2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި 13،500 މިސްކިތް ސުންނާފަތި ކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސީރިއަން ނެޓްވޯކް ފޮރ ހިއުމަން ރައިޓްސްއިން އާއްމުކޮށްފައިވާ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ސޫރިޔާގައި މުސްލިމުން އަޅުކަންކުރާ 1400 މިސްކިތެއް ސުންނާފަތި ކޮށްލާފައިވާ އިރު 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 13،000 މިސްކިތެއްވަނީ ސުންނާފަތި ކޮށްލާފައެވެ.
ސަލާމަތުންހުރި އެއްވެސް މިސްކިތެއްނެތް
ސީރިއަން ނެޓްވޯކް ފޮރ ހިއުމަން ރައިޓްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މުސްލިމުން ނަމާދުކުރަން ބޭނުންކުރާ މިސްކިތްތަކުގެ ތެރެއިން ހަމަލާ ނުދީހުރި އެއްވެސް މިސްކިތެއް މިހާރު ސޫރިޔާއަކު ނެތެވެ.
އެގޮތުން ބައްޝާރުގެ ލަޝްކަރުތަކާއި ރަޝިޔާ އަދި އެމެރިކާއިން އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ހުރި އަވަށްތަކުގައި ޢިމާރާތްކޮށްފައިހުރި މިސްކިތްތަކުގެ ތެރެއިން ހަމަލާ ނުދޭ އެއްވެސް މިސްކިތެއް ނެތްކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ވެރިރަށް ދިމިޝްޤާއި ހަލަބާއި ހިމްސް ފަދަ އަވަށްތަކުގައި ހުރި މިސްކިތްތައްވެސް ހިމެނެއެވެ.

މިހަމަލާތަކުގައިވަނީ ސޫރިޔާގައިހުރި ޤަދީމީ މިސްކިތްތައްވެސް ސުންނާފަތި ކޮށްލާފައެވެ. އޭގެ ތެރޭގައި ހިމްސްގައި ހުންނަ ޚާލިދް ބިން ވަލީދު މިސްކިތާއި ދާރާގައި ހުންނަ ޢުމަރު އިބްން އަލް ޚައްތާބު މިސްކިތާއި ހަލަބުގައި ހުރި މަސްޖިދުލް ޒަކަރިއްޔާވެސް ހިމެނެއެވެ.
1438 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދުވެސް ސޫރިޔާގެ ރައްޔިތުން ކޮށްފައިވަނީ ސުންނާ ފަތި ކޮށްލާފައިވާ މިސްކިތްތަކުގައެވެ. ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ނަމާދުކުރީ ފޭލިގެތަކުން ހަދާފައިވާ މިސްކިތްތަކުގައެވެ.
އަރަބި ބަހާރާއެކު ސޫރިޔާގައި ފެށުނު ހަނގުރާމައަށް ހަތް އަހަރު ވެފައިވާއިރު އެޤައުމު އެއްކޮށްހެންވަނީ ސުންނާފަތިވެފައެވެ. ރައްޔިތުން ދިރިއުޅެމުންދިޔަ ގެތަށް ބިމާ ހަމަކޮށްލާފައިވާ އިރު އެޤައުމުގެ އެތައް މިލިޔަން ރައްޔިތުންނެއް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކުގައިދަނީ ދިރިއުޅެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...