ރިޕޯޓްކޮލަމިސްޓްދުނިޔެ

ރާބިޢަތުލްޢަދަވީ ޤަތުލްއާއްމަށް ހަތަރު އަހަރު: މިޞްރުގެ ރައްޔިތުންނަށް އިންސާފު ގެއްލިފައި

އޮގަސްޓް 14 ވަނަ ދުވަހު ރާބިޢަތުލްޢަދަވީ މައިދާން

މީގެ ހަތަރު އަހަރުކުރިން، 2013 އޮގަސްޓްމަހުގެ 14 ވަނަ ދުވަހު މިޞްރަށް އިރުއަރައިގެން އައިރު ވެރިރަށް ޤާހިރާގެ ރާބިޢަތުލްޢަދަވީ މައިދާނާ އަދި “އައްނަހްޟަ”މައިދާން ތޮއްޖެހިފައި އޮތީ މިސްރުގެ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުރްސީ ބަޣާވާތަކުން ވެރިކަމުން ދުރުކޮށް ވެރިކަމަށް އަރާތިބި ބާޣީންނާއި ދެކޮޅަށް އަޑު އުފުލުމަށް އެއްވެތިބި އެތައްހާސް ރައްޔިތުންނައި ގެންނެވެ.

ބާޣީންގެ އޯޑަރަށް އެއްވެތިބި މީހުން ގަޔަށް ބަޑިޖަހައި އެތައް ބަޔަކު ޝަހީދުކޮށްލިއެވެ. މީހުން ދިރިތިއްބާ އަންދާލިއެވެ. ކަރުނަ ގޭހުގައި ނޭވާ ހާސްވެ މަރުވާން ދޫކޮށްލިއެވެ. ޒަޚަމްވި މީހުންނަށް ފަރުވާދޭން އެމްބިއުލެންސަށް ވަދެވޭނެ ހުރިހާ މަގުތަކެއް ބަންދުކޮށް ބާޣީ ސިފައިން ފޯރިމަރަމުން ގެންދިޔައެވެ.

ކޮންކަމެއް: ރާބިޢަތުލްޢަދަވީ ޤަތުލްޢާއްމު
ކޮންއިރަކު: 14 އޮގަސްޓް 2013
ކޮންތާކު: މިޞްރު

ކިހިނެއްވީ؟

2013 ޖުލައި 3 ވަނަ ދުވަހު ހުޅަނގާއި އިސްލާމީ ވެރިންގެ ނަމުގައި ތިބި ޚާއިނުންގެ މަދަދާއެކު މިޞްރުގެ އަސްކަރިއްޔާއިން މިޞްރަށް ގެނައި ބަޣާވާތުގައި އެޤައުމުގެ އިންތިހާބީ ރައީސް ޑރ މުޙައްމަދު މުރްސީ ވެރިކަމުން ދުރުކުރިއެވެ. މިއާއެކު މިޞްރުގެ ރައްޔިތުންނާއި އެތައް މުސްލިމުންނެއްގެ ލޯބި ހޯދާފައިވާ އިޚްވާނުލް މުސްލިމޫން ޖަމާޢަތުން ޤާހިރާގެ ރާބިޢަތުލްޢަދަވީ މައިދާނާ އަދި “އައްނަހްޟަ”މައިދާނަށް އެއްވުމަށް ރައްޔިތުންނަށް ގޮވާލިއެވެ. މިއެއްވުންތަކުގައި 85،000 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެ ބަޣާވާތާއި ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ.

ރާބިޢަތުލްޢަދަވީ މައިދާނުގައި ބަޣާވާތާއި ދެކޮޅަށް 47 ދުވަސް ވަންދެން މެދުނުކެނޑި މުޒާހަރާތައް ކުރިއަށްދިޔައެވެ. އެންމެ ފަހުން ބަޣާވާތުގެ ފިނޑި ސަރުކާރުން 14 އޮގަސްޓް 2013 ފަތިހު 6 ޖަހާކަންހާއިރު އެއްވެ ތިބި މީހުންނަށް ހަމަލާދޭންފެށިއެވެ.

ސަލާމަތީ ބާރުތަކުން އެއްވުމުގެ ތެރެއަށް ހަތިޔާރުއެޅި އުޅަނދުތަކާއި ބުލްޑޯޒަރާއެކުވަދެ ރައްޔިތުންނަށް ހަމަލާތައް ދޭންފެށިއެވެ. މައިދާނުގައި ޖަހާފައިހުރި ފޭލިގެ ތަކުގައި ހުޅު ރޯކުރަމުންގެންދިޔައެވެ. އަމާޒެއްނެތި ޖެހުނު މީހެއްގެ ގަޔަށް ބަޑީގެ އުންޑަތައް ފޮނުވަމުންދިޔައެވެ. ކަރުނަ ގޭހުން މުޅި މައިދާން ތަޤައްޔަރުކޮށްލިއެވެ.

މިހަމަލާތަކުގައި 1000 އަށްވުރެގިނަ ރައްޔިތުން ދުނިޔެދޫކުރިއިރު އެތައްހާސް ރައްޔިތުންނެއް ޒަޚަމްވިއެވެ. 800 އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ.

ދެންވީ ކިހިނެއް؟

އަމިއްލަ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގި މިބޮޑު ޤަތުލްއާއްމު ހިންގުމުގައި ބައިވެރިވި ސަލާމަތީ ބާރުތަކުގެ އެއްވެސް އޮފިސަރަކަށް ހަތަރު އަހަރު ވެގެންދިޔަ އިރުވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެއާއެކު ފެނިގެންދިޔައީ މިޞްރުގެ އެތަކެއް ރައްޔިތުން ތަކަކަށް ހައްޤުނޫން ދައުވާތަކެއްކޮށް އަދަބުތައް ދެވެން ފެށުނުތަނެވެ. އެގޮތުން ބަޣާވާތުން އުފެއްދި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގާ ކަމަށް ބުނެ މީހުން ހައްޔަރުކޮށް ދައުވާތައް ކުރަމުން ގެންދިޔައެވެ. އެތަކެއް ރައްޔިތުންނެއް ކުށްވެރިވާކަމަށް ނިންމާ ޖަލަށް ލުމަށް ނުވަތަ މެރުމަށް ހުކުމްކުރިއެވެ.

"ބަޣާވާތުގެ ދެދުވަސްފަހުން އަހަރެން ހައްޔަރުކޮށް ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ ދައުވާކުރި. ނަމަވެސް އެއީ އެއްވެސް އަސާސެއްގެ މައްޗަށްކުރި ދައުވާއެއްނޫން. އެކަމުގައި އަހަރެންނާއި ދެކޮޅަށް އެއްވެސް ހެއްކެއްވެސް ޕްރޮސެކިއުޓަރުންނަށް ހުށަނޭޅުނު" އަނަދަލޫ އޭޖެންސީއަށް ދިން ބަސްދީގަތުމެއްގައި މުސްލިމް ބްރަދަރހުޑްގެ ލީޑަރ ޑރ ހެލްމީ ގައްޛާރު ވިދާޅުވެފައިވެއެވެ.

ތިންމަސް ވަންދެން ހައްޔަރުގައި ބެހެއްޓުމަށްފަހު ގައްޛާރު ކާފާލާތުގެ ދަށުން ދޫކޮށްލުމާއެކު ސޫދާނަށް ދިރިއުޅުން ބަދަލުކޮށް މިހާރު ދިރިއުޅެމުންދަނީ ސޫދާނުގައެވެ.

ކުރީގެ ހެލްތް މިނިސްޓަރ އަބްދުއް ނާސިރު ސަކްރުވެސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލައަށް އަރުވާލެވިގެން ސޫދާނުގައެވެ. “ރާބިޢަތުލްޢަދަވީ”މައިދާނާއި އަދި “އައްނަހުޟަ” މއިދާނުގައި ސިސީ ހިންގި ޤަތުލުއާއްމަށްފަހު، ނާސިރުވެސް އެއް އަހަރުވަންދެން ހައްޔަރުކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ދައުވާ އޭނާގެ މައްޗަށްވެސް އުފުލާފަވެއެވެ.

ރާބިޢަތުލްޢަދަވީ ޤަތުލްއާއްމަށް ހަތަރު އަހަރު ވެގެންދިޔައިރުވެސް އެދުވަހު އަނިޔާ ލިބުނު އެއްވެސް ރައްޔިތަކަށް މިޞްރުން އިންސާފު ލިބުނުތަނެއް ނުފެނުނެވެ. ބަޣީންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތަކެއް ރައްޔިތުން އަމިއްލަ ގައުމު ދޫކޮށް ދިރިއުޅެމުންދަނީ އެހެން ޤައުމުތަކުގައެވެ.

ހައްޤުތަކަށް ވަކާލާތުކުރާ ކަމަށްބުނާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެވެސް މަސައްކަތަކަށްވީ ބަޣާވާތުގެ ލީޑަރު އަބްދުލްފައްތާހު ސީސީ އާއި ގުޅުން ބަދަހި ކުރެވޭނެ ގޮތްތައް ހޯދާ އެގޮތުގައި ކުރިއަށް ދިއުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް