ކޮލަމިސްޓް ގެމަނަފުށީ ގޭގޭގެ ފާރުތައް "ހަޑިކުރި" މީހުން މިތިބީ

ގެމަނަފުށީ ގޭގޭގެ ފާރުތައް "ހަޑިކުރި" މީހުން މިތިބީ

ގެމަނަފުށީ ގޭގޭގެ ފާރުތައް "ހަޑިކުރި" މީހުން މިތިބީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިންނަކީ ޒަމާނުއްސުރެ ރޯދަމަހަށް ވަރަށް ތައްޔާރުވާ ބައެކެވެ. އިހުޒަމާނުގައި ރޯދައަށް ގޭދޮށަށް ދޮންވެލިލާ އުޅުނެވެ. ޒަމާން ބަދަލުވަމުން އައިސް ރޯދައަށް ގޭގެ ކުލައާކޮށް ފަރުނީޗަރުތައްވެސް ބަދަލުކުރެއެވެ. މިއަހަރުގެ ރޯދަމަހާއި ކައިރިވިވަރަކަށްވެސް ފެންނަމުން ދިޔައީ މިމަންޒަރުތަކެވެ. އެހެނަސް ގއ ގެމަނަފުށީ ޒުވާނުންތަކެއް ރޯދަމަަސް ކައިރިވަމުންދިޔައިރު ކުރަމުންދިޔައީ މުޅިން ތަފާތު މަސައްކަތްތަކެކެވެ. ރަށުގެ ގޭގޭގެ ފާރުތަކުގައި ނަސޭހަތުގެ އެކި މެސެޖުތައް ލިޔުމުގެ މަސައްކަތެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެމުން މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެއްޒުވާނެއް ކަމުގައިވާ ޞަފްވަތުﷲ ކިޔައިދިން ގޮތުގައި ފާރުތަކުގައި މިފަދަ މެސެޖުތައް ލިޔުމަކީ މީގެ ފަސްވަރަކަށް އަހަރުކުރިން އެރަށުގައި ފެށިފައިވާ ކަމެކެވެ. ނަމަވެސް އޭރު ބައެއް ކަންކަމާއި ހުރެ އެމަސައްކަތް އޮތީ މަޑުޖެހިފައެވެ.

މަޑުޖެހިފައިއޮތް މިކަންތައް ކުރުމަށް ޞަފްވަތުﷲ އާއި އިތުރު ފަސްވަރަކަށް ޒުވާނުން ހިތްވަރާއެކު ނިކުމެ މިހާރުވަނީ ރަށުގެ ހަތަރު ފާރެއްގައި މެސެޖުތައް ލިޔެ ނިންމާލާފައެވެ.

ޞަފްވަތުﷲ ބުނި ގޮތުގައި ދީނީ ކަންކަމާ ދުރު މީހުންނަށް، އަބަދު ދީނާ ގުޅޭ ގޮތުން މައުލޫމާތު ދޭނަމަ އެކަމާ މެދު މާ ބޮޑަށް ފޫހިވެދާނެ އެވެ. އެކަމަކު އެކަމަށް ހިތްވަރު ދީ، މި ފަދަ ލިޔުންތައް އަބަދު ފެންނަ ނަމަ އެކަމަކާ މެދު އެ މީހުން ވިސްނާނެ ކަމަށް އޭނާ ބުންޏެވެ.

ޞަފްވަތުﷲ ބުނިގޮތުގައި މިމަސައްކަތުގައި އެންމެ އުނދަގޫ މަރުހަލާއަކީ އަކުރުތައް ކެފުންކަމަށެވެ. ފާރުގައި ލިޔުމަށް ބޭނުންވާ މެސެޖުގެ އަކުރުތައް ކެފުމަށްފަހު ފާރަށް އަކުރުތައް ސްޕްރޭ ކުރުމުގެކުރިން ފާރުގައި ކުލަލާ ރީތިކުރެއެވެ. ލިޔުންތައް ފޮޓޯކޮޕީ ނެގުމާއި ސްޕްރޭއާ ކުލަ ފަދަ ތަކެތި ގަތުމަށް ރަށުގެ މީހުންގެ އެހީތެރިކަން ލިބޭކަމަށާއި ހާއްސަކޮށް ރަށުގެ ކައުންސިލުން އެކަމަށް ދޭ އެއްބާރުލުން ޞަފްވަތުﷲ ފާހަގަ ކުރި އެވެ.

ޞަފްވަތުﷲ އާއި އޭނާގެ ޓީމުން މިހާރު ފާރުތަކުގައި ލިޔަނީ ހަމައެކަނި ނަމާދުގެ މުހިއްމު ކަމާ ގުޅޭ ގޮތުންނެވެ. އަދި ކުރިމަގުގައި އަހްލާގާއި ދީނީ އެހެން ކަންކަމާ ގުޅޭ ގޮތުން ވެސް އެ ފަދަ ލިޔުންތައް ތައްޔާރު ކުރާނެ ކަމަށް އެޓީމުން ބުނެއެވެ.

ޞަފްވަތުﷲ ބުނިގޮތުގައި މިކަމަށް ރަށުގެ ރައްޔިތުންގެ ތާއިދު ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން މީހުން މީހާރު އެމީހުންގެ ގޭގެ ފާރުތަކުގައި މިފަދަ މެސެޖުތައް ލިޔެދިނުމަށް އެދެމުންދެއެވެ. އެގޮތުން މިހާރުވެސް އެގޮތަށް މެސެޖުތައް ލިޔުމަށް 9 ފާރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމުގެ ތާއިދު ބޮޑުވެފައިވަނީ ހަމައެކަނި ގެމަނަފުށީ ރައްޔިތުންގެ މެދުގައެއް ނޫނެނެވެ. ސޯޝަލް މީޑިއާގައި މިފާރުތަކުގެ ފޮޓޯތައް ދައުރުވާން ފެށުމުން އެތައްބަޔަކުވަނީ މިޚިޔާލު ކަމުގޮސް އެވާހަކަ ދައްކަންފަށާފައެވެ. އަދި ބައެއް ރަށްރަށުގެ ފާރުތަކުގައިވެސް މިފަދަ މެސެޖުތައް ލިޔުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.