ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރު ކުރަމުން ދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުސް އޮފީހުން ވިދާޅުވީ، ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އެކިއެކި ބޭނުންތަކަށް ބޭނުން ކުރަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅެމުންދާތީ އެކަމަށް ސަމާލުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ބައެއް ފަރާތްތަކުން ވަޒީފާ ހޯދުމުގެ ބޭނުމުގައި ނުވަތަ ކޯސްތަކުން ފުރުޞަތު ހޯދުމުގެ ބޭނުމުގައި ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އެކި ތަންތަނަށް ހުށަހަޅަމުން ދާކަމުގެ ޝަކުވާ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ލިބި އެފަދަ މައްސަލަތައް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކުން ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އެކިއެކި ކުންފުނިތަކަށާއި ތަޢުލީމުދޭ މަރުކަޒުތަކަށް ހުށަހަޅާ ކަމުގެ ޝަކުވާ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ލިބުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ އެ މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.
އެގޮތުން ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އޭގެ ބޭނުން ކުރި މީހަކު މި މަހުގެ 24 ވަނަ ދުވަހުގެރޭ ހައްޔަރުކޮށް އޭނާގެ މައްސަލަ މިހާރުވެސް ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަޙައްޓައިގެން ތަޙުޤީޤު ކުރުމަށް 3 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ފަރާތެކެވެ.
ވަޒީފާ ހޯދުމަށް އެދި ނުވަތަ ތަޢުލީމު ޙާޞިލް ކުރުމަށް އެދި ނުވަތަ އެނޫންވެސް ބޭނުމެއްގައި އެއްވެސް ފަރާތަކުން ހުށަހަޅާ ޕޮލިސް ރިޕޯޓެއްގެ ޞައްޙަކަމާމެދު އެއްވެސް ކަހަލަ ޝައްކެއް އުފެދޭނަމަ ނުވަތަ ހުށަހަޅާ ޕޮލިސް ރިޕޯޓެއްގެ ޞައްޙަކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ނަންބަރު 9790084 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ފުލުހުންގެ ރަސްމީ ވެބްސައިޓް www.police.gov.mv އިންވެސް ޕޮލިސް ރިޕޯޓްގެ ސައްޙަކަން ކަށަވަރު ކުރެވޭނެއެވެ.
ޙާއްޞަކޮށް ވަޒީފާ ދޭ ފަރާތްތަކުންނާއި ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުން، އެކިއެކި އާއްމު ފަރުދުން ހުށަހަޅާ ޕޮލިސް ރިޕޯޓަކީ ޞައްޙަ ޕޮލިސް ރިޕޯޓެއްކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
ޞައްޙަ ނޫން ޕޮލިސް ރިޕޯޓް ތައްޔާރުކޮށް އޭގެ ބޭނުން ކުރާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...