އިންސާނިއްޔަތަށް އެހީވުމުގެ ގޮތުން އެންމެ ގިނައިން ހޭދަކުރާ ޤައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ތުރުކީ ރޭންކްކޮށްފިއެވެ.
ތުރުކީ ދެވަނައިގައި ރޭންކް ކޮށްފައިވާކަން ހާމަކޮށްފައިވަނީ2017 ވަނަ އަހަރުގެ ގްލޯބަލް ހިއުމެނިޓޭރިއަން އެސިސްޓަންޓް ރިޕޯޓުގައެވެ.
މިރިޕޯޓުގައިވާ ގޮތުން ހުސްވި 2016 ވަނަ އަހަރު ތުރުކީއިން ވަނީ އިންސާނީއްޔަތަށް އެހީވުމުގެ ގޮތުން ހަބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މިއީ 2015 ވަނަ އަހަރު ތުރުކީއިން ހޭދަކުރިވަރާ އަލާބަލާއިރު 119 އިންސައްތަގެ އިތުރުވުމެކެވެ. އަދި މިލިސްޓުގެ ތިންވަނަ ދިޔަ އިނގެރޭސިވިލާތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ތުރުކީއިން ގިނަ އަދަދަކަށް އިންސާނިއްޔަތަށް ހޭދަކޮށްފައިވާއިރު ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ ޤައުމުތަކުން ހޭދަކުރި ނިސްބަތް ވަރަށް ބޮޑުތަން ދައްވެފައިވާ ކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުވެއިތުން ވަނީ އެޤައުމުން އިންސާނިއްޔަތަށް ހޭދަކުރާމިންވަރު 50 އިންސައްތަ ދަށްކޮށްފައެވެ. އަދި ސައުދީ އަރަބިޔާއިންވެސްވަނީ 2015 ވަނަ އަހަރާއި ބަލާއިރު 2016 ވަނަ އަހަރު ހޭދަކުރި މިންވަރު 26 އިންސައްތަ ދަށްވެފައެވެ.
ދުނިޔޭގެ ހުރިހާ ދިމާލަކުން 2016 ވަނަ އަހަރު އިންސާނިއްޔަތަށް ހޭދަކުރި އަދަދުގެ ފަސްބައިކޮށްފައި އެއްބައި ހިއްސާކުރަނީވެސް ތުރުކީއެވެ. އަދި ތުރުކީ ވެފައިވަނީ އެންމެ ގިނަ ސޫރިޔާގެ ރެފިއުޖީން ބަލަހައްޓާ ޤައުމަށެވެ.
ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއިން މެއިމަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ އިރާޤާއި ސޫރިޔާގެ ތިން މިލިއަން ރެފިއުޖީންނަށް ޚިދުމަތްކުރަމުން ތުރުކީއިންވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުން ދުނިޔޭގެ އެހެން ޤައުމުތަކަށް މިސާލެއް ދައްކާފައިކަމަށެވެ.
އިޒްރޭލުގެ ހިޞާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާއަކީވެސް ތުރުކީއިން ގިނަ އަދަދަކަށް އެޙިތެރިވަމުން ދާރަށެކެވެ. އެގޮތުން ބުދަ ދުވަހުވެސް 10000 ޓަނުގެ އެހީގެ ތަކެއްޗާއެކު ތުރުކީގެ ބޯޓެއްވަނީ އިޒްރޭލުގެ އަޝްދޫދް ބަނދަރަށް ބަނދަރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...