ސަރުކާރުން މިފިޔަވަޅު އަޅަން ގަސްތު މިކުރަނީ ސަރުކާރާ ދެކޮޅު ގްރޫޕްތަކުން ސިޔާސީ އިސްލާހަށް ގޮވާލައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އުތުރު އެފްރިކާގެ މަސްރަހު ދިރާސާ ކުރައްވާ ފަރަންސޭސި ތާރީޚީ އިލްމުވެރިއެއް ކަމަށްވާ ބެންޖަމިން ސްޓޮރާ ވިދާޅުވީ މި ފިޔަވަޅަކީ ޓިޔުނީޝިޔާ އަދި މިސްރުގައި ހިނގަމުންދާ ހަރަކާތްތަކާއި ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށާއި އަދި ޔަމަނުގެ ސަރުކާރު ފަދައިން އިސްލާހަށް ގޮވާލާ ފަރާތްތައް އަވަހަށް ރުއްސުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ހާލަތެއް މެދުވެރި ނުވިނަމަ ކުއްލި ހާލަތު އިއުލާނު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނުވިސްނާނެ ކަމުގައެވެ.
ސަރުކާރު މީޑިޔާއިން ޚަބަރުދޭ ގޮތުގައި ވެރިރަށް އަލްޖިޔާސް ފިޔަވައި އެހެން ރަށްތަކުގައި މުޒާހަރާ ކުރުމުގެ ހުއްދަ ދެއްވާނެ ކަމުގައި ރައީސް ބޫތަފްލީޤާ ވަނީ ވިދާޅުވެފައެވެ.
ތަކެތީގެ އަގުބޮޑުވުމާ ދެކޮޅަށް މިއަހަރުގެ ކުރީކޮޅު މުޒާހަރާކޮށް ހަޅުތާލުކުރުމާ ގުޅިގެން ޓެކްސް ނަގާ މިންވަރު ދަށްކުރުމަށްވެސް ސަރުކާރަށް މަޖްބޫރު ވެގެން ގޮސްފައި ވެއެވެ.
ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ސަރުކާރު ޓީވީއާއި ރޭޑިޔޯގައި ސިޔާސީ ޕާޓީތަކަށް ދޭ ވަގުތު އިތުރުކޮށްދިނުމަށް ވަޒީރުންނަށް އަމުރުކުރައްވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
އަލްޖީރިޔާގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވަނީ 1992 ވަނަ އަހަރު އެވެ. ސަރުކާރާ އިދިކޮޅު އިސްލާމް ދީނަށް ލޯބިކުރާ ފަރާތްތަކުން ސަރުކާރު ބަދަލުކޮށްފާނެކަމަށް ސަރުކާރަށް ވިސްނުމާއި ގުޅިގެންނެވެ. އެއަހަރު އިސްލާމީ ޕާޓީއަކުން އާންމު އިންތިޚާބު ކާމިޔާބު ކުރުމާއެކު ސަރުކާރުން އިންތިޚާބު ބާތިލު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ދާޚިލީ ހަނގުރާމައެއް ހިނގައި 150000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
ރައީސް ބޫތަފްލީޤާ ދައުވާކުރައްވާ ގޮތުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައި ބާއްވާފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ޓެރަރިޒަމްގެ މައްޗަށް ކާމިޔާބު ލިބިފައިވާ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އަލްޖީރިޔާ ސަރުކާރުން އިއުލާނު ކޮށްފައި ވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ވެރިރަށް އަލްޖިއާސްގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް މަސައްކަތްތެރިންގެ ޖަމްއިއްޔާތަކާއި ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ތައްޔާރު ވަމުންނެވެ.

















ޚިޔާލު