އަލްޓްރާ ސައުންޑް ސްކޭންގެ ބޭނުން އިންޑިޔާގައި ޢާއްމުވަމުން ދިޔުމާއެކު، ބަނޑުގައި އޮންނަ އަންހެން ދަރިން ވައްޓާ ރޭޓް އެޤައުމުގައި މަތިވަމުން ދާކަމަށް އަލަށް ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ބްރެސްޓޮލް ޔުނިވާރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ސޯނިޔާ ބަލޮޕްޓްރާ ކުރެއްވި މި ދިރާސާގައި ބަޔާންކުރައްވާ ގޮތުގައި، އިންޑިޔާގައި ކޮންމެ އަހަރަކު ބައި މިލިޔަން އަންހެންކުދިން އެބޯޝަންހައްދާ ވައްޓާލެވެއެވެ. މިއީ މުޅި އިނގިރޭސި ވިލާތުގައި އަހަރެއްގެ މައްޗަށް ވިހާ އަންހެންކުދިންގެ އަދަދަށްވުރެ މަތީ އަދަދެކެވެ.
މި ކަމަކީ އަދުގެ ދުނިޔޭގައި އެންމެ ބޮޑަށް އިވޭ އަޑުތައް ކަމަށްވާ ޖިންސީ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތަކާއި، އަމިއްލަ އިޚްތިޔާރާއި މިކަންކަމާ ގުޅިގެންދާ މައްސަލަތަކެއްކަމަށްވެސް މި ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިމައްސަލަ އެންމެ ބޮޑުވެފައިވަނީ ޒަމާނީ ތަޢްލީމު އުނގެނިގެންތިބި އިންޑިޔާގެ މުއްސަނދި ހިންދީ ޢާއިލާތަކުގައެވެ. އަދި މުސްލިމުން މިކަމަށް ނުރުހުންތެރިކަމެއް ގެންގުޅޭކަންވެސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، އިންސާނީ ޙައްޤުތަކާއި ޖިންސީ ހަމަހަމަކަން ފަދަ ދާއިރާ ތަކުގައި އިސްލާމީ ޝަރީޢަތުގެ މުޙިއްމުކަން ގިނަ ބަޔަކަށް ވިސްނިގެންދާނެކަމަށް ލަފާކުރެވެއެވެ.
30 އަހަރުގެ ތެރޭގައި ބައިމިލިޔަން ފަރާތް ބޭނުން ކޮށްގެން ކޮށްފައިވާ މި ދިރާސާ ބުނާގޮތުން، ފިރިހެންކުދިންނަށް ވުރެ އަންހެންކުދިންގެ އާބާދީގެ ނިޞްބަތް އަވަސް މިނެއްގައި ދަށަށް ގޮސްފައިވަނީ އަލްޓްރާ ސައުންޑް މެސިންތައް އެޤައުމުގައި ތަޢާރަފްވުމަށް ފަހުގައެވެ. މިހާރު އެފަދަ މެޝިނެއްް އެންމެ 10 ޑޮލަރަށް (ގާތްގަނޑަކަށް 1280 ދިވެހި ރުފިޔާއަށް) ވެސް އެޤައުމުގައި ލިބެންހުރެއެވެ. އެއީ ގިނަ ބަޔަކު ހަމައެކަނި ކައިވެނީގެ ރަނުގެ ގޮތުގައި ހޭދަކުރާ އަދަދާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އާއްމުންގެ ގިނަ ބަޔަކު މިފަދަ މެޝިންތަކުގެ އެހީގައި ބަނޑުގައި އޮތީ ކޮންޖިންސެއްގެ ދަރިއެއްތޯ ބަލާހަދައެވެ. އަދި އެއީ އަންހެން ކުއްޖެއްކަމުގައިވާނަމަ، އެފަދަ މައުޞޫމް ކުށެއްނެތް ކުދިން އެބޯރޓްކޮށްލާ މަރާލައެވެ. އިސްލާމްދީނުގެ އުޞޫލްތަކަށް ބަލާއިރު، ވަކި ޖިންސެއްގެ ކުއްޖަކަށް ވެގެން ދަރިންމެރުން ހުއްދަވެފައިނުވެއެވެ.
މި ރިޕޯޓްގައި ލަފާ ކޮށްފައިވާ ގޮތުގައި، މިފަދައިން ކަންތައްކުރެވެމުން ގޮސް، އާބާދީގައި އަންހެނުންނަށް ވުރެ ފިރިހެނުން އާދަޔާ ޚިލާފަށް ގިނަވާން ފެށުމުން ކައިވެނި ނުކޮށް ހުސްހަށި ބަޔަށް ތިބޭނޭ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށާއި، އަންހެނުންނާމެދު ކުރެވޭ "ހާނީއްކަ" އިތުރުވެގެންދާނެއެވެ.
1996 ވަނަ އަހަރުން ފެށިގެން ޖިންސުގެ ތަފާތަށް ބަލާ ދަރި ވައްޓާލުމަކީ އިންޑިޔާގައި މުޅިން މަނާކަމެކެވެ. އިސްލާމްދީނުގައި ވާފަދައިން މިފަދަ ކަންކަމަށް ވަކި އުޟޫލެއް ކަނޑައެޅި އެފަދައިން ޢަމަލުކުރެވެމުންދާނަމަ މިފަދަ ބޮޑު އިޖްތިމާޢީ މައްސަލަތަކަކާމެދު ހާސްވާން ނުޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...