އައްސާމް ހައްދާދު ޤަބޫލުކުރާ ގޮތުގައި އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ވަރަށް މުހިއްމު ދެއެއްޗެއްވެއެވެ، އެއީ ހަމަޖެހުމާއި ޗޮކުލެޓެވެ. ސޫރިޔާގެ ވެރިރަށް ދިމިސްޤުގައި ފުޅާދާއިރާއެއްގައި ޗޮކުލެޓުގެ ވިޔަފާރިކުރި މިހިތްވަރުގަދަ ވިޔަފާރިވެރިޔާ އަމިއްލަ ޤައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއެކު ޤައުމު ދޫކޮށްދިއުމަށް މަޖުބޫރުވުމާއެކު ރެފިއުޖީއެއްގެ ގޮތުގައި ކެނެޑާއަށް އެތެރެވެ ހިތްވަރާއެކު އަންނަނީ ޗޮކުލެޓުގެ ފޮނި ރަހައިން ދިރިއުޅުމަށް އުފާވެރިކަން ހޯދަމުންނެވެ.
ފާއިތުވި ތިރީހަކަށް އަހަރު ހައްދާދުގެ ކުންފުނިންއައީ އަމިއްލައަށް އަތުން ތައްޔާރުކުރަމުން ގެންދިޔަ ޗޮކުލެޓުގެ ވައްތަރުތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޮނުވާ އެއިން ނަފާ ހޯދަމުންނެވެ. ނަމަވެސް 2011 ވަނަ އަހަރު ސޫރިޔާގައި ހިނގަންފެށި ހަމަނުޖެހުންތަކާއެކު ތިރީސް އަހަރުވަންދެން ކުރި ބުރަ މަސައްކަތް، ޤައުމުގައި ބަދަލުކުރެވެމުންދިޔަ ބަޑީގެ ވަޒަންއަރާއި ބޮމުގެ ހަމަލާތަކުގައި ކުދިކުދިވެ ވިއްސިވިހާލި ވެގެންދިޔައެވެ.

ހުސްއަތާއި ޤައުމު ދޫކޮށް ރެފިއުޖީއެއްގެ ގޮތުގައި އެހެން ޤައުމެއްގައި އުޅެން ޖެހުމަކީ ހިތްދަތި އިހްސާސެއް ކުރުވާނެ ކަމަކެވެ. ނަމަވެސް ހައްދާދުގެ ޢަޒުމު ގުޑާވަރުގެ ހަމަލާއެއް ދެވޭވަރުގެ އެއްވެސް ހަތިޔާރެއް ބައްޝާރުގެ ލަޝްކަރުތަކުގައި ނެތެވެ. ކެނެޑާގައި އުޅެންފެށިތާއި ހަތްމަސްތެރޭގައި ހައްދާދު އަންނަނީ ފިހާރައެއް ހުޅުވާ ޗޮކުލެޓުން އެހިސާބުގަނޑުގެ ރައްޔިތުންނަށް ޖާދޫ ދައްކަމުންނެވެ. މިއާއެކު ހައްދާދުގެ ޗޮކުލެޓުގެ މިވިޔަފާރިވެފައިވަނީ ކެނެޑާގައި އެންމެ ގިނަ މީހުން އެތަނެއްގެ ވާހަކަދައްކާ ފޮނި ކާއެއްޗެހި ވިއްކާ ތަނަށް ވެފައެވެ.
މިތަނެއްގެ ޖާދޫގައިޖެހި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސްވަނީ ހައްދާދު ތައްޔާރުކުރާ ޗޮކުލެޓުގެ ރަހަ ބަލާލުމަށް އޭނަގެ ފިހާރައަށް ޒިޔާރަތް ކޮށްފައެވެ.
ހައްދާދުގެ ޗޮކުލެޓު ވިޔަފާރިއާއި ގުޅޭގޮތުން އޭނާގެ ދޮށީ ދަރިފުޅު ތާރިޤް ހިއްސާކޮށްފައިވެއެވެ. "1980 ގެ އަހަރުތަކުގައި ދިމިސްޤުގެ ލައިބްރަރީތަކުން ޗޮކުލެޓުގެ ތަފާތު ވައްތަރުތައް ކައްކާނެ ގޮތް ލިޔެފައި ހުންނަ ފޮތްތައް ގެނެސްގެން ބައްޕަ އެއެއްޗެހި ކިޔާ އޭގައި ހުންނަ ގޮތަށް އެއްޗެހި ތައްޔާރުކުރަން މަސައްކަތް ކުރާނެ. ފުރަތަމަ ބައްޕަ އެކަން ކުރަންފެށީ ހޮބީއެއްގެ ގޮތުގައި. ފަހުން އެކަމާއި ސީރިއަސްވެ އަމިއްލަ ރެސިޕީތައް ތައްޔާރު ކުރަންފެށި."
ތާރިޤް ކިޔައިދިން ގޮތުގައި 1990ގެ އަހަރުތަކުގައި ހައްދާދުގެ ޗޮކުލެޓު ފެކްޓްރީއިން ދުވާލެއްގެ މައްޗަށް އެތައް ޓަނެއްގެ ޗޮކުލެޓުގެ އުފެއްދުންތައް ތައްޔާރު ކުރަމުންދިޔައެވެ. އަދި އެ އުފެއްދުންތައް ޔޫރަޕާއި މެދުއިރުމައްޗަށް އެކްސްޕޯޓް ކުރަމުން ގެންދިޔައެވެ. އެދުވަސްވަރު ހައްދާދުގެ ޗޮކުލެޓު ފެކްޓްރީވެފައިވަނީ އެސަރަހައްދުގައި ހިންގާ ދެވަނައަށް އެންމެ ބޮޑު ޗޮކުލެޓު ފެކްޓްރީއަށެވެ. ނަމަވެސް 2013 ވަނަ އަހަރު ދެވުނު މިސައިލް ހަމަލާއެއްގައި ހައްދާދުގެ ޗޮކުލެޓު ފެކްޓްރީ ބިމާ ހަމަވިއެވެ. ދިރިއުޅެމުންދިޔަގެ އަނދާ އަޅިޔަށްވުމުން އާއިލާއެއްކޮށް ލުބްނާނަށް ހިޖުރަކުރިއެވެ.
ޤައުމުގެ ކަންކަން ހަމައަކަށްއެޅި، އަނބުރާ ޤައުމަށް ދެވޭނެކަމަކަމުގެ އުއްމީދުގައި ހައްދާދުގެ އާއިލާއިން ލުބްނާނުގެ ރެފިއުޖީ ކޭމްޕްގައި ތިން އަހަރު ދިރިއުޅުނުވެ. ނަމަވެސް ޤައުމުގެ ކަންކަން އިތުރަށް ގޯސްވަމުންދާތީ ކުރަމުންދިޔަ އުއްމީދުތަކުގައި ކުލަޖެހޭ ގޮތެއްނުވިއެވެ. ނަސީބު އަތުގައި ހިފީ 2015 ވަނަ އަހަރު ރެފިއުޖީންގެ ގޮތުގައި ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ހައްދާދުގެ އާއިލާގެ ހަމެމްބަރުންނަށް ލިބުނު ހިސާބުންނެވެ.
2016 ވަނަ އަހަރު ޖެނުއަރީ މަހު ކެނެޑާއަށް ދިރުއުޅުން ބަދަލުވުމާއެކު ހައްދާދު އޭނާގެ އަމިއްލަ ބަދިގޭގައި އޭނާގެ މަސައްކަތް ފެށިއެވެ. އަދި ޗޮކުލެޓުގެ ތަފާތު ވައްތަރުތައް ތައްޔާރުކޮށް އެހިސާބުގަނޑުގެ ދަނޑުވެރިންގެ މާރުކޭޓެއްގައި ހައްދާދު ތައްޔާރުކުރަމުންދިޔަ ތަކެތި ވިއްކަން ފެށިއެވެ.
ތާރިޤް ކިޔައިދިން ގޮތުގައި އޭގަ ހަތްމަސްފަހުން އެމީހުންނަށް ފިހާރައެއް ހުޅުވާ އެމަސައްކަތް ފުޅާ ކުރެވިގެންދިޔައީ އެސަރަހައްދުގެ ވަރަށް ގިނަ ރައްޔިތުންގެ ދީލަތި އެހީއާއެކުގައެވެ. އެގޮތުން ފިހާރައިގެ ފެނާއި ކަރަންޓު ވައިރިންއާއި ވަޑާމުގެ މަސައްކަތްތައްވެސް ކޮށްދިނީ އެސަރަހައްދުގެ ރައްޔިތުންނެވެ. އަދި ވިޔަފާރި ފެށުމަށް ބޭނުންވާނެ ފައިސާ ލޯނެއްގެ ގޮތުގައި ދިނީވެސް އެސަރަހައްދުގެ ރައްޔިތުންކަމުގައި ތާރިޤް ފާހަގަކުރިއެވެ.
މިއާއެކު މިސަރަހައްދުގެ ރައްޔިތުން ދައްކުވައިދިނީ ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި ލާމަސީލު ނަމޫނާއެކެވެ.

ތާރިޤް ފާހަގަކުރިގޮތުގައި 2016 ސެޕްޓެމްބަރމަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިޗޮކުލެޓު ފިހާރައިގެ ވާހަކަ އެމެރިކާގެ ނިއު ޔޯކުގައި ހިއްސާކުރުމާއިއެކު އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެގެން ދިޔައެވެ. ކެނެޑާއަށް ޒިޔާރަތްކުރާ ޗޮކުލެޓަށް ލޯބިކުރާ ފަތުރުވެރިންވެސް ކޮންމެހެންދާން ބޭނުންތަނަކަށް މިތަން ވެގެންދިޔައެވެ. ނުކަތާވަރަށް އެކި ދިމަދިމާލުން އޯޑަރުތައް ލިބެންފެށިއެވެ.
މިކާމިޔާބާއެކު މިހާރުވަނީ ހައްދާދުގެ މިއުފެއްދުންތައް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމުތައް އުފައްދާފައެވެ. އަދި އިތުރު މުވައްޒަފުން ހޯދާ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ހަނގުރާމައިން ވިއްސިވިހާލިވި ހައްދާދުގެ ދިރިއުޅުމަށް މިއަދުމިވަނީ އަނެއްކާވެސް ޗޮކުލެޓުން ބަހާރު މޫސުން ގެނުވާފައެވެ. ހައްދާދުގެ ހިތްވަރަށް ހަމަ އައްސަރިބަހުން ސާބަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...