އަޅުގަނޑުގެ ފޭސްބުކު ޕޭޖުގައި ކޮށްފައިވާ ޕޯސްޓަކާއި ބެހޭގޮތުން ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތަކުން ޚަބަރެއްގެ ގޮތަށް ގެނެސްދީފައިވާ ޚަބަރުގެ ޒާތުގެގޮތުން ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިފައިވެއެވެ. އެހެންކަމުން، މި ލިޔުން އަޅުގަނޑު މި ޚާއްޞަކޮށްލަނީ، އެކަން އޮޅުން އަރާފައިވާ މީސްތަކުންނަށް ކަންހިނގާފައިވާގޮތް ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. ހަމައެއާއެކު، ޚަބަރު ފަތުރާ ވަޞީލަތްތަކަށް އެފަދަ ޚަބަރުތައް ފެތުރުމުގައި މީސްތަކުންނަށް އޮޅުން އަރާފަދަ ގޮތަކަށް ސުރުޙީތައް ޖަހައިގެން ފިތުނައަށްވާ ފަދަ ގޮތަކަށް އެކަން ނުކުރުމަށްވެސް ނަޞޭޙަތްތެރިވުމުގެ ގޮތުންނެވެ.
އެ ޚަބަރުގެ ސުރުޚީގައި ވަނީ "އަދީބުގެ ބާރު ނެތިކުރެއްވުމަށް އެދި ޝެއިޚެއް ދުޢާކޮށްފި" މިފަދައިންނެވެ. މި ޚަބަރާމެދު އެއްޗެކޭ ބުނުމުގެ ކުރިން އަޅުގަނޑު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓު މިތަނުގައި ނަކަލުކޮށްލާނަމެވެ. އެ ޕޯސްޓުގައި ވަނީ "މާތް ﷲ އަދީބަށް ހިދާޔަތް ދައްކަވާށި... އަދި އެކަން އިރާދަފުޅުގައި ނެތްނަމަ، އޭނަގެ ބާރު ނެތިކުރައްވާށި... އަދި މުސްލިމުންގެ މައްޗަށް ހެޔޮ ލަފާ އޯގާތެރި ވަޒީރުން ލައްވާށި... އާމީން!" މިފަދައިންނެވެ.
ކޮންމެއަކަސް، ޚަބަރުގެ ސުރުޚީގައި އޮތީ އަޅުގަނޑުގެ މުޅި ދުޢާގެ ރޫޙާ ޚިލާފަށްކަން އެ ޕޯސްޓު ކިޔައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެ ދުޢާގެ މުޅި ރޫޙަކީ މީހެއްގެ މައްޗަށް ބަދު ދުޢާ ކުރުމެއް ނޫނެވެ. ދުޢާގެ ރޫޙަކީ ހިދާޔަތަށް އެދުމާއި، މުސްލިމުންގެ ޢާންމު މަސްލަޙަތެވެ. މިނިސްޓަރު އަދީބުގެ (މިނިސްޓަރުކަމުގެ) ބާރު ނެތިކުރެއްވުމަށް އަޅުގަނޑު ދުޢާގައި ހިމަނާފައި ވަނީ، ޝަރުތަކާ އެކުގައެވެ. އެއީ މާތް ﷲ ގެ އިރާދަފުޅުގައި އެމަނިކުފާނަށް ހިދާޔަތް ދެއްވުން ނެތްނަމައެވެ. އެހެންކަމުން، މިއިންވެސް ދޭހަކޮށްދެނީ ދުޢާގެ ރޫޙަކީ އެމަނިކުފާނަށް ހިދާޔަތްދެއްކެވުން ކަން އެއްވެސް އޮޅުމެއްނެތް ގޮތުގައި އެނގިގެންދާނެއެވެ.
މި ދުޢާއަކީ، އިސްލާމީ ކޮންމެ ވެރިއެއްގެ މައްޗަށްވެސް އަޅުގަނޑު ކުރާނެ ދުޢާއެކެވެ. އެހެނީ، ޢާންމު މުސްލިމުންގެ މަޞްލަޙަތަކީ ވަކި ފަރުދެއްގެ މަސްލަޙަތަށްވުރެ ބޮޑު އެއްޗެކެވެ. މުސްލިމް ރައްޔިތުންގެ މަސްއޫލިއްޔަތު އެޅިފައިވާ ކޮންމެ ވެރިއެއް، އެއީ ކިތަންމެ ކުޑަ ޒިންމާއެއް ކަމުގައި ވިޔަސް، އަޅުގަނޑުގެ ދުޢާ ވާނީ މިފަދައިންނެވެ. އެއީ މިނިސްޓަރު އަދީބަށް ޚާއްޞަކަމެއް ނޫނެވެ.
ދީނާ ޚިލާފުކަންކަން ކުރިޔަށް ނެރޭނަމަ، ދުޢާ އަކީ އެފަދަ ކޮންމެ ވެރިޔަކަށް މާތް ﷲ ހިދާޔަތް ދެއްކެވުމެވެ. އިރާދަފުޅުގައި ހިދާޔަތް ނުވާނަމަ، އޭނަ އެ ތަހުތުން ވަކިކުރައްވައި، އެކަމަށް އެކަށޭނެ، މުސްލިމުންގެ މައްޗަށް އޯގާތެރި މީހެއް އެމަޤާމަށް ލެއްވުމެވެ. މިއީ ޢާންމު ދުޢާއެކެވެ. މުސްލިމުންގެ ޢާންމު މަސްލަޙަތާ ގުޅިފައިވާ ދުޢާއެކެވެ. މިއީ އެއްވެސް ހާލެއްގައި ބަދު ދުޢާއެއް ނޫނެވެ. އެހެނީ، އިސްލާމްދީނާ ޚިލާފު ކަންކަން ކުރުމުގައި އަދި ރައްޔިތުންގެ މައްޗަށް އެފަދަ ކަންކަން ތަންފީޒު ކުރުމުގައި ވެރިއެއްގެ ގޮތުން އެފަދަ މީހަކު ހުރުމަކީ، އާޚިރުގައި އެމީހަކަށްވެސް ޤިޔާމަތްދުވަހުން އެތަކެއް މުޞީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެހެންކަމުން، އެފަދަ މީހަކަށްވެސް އެންމެ ރަނގަޅު ގޮތަކީ، ޢާންމު މުސްލިމުންގެ ޒިންމާ އުފުލަން ޖެހޭ މަޤާމެއްގަަައި ހުންނަން ނުޖެހުމެވެ. މި ނަޒަރުން ބެލިކަމުގައި ވިޔަސް، މިނިސްޓަރު އަދީބަށް އަޅުގަނޑު ކޮށްފައިވަނީ ބަދު ދުޢާއެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެއީ އެމަނިކުފާނަށްވެސް އަދި މުސްލިމް ދިވެހި ރައްޔިތުންނަށްވެސް އޮތް ހެޔޮ ދުޢާއެކެވެ.
ނަމަވެސް، ހިތާމައަކީ، ބައެއް ޚަބަރު ފަތުރާ ވަޞީލަތްތަކުން ބަލަމުން ދަނީ، އެބައިމީހުންގެ އަމިއްލަ ސިޔާސީ ބޭނުންތަކަށްޓަކައި، ޚައްޞާޞީ މައްސަލަތައް އިތުރަށް ފިތުނަވެރި ކުރެވޭތޯއެވެ. މީހުން ދައްކާފައި ހުންނަ ވާހަކަތަކުގެ ރޫޙު ގެއްލޭގޮތަށް، ފިތުނައަށް މަގު ފަހިވާގޮތަށް ޚަބަރުތަކުގެ ސުރުޚީތައް ލިޔެ، އިތުރަށް ރައްޔިތުންގެ މެދުގައި ރުޅިވެރި ކަމުގެ އަލިފާންގަނޑު ފެތުރުމެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެން ދުރުވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާން ޖެހޭނީ، ސިޔާސީ ފިކުރުތަކުން އެއްކިބާވެ، ފިތުނަވެރިކަން މުޖުތަމަޢުން ނައްތާލެވޭތޯއެވެ. އަމަންއަމާންކަން އުފެއްދޭތޯއެވެ. އަދި ރައްޔިތުންނާއި ވެރިންގެ މެދުގައި އޮންނަން ޖެހޭ ވަރުގަދަ ގުޅުން ޤާއިމުވެފައި އޮތުމަށް ބާރުއެޅުމެވެ. ވެރިން ޒިންމާދާރު ކުރުވުމެވެ. އަދި ރައްޔިތުންނަށް ހޭލުންތެރިކަން ގެނެސްދިނުމެވެ. ފަތުރާ ޚަބަރުތަކުގައި އަމާނާތްތެރިވުމެވެ. ތެދުވެރިވުމެވެ. ކުރާ ކޮންމެ ކަމެއްގައި މާތް ﷲ އަށް ބިރުވެތިވުމެވެ.
މާތް ﷲ އަޅަމެންގެ މައްޗަށް ވެރި ކުރައްވާފައިވާ ވެރިންނަކީ އިބަ އިލާހަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އިސްލާމްދީނާއި ޢާންމު މުސްލިމުންގެ މަސްލަޙަތަށް އިސްކަން ދޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އަޅަމެން ރައްޔިތުންނަކީ ހެޔޮ ބަސް އަޑުއަހައި، އެގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...