޝަރީފެވެ.

“އަފްރީން ވާހަކަ ދިގުނުކޮށް ދޮންތަ ބުނާ ގޮތަށްހަދާ.” ޝަރީފް އަފްރީންގެ ނަން ފުރިހަމައަށް ބުނެލި ގޮތުން އެ ހަރުކަށިކަން އަފްރީންއަށް އިޙްޞާޞް ކުރެވުނެވެ. އޭނައަށް އިތުރު އެއްޗެކޭ ބުނަން ނުކެރުނީ އެހެންވެއެވެ. އޭނަ ނަޞްރާ ގާތު އެބައަންނަމޭ ބުނެލުމުން ނަޞްރާ ބޯޖަހާލިއެވެ. އަފްރީން ޖެހިލުންވެފައިހުރެ ޝަރީފްއާއި ވީފަރާތަށް ފަސްއެނބުރިލިއެވެ. ކުރިމައްޗަށް ބަލާލުމާއެކު ޝަރީފްގެ ސީރިއަސް މޫނު ފެނިފައި އަފްރީންއަށް އިސްޖަހާލެވުނެވެ. އަދި ޖެހިލުންވެހުރެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީން ދިޔުމުން ޝަރީފް ނަޞްރާއަށް ބަލާލިއެވެ. ޝަރީފް އޭނަގެ ސީރިއަސް މޫނަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ބެލިއެވެ.

“އަވަހަށް ވަރުބަލި ފިލުވައިގެން ކާން އާދޭ އިނގޭ.” ޝަރީފް ބުނެލިއެވެ. ނަޞްރާ އަނެއްކާވެސް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އޭގެ އިރުކޮޅެއްނުވެ ޝަރީފް އެކޮޓަރިން ނިކުންނަމުން ދޮރު ލައްޕާލިއެވެ. .

އެރޭގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދުވެސް އަފްރީންއާއި ނަޞްރާކުރީ އެކުއެކީގައެވެ. މަޣުރިބް ނަމާދަށްފަހު އަފްރީން ދާން އުޅުމުން ނަޞްރާ އޭނަ މަޑުކުރުވިއެވެ.

“އަފޫ ދެކޭގޮތުގަ ނަމާދު ވަގުތުން ނުކުރިއަސް އެއީ މާބޮޑު މައްސަލައެއްނޫންދޯ؟” ނަޞްރާ އަހާލިއެވެ.

“ޔާ…އޭޒް ލޯންގް އޭޒް ދެން އަންނަ ނަމާދަށްވުރެ ކުރިން އެނަމާދު ކުރެވެންޏާ އެއީ މާބޮޑު މައްސަލައެއް ނޫނެއްނު؟” އަފްރީން ބުނެލިއެވެ. ނަޞްރާ އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

“އަފޫއަށް ކީއްވެގެންތަ ވަގުތުން ނަމާދު ނުކުރެވެންވީ؟ އަފޫގެ އެއްދުވަހުގެ ޝެޑިއުލް ކިޔާލަދީބަލަ ދޮންތައަށް.” ނަޞްރާ ސުވާލުކުރިއެވެ.

“ވެލް، ފުރަތަމަ ފަތިހު ފަހެއްޖަހާއިރު ތެދުވެގެން ސްކޫލަށްދާން ތައްޔާރުވެގެން ތެޅެމުން ފަތިސް ނަމާދު ކޮށް ސައިބޮއިގެން ދުވެފަ ދާނީ ސްކޫލަށް. ދެން ޓުވެލް ތާޓީއިން ގެއަށް އައިސް ފްރެޝްވެލައިގެން ކައިގެން ހޯމްވޯކް ހަދާނީ. އެކަމަކު އޭގެ ކުރިން ކުޑަކޮށް އެފްބީއަށް ވަދެލާފަ އިނގޭ އެއީ….” އަފްރީން އެންމެ ފަހު ވާހަކަ ބުނެލީ ހެމުންނެވެ.

“ދެން ކޮބައިތަ މެންދުރު ނަމާދު؟” ނަޞްރާ އަހާލިއެވެ.

“އެއީ މަސައްކަތް ހުންނާތީއޭ ނަމާދުނުކޮށް މަސައްކަތް ފަށަނީ. ދޮންތައަށް ނޭނގޭނެ ޓެންއަށް އައިފަހުން ބައިވަރު މަސައްކަތްތައް ހުރޭ. އަދި އަނެއްކޮޅުން އަނެއްކާ ހަވީރު އެކްސްޓްރާއަށް ދާންޖެހޭ.” އަފްރީން ކިޔައިދިނެވެ.

“އެހާ ވަރަށް މަސައްކަތް ހުންނާތީތަ ނަމާދުނުކޮށް ގޮސް އެންމެ ފުރަތަމަ އެފްބީއަށް ވަންނަނީ؟” ނަޞްރާގެ އެވާހަކައިން އަފްރީންގެ ބަސްހުއްޓުނެވެ. އޭނައަށް ޙަޤީޤަތުގަވެސް ވަކި އެހާ ވަގުތެއްނުވަނީއެއް ނޫންކަން ކުއްލިއަކަށް އިޙުޞާޞް ކުރެވުނެވެ. އަފްރީން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ނަޞްރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އަދި އެއްވާހަކަ. އަފޫ ވިސްނާލަބަލަ، އަފޫ އެ ގޮތަށް ފަހުން ނަމާދު ކުރަންވެގެން ހުންނަނީ ކާކު ގެރެންޓީއެއް ދީގެންތަ މިދުނިޔޭގަ ހުންނާނެ ކަމުގެ؟” ނަޞްރާ ބުނެލިއެވެ. އަފްރީންއަށް ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަޞްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ވާވް ދޮންތާ! ދޮންތަ ހަމަ ސައުދީ ކުއްޖެއް ގޮތަށް މިހާރު ވާހަކަވެސް ތި ދައްކަނީ….ހެހެހެ…އެނީވޭސް، ވަރަށް ރަނގަޅު ވާހަކައެއް ދޮންތަ ތި ދެއްކީ. މޭޑް މީ ތިންކް. ނައު އެކްސް ކިއުޒް މީ އަފޫ އަދި ބައިވަރު ހޯމްވޯކްތައް ހަދަންވެފަ އެބަހުރި.” އަފްރީން އެހެން ބުނެލަމުން ތެދުވެގެން އެ ކޮޓަރިން ނިކުމެގެން ދިޔައީ ނަޞްރާއަށް އިތުރު އެއްޗެކޭ ބުނެލާނެ ފުރުޞަތެއް ނުދީއެވެ. ނަޞްރާ އިތުރަށް ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެއްކަމަކު އޭނައަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.

ޢިޝާ ނަމާދަށްފަހު ނަޞްރާ ލައިގެން ހުރީ އޭނަ ގެއަށް އައިއިރު ވެސް ލައިގެން ހުރި ކަހަލަ ހެދުމެކެވެ. ތަފާތަކީ އޭނަ މޫނު ނިވާނުކޮށް ހުރިކަމެވެ. އޭނަ ކޮޓަރިން ނިކުތްތަނާހެން އަފްރީން އައިސް ސައުދީ ކުއްޖާއަށް ހޫނެއްވެސް ނުވަނީހޭ އަހައި ދިމާކުރިއެވެ. ނަޞްރާ އެއަށް ލުއި ގޮތަކަށް ހީލިތަނާހެން އަފްރީން އޭނަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަން އުޅުނީ އޭނައަށް ދޭން އެއްވެސް އެއްޗެއްވެސް ނުގެންނަނީތޯ ކިޔާފައެވެ. ނަމަވެސް ސިޓިންގް ރޫމުގައި އިން ޝަރީފް ނަޞްރާއަށް ގޮވާލީ އެވަގުތެވެ. އަފްރީން ނަޞްރާގެ އަތުން ދޫކޮއްލުމުން ނަޞްރާ ލައްބައޭ ކިޔައި އަޑު އައި ދިމާލަށް ދިޔައެވެ. އަފްރީން ދިޔައީ ޖެހިގެން ހުރި އޭނަގެ އަމިއްލަ ކޮޓަރިއަށެވެ.

“ކިހިނެއްވީތޯ ބައްޕާ؟” ނަޞްރާ އިށީނުމެއްވެސް ނެތި ސޯފާގައި އިން ޝަރީފްގެ ކުރިމަތީގައި ހުއްޓިލަމުން އަދަބުވެރިކަމާއެކީ އަހާލިއެވެ.

“އިށީނދޭ…” ޝަރީފް އޭނަގެ އަތުގައި އޮތް ފައިލް ލައްޕައި ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ. ނަޞްރާ އިށީނުމުން ވެސް ޝަރީފު އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

“އަފްރީން އުޅެނީ ރަނގަޅަކަށް ނޫންދޯ؟” ޝަރީފް ބިމަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ.

“ބައްޕާ….އެއީ އެ އުމުރުގެ ކުދިންނަށް އާއްމުގޮތެއްގަ ވާގޮތް. އެމީހުންނަށް ބޭނުންވާނީ ނަޞޭޙަތް. އަހަރުމެން މި ތިބީއެއްނު އަފޫއަށް ނަޞޭޙަތްދޭން؟” ނަޞްރާ ބުނެލިއެވެ. ޝަރީފް ދެންވެސް ނަޞްރާއަށް ބެލުމެއްނެތި ބޯޖަހާލިއެވެ.

“ބައްޕަގެ އުއްމީދަކީ ވެސް އެއީ. ނަޞޭޙަތްދީގެން ރަނގަޅުވާނެ ކަމަށް. ބިރުގަންނަނީ މާޒީ ތަކުރާރު ވެދާނެތީ.” ޝަރީފް ނަޞްރާއަށް ބަލާލީ އެންމެ ފަހު ޖުމްލައާއެކީގައެވެ. އެއާއެކު ނަޞްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. ޝަރީފް ދެންވެސް ހުރީ ނަޞްރާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެނެވެ. ނަޞްރާ އެތެރެއަށް ނޭވައެއްލަމުން ޝަރީފަށް ބަލާލިއެވެ.

“އެހެންނެއްނުވާނެ، އިން ޝާ ﷲ.” ނަޞްރާގެ ބަހުގައި ސާބިތުކަމެއްވިއެވެ. އެ ބަސް އަޑުއަހައިގެން ހުރި ޝަރީފްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ހަމަ އެއާއެކު އޭނަވެސް ބޯޖަހާލިއެވެ.

“އެހެންވިއްޔާ ވަރަށް ރަނގަޅު….އަސްލު ބައްޕަ ނަޞްރާ މިގެނައީ އެހެން ވާހަކަ ދައްކަންވެގެންނޭ.” ޝަރީފް އޭނަގެ ވާހަކައިގެ ރާގު ބަދަލުކޮއްލިއެވެ.

“ކޮން ވާހަކައެއް؟” ނަޞްރާ ދެބުމަ ކައިރި ކޮއްލަމުން ޝަރީފްގެ އުޖާލާވެގެން ދިޔަ މޫނަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ޝަރީފް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ.

“ދޮންތާ! ދޮން….ބެ….” އަފްރީން ފޯރިއާއެކީ ލެޕްޓޮޕް ހިފައިގެން ދުވެފައި އައިސް ނަޞްރާގެ ކައިރީގައި ހުއްޓުނުތަނާހެން ޝަރީފް ފެނުމާއެކު އޭނަގެ އަޑު ފޭދިގެން ދިޔައެވެ.

“ކިހިނެއްވީ؟ ދޮންބެ އޮންލައިންގަ ހުރީތަ؟” އަފްރީންގެ އަތުގައި ހުރި ލެޕްޓޮޕް ހުޅުވާފައިވުމުން ޝަރީފަށް އަހާލެވުނެވެ. އަފްރީން ހެވިފައިހުރެ އަވަސްއަވަހަށް ބޯޖަހާލިއެވެ.

“ގެނޭ އަވަހަށް…” ޝަރީފް އެހެން ބުނުމާއެކު އަފްރީން އެތާ މެދުގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ބޭންދިއެވެ. އެއަށްފަހު ލެޕްޓޮޕާއި ސީދާ ކުރިމަތީގައި އިން ނަޞްރާގެ ކައިރީގައި އިށީނެވެ. ޝަރީފްވެސް ލެޕްޓޮޕް ސްކްރީން ފެންނާނެހެން ބޯދިއްކޮއްލިއެވެ.

“ސަލާމް، ސަލާމް…” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔައީ އުނގުމަތީގައި ކުޑަކުއްޖަކު ބަހައްޓައިގެން އިން އަފްރާޒް އެކުއްޖާގެ ކުޑަ ކަނާތު އަތް ދެފަރާތަށް ހަލުވަމުން ދިޔަތަނެވެ. އަފްރާޒް އެގޮތަށް ހަދަމުން ދިޔައިރު އެކުއްޖާ ވަރަށް ރީއްޗަށް ހެވިފައި އިނެވެ.

“އަޅޭ…ލޯބި ލޯބި އާޒް…” އަފްރީންއާއި ނަޞްރާ އެކަކު އަނެކެއްގެ އަޑުދަށުން ކަހަލަ ގޮތަކަށް ކިޔަންފެށިއެވެ. އާޒްއަކީ އަފްރާޒްގެ ހަތަރު މަހަށްދާ ދަރިފުޅެވެ. އަފްރާޒް މީހަކާ އިނީ އޭނަ ސައުދީގައި ކިޔަވަމުން ދަނިކޮށެވެ. އެއީ ނަޞްރާވެސް އެތަނަށް ނުދަނީހެވެ. އަފްރާޒް އިނދެގެން އުޅެނީ އޭނައަށް ސައުދީއިން ދިމާވި ދިވެހި އަންހެން ކުއްޖަކާއެވެ. ސަދަފްއަކީ އަފްރާޒްއަށް ވަރަށް ކަމުދިޔަ ކުއްޖަކަށްވިއެވެ. އަފްރާޒް އޭރު ދުވަހަކުވެސް އެފަދަ ޞާލިޙު ކުއްޖަކާ ދިމާވެފައެއްނުވެއެވެ. އަފްރާޒް ސަދަފްއާއި ރައްޓެހިވުމެއްވެސް ނެތި ބޭނުންވީ ސީދާ ކައިވެންޏާއި ހަމައަށް ދާށެވެ. ސަދަފް ކަހަލަ ކުއްޖަކަށް އެންމެ ކަމުދާނީވެސް އެގޮތްކަން އަފްރާޒްއަށް އެނގޭތީވެއެވެ. އަފްރާޒް ކައިވެނިކުރަން އުޅޭ ވާހަކަ ޝަރީފް ގާތު ބުނުމުން ޝަރީފް އެކަމަށް ރުހުންދޭން ޖެހިލުންވިއެވެ. އެހާ ޒުވާން ފުރައެއްގައި އަވަސް އަރުވާލައިގެން ކުރާ ކަމެއް ދެމިނުހުންނާނެކަމަށް ހީކުރެވުނެވެ. ޝަރީފް ޖެހިލުންވެފައިހުރެ އާނބަސް ދީފައި ޒަވާޖީ ޙަޔާތާމެދު އަފްރާޒްއަށް އެތައް ނަޞޭޙަތެއް ދިނެވެ. އެދުވަހު އަފްރާޒް ފޯނު ބޭއްވީ އެއީ ދޫކުރެވޭވަރަށްވުރެ ރަނގަޅުކުއްޖެއްކަމަށް ބުނެފައެވެ. ޝަރީފަށް އަފްރާޒްގެ އެބަސްތައް ޤަބޫލުކުރެވުނީ މިއަދެވެ. އެހެނީ މިއަދުވެސް އަފްރާޒް އުޅެމުން ދަނީ އަލަށް ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭހާ އުފަލުގައެވެ. އެ އަންހެން ކުއްޖާ ވެގެން ދިޔައީ އަފްރާޒްގެ ކިޔެވުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ނަތީޖާއެއްގެ ގޮތުން އަފްރާޒް އެންމެ ފަހުގެ ކިޔެވުން ވެސް ނިންމާލީ ރަން ވަނަތަކާއެކީގައެވެ. މިއަދު އޭނައަކީ އަބޫ ދާބީގެ ކާމިޔާބު ކުންފުންޏެއްގެ މަތީ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.

“ކޮބާ ކިހިނެއްތަ ހުރިހާ ކުދިން؟ ނަޞްރާ، ހޮޑުލެވުނުތަ ފްލައިޓް މަތިން؟” އަފްރާޒް ކޮއްލި ސުވާލުން ނަޞްރާއަށް އޭނަގެ ރަތްވެގެން ދިޔަ މޫނުމަތީގައި ދެއަތް އަޅާލެވުނެވެ.

“ދޮންބޭ!” ނަޞްރާ ހެވިފައިހުރެ ނުރުހުމުގެ ރާގަކަށް ދިގުކޮށް ގޮވާލިއެވެ. އަފްރާޒް މަޖާވެލާފައި ހީލިއެވެ. އެވަގުތު އޭނަގެ އުނގުގައި އިން އާޒް އަޑުކިޔާ ކުޅޭ އެއްޗަކަށް ގެއްލިފައި އިނެވެ.

“މިކޮޅުގަ ހުރިހާ ކަމެއްވެސް ރަނގަޅު…ތިކޮޅުގެ ކަންތައް ކިހިނެއް؟” ޝަރީފް ސުވާލުކުރިއެވެ.

“ހަމަ ރަނގަޅޭ. މިއިނދަ އަފޫ ރީންގެ ކިޔެވުން ކިހިނެއްތަ؟ އަބަދު އަބަދު އޮންލައިންގައޭ އޮންނަނީ.” އަފްރާޒް ބުނެލިއެވެ.

“ހޫނ….މިހާރުވެސް ނަގާ ކޮންމެ ޓެސްޓަކުން ހައެސްޓް…ދެން އެހާވަރަށް ކަންނޭނގެދޯ ކިޔެވުން ރަނގަޅުވާނީ؟” އަފްރީން ފޮނި ގޮތަކަށް ބުނެލިއެވެ. އަފްރާޒް އަނގަޔަށް ގޮތެއް ހަދާލިއެވެ.

“ތި ވާހަކައެއްނޫނޭ ދޮންބޭ. ކޮބައިތަ އަހަރެންގެ ގްރެޖުއޭޝަން ގިފްޓް؟ ހަނދާން ނައްތާލީދޯ؟” މިފަހަރު ވާހަކަ ދެއްކީ ނަޞްރާއެވެ.

“އޮހް…..މި ނަޞްތުއަށް ދޭންޖެހޭ ގިފްޓްތައް ގިނަކަމުން މަ ބޯހަލާކު…އެހާ ގިނައިން ހަދިޔާ ދޭންޖެހިއްޖެއްޔާ ދޮންބެ ހުލިވެދާނެއެއްނު އަޅެ ކޮއްކޯ.” އަފްރާޒް ވާހަކަ ދެއްކިގޮތް މަޖާކަމުން އަފްރީންއާއި ނަޞްރާގެ އިތުރުން ޝަރީފަށްވެސް ހެވުނެވެ.

“ރައިޓް! ޔޫ.އޭ.އީގެ ކެޕިޓަލްގަ މަސައްކަތް ކުރާ މީހަކު ހުލިވާ ވާހަކަ މި އަޑުއެހީ ފުރަތަމަ ފަހަރަށް.” ނަޞްރާ ބުނެލިއެވެ. އޭނަ ވާހަކަ ދެއްކީ ވަކި ހަދިޔާއެއް ހޯދާކަށެއް ނޫނެވެ. އޭނަގެ ދޮންބެއާ ސަމާސާކޮއްލުމުގެ ގޮތުންނެވެ.

“ހެހެހެހެހެ…..ނަޞްރާ! ނަޞްރާއަށް ހީވޭތަ ދޮންބެ ދޭނަމޭ ބުނެފަ ނުދީ ހުންނާނެހެން؟” އަފްރާޒް ހުނުން ހުއްޓުމަށްފަހު އެއްމިޔަކަނުން ހިނިތުންވެގެން ހުރެ ބުނެލިއެވެ. ނަޞްރާ އިރުކޮޅަކު އަފްރާޒަށް ބަލަން އިނދެފައި ބޯހޫރުވާލިއެވެ.

“ނަޞްރާގެ ގިފްޓް މިހާރުވެސް އޮތީ ތައްޔާރަށް. އެކަމަކު އޭތި ދޮންބެ ނަޞްރާއަށް ދޭނީ ވެޑިންގް ގިފްޓެއްގެ ގޮތުގަ.” އަފްރާޒް ބުނެލިއެވެ.

“ތިއީ ތިހެންވިއްޔާ ނުލިބުނު އެއްޗެއް ކަމަށް ބަލައިފިން.” ނަޞްރާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.

“ކިހިނެއްވީ؟ ނަޞްރާގެ ވެޑިންގް އަކީ ދެން މާ ދުރުގަ އޮތް ކަމެއްނޫނެއްނު؟” އަފްރާޒް ވާހަކަ ދެއްކީ ސީރިއަސްކަމާއެކީގައެވެ.

“ހަމަ އަސްލުވެސް؟” ނަޞްރާ އަދިވެސް ވާހަކަ ދެއްކީ އަފްރާޒް އެކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ.

“ބައްޕާ، އަދިވެސް ނުބުނަންތަ؟” އަފްރާޒް ޝަރީފާއި ސުވާލުކުރުމުން ނަޞްރާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ޖަވާބަކަށް އުއްމީދުކުރާފަދަ ގޮތަކަށް ޝަރީފަށް ބަލާލިއެވެ. އަފްރީން ވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ.

“ބުނަން އުޅެނިކޮށް އަފްރީން ދެންމެއަކު އައީ. ނަޞްރާ……ބައްޕަ ދެކޭގޮތުގަ…..ބައްޕައާއި ދޮންބެ ވެސް ދެކޭގޮތުގަ ދެން…..ނަޞްރާވެސް ވީ މީހަކާ އިންނަން.” ޝަރީފް ޖެހިލުންކަމާއެކީ ބުނެލިއެވެ. އެއާއެކު ނަޞްރާ ހުއްޓުން އެރިއެވެ. މުޅި ތަން ހިމޭންވިއެވެ. ޝަރީފަށް ބަލަހައްޓައިގެން ހުރެފައި ނަޞްރާ މަޑުމަޑުން އިސްޖަހާލިއެވެ. އަދި ސޯފާގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ.

“ނަޞްރާ؟” އަފްރާޒްއަށް ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ގޮވާލެވުނެވެ. ނަޞްރާ އަފްރާޒަށް ބަލާލިއެވެ.

“ނަޞްރާ ތައްޔާރެއް ނޫނިއްޔާ ލަސްކުރެވިދާނެއޭ.” ނަޞްރާ އެއްޗެކޭ ނުބުނުމުން އަފްރާޒް ބުނެލިއެވެ. އަފްރާޒްގެ ވާހަކަ ނިމުނުތަނާ ނަޞްރާ ބޯހޫރުވާލިއެވެ.

“އަހަރެން ތައްޔާރު….” ނަޞްރާ އޭނަގެ ނޭވާ ހަމައަކަށް އަޅުވަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމަތިން ދެންވެސް ފެނުނީ ކަންބޮޑުވުމެވެ.

“ސީރިއަސްލީ ދޮންތާ؟ އެރޭންޖްޑް މެރިއޭޖް؟” އަފްރީން ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ކިހިނެއްވީ؟ އެކޮއެ ވެސް ބޭނުންވަނީތަ އެރޭންޖްޑް މެރިއޭޖެއްކުރަން؟” އަފްރާޒް މޫޑު ބަދަލުކޮއްލަމުން އަހާލިއެވެ.

“އީއޫ….ނުއުޅެން. އޯ ގޯޑް، ޓިއުޝަން ގަޑިވެސް ޖެހިއްޖެ. ބައްޕާ އަވާސް!” އަފްރީން މޫނު ކުނިކޮށްގެން ހުއްޓާ އެއްލިކަޅިއަކުން ގަޑި ފެނުމުން ވަގުތުން ތެދުވެވުނެވެ. ޝަރީފް ވެސް އަފްރީންގެ ޓިއުޝަން މަތިން ހަނދާންވުމުން އޭނަވެސް މިވަގުތު އޮފީހަށް ދާންޖެހިފައި އޮތްކަން ހަނދާންވިއެވެ. އޭނަވެސް އަވަހަށް ތެދުވެ އަފްރާޒަށް ވަރަށް ސަލާމޭ ބުނެލަމުން ދިޔައީ ކޮޓަރިއަށެވެ.

“ނަޞްރާ!” އެއޮތްހާއިރު އިސްޖެހިފައި އިން ނަޞްރާއަށް އިސްއުފުލާލެވުނީ އަފްރާޒް ގޮވާލި އަޑަށެވެ.

“ވަދާޢު.” އަފްރާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

“ވަދާޢު.” ނަޞްރާގެ މޫނަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

ނަޞްރާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް ބައްޕައާ އަފްރީން ނާންނަނީސް ނުކެއުމަށް ނިންމިއެވެ. އަފްރީންއާއި ޝަރީފް ކެއުމަށް ވަގުތެއްނެތޭ ކިޔައި ދިޔައީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއްފަހުން އެގޭގެ ކަންތައް މިހާ ދުވަހަށް ބެލި ޝަކީލާއައެވެ. ނަޞްރާ ފެނިފައި ޝަކީލާ ނިހާޔަތަށް އުފާވިއެވެ. އޭނަ ނަޞްރާއަށް ހޫނު މަރުޙަބާއެއް ކިޔުނެވެ. އެއަށްފަހު ފާއިތުވި އަހަރުތަކުގައި ޝަރީފް އުޅުނު ދަތި ޙާލު ކިޔައިދިނެވެ. ޝަކީލާއަށް ބައެއް ދުވަސްދުވަހު އަމިއްލަ ގޭގެ ކަންތައް ކުރަމުން އެގެއަށް ނުދެވޭ ވާހަކަ ކިޔައިދިނެވެ. ނަމަވެސް ދެން އެކަން ބަދަލުވާނެ ނޫންހޭ ބުނެލީ ހެވިފައި އިނދެއެވެ. ނަޞްރާ އެކަމާ އެއްބަސްވީ ހިސާބަކަށް ޖެހިލުންވެހުރެއެވެ. އޭނައަށް ދެން އޭނަގެ ބައްޕަގެ ޚިދުމަތުގައި ވެސް މާ ގިނަ ދުވަހު ނުހުރެވޭނެ ނޫންހޭ އަމިއްލަ ހިތާ ސުވާލުކޮއްލެވުނެވެ.

ޝަކީލާ ދިޔުމުން ނަޞްރާ މޫނު ނިވާކޮށްގެން ގޮސް އޮތީ ގޭގެ ފެންޑާގައި އެލުވާފައި އޮތް އުނދޯލީގައެވެ. އޭނަ ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ވަރުބަލި ވެފައިކަން ހާމަވެއެވެ. އެހެން އޮތްއިރު ނަޞްރާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މިރޭ އޭނަގެ ބައްޕައާއި ދޮންބެ ދެއްކި ވާހަކަތަކެވެ. ދޮންބެ އާއި ބައްޕަ އޭނަގެ ކައިވެނީގެ ވާހަކަ ދެއްކުމުން އޭނައަށް އާނބަސް ދެވުނުތަން ޚިޔާލު ކުރެވުމުން ނަޞްރާއަށް އޭނަގެ މަރާލެވިފައިވާ ދެލޯ ތަގުޅިކޮށްލެވުނެވެ. އޭނަގެ އެސްފިޔަތަކުގެ ތެރެއިން މާޒީގެ އެކިއެކި މަންޒަރުތައް ސިފަވާން ފެށިއެވެ. މަންޒަރަކަށްފަހު މަންޒަރެއް އަވަސްއަވަހަށް ފެނިގެއްލެމުން ދަނިކޮށް އިވުނު އަޑަކާއެކު ނަޞްރާއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އޮތީ އެގޭގައި އޮންނަ ބުޅަލެވެ. ހަމަ އެއާއެކު އެ އިވުނު އަޑަކީ ބުޅާ ގަހުގައި އޮވެފައި ފުންމާލި އަޑުކަން ނަޞްރާއަށް ނަގައިގަނެވުނެވެ.

“މީނަ! ބިރުންގޮސް ހަލާކުނުވީ ކިރިޔާއޭ.” ނަޞްރާއަށް ބުނެލެވުނެވެ. އެސޮރުވެސް އޭގެ ބަހުރުވައިން އެއްޗެކޭ ބުނެލައިފިއެވެ. ނަޞްރާއަށް އިރުކޮޅަކު ބަލަން އިނދެފައި އަމިއްލަ ނަފްސާ ހީލެވުނެވެ. އޭނަ ބަލަ ބަލާ ހުއްޓާ އެ ބުޅާ އަނެއްކާވެސް ބާރު މިނެއްގައި އެގަހަށް އަރަންފެށިއެވެ. ވަކި ހިސާބަކަށް ގޮސް ތިރިއަށް ބަލާފައި ވަރަށް ނުފަރިތަ ގޮތަކަށް ފައިބައިފިއެވެ. އެސޮރު ބޭނުންވަނީ ކުޅެންކަން ނަޞްރާއަށް ވިސްނުނެވެ. އޭތި ފެންޑާގެ ވަށައި އެކި ގޮތްގޮތަށް ފުންމަމުން ދިޔަތަން ނަޞްރާ މަޖާވެލާފައި ބަލަން އިނެވެ. އޭނަ ހަމަ ބަލަން އިންދާ އެ ބުޅާ ގޭގެ ގޭޓުން އަނދިރި މަގަށް ނިކުމެފިއެވެ.

 

“އަނހަ…” ބުޅާ އޭނަގެ ލޯމަތިން ގެއްލުމުން ނަޞްރާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ގޭޓު ކައިރީގައި ހުއްޓިލިއެވެ. ގޭގެ ފެންޑާއިން މަގުގެ ވަކި ހިސާބަކަށް ގޮސްފައިވާ އަލި ފިޔަވައި އެހެން އައްޔެއް އެ މަގުގައި ނެތެވެ. އެ މަގުގެ އަނދިރިކަމުގެ ތެރެއިން ބުޅާ ރޯލި އަޑު ނަޞްރާއަށް އިވުނެވެ. އެ އަޑު އައީ އެހާ ދުރަކުންނެއް ނޫނެވެ. ނަޞްރާ މަގަށް ނިކުންނަން ހީކޮއްލިތަނާ ފިރިހެންވަންތަ ހުނުމެއްގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު ލަސްލަހުން ކައިރިވަމުން ދިޔައެވެ. ނަޞްރާގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު އޭނަ ގޭތެރެއަށް ދާން ހިތަށްއެރިއެވެ. އެމީހަކު ނަޞްރާއާ ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވިއެވެ. އެފަދަ ޙާލަތަކަށްޓަކައި ނަޞްރާ ހިތާހިތުން އެމީހަކު ފޮނުވާލުމަށްޓަކައި ހަރުކަށިކޮށް ބުނެލެވޭނެ ބަސްތައް ރާވަމުން ދިޔައެވެ. މާ ގިނައިރެއްނުވެ އެމީހަކު އަނދިރީގެ ތެރެއިން ނިކުމެފިއެވެ. އެއީ ގައިގެ ކުލަ އަލި އާދައިގެ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ކަޅުކުލައިގެ ތެތް އިސްތަށިގަނޑު މައްޗަށް ކަހާލެވިފައިވާއިރު ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުކޮށްފައިވިއެވެ. އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރި އޮޅާލެވިފައިވާއިރު އޭނަގެ އަތްމަތީގައި ނަޞްރާމެންގެ ބުޅާ އޮތެވެ. ދުރު ބަލަން ހުރި ނަޞްރާއަށް އޭނަގެ ހުރިހާ ސިފައެއް ނުފެނުނެވެ. ނަޞްރާ ހުރި ގޮތަށް ހުއްޓާ އެމީހަކު ބުޅާ ގޭގެތެރެއަށް ދޫކޮއްލައިފިއެވެ. އަދި ނަޞްރާއަށް ވެސް ވަކި ބެލުމެއްނެތި އެގެއިން ނިކުމެގެން ދިޔައެވެ. އެ ޒުވާނާ އަނދިރީގެ ތެރެއަށް ގެއްލިގެން ދިޔަ ދިމާލަށް ބަލަން ނަޞްރާއަށް ހުރެވުނީ ޙައިރާންކަންމަތީގައެވެ. އޭނަ ކަންތައް އެކުރީ ނަޞްރާ އެއްގޮތަކަށް ވެސް ހީކުރި ގޮތަކަށް ނޫނެވެ. އަންހެން ކުއްޖަކު އެކަނި ހުއްޓާ އެންމެ ބަހެއްވެސް ބުނެ ނުލީތީ އަންތަރީސްވިއެވެ. އެޒުވާނާ އެ ކަންތައް ކުރި ގޮތުން ނަޞްރާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ގޭގެ ގޭޓު ލައްޕާލިއެވެ

 

ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ