ވިޔަފާރިދުނިޔެ

ދުނިޔެއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ކާރިސާއަށް ފަހު އިސްލާމިކް ބޭންކިންގ އަޑުކިޔާފައި ކުރިއަރަނީ

މުޅި ދުނިޔެއަށް އެންމެ ފަހުން ކުރިމަތިވި ބޮޑު އިގްތިސާދީ ހީނަރުކަމަށްފަހު އިސްލާމިކް ބޭންކިންގ އާދަޔާ ޚިލާފަށް ކުރިއަރަމުންދާ ކަމަށާއި އިންޑިޔާ ފަދަ އިގްތިސާދީ ރޮނގުން ވަރުގަދަވަމުން އަންނަ އެތައް ގައުމަކުން އިސްލާމިކް ބޭންކިންގ އަށް މަރުހަބާ ކިޔަމުންދާ ކަމަށް އިސްލާމިކް ބޭންކިންގ އާ ބެހޭ މާހިރެއް ވިދާޅު ވެއްޖެ އެވެ.

ކޮންވެންޝަނަލް ބޭންކިންގ ނުވަތަ އިންޓްރެސްޓް ބޭންކިންގ ރިބާގެ މައްޗަށް ބިނާވެފައި ވީނަމަވެސް އިސްލާމިކް ބޭންކިންގ ބިނާވެފައި ވަނީ ވިޔަފާރީގެ ފައިދާގެ މައްޗަށެވެ.

"މިވަގުތު އިސްލާމިކް ބޭންކިންގް ސިނާއަތުގެ ޖުމްލަ އަގު 1.2 ޓްރިލިއަން ޑޮލަރަށް އަރާ. ކޮންވެންޝަނަލް ބޭންކިންގގެ  ޖުމްލަ އަގު ކަމަށްވާ 243 ޓްރިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެއް. އެންމެ އިންސައްތަ އަކަށްވުރެވެސް ކުޑަ. އެކަމަކު މި 1 ޓްރިލިއަނަކީ އެންމެ 40 އަހަރު ދުވަހުގެ ތެރޭގައި ވާސިލުވެވުނު އަދަދެއް. އިސްލާމިކް ބޭންކިންގ ދަނީ ކޮންވެންޝަނަލް ބޭންކިންގ ސިނާއަތާ އަޅާބަލާއިރު އަހަރަކު 15 އިން ސައްތަ އާއި 20 އިން ސައްތައާ ދެމެދުގެ ބާރުމިނެއްގައި ކުރިއަރަމުން." އިސްލާމިކް ބޭންކިންގއާ ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ މަޒްލާން ހުސައިން 17 ވަނަ ކޮމަންވެލްތު ލޯ ކޮންފަރެންސްގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގެ 70 އެތައް ގައުމެއް ވަނީ އިސްލާމިކް ބޭންކިންގގެ މުހިއްމުކަން ގަބޫލުކޮށް އެޚިދުމަތަށް މަރުހަބާ ކިޔަން ފަށާފަ އެވެ.

އިސްލާމިކް ބޭންކިންގގެ މައި މަރުކަޒަކީ މި ސިނާއަތުގެ 22 އިން ސައްތަ ހިއްސާކުރާ މެލޭޝިޔާ އެވެ. ކުވައިތާއި، ބަހްރައިނާއި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކުގައި އަހަރަކު 20 އިން ސައްތައިގެ ހަލުވި މިނެއްގައި އިސްލާމިކް ބޭންކިންގ އިންޑަސްޓްރީ ދަނީ ކުރިއަރަމުންނެވެ.

"މި އިންޑަސްޓްރީ ކުރިއަރަމުންދާ ކަމާމެދު އެއްވެސް ޝައްކެއް ނެތް. ދާދި ފަހުން އިންޑިޔާގެ ކެރެލާ ސްޓޭޓްގައިވެސް އިސްލާމިކް ބޭންކިންގގެ ޚިދުމަތް ފެށުމުގެ ހުއްދަ ވަނީ ލިބިފައި. ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ފައިދާ އިސްލާމިކް ބޭންކިންގ އިންޑަސްޓްރީއަށް ކޮށްފައިވޭ. ބޭންކިންގ އިންޑަސްޓްރީގެ މާހިރުންނަށް މިހާރު ގަބޫލު ކުރެވޭ ކޮންވެންޝަނަލް ބޭންކިންގ ނިޒާމުގައި މައްސަލަތަކެއް އުޅޭކަން. ޗައިނާއާއި ކޮރެޔާ ފަދަ ގައުމުތަކުން ވެސް މިހާރުދަނީ އިސްލާމިކް ބޭންކިންގ ނިޒާމު އެގައުމުތަކުގައި ގާއިމުކުރަމުން." ހުސައިން އިތުރަށް ވިދާޅުވި އެވެ.

އިންޑިޔާގެ  އެންމެ ބޮޑު އިދިކޮޅު ޕާޓީ ބީ.ޖޭ.ޕީގެ ލީޑަރު ސުބްރަމާނިއަން ސުވާމީ ދެކޮޅު ހައްދަވަމުން ދިޔުމާއެކު ވެސް ކެރެލާ ހައިކޯޓުން ވަނީ އިސްލާމިކް ބޭންކިންގ ނިޒާމު ގާއިމް ކުރުމުގެ ހުއްދަދީފަ އެވެ.

"އިސްލާމިކް ބޭންކިންގއާ ދެކޮޅު ހަދައި އިންޑިޔާއަށް ލިބެން އޮތް އެތައް ބައިވަރު ބޭރުގެ އިންވެސްޓްމެންޓްތައް ލިބިނުގަންނަންވީ ކީއްވެ؟ ބޮޑުވަޒީރު މަންމޯހަން ސިންހް މެލޭޝިޔާއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައިވޭ އިސްލާމިކް ބޭންކިންގގެ މައުލޫމާތު ހޯދުމަށް މަރުކަޒީ ބޭންކް (ރިޒާވް ބޭންކް އޮފް އިންޑިޔާ)ގެ ޓީމެއް މެލޭޝިޔާއަށް ފޮނުވާނެކަމަށް. މިނިޒާމުގައި ހަރުދަނާ ގަވާއިދުތަކެއް ހުރިކަމީ ޔަގީންކަމެއް." ކެރެލާގައި އިސްލާމިކް ބޭންކިންގ ތައާރަފްކުރުމުގައި އިސްކޮށް އުޅުއްވާ އެލް. ނާގެޝްވަރަ ރާއޯ ވިދާޅުވި އެވެ.

އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދުނިޔެއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ހީނަރުކަމާ ގުޅިގެން އިސްލާމިކް ބޭންކިންގގެ ޚިދުމަތުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކުން ސަރުކާރުގެ މާލީ އެހީތެރިކަމަށް އެދިފައެއް ނުވެ އެވެ.

"އިގްތިސާދީ ކާރިސާއަށް ފަހު ސްކޮޓްލޭންޑް ބޭންކް ފަދަ ބޭންކްތަކަށް ސަރުކާރުގެ މާލީ އެހީ ބޭނުންވި. ނަމަވެސް އެއްވެސް އިސްލާމިކް ބޭންކަކަށް މާލީ އެހީގެ ބޭނުން ޖެހިފައެއް ނުވޭ. އެ އިންޑަސްޓްރީއަށް އިގްތިސާދީ ކާރިސާގެ ކުޑަވެސް ނުބައި އަސަރެއް ނުފޯރާ. އިސްލާމިކް ބޭންކިންގެ މަރުކަޒަކަށް ވުމަށް ފްރާންސާއި އިނގިރޭސި ވިލާތާއި ދެގައުމުން ވާދަކުރަމުންދާ ސަބަބަކީ މިއީ. މި ނިޒާމުގެ ހަރުދަނާ ކަމުގެ ސަބަބުން." ދެކުނު އެފްރިކާގެ އޭ.އެސް.ބީ.އޭ ބޭންކް (އިނގިރޭސި ވިލާތުގެ ބާކްލޭސް ބޭންކްގެ ގޮތްޕެއް)ގެ ޑިރެކްޓަރެއް ކަމުގައިވާ މަޒްލާން ހުސައިން ވިދާޅުވި އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *