ޖުލައި މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީ ދައުލަތަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސިފަކޮށް އިޒްރޭލުގެ ވިޔަފާރި ނޫހެއް ކަމުގައިވާ ދަ މާކާރގައި ބުނެފައިވެއެވެ. " ހޭލާ ! ދުނިޔޭގެ އެންމެ މުހިއްމު ބޮޑު ވަޒީރު އެބައާދޭ.."
ހިންދޫ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ސިޔާސަތުތަކަށް ތާއީދުކުރާ މޯދީ އިޒްރޭލަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުގެ ސަބަބުން ޔަހޫދީން ހީވަނީ އީދެއް އަންނާތީ އުޅޭ ހެންނެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެންދަނީ އެކަމާއި އުފަލުން އެމީހުންގެ ނޫސްތަކުގައި ލިޔަމުންދާ ލިޔުންތަކުންނެވެ.
1.25 ބިލިއަން މީހުންގެ ބޮޑު ވަޒީރު އިޒްރޭލަށް ކުރާ ދަތުރަކީ ގިނަ ބައެއްގެ ސަމާލުކަން ބޭނުންވާނެ ދަތުރެއްކަން ފާހަގަކޮށް އިޒްރޭލުގެ މީޑިއާތަކުން އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެއް ފާޅުކޮށްފައިވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރާއި ބައްދަލުނުކުރުމަށް މޯދީ ނިންމަވާފައިވާ ނިންމުމުގެ މައްޗަށެވެ.
މޯދީގެ މިދަތުރާއި ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އަންނަ ހަފްތާގައި އިންޑިއާގެ ބޮޑު ވަޒީރު އަދި ނަތަންޔާހޫގެ އެކުވެރި ނަރެންދުރަ މޯދީ އިޒްރޭލަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ ތާރީޚީ ދަތުރެއް ކަމަށެވެ. އަދި މިކަން ވެގެންދާނީ އިޒްރޭލާއި އިންޑިއާއާއި މެދު ގުޅުންތައް ވަރުގަދަކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ގޮތުގައި ނަތަންޔާހޫ ސިފަކުރިއެވެ.

މޯދީގެ މިދަތުރަކީ ޔަހޫދީން ފަލަސްތީނުގެ ބިންތައް ފޭރި އިޒްރޭލުގެ ނަމުގައި ދައުލަތެއް ޤާއިމްކުރިފަހުން އިންޑިއާގެ ބޮޑު ވަޒިރަކު އެތަނަށް ދަތުރެއްކުރާ ފުރަތަމަ ފަހަރެވެ.
މޯދީގެ މިދަތުރާއި ގުޅިގެން އިންޑިއާގައި ހުންނަ އިޒްރޭލުގެ އެމްބަސީންވަނީ މޯދީއަށް މަރުހަބާ ކިޔުމުގެ ގޮތުން ވީޑިއޯއެއް ތައްޔާރުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އިޒްރޭލުގެ ރައްޔިތުން މޯދީއަށް "ނަމަސްތޭ "،އާއި އިޒްރޭލަށާއި މޯދީގެ ދަތުރަށް މަރުހަބާ ކިޔާ މަންޒަރުތައް ދައްކުވަދޭ މިވީޑިއޯވަނި މޯދީއަށްވެސް ކަމުގޮސްފައެވެ. ވީޑިއޯއަށް އިޝާރާތްކޮށް ޓުވިޓަރގައި ހިންދީ ބަހުން މޯދީ ބުނެފައިވަނީ ވަރަށް ބޮޑަށް ޝުކުރިއްޔާ ކަމަށެވެ.

މުސްލިމުންނާއި ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭކަމަށް މަޝްހޫރު ވެފައިވާ މޯދީ، އިންޑިއާގެ ބޮޑު ވަޒީރުކަމާއި ހަވާލުވެފައިވަނީ 2014 ވަނަ އަހަރުގެ މެއިމަހުއެވެ. 2014 ވަނަ އަހަރުގެ އާއްމު އިންތިހާބު މޯދީ ނިސްބަތްވާ ބީޖޭޕީއިން ކާމިޔާބުކުރުން ވެގެންދިޔައީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް ސިހުން ގެނުވި ކަމަކަށެވެ. އޭރު ބެލެވިގެންދިޔައީ ބީޖޭޕީ ވެރިކަމަށް ހަވާލުވުމާއެކު އިންޑިއާގައި ތަންފީޒު ވެގެންދާނި ހިންދޫންގެ ވަތަނީ ހަރުކަށި ސިޔާސަތުތައް ކަމަށެވެ. ކަންވީވެސް އެހެންނެވެ. ގެރިމަސް ކައިކަމުގެ ތުހުމަތުގައި ހިންދޫން މުސްލިމުންނަށް އެތައް އަނިޔާއެއްދީ މުސްލިމުން ޤަތުލުކުރަމުންދާއިރު މޯދީގެ ސަރުކާރުން މިކަން ހުއްޓުވުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.
މީގެ އިތުރުން 2002 ވަނަ އަހަރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުރިއިރު، ގުޖުރާތުގައި ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުމުގެ އަޑީގައި ހުރި މީހަކީވެސް މޯދީ ކަމުގައި މުސްލިމުން ތުހުމަތު ކުރެއެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫއަކީވެސް މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބޮޑު ވަޒީރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...