ދުނިޔެ ކުޑަކުދިން މަރަން ތާއީދެއް ނުކުރަން، އެކަމަކު އެކުދިން މަރާނެ ހަތިޔާރު ދެން

ކުޑަކުދިން މަރަން ތާއީދެއް ނުކުރަން، އެކަމަކު އެކުދިން މަރާނެ ހަތިޔާރު ދެން

ކުޑަކުދިން މަރަން ތާއީދެއް ނުކުރަން، އެކަމަކު އެކުދިން މަރާނެ ހަތިޔާރު ދެން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިން މަރަން ތާއީދު ނުކުރި ނަމަވެސް އެކުދިން މަރާނެ ހަތިޔާރު ކެނޑިނޭޅި ޔަހޫދީ އިޒްރާހެލަށް ފޯރުކޮށްދެމުން ގެންދާ ކަމަށް ދުނިޔޭގެ އެންމެ މުނާފިޤު ޤައުމު ކަމަށްވާ އެމެރިކާއިން އިޢުތިރާފު ވެއްޖެއެވެ.

މުސްލިމު އަންހެނުންނާއި ކުޑަކުދިން މަރަން ޖެހޭނެ ކަމަށް އިޒްރާހެލުގެ ޤާނޫނު ހަދާމަޖިލީހުގެ މެންބަރުން ފާޅުގައިބުނެ އެކަން ކުރަމުން ގެންދަނިކޮށް،
ޔަހޫދީ އިޒްރާހެލުން ފަލަސްޠީނުގެ ނިކަމެތި ރަައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަޠުލު ޢާއްމަށް އެންމެ ބޮޑު އެހީތެރި ކަމެއް ހުރިހާ ގޮތަކުން ވެސް ފޯރުކޮށްދެމުން ގެންދާ އެމެރިކާގެ މުނާފިޤު ކަމުގެ އިންތިހާ އަނެއްކާވެސް މުޅި ދުނިޔެއަށް ހާމަވެ ބޭޒާރުވެފައި މިވަނީ ޔަހޫދީންގެ އަނިޔާވެރި ކަމާއި ތިމަންނާމެންނާއި ގުޅުމެއް ނެތްކަމަށް ދެއްކެން އުޅެ އެކަމުން ބަރީޢަވެ ދުނިޔޭގެ ލޮލުގައި މޮޅު އަނދުނެއް އަޅުވަން އެމެރިކާއިން އުޅުމުގެ ތެރޭގައެވެ.

އެގޮތުން ފަލަސްޠީނުގެ ކުޑަކުދިން ގަސްތުގައި މެރުމާއި ގަސްތުގައި ހަތިޔާރެއް ނެތް ޢާއްމުން މެރުމާއި، މިސްކިތް ތަކާއި ސްކޫލު ތަކާއި ހޮސްޕިޓަލް ތަކާއި އދ އިން ހިންގާ ރެފިޔުޖީ ކޭމްޕް ތަކާއި މަދަނީ ޢިމާރާތްތަކަށް ގަސްދުގައި ޙަމަލާދީ ސުންނާފަތި ކުރުމާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގަސްތުގައި ޙަމަލާދީ ސުންނާފަތި ކުރުންފަދަ ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޚިލާފު ޢަމަލުތައް އިޒްރާހެލުން ހިންގަނީ އަމިއްލަ ދިފާޢުގައި ކަމަށް ބުނެ މުނާފިޤު ކަމުގެ އިންތިހާއަށް ގޮސްފައިވާ އެމެރިކާއިން މި އަނިޔާވެރި ޖަރީމާ ތައް ހިންގަނީ އެމީހުން ހަތިޔާރު ދީގެން ކަން މުޅި ދުނިޔެއަށް ފަލީޙަތްވެފައި މިވަނީ އިޒްރާހެލުން މިފަދަ ޤަޠުލުޢާއްމުތައް ނުހިންގުމަށް އެމެރިކާއިން ގޮވާލުމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ނޫސްވެރިންގެ ސުވާލު ތަކަށް ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރުމަށް ފަހު މިޒަމާނުގެ މުނާފިޤުންގެ ކިއްލާ ކަމަށްވާ ވައިޓް ހައުސްގެ ތަރުޖަމާނު ބުނީ އިޒްރާހެލުން އެ ހުރިހާ ޤަޠުލު ޢާއްމެއް ހިންގުމަށް އެމީހުން ހިލޭ ސާބަހަށް ހަތިޔާރާއި ފައިސާ ދިންނަމަވެސް އިޒްރާހެލުގެ ހުރިހާ ޖަރީމާ އަކަށް ތާއީދު ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް އދ އިން ޣައްޒާަގައި ރެފިޔުޖީ ކޭމްޕު ތަކެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ގެންދާ ސްކޫލު ތަކަކަށް ފަސް ފަހަރު މަތިން މީގެ ކުރިންވެސް ޙަމަލާދީ، އަދި ހޮސްޕިޓަލު ތަކުގައި ތިބި އެތައް ބަލިމީހުން ތަކަކާއި އެކު ޣައްޒާގެ ހުރިހާ ހޮސްޕިޓަލަކަށް ޙަމަލާދީ އެތައް ބަޔަކު މަރާފައި ވަނިކޮށް ޤަޠުލު ޢާއްމު ތައް އިތުރަށް ފުޅާކޮށް އިތުރު މީހުން މެރުމަށް ބޭނުންވާނެ ހަތިޔާރު އެމެރިކާއިން މި ހަފްތާގައި ވެސް ފޯރުކޮށްދީފައި ވާނެ ކަމަށް މުނާފިޤު އެމެރިކާއިން ވަނީ ބުނެފައެވެ.

މުސްލިމުން ނަށް އެންމެ ހެޔޮ އެދޭ ކަމަށާއި، އިސްލާމީ ޤައުމު ތަކުގެ ވެރިކަންތައް ޙިމާޔަތް ކޮށްދެނީ ތިމަންނާމެން ކަމަށް ދުނިޔެ އަށް ދެއްކިގަނެގެން އުޅޭ މުނާފިޤު އެމެރިކާއިން ވަނީ އިޒްރާހެލަށް އެތައް ސަތޭކަ ތަނެއްގެ ހަތިޔާރު ދީގެން މުސްލިމު ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅިން ޤަޠުލު ކުރުމަށް އެހީތެރިކަން އޭގެ އިންތިހާ އަށް ފޯރުކޮށްދީފައެވެ.

އެހެން ނަމަވެސް ފަލަސްޠީނުގެ ކުޑަކުދިން މަރަން ތިމަންމެން ނުރުހެމޭ ދުލުކުރިން ބުނެލި ނަމަވެސް ޑިމޮކްރަސީ އާއި އިންސާނީ ޙައްޤު ތަކުގެ ބަފާ ކަމަށް ދަޢުވާ ކުރަމުން މުޅި ދުނިޔެއަށް ހަންފަތުރަމުން ގެންދާ މުނާފިޤު އެމެރިކާ އަކީ ދުނިޔޭގައި ވެސް އަދި މުޅި އިންސާނިއްޔަތުގެ ތާރީޚުގައި ވެސް އެންމެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މުނާފިޤުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެގޮތުން އިންސާނީ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޤަޠުލު ޢާއްމުގައި ޖަޕާނުގެ ހީރޯޝީމާ އަށް އޮނަވިހި ސަތޭކަ ސާޅީސް ހަ ވަނަ އަހަރު ނިޔުކްލިއަރ ބޮމުން ފުރަތަމަ ފަހަރަށް ޙަމަލާދީ ދޮޅު ލައްކަ މީހުން އެއްފަހަރާ ޤަޠުލު ކޮށްލުމަށް ފަހު އެވަރުން ވެސް ހިތްނުފުރިގެން އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާވެސް ޖަޕާނުގެ ނަގަސާކީ އަށް ނިޔުކްލިއަރ ބޮން އަޅައި އިތުރު އެއް ލައްކަ މީހުން ޤަޠުލު ކޮށްލާފައި ވަނީ ވެސް މިހާރުވެސް އެއްއަތުން ކުޑަކުދިން މަރަން ޔަހޫދީންނަށް ހަތިޔާރު ދިނުމަށްފަހު މަރާށޭ ސިއްރުން ބުނެ، ކުޑަކުދިން މަރަން ތާއީދެއް ނުކުރަމޭ ދުނިޔެއަށް އިވޭވަރަށް ބާރަށް ބުނަމުން ގެންދާ ދެފުއް ދެގޮތް މުނާފިޤު އެމެރިކާއިންނެވެ.

މީގެ އިތުރުން ވެސް މުނާފިޤު އެމެރިކާއިން މިހާތަނަށް ދުނިޔޭގައި ހިންގާފައިވާ ޖަރީމާ ތަކާއި ގާތަށް އިންސާނީ ތާރީޚުގައި ދުވަހަކު ވެސް ބަޔަކަށް ޖަރީމާ އާއި ޤަޠުލު ޢާއްމު ތައް ނުހިންގޭހާ ރެކޯޑް ހަދާފައިވާ އެމެރިކާއިން ޢިރާޤާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި، ލީބިޔާ އާއި ، ސިއެރަލިއޯނާއި، ޔަމަނާއި، ވިއެޓްނާމާއި، ކުވޭތާއި، ސޯމާލިޔާ އާއި، މިނޫންވެސް އެފްރިކާގެ ޤައުމު ތަކުގައި މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ޤަޠުލު ޢާއްމު ތަކުގެ ތަފްޞީލު ބަޔާން ކޮށްދޭން ޖެހިއްޖެ ނަމަ ކޮންމެ ދުވަހަކު މިފަދަ ކޮލަމެއްގައި ލިޔުނު ނަމަވެސް އެތައް ސަތޭކަ އަހަރެއް ނަގާނެކަން ކަށަވަރު ވާތީ މިހާހިސާބުން ކުރުކޮށްލާނަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.