ކަޅު ބުޅަލެއް މީހެއްގެ ކުރިމަތިން ހުރަސްކޮށްފި ނަމަ އެމީހަކާ ދިމާއަށް ބުނެވެނީ "ތިބާ އާއި ބަދުނަސީބަކާއި ކުރިމަތި ލާން ޖެހޭނެ" މިފަދައިންނެވެ. ހަނދު ކޭތަ ހިފާފައިވާ ރެއަކު މާބަނޑު އަންހެނަކު ތޫނު އެއްޗަކުން މަސައްކަތް ކުރިއަކަ ނުދޭނެއެވެ. ވައަތު ލޯ ތަޅުވާ ނަމަ، އެއީ ބަދު ނަސީބުގެ ފާލެކެވެ. ކަނައަތު ލޯ ތަޅުވައިފި ނަމަ އެއީ އުފާވެރިކަމުގެ ހެޔޮ ފާލެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޒަމާނުއްސުރެ ޤަބޫލުކުރާ ޤަބޫލުކުރުންތަކެކެވެ. ހިތުގެ އަޑިން ތެދުކުރާ ބޯދާ ޚިޔާލު ތަކެކެވެ.
ކޮންމެއަކަސް ދިވެހިންގެ ތެރެއަށް އައި ތަރައްޤީއާއި، ތަހުޒީބާއިއެކު ގިނަ ބަޔަކު ބޭރުން ތަޢުލީމު ޙާޞިލުކޮށްގެން އައުމުގެ ނަތީޖާއަކަށްވީ މަޑުމަޑުން މިފަދަ ބޯދާ ވާހަކަތަކާ މީހުން ދުރަށް ދިއުމެވެ. މީހުންގެ ވިސްނުން ޒަމާނާ އެއްގޮތައް ބަދަލުވެ، މިފަދަ ފުލޯކު ވާހަކަތައް ގިނަ ބަޔަކު ދޮގު ކުރިއެވެ. މިއީ އުފާކުރަންވީ ކަމެއްކަމުގައި ވިޔަސް، ފުންކޮށް މިކަމާ ދޭތެރޭ ވިސްނާލާއިރު ފާހަގަވާ ކަމަކީ ކީރިތި ޤުރުއާނާއި، ސުންނަތުން ސާބިތުބާ ބައެއް ކަންތަކާ މިފަދަ ބޯދާ ޚިޔާލުތަކާ ބައެއް މީހުންނަށް އޮޅިފައިވާ ކަމެވެ. ޖިންނި ޝައިޠާނުންނާއި، އެސްފީނާއަކީ ޙަޤީޤަތެއް ނެތް ބޯދާ އެއްޗެހިތަކެއް ކަމުގައި މިހާރުވެސް ގިނަ ބަޔަކު ދެކެއެވެ. އިރު އޮއްސޭ ވަޤުތު ކުޑަކުދިން ގޭތެރެއަށް ވެއްދުމަކީ ވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި ބޯދާ ވިސްނުމެކެވެ.
އިންސާނާގެ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ކީރިތި ޤުރުއާނާއި ސުންނަތުން އެއްޗެއް ވާ ކަމުގައި ބަޔާންވެ ކަނޑައެޅިގެން އެނގެން އޮތްނަމަ، އަހަރުމެންގެ ޢަޤީދާއަކީ އެއެއްޗެއް ވާ ކަމާ މެދު ޝައްކު ނުކުރާ ޙާލު، ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ޣައިބަށް އީމާންވުމަކީ އެއީ އެވެ. އެގޮތުން ޖިންނީންނަކީ މާތްﷲ އެކަލާނގެ އިންސާނުން އުފެއްދެވުމުގެ ކުރީގައި ޚަލްޤުކުރެއްވި މަޚުލޫޤެކެވެ. ދުން ނާރާ އަލިފާނުން އެކަލާނގެ ޖިންނީން އުފެއްދެވިކަން ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާން ކުރެވިފައި ވާއިރު، ޖިންނީންނާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތައް ޙަދީޘްފުޅު ތަކެއްވެސް ވާރިދުވެފައި ވެއެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ:
"ތަޣައްޔަރު ވެފައިވާ ކަޅު ކުލައިގެ ކިސަނޑުން އުފެދިގެން އައި މަށިން ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭގެ ކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން އުފެއްދެވީމެވެ." (އަލް ޙިޖްރު 26-27)
ޖިންނީންނަކީ އިންސާނުން ފަދައިން ކައިބޮއި ހަދާ، ދަރިމައިވާ ބައެއް ކަމާއި، ޖިންނީން އުޅޭ ތަންތަނާއި، އިންސާނުންނަށް ޖިންނީންގެ ކިބައިން ދުއްތުރާ ކުރިމަތިވާ ކަމާއި، އެބައިގަނޑުގެ ތެރޭގައިވެސް އެކިއެކި ދީންތަކުގެ ޖިންނިތައް އުޅޭކަން ޙަދީޘްތަކުން ސާބިތުވެއެވެ.
ދެންއޮތީ އެސްފީނާގެ ވާހަކައެވެ. މިއީވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދޮގުކުރާ ބޮޑުވެގެންވީ ޙަޤީޤަތެކެވެ. އިބްނުލް ޤައްޔިމް ރަޙިމަހުﷲ ގެ ތަޢުރީފުގައި އެސްފީނާއަކީ، "އެއްޗަކާމެދު ޤަބޫލު ވެވޭ ހިނދު، އެމީހާގެ ނަފުސުގެ ނުބައިކަން އެއެއްޗަކަށް ޢަމާޒުވެ، އެއެއްޗަކާ އަޅައިގަނެ އެނަފުސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަށް ފޯރާ ފޯރުވުމެވެ." އެސްފީނާގެ ޙާދިސާތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ވެސް ވަނީ ކުރިމަތި ވެފައެވެ. އަދި އެކަލޭގެފާނު ވަނީ އެސްފީނާއިން ރައްކާތެރިވާނޭ ގޮތްތަކާ އޭގެ އަސަރުކޮށްފި ނަމަ ކަންކުރާނޭ ގޮތް ވެސް ތަފްޞީލުކޮށްދެއްވާފައެވެ. އެސްފީނާއާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ:
"އެސްފީނާ އަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާ ކުރެއްވިއެވެ." (ބުޚާރީ/ މުސްލިމް)
ކުޑަކުދިން އިރުއޮއްސޭ ވަޤުތުގައި އަތިރި މައްޗަށާއި، ޕާކު ތަކަށާއި، ހިޔާ ފަދަ ތަންތަނަށް ގެންދިއުމަކީ އާދަކޮށް ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އަދި އެގޮތައް ކަންތައް ނުކުރުމަށް ބުނާ މީހުންނަށް ގިނަ ފަހަރު މަލާމާތްކޮށް އެމީހުންނަށް ބީރުކަންފަތެއް ދެވެއެވެ. ނަމަވެސް، ޙަޤީޤަތަކީ، އިރު ފެނުގެ ތެރެއަށް ގޮސް ގެއްލޭ ވަޤުތު ކުޑަކުދީން ބޭރުގައި ނުބޭތިއްބުމަށާއި، ގޭތެެރެއަށް ވެއްދުމަށް އިރުޝާދު ދެއްވާފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެގަޑީގައި ޖިންނި ޝައިޠާނުން ފެތުރި ހަލަބޮލިވާ ވާހަކައަކީ ބަޔަކު ހަދަހަދައިގެން ދައްކަ ފުލޯކު ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ޞައްޙަ ޙަދީޘުން ސާބިތުވާ ބުރަދަން ހުރި ވާހަކައެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ:
"ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮށްސުނީއްސުރެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހަށްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުން އެވަގުތުގައި ފެތުރިގަނެއެވެ. ދެން ރޭގަނޑުން ސާޢަތެއް (އެބަހީ އިރު އޮށްސުމާއި އެކުގައި ވެގަންނަ އަނދިރިކަން) ފިލައި ދިޔުމުން ދޫކޮށްލާށެވެ…" (ބުޚާރީ/ މުސްލިމް)
އާދެ! ޖިންނީންނަކީ ވާ ބައެކެވެ. އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ތޯތޯ ވާހަކަތަކެއް ނޫނެވެ. ތޯތޯ ޚިޔާލުތަކާއި ޚުރާފާތްތަކާއި، ޞައްޙަ މަގުން ސާބިތުވާ ކަންތައްތައް ދެނެގަންނަން އެބަޖެހެއެވެ. އެ ދެކަންތަކުގެ ތަފާތު ރަނގަޅަށް އެނގުން މުހިއްމެވެ. ޤުރުއާނާއި ސުންނަތުން ކަމެއް ސާބިތުވެފައިވާ ނަމަ މުސްލިމުންގެ ގޮތަކީ އެކަމެއް ޤަބޫލުކުރުމެވެ. ޣައިބުގައިވާ ކަންތައް ކަމުގައި މި ދެންނެވި ދެ މަސްދަރުން ސާބިތުވާ އެންމެހާ ކަންތަކަށް އީމާންނުވެ އީމާންކަން ފުރިހަމައެއް ނުވެއެވެ. ޤުރުއާނުގައި ވަނީ ﷲ ގެ ވަޙީއެވެ. އަދި ޙަދީޘުގައިވެސް ވަނީ އެންމެ މަތިވެރި އިންސާނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުުން އެކަލާނގެ ވަޙީއެވެ.
"އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެތެވެ." (ސޫރަތު ނަޖްމް 4-3)
ޖިންނީން ނޫޅެއޭ ބުނާ މީހުންނާއި އެސްފީނާ ދޮގުކުރާ މީހުންނަށް ނޭނގިތިބެ ނަމަވެސް އެ ދޮގު ކުރެވެނީ ޤުރުއާނާއި، ޙަދީޘެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން އޮޅިފައިވާ މީހުން ތޯތޯ ވާހަކަތަކުގެ ތެރެއިން މިފަދަ ކަންތައްތައް ވަކިކޮށް ޞައްޙަ މަގަށް ރުޖޫޢަވާން އަވަސްވެގަންނަން ވެއްޖެއެވެ. ނޭނގިތިބެ ނަމަވެސް ޤުރުއާނާއި ސުންނަތަށް ނިޞްބަތްކޮށް ތިޔަ ބުނެވެނީ އެއީ ތޯތޯ އެއްޗެއް ކަމުގައެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ!

















ޚިޔާލު