ވާހަކަ ( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 7 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 7 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 7 )

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހަތްވަނަބައި . . .

އެހެން ނަމަވެސް ފުރަތަމަ ނަޒަރާއި އެކު އަހަރެން ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އަހަންނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެ އެވެ. ކުއްލި އަކަށް އަހަންނަށް ހަރަކާތެއް ކޮށްލެވުނީ އެތެރެއިން އަންހެނަކު ދަރިފުޅާ ކާކު ހޭ ގޮވާލި އަޑަށެވެ. އެ ކުއްޖާ ވެސް ފާޑަކަށް ރަކިވެފައި ހުރެގެން ބައްޕަގެ ރައްޓެއްސެކޭ ބުނެ އެތެރެއަށް ދެމިގަތެވެ.

އެވަގުތު މުޙައްމަދުގެ އަންހެނުން ނުކުމެ ހާދަ ނުވަގުތެއްގައި ކޮން ދަތުރެއްހޭ އަހާލިއެވެ. އަހަރެން ބުނީ މާ ބޮޑު ކަމަކު ނޫން ކަމަށާއި، މުޙައްމަދަށް ޙަވާލު ކޮށްލަން ޖެހޭ ކުޑަ އެއްޗެއް ޙަވާލު ކޮށްލުމަށް ކަމަށެވެ. މުޙައްމަދުގެ އަންހެނުންގެ ފަރާތުން އަހަންނަށް އެތެރެއަށް ވަދެ ޖޫސް ތައްޓެއް ބޯލުމަށް ލިބުނު ދަޢުވަތު އެވަގުތު ޤަބޫލު ކުރާން އަހަންނަށް ދަތިވީ ދެންމެ އަހަންނަށް ފެނުނު މަންޒަރުންނެވެ. އިތުރަށް އެމަންޒަރު ދެކޭކަށް އަހަންނަށް އެހާ ފަސޭހަ ނުވާނެ ކަން އަހަންނަށް ޔަޤީން ވިއެވެ. އެހެން ކަމުން އަހަރެން ގެނައި ކޮތަޅު މުޙައްމަދުގެ އަންހެނުންނާއި ޙަވާލު ކުރުމަށް ފަހު އަހަރެން ބެލީ ވީ އެންމެ އަވަހަކަށް އެގެއިން ނުކުމެގެން ދެވޭތޯ އެވެ.

އަހަރެން ގޮސް ގެއަށް ވަދެ ކުޑަ ވަގުތު ކޮޅެއް ހޭދަވީފަހުން ވަރަށް ބާރަށް މީހަކު ސަލާން ގޮވާލި އަޑަށް ބޭރަށް ނުކުމެ ބަލާލީމެވެ. އެވަގުތު މުޙައްމަދު ވަރަށް ހާސްވެފައި ދޮރުމަތީގައި އަހަރެން ދިން ކޮތަޅު ހިފައިގެން ހުއްޓެވެ. އަދި އަހަންނާ މުޚާތަބު ކޮށް މީ ކޮން ސަމާސާ އެއްތޯ ސުވާލު ކުރިއެވެ. އަހަރެން ބުނީމެވެ. ތިޔައީ އަހަރެން މުޙައްމަދަށް ދިން ހަދިޔާ އެކެވެ. އަހަރެންގެ އަތުގައި މިހާރު ފުދޭ ވަރަކަށް ފައިސާ އެބަހުއްޓެވެ. އެހެން ކަމުން އަހަރެންގެ ފަރާތުން ތި ކުޑަކުޑަ ހަދިޔާ ޤަބޫލު ކުރައްވާށެވެ. މުޙައްމަދު އަހަންނަށް ދިން އެހީތެރި ކަމާއި އަޅާކިޔާއިރު ތިޔައީ އެއްވެސް އެއްޗެއް ނޫނެވެ. އެ އެހީތެރި ކަމުގެ އަގު އަހަންނަށް ދުވަހަކު ވެސް ނުދެވޭނެ އެވެ.

އެވަގުތު މުޙައްމަދު ބުނީ އޭނާގެ ނިކަމެތި ކަމަށް އަހަރެން މަލާމާތް ކުރަނީ ކަމުގަ އެވެ. އަދި އެހާ ގިނަ ފައިސާ އޭނާ ޔަށް ބޭނުން ނުވާ ކަމަށާއި، ބޭނުމެއް ޖެހިއްޖެ ނަމަ އަހަރެންގެ އެހީތެރި ކަމަށް އެދޭނެ ކަމަށްބުނެ އެ ފައިސާތައް އަހަންނަށް ރައްދު ކުރުމަށް ފަހު މުޙައްމަދު ހިނގައިގަތެވެ. މުޙައްމަދުގެ ނިކަމެތި ކަމަށް އަހަރެން ފުރައްސާރަ ކުރަނީ ކަމަށް މުޙައްމަދަށް ހީވުމުން ޙަޤީޤަތުގައި ވެސް އަހަރެން ވަރަށް ދެރަވެ ލަދު ގަނެއްޖެ އެވެ. އެހެން ކަމުން މުޙައްމަދު ނުކުތުމުގެ ކުރިން އަހަރެން އޭނާ އަށް ގޮވާލީމެވެ. އަދި ބުނީމެވެ.

މުޙައްމަދެވެ. އަދިވެސް އެއް ކަމެއްގައި އަހަރެން މުޙައްމަދުގެ އެހީތެރި ކަމަށް އިންތިހާ އަށް ބޭނުން ވެފައި ވެއެވެ. އަހަރެން ވެސް ދުނިޔޭގައި ދިރިއުޅޭން ޖެހެއެވެ. އެހެން ކަމުން އަހަރެންގެ ދިރިއުޅުމެއް ފަށަން އެހީތެރިކަން ފޯރުކޮށްދީފާނަން ހެއްޔެވެ؟ މިއަދު އަހަރެންގެ ބައްޕަ އަކީ ވެސް އަދި ރަޙުމަތްތެރި އަކީ ވެސް އަހަރެން ދެކޭ ގޮތުގައި މުޙައްމަދެވެ. އަހަރެންނަށް މަގު އޮޅި މަގު ގެއްލިފައި ވަނިކޮށް އަހަންނަށް ރަނގަޅު މަގު ދައްކައިދިން މީހަކީ މުޙައްމަދެވެ. އެހެންވީމާ މުޙައްމަދުގެ ނިކަމެތި ކަމަށް އަހަރެން ފުރައްސާރަ ކުރާންވީ ކީއްވެގެން ހެއްޔެވެ؟ މި ފައިސާ ހިފައިގެން ދާށެވެ. އަދި މިއިން އަހަރެންގެ ކައިވެނީގެ ކަންކަން ހަމަޖައްސައި ދޭށެވެ. އަހަރެންގެ ކައިވެނީގެ ހުރިހާ ކަމެއް ބަލަހައްޓައި ދޭންވާނީ މުޙައްމަދެވެ.

އެވަގުތު މުޙައްމަދު އެނބުރި އައިސް އަހަރެންގެ އަތުން ފައިސާ ކޮތަޅު ނެގި އެވެ. އަދި ބުންޏެވެ! ތިޔަކަން އަހަންނަށް ވީ އެންމެ ފުރިހަމަ އެއް ކޮށް ހަމަޖައްސައި ދޭނަމެވެ. އެކަމަކު ބުނެބަލާށެވެ! އިންނާން ތިޔަ އުޅެނީ ކޮން ކުއްޖަކާއި ހެއްޔެވެ؟ އެކުއްޖާގެ އާޢިލާގެ ބަހެއް ލިބިއްޖެ ހެއްޔެވެ؟ ނޫނީ އެމީހުންނާއި ތިމަންނާ ވާހަކަ ދައްކާން ވީ ހެއްޔެވެ؟

ކުއްލި އަކަށް މުޙައްމަދު މި އަމުނާލި ސުވާލު ފަތިން އަހަންނަށް ވެސް ޖެހުނީ އިރުކޮޅެއް ވަންދެން ވިސްނާލާށެވެ. އަދި އެއަށްފަހު ޖަވާބު ދިނީމެވެ! އަހަރެން އަދި އިންނާކަށް ވަކި ކުއްޖަކު ހަމައެއް ނުޖައްސަމެވެ. އެކަން ވެސް މި ޙަވާލު ކުރަނީ މުޙައްމަދާއެވެ. މުޙައްމަދަކީ މިހާރު އަހަރެން އެންމެ އިތުބާރު ކުރާ މީހާއެވެ. މުޙައްމަދުގެ ފުށުން އަހަންނަށް ގެއްލުމެއް ނުލިބޭނެ ކަން އަހަންނަށް ޔަޤީނެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.