ރިޕޯޓް

ޙިރާސްކޫލަކީ ނަމޫނާ ސްކޫލެއް

21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ މުސްލިމް ދިވެހި ދަރިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ފެށި ހިރާސްކޫލަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކާއެކު ޒަމާނީ ތައުލީމު ފޯރުކޮށްދޭ ތަނެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ކަރިކިއުލަމްގައި ބުނާފަދަ ޤާބިލް ފަރުދެއް ތައްޔާރުކުރުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރާ މިސްކޫލްގެ މަސައްކަތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ތައުރީފްކޮށްފައިވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އުތުރުން ދެކުނަށް ޙިރާސްކޫލް މަޝްހޫރުވެ ސްކޫލްގެ “ބެސްޓް ޕްރެކްޓިސް” ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ސްކޫލު ތަކުގެ އިސްވެރިންނާއި ޓީޗަރުން ދަނީ ޙިރާ ސްކޫލަށް ޒިޔާރަތް ކުރަމުންނެވެ.

ޤައުމީ މުޤައްރަރުގެ ހުރިހާ ކަމެއް ތަންފީޛުކުރޭ!

ޙިރާސްކޫލަކީ ދިވެހިރާއްޖޭގެ ގައުމީ މުގައްރަރަށް އިނގިރޭސި ބަހުން ތައުލީމު ފޯރުކޮށްދޭތަނެކެވެ. މިގޮތުން ގައުމީ މުގައްރަރުގައި ހިމެނޭ ހުރިހާ ކަންކަން ތަންފީޒުކޮށް ގައުމީ މަންހަޖުގައި ފާހަގަކޮށްފައިވާފަދަ ގާބިލު ދިވެހި ދަރިއަކަށްވުމަށް ބޭނުންވާނެ ހުނަރުތައް އެސްކޫލުން ފޯރުކޮށްދެއެވެ. ހަމަމިއާއެކު އިނގިރޭސިވިލާތް ފަދަ ތައުލީމުދިނުމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކުގެ ކާމިޔާބު ޕްރޮގްރާމްތައް އެސްކޫލްގެ ގިނަ މާއްދާތަކަށް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޮކްސްފޯޑާއި ކެމްބްރިޖްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

 ޑިޖިޓަލް ސޮސައިޓީ” ގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ ޤާބިލް މުސްލިމު ދިވެހި ދަރިން ބިނާކުރޭ

ޙިރާސްކޫލުން ގައުމީ މުގައްރަރުގައި ހިމެނޭ ހުރިހާ މާއްދާތައް ކިޔަވައިދެއެވެ. އެމާއްދާތައް ކިޔަވައިދިނުމުގައި ސްކޫލްގެ އަމާޒަކީ ދުނިޔަވީ ތަޢުލީމު ފޯރުކޮށްދިނުމާއެކު އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ބޭނުންވާނެ ފަދަ ބިންގަލެއްގެ މަތީގައި ދަރިން އުފެއްދުމެވެ. މިގޮތުން ކުރިއަރާފައިވާ “ޑިޖިޓަލް ސޮސައިޓީ” ގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ ޤާބިލް ކުއްޖަކު އުފެއްދުމަށް ބޭނުންވާ އެންމެހާ މައުލޫމާތާއި ހުނަރު އެންމެ ތުއްތު އިރުއްސުރެ ފޯރުކޮށްދިނުމާއެކު ދީނީ އާދަތަކާއި އިސްލާމީ ރިވެތި އުސޫލްތައް އެންމެ ތުއްތު އިރުއްސުރެ އަށަގަންނުވަން މަސައްކަތް ކުރުމަކީ ސްކޫލްގެ އަމާޒެވެ. އެހެންކަމުން އެސްކޫލުގެ އުއްމީދަކީ އެސްކޫލުން ތައްޔާރުކުރާ ޖީލުގެ ސައިންސްވެރިންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި ޕައިލެޓުންނާއި ވިޔަފާރިވެރިންނާއި މުދައްރިސުންނަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެންނާނެފަދަ އަދި އާޚިރަތުގެ ކާމިޔާބު ހޯދާނެ ފަދަ ދަރިންތަކަކަށް ހެދުމެވެ.

ދަރިންނަށް ރައްކާތެރި މާޙައުލެއް!

ޙިރާސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި އެސްކޫލުން ޚާއްޞަ ސަމާލުކަމެއް ދެއެވެ. މިގޮތުން ދަރިވަރުންނާއި ރަށްޓެހި ބިހޭވިއަރ މޮޑިފިކޭޝަން ސިސްޓަމެއް ސްކޫލްގައި ޤާއިމް ކޮށްފައިވެއެވެ. މިސިސްޓަމަކީ ދަރިވަރުންގެ އުޅުމަށް އަމިއްލައަށް ޛިއްމާވެ ރަނގަޅު އުޅުން ދަމަހައްޓައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުގެ ޛިއްމާ އުފުލަން ދަސްވާފަދަ ސިސްޓަމެކެވެ. ވަކިވަކި ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަން ސްކޫލުން ފޯރުކޮށްދެއެވެ. މުޖުތަމަޢުގެ ޙާލަތަށް ރިއާޔަތްކޮށް ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަބަދުވެސް ޙިރާސްކޫލުން މަސައްކަތް ކުރެއެވެ. މިގޮތުން ދަރިވަރުންގެ ސިކުނޑިތަކަށް ހަމަޖެހުން ހޯދައިދީ ހަމަހިމޭން ކުރުވުމަށްޓަކައި ކޮންމެދުވަހަކުވެސް ވަކިވަގުތުތައް އެކަމަށް ޚާއްޞަ ކުރެއެވެ. އަދި ސްކޫލްގެ މާހައުލަކީ އިސްލާމީ ރިވެތި އުސޫލުތަކަށް ފަރިތަކުރާ މާހައުލަކަށް ހެދުމަށްޓަކައި ސްކޫލްފެންވަރުގައި “ވެލިއުސް ޕްރޮގްރާމް” ހިންގައެވެ.

ދާއިމީ ބޯހިޔާވަހިކަމެއް ބޭނުންވެފައި

ހިރާ ސްކޫލަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްގެ ޖާގައިގެ ދަތިކަމެވެ. މިގޮންޖެހުމުން އަރައިގަނެ ސްކޫލަށް ދާއިމީ ބޯހިޔާ ވަހިކަމެއް ހޯދުމަށް ކެމްޕޭނެއް އެސްކޫލުން މިހާރުވަނީ ފަށާފައެވެ.

އެސްކޫލްގެ ޕްރިންސިޕަލް މައިރިޔަމް ސިތާރާ ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކެމްޕޭނަކީ ހިރާ ސްކޫލްގެ ދަރިވަރުން ވަގުތީ ބޯހިޔާވަހިކަމުން ދާއިމީ ބޯހިޔާވަހިކަމަށް ދިއުމަށް ރާއްޖެއާއި ރާއްޖެއިންބޭރަށް ހުޅުވާލައިގެން ފައިސާހޯދުމަށް ފަށާފައިވާ ކެމްޕޭނެކެވެ.

ސިތާރާ ވިދާޅުވިގޮތުގައި މިކެމްޕޭނު ދެބަޔަކަށް ކުރިއަށް ގެންދާ އިރު އެއްބަޔަކީ ރާއްޖެއިން ބޭރުގައި ތިއްބެވި ސްކޫލަށް ހެޔޮއެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު، މިކަމަށް އެހީތެރިވެ ވަޑައިގެންނެވުމަށް މަގުފަހި ކޮށްދެއްވުމަށްޓަކައި، ބޭރުގެ ޕްލެޓްފޯމެއް ކަމަށްވާ ލޯންޗްގުޑް www.launchgood.com/hiraschool ގައި ޤާއިމު ކުރެވިފައިވާ ކެމްޕޭންއެވެ. އަދި ދެވަނަ ބަޔަކީ ސްކޫލްގެ ނަމުގައި ބީއެމްއެލް އަދި އިސްލާމިކް ބޭންކުގައި ހުޅުވިފައިވާ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރައްވައިގެން ފައިސާ ހަދިޔާ ކުރެއްވޭގޮތަށް ކުރިޔަށް ގެންދާ ބައެވެ.

އެސްކޫލް ފެށުނީއްސުރެ މިއަދާހަމައަށް ހިންގަމުން އައީ ދީލަތިފަރާތެއްގެ ގޯތީގައި އަމިއްލަ ވިޔަފާރިވެރިއެއްގެ ދާއިމީ ދީލަތި އެހީގައި ބިނާކޮށްފައިވާ އިމާރާތެއްގައެވެ. ގްރޭޑް 6 ހަމައަށް މިހާރު ކިޔަވައިދެމުން ގެންދާ މިސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއެކު ސްކޫލުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަނުން އެދޭ ފެންވަރަށް ތައުލީމާއި ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމަށްޓަކައި ސްކޫލުން ރާވާ ކަންކަމަށް ބޭނުންވާނެ “ސެޓްއަޕް ” އެއް ގާއިމްނުކުރެވުމެވެ.

އެސްކޫލަށް ފައިސާ ހޯދުމަށް ކުރާ މިކެމްޕޭންގައި ބައިވެރިވެވަޑައިގެން ފައިސާދެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެކައުންޓްތަކުގެ މައުލޫމާތާއި، ތަފްސީލުތައް ޙިރާ ސްކޫލްގެ ފޭސްބުކް ސަފްހާ www.facebook.com/hiraschool އިން ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް