
ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ފޮތް ލިޔާމީހުން ސަމާލުކަން ދޭންޖެހޭނެ އެންމެ މުހިއްމު ކަމަކީ ފޮތުގެ ސަބަބުން މީހަކަށް ނޭދެވޭ އަސަރެއް ކުރާނެފަދަ ޢިބާރާތެއް ފޮތުގައި ނުލިޔުމެވެ. ޚާއްޞަކޮށް ދީނުގެ ޢަޤީދާގެ ގިއުގަނޑުގެ ތެރެއިން ކިޔާމީހާގެ ފިކުރު ނެރެން މަޖުބޫރުވާކަހަލަ ޢިބާރާތްތައް ފޮތުގައި ނުލިޔުމެވެ.
ބުނަން ބޭނުންވާ އެއްޗެއް ކުރުކޮށް ފޮނިކޮށް، ސާދާކޮށް، ކިޔާ މީހާގެ ސިކުނޑިއަށް ވަރުބަލިކަން ނުލިބި ފަސޭހައިން ދޭހަވާގޮތަށް ލިޔުމަކީ ވަރަށް މުހިއްމުކަމެކެވެ. ދޭހަ ނުވާނަމަ ލިޔުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ފޮތުގެ ލިޔުންތެރިކަމުގެ އުޞްލޫބާއި، ފޮތުގެ ފަރުމާއާއި، ފޮތުގެ ބަނޑޭރިގަނޑާއި ފޮތުގެ އަގަކީ ކިޔުންތެރިން ފޮތަށް ލެންބުމަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ފޮތެއް ލިޔުމަކީ ވަރަށް ބުރަ ކަމެކެވެ. ފޮތް ލިޔުމުގެ މަޤްޞަދު ޙާޞިލްވާނީ ފޮތް ފެންވަރު ރަނގަޅު ކޮށްގެންނެވެ. ފޮތް ފެންވަރު ރަނގަޅު ކުރެވޭނީ ފޮތުގެ ޢިބާރާތްތައް މުއްސަނދިވެގެންނެވެ. އެހެންކަމުން ފޮތް ލިޔާމީހުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ފޮތުގެ ޢިބާރާތްތައް ކިޔާމީހުންނަށް ދޭހަވާގޮތަށް ގަތާލުމަށެވެ. ރަނގަޅު ފޮތަކީ އޮއްޓަރު ހުރި ލިޔުންތަކުން ފުރާލެވިފައިވާ ޚަޒާނާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...