ރިޕޯޓް ސިޔާސީ ފަސާދަ (އަށްވަނަ ބައި)

ސިޔާސީ ފަސާދަ (އަށްވަނަ ބައި)

ސިޔާސީ ފަސާދަ (އަށްވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.


 

އެއްވެސް ޝައްކެތްނެތް ގޮތުގައި ހެޔޮ ތަރުބިއްޔަތަކީ ހުރިހާ ކުރިއެރުމެއްގެ އަސާސެވެ. ގެޔަކީ މިދެންނެވި ތަރުބިއްޔަތުގެ އެންމެ ފުރަތަމަ މަދަރުސާއެވެ. އަންހެނާގެ ހިތާއި ސިކުނޑި ހަނަފަސް ވެއްޖެ ކަމުގައި ވާނަމަ މަދަރްސާއަކުން ދަސްކޮށްވޭނޭ އެއްޗެއް ނެތެވެ. އަދި މިސްކިތުގައި އިނދެ އޭނާ ކުރާނޭ ކަމެއް ވެސް ނޯންނާނެ އެވެ. ވީއިރު މިދެންނެވި ތަރުބިއްޔަތު ހޯދައިދެވޭނީ ކިހިނެއް، ކޮންތާކުން ހެއްޔެވެ. އަންހެނާ އަކީ ކެއުމާއި މަޖަލާއި އުފާތަކުގެ ޝިކާރައަކަށް ވެއްޖެނަމަ އެ މުޖްތަމަޢެއް އިޞްލާޙެއް ނުވާނެއެވެ. އަދި ކީއްހެއްޔެވެ. އެ މުޖްތަމަޢެއް ދާނީ ބަލިކަށިވަމުން ނެވެ.

މުޖުތަމަޢު ބަލިކަށިވުމުގެ ސަބަބުތައް

ފަހަކަށް އައިސް އަޅުގަނޑުމެންގެ އުންމަތަށް ކުރިމަތިވެފައިވާ ބަލިކަށިކަމުގެ ޙަޤީޤީ ސަބަބުތަކުގެ ތެރޭގައި ޢިލްމީ، އިޤްތިޞާދީ، ސިޔާސީ، އަދި މިފަދަ އެހެނިހެން ތަފާތު އެތައް ކަމެއް ހިމެނެއެވެ. ހެޔޮމަގުން ދަރިން ތަރުބިއްޔަތު ނުކުރުމާއި، ރިވެތި އަޚްލާޤީ ސިފަތައް އުންމަތުން ނެތިގެން ދިޔުމުގެ އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ތަރުބަވީ ނިޒާމުގައި ހުރި ކަސިޔާރުކަމާއި ދޯހަޅިކަން ހިމެނެއެވެ. މީގެ އެންމެ ފުރަތަމަ ޒިންމާ އެޅެނީ ޣާފިލުވެފައިވާ ނުވަތަ މަގުން އެއްކިބާވެފައިވާ އަންހެނާގެ ބޮލުގައެވެ. ނުވަތަ ފަސޭހަކަމާއި އެކު މަކަރުވެރި ރޭވުންތަކުގެ ޝިކާރަތަކަށް ވެގެންދާ ޢާއިލާތަކުގެ ބޮލުގައެވެ. އިސްލާމީ ދަޢްވަތުގެ އެންމެ ކުރީކޮޅު އަންހެނުން އެކަނބަލުންނަށް ޚާއްޞަކުރެވިފައިވާ މިސްކިތްތަކުގައި ތަރާވީޙް ނަމާދުކޮށް އުޅުނެއެވެ. އިސްލާމްދީނަށް ނަޞްރުދިނުމުގައި، އެކަނބަލުން، އިމާމަށް ބައިޢަތު ހިފައި އުޅުނެވެ. ރިވެތި އަޚްލާޤުގެވެރި ބަޔަކަށް ވިއެވެ. އޭގެ ފަހުން ކޮންމެވެސް ބަޔަކު އައިސް އިސްލާމްދީނުގެ ބޮޑެތި އެތަކެއް މައްސަލައެއް އެ ކަނބަލުންނަށް ގަސްދުގައި އޮޅުވާލައި އެކަނބަލުން ހެޔޮމަގުން އެއްކިބާކުރިއެވެ.

އަންހެނުން ތިބެންޖެހޭނީ "ގޭބަންދުގައި" ކަމުގައި ޤަބޫލުކުރާ މީހަކު އަޅުގަނޑު ގާތުގައި ބުންޔެވެ. ތިމަންމެން އެ ކަނބަލުންނަށް ހުރިހާ އެއްޗެއް އުނގަންނައި ދެމެވެ. އަދި އެކަނބަލުން ގެއިން ބޭރަށް ނުނެރެމުއެވެ. އަޅުގަނޑު ދެންނެވީމެވެ. ކަލޭމެންގެ ވިސްނުމުގެ ފެންވަރު މަތިކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްތަކެއް ކުރީމުއެވެ. އެހެނަސް އެކަމުގައި އަހަރެމެންނަށް ކާމިޔާބުވިހެނެއް ހިޔެއް ނުވެއެވެ. ވީއިރު އަޅުގަނޑުމެންނަށް، ތަރުބިއްޔަތުކުރުމާއި ތަޢްލީމީ ވަޒީފާތައް ކަލޭމެންނާއި ޙަވާލުކުރެވޭނީ ކިހިނެއް ހެއްޔެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން ވެސް އެކަނބަލުންނަށް މިސްކިތްތައް ހުޅުވައިލީ ހަމަ އެކަން ރަނގަޅަށް ދެނެވަޑައިގެން ތިއްބަވައެވެ. ހަމައެފަދައިން އޭގެތެރެއިން ބައެއް އަންހެނުންނަށް ހަނގުރާމައިގެ ލަޝްކަރުގައި (ޒަޚަމްވާ މީހުންނަށް ފަރުވާ ކުރުމާއި ފެން އުފުލައި ދިނުންފަދަ ކަންކަމުގައި) ބައިވެރިވުމުގެ ހުއްދަ ވެސް އެކަލޭގެފާނު ވަނީ ދެއްވާފައެވެ.

އެއްވެސް ޝައްކެއް ނެތެވެ. ނަފްސާނީ އޮޅުންބޮޅުންތަކުގެ ތެރޭގައި ތިބި ބައެއްގެ ކިބައިން އިސްލާމްދީނުގެ ތަޢްލީމެއް ނުހޯދޭނެއެވެ. އިސްލާމީ ހެޔޮ ތަޢްލީމު ލިބޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުންނެވެ. މި ދެންނެވި ދެމަޞްދަރުން ނޫރު ލިބިގެން އުފަންވާ ދަރިފަސްކޮޅު ވެގެންދާނީ ހަމަ ޔަޤީނުން ވެސް ޝަރަފްވެރި ބަޔަކަށެވެ. ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށެވެ. މިފަދަ ޖީލުތަކުގެ ބަނޑުން އިންސާނީ ސިފަތަކުން އެއްކިބާވެފައިވާ ޙައިވާނުން ތަކެއް އުފަންވެގެނެއް ނުދާނެއެވެ.

ހަތަރުވަނަބައި

މި އަހަރު )1979( ނޯބެލް ޕްރައިޒް ލިބުނު މީހުންގެ ނަންތައް އަޅުގަނޑު ކިޔާލި އިރު، އޭގެ ތެރޭގައި އެކިއެކި ދާއިރާތަކުން ވަރަށް ފުންނާބުއުސް މީހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ ޞުލްހައިގެ ނޯބެލް އިނާމު ޙާޞިލުކުރި އިންޑިޔާގެ އަންހެނެކެވެ. ނަމަކީ ޓެރޭސާ އެވެ. މި  އަންހެނާއަށް ނޯބެލްގެ އަގު ހުރި އިނާމް ލިބުމުގެ ސަބަބަކީ ކޮބާހެއްޔެވެ؟

މި ސުއާލުގެ ޖަވާބާއި ހަމައަށް ވާޞިލުވުމަށްޓަކާ، މި ކަމަނާގެ މަސައްކަތްޕުޅުތަކުގެ ކުރު ތަޢާރަފަކަށް ބަލާލަމާތޯއެވެ. މި ކަމަނާއަކީ ރާހިބާއެކެވެ. މީސްތަކުންނަށް އެކަމަނާގެ ދީނުގެ މެސެޖު ފޯރުކޮށްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ދިޔަ މީހެކެވެ. އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ކަލްކަތާގައި ހުންނަ އެކަމަނާ މަސައްކަތްކުރައްވާ މަރްކަޒުގައި، ޙާލުގައި ޖެހިފައިވާ މީހުންނާއި އެކި އެކި ބަލިމީހުންނަށް، 1947 ވަނަ އަހަރުން ފެށިގެން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. ނޯބެލްގެ ޝަރަފާއި އެކު އިނާމްގެ ގޮތުގައި 1.5 މިލިޔަން ރުޕީސް އޭނާއަށް ލިބިފައި ވެއެވެ.

 

(ނުނިމޭ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.