ވާހަކަ ވާހަކަ: އުޖޫރަ

ވާހަކަ: އުޖޫރަ

ވާހަކަ: އުޖޫރަ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ވަޒީފާގައި ހުރުމަށްފަހު އޭނާ ރަށަށް ބަދަލުވީ ރަށުގައި އާންމުދަނީ ލިބޭނެ މަސައްކަތެއް ކުރުމަށެވެ. ރަށަކީ ބިންބޮޑު ފަސްގަނޑު ރަނގަޅު ރަށެކެވެ. ނަމަވެސް ދަނޑުވެރިކަން އެހާ ފުޅާކޮށް ކުރާ ރަށެއް ނޫނެވެ.

އެހެންކަމުން ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށް ގަސްތުކުރިއެވެ. ގަސްތު ޙަޤީޤަތަކަށް ހަދައި މަސައްކަތް ފަށައިގަތެވެ. މިވާހަކަ ފެށެނީ މިހާހިސާބުންނެވެ. މިއީ ޙަޤީޤީ ވާހަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އޭނާ ސަރުކާރުގެ ވަޒީފާގައި އުޅުނު އިރު ޖަމާވެފައި ހުރި ފައިސާކޮޅެއް ހުއްޓެވެ. ރަށު އޮފީހަށް ސިޓީއެއް ލައިގެން ދަނޑުވެރިކަން ކުރުމަށް ބިން ކޮޅެއް ލިބުނެވެ. މަސައްކަތް ފަށައިގަނެ ކަރަލާއި ބަރުބޮލުގެ އިތުރުން ފަތްކޮށްޔެ މުޑުވަށް ކުރިއެވެ. އެއްއަހަރު ދުވަހުގެ މަސައްކަތައްފަހު ދަނޑު ރަނގަޅަށް ފޯދިއްޖެއެވެ. ބަރުބޯ ވެޔޮތަކުން ބަރުބޯތައް ފައްކާވިއެވެ. ބަރުބޯތައް ކަނޑައި މާލެ ފޮނުވިއެވެ. ފުރަތަމަ ބުރުންވެސް ރަނގަޅު އަންމުދަނީއެއް އޭނާއަށް ލިބުނެވެ.

ގޭގެ ކަންތައްތައް ކުރުމަށްފަހު ބާކީވެއެވެ. އަންހެނުންނާއި ދެރިންގެ ކަންކަން ކުރަމުން ދިޔައީ މިކަމުން ލިބޭ އަންމުދަނީ އިންނެވެ. ދަނޑުވެރިކަން ކުރުމުގައި އަންހެނުންގެ އެހީތެރިކަން ލިބެއެވެ. ނަމަވެސް ދަނޑުތަކުގައި ގިނަ ވަގުތު ހޭދާކުރަނީ އޭނާއެވެ. އެތަނުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައްވެސް ކުރަމުންދިޔައީ ހަމަ އޭނާގެ ދެއަތުންނެވެ. އެހެންކަމުން ފައިސާވެސް ހުރީ އޭނާގެ އަތް މަތީގައެވެ.

ރޯމްޟާން މަސް އައިސް ޖެހުނު ހިނދު ކަރާތައް ހުރީ ރަނގަޅަށް ފައްކާވެފައެވެ. މިފަހަރު ކަރާތައް ކަނޑައިގެން މާލެ ދިޔައީވެސް އޭނާއެވެ. މާލޭ ގޮސް ކަރާތައް ވިއްކުމުގެ މަސައްކަތުގައިވެސް އުޅުނީ އޭނާއެވެ. އޭނާއަށް ތަނަވަސްކަން ލިބުނެވެ. މާލެއިން ފުރީ ދަނޑުވެރިކަމަށް ބޭނުންވާނެ ގިނަ ސާމާނު ހިފައިގެންނެވެ.

އެހެން މީހުންނަށް ފެންނަމުން ދިޔައީ އޭނާއަށް ކުރިއެރުން ލިބެމުން ދިޔަ ތަނެވެ.  ލިބެމުން ދިޔަ ކުރިއެރުމާއެކު މީހުންނާ އޮންނަ ގުޅުންކުޑަވަމުން  ދިޔައެވެ. އެހެންމީހުން އެކަން ފާހަގަ ކުރިއެވެ. ކުރިން ހިނިތުންވުމާއެކު މީހުންނާ ވާހަކަ ދައްކަމުން ދިޔަ، ނަމަވެސް އެނާގެ ކިބައިގެން އެސިފަތައް ނެތެމުންދާކަން މީހުން ފާހަގަ ކުރިއެވެ.

ދަނޑުވެރިކަމުގައި އޭނާއަށް ބޮޑު ނަފާއެއް ލިބެމުން ދިޔައެވެ. އެޔައެކު ދަނޑުވެރިކަން އޭނާ ދިޔައީ އެތަށް ގޮތަކުން ކުރިއަރުވަމުންނެވެ. ދަނޑަށް ފެން ދިނުމަށް އޭރުގެ އެންމެ އެކަށޭނެ ވަސީލަތް ބޭނުން ކުރިއެވެ. ދަނޑުގައި މަސައްކަތް ކުރުމަށް ދެ ބިދޭސީ މުވައްޒަފުން ގެނައެވެ. ދަނޑުގައި އޭނާ ހޭދަކުރަން ޖެހޭ ވަގުތު މަދުވިއެވެ. އޭނާ މަސައްކަތް ބަދަލުވީއެވެ. ފަހުން އެއީ ދަނޑުވެރިކަން ކުރާ ވެރިއެކެވެ. އޭނާގެ ބެލުމުގެ ދަށުން މުވައްޒަފުން ގެންގުޅޭ މީހެކެވެ. ވެރިމީހާގެ މަސައްކަތަކަށްވީ ހިސާބު ބަލަހައްޓައި ދަނޑަށް ބޭނުންވާނެ ސާމާނު ހޯދުމެވެ. ދަނޑުގައި ކުރަން ޖެހޭ މަސައްކަތް ކުރަމުން ދިޔައީ ދެ މުވައްޒަފުންނެވެ.

ރަށު މީހުން ބުނާ ގޮތުގައި އޭނާއަކީ މުވައްޒަފުންނަށް ހެޔޮ މީހެކެވެ. ނަމަވެސް އެއްބަޔަކު ބުނަނީ މުވައްޒަފުން އޭނާއާއި މެދު ކަނބޮޑުވުންތަކެއް ހުރި ކަމަށެވެ. ކަންކަން މޮޅަށް ދެނެވޮޑިގަންވާނީ މާތް ﷲ ސުބުހާނަހޫވަތަޢަލާއެވެ.

މިމަސައްކަތުން ލިބެމުން ދިޔަ ފައިދާއިން އޭނާގެ ގެ ރަނގަޅު ފެންވަރަކަށް ހެދިއެވެ. މީހުން ފަޑު ފާޑުގެ ވާހަކަ ދައްކާތީ އަހަރެން އަޑު އަހަމެވެ. ވާހަކަ ދައްކަމުންދާ މީހުން ބުނީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށެވެ. އެހެންކަމުން އޭނާގެ ގެ ހެދުމަށް ޖަމަކުރި މަދަލަކީ ބައެއްގެ ޙައްޤުތަކާއި މެދު އިހުމާލުވުމަށްފަހު ކުރާ މަސައްކަތެކެވެ. ކަމުގެ ހަޤީޤަތް ސާފުކޮށެއް ނޭންގެއެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ރަށުގެ އަތިރި މައްޗަށް އޭނާ ވެއްޓިފައވަނީކޮށް ބަޔަކަށް ފެނުނެވެ. އެބަޔަކު އޭނަ ކޮނޑުމައްޗަށް ލައިގެން ގެންގޮސް ގެއަށް ވެދިއެވެ. އޭނައަށް ނުހިނގުނެވެ. އޭގެ އަނެއް ދުވަހު އޭނާ މާލެ ގެންދިޔައެވެ. މާލެއިން ނަތީޖާއެއް ނުފެނުމުން އެއަށްވުރެ ދުރަށްއޭނާ ގެންދިޔައެވެ. އިންޑިއާއަށެވެ. ޑޮކުޓަރުން ބުނީ އޭނާގެ ނާރުތަކުގައި ބާރު ހުސްވެފައިވާ ކަމަށެވެ.

އެތަށް ދުވަހަކު ފަރުވާ ކުރިއެއް ޝިފާއެއް ނުލިބުނެވެ. އޭނާގެ ދަނޑުގައި މަސައްކަތް ކުރި ދެމީހުން މަސައްކަތް ހުއްޓާލުމަށްފަހު ފިލައިގެން ދިޔައީއެވެ. ހެދިހެދި ހުރި ދަނޑު ބަލަހައްޓާނެ މީހަކު ނެތުމުގެ ސަބަބުން ވީރާނާ    ވެގެންދިޔައީއެވެ. އޭނާއާއި އެކު އިނ އޭނާގެ އަންހެނުން އެކަންޏެވެ. ޢުމުރުން 40 ގެ އަހަރުތައް ގުނަމުން ދަނިކޮށް ގަދަބަދަވި ކަމުގައި ހުއްޓާ އޭނާ ވެއްޓިފައި އޮއްވާ ފެނުނު ފަހުން އޭނައަކަށް ނުހިނގެއެވެ. ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަންހެނުންވެސް ވީވަރަކީ ކާއެތިކޮޅު ދިނުން ފިޔަވައި އިތުރުކަމެއް ނޫނެވެ.

މާލެއިން އަހަންނަށް އޭނަގެ ދަނޑުގައި މަސައްކަތް ކުރި ބިދެސީންގެ ތެރެއިން އެކަކު ދިމާވިއެވެ. ދަންނަ ފަރިތަ މޫނަކަށްވީތީ އަހަރެންވެސް އޭނާއާއި ވާހަކަ ދެއްކީމެވެ. ސުވާލުތައް ކުރީމެވެ. ކުއްލިއަކަށް ފިލައިގެން ދިޔައީ ކީއްވެހެއްޔެވެ.

އޭނާ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. މަސައްކަތް ފެށިފަހުން ފުރަތަމަ ތިން މަހު ފިޔަވައި މަސައްކަތް ކުރި އެއްވެސް މަހެއްގައި މުސާރަ ނުދޭކަމަށެވެ. އެމީހުންގެ އާއިލާތައްވެސް ބޭނުންތަކަށް ޖެހިގެން ފައިސާ ބޭނުންވެގެން އެވާހަކަ ދެއްކިއިރު ދޭނަމޭ ދޭނަމޭ ބުނުން ފިޔަވައި އިތުރު ޖަވާބެއް ނުދެއެވެ.

މަސައްކަތް ކުރާ މީހުންނަށް އުޖޫރަ ދިނުމަކީ ކިހާ މުހިންމު ކަމެއްކަން އޭނާއަސް ނޭންގޭކަމަށް ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެމީހުންގެ އާއިލާތަކުން ބަދު ދުޢާ ކުރާނެކަމެއް އޭނާއަށް ނޭންގޭކަމަށް ބުންޏެވެ. އޭނާ ގެ  ގެ ހެދީވެސް އެއްވެސް މަހެއްގައި މުސާރަ ނޫދީއެވެ. މުވައްޒަފަކު ބަލިވެގެން މަސައްކަތައް ނުނިކުމެވުނަސް މަޖުބޫރުކޮށްގެން މަސައްކަތައް ނެރެއެވެ. އެހެންކަމުން މުވައްޒަފުންގެ ހިތުގައި އޭނާއާއި މެދު އުފެދުނު ގިލަން ވެރިކަމުގެ ބަދަލަކަށްވީ އޭނާ ނުކުޅަދޭ މީހެއްކަމުގައިވުމެވެ. އެނުކުޅަދޭ ބައްޔަށް ފަރުވާއެއް ހޯދައިދޭނެ ހަކީމަކު ނެތުމެވެ.

މުވައްޒަފުންގެ ޙައްޤުތަކާމެދު އޭނާވީ އިހުމާލުވީ މީހެއްކަމުގައެވެ. މުވައްޒަފުންގެ ފަރާތުންންނާއި އެމީހުންގެ އާއިލާތަކުން އޭނާއަށް ކުރިމަތިވީ ގިލަން ވެރިކަމުގެ ވަބާއެވެ.

ހެޔޮ ގޮތުގައި އުޖޫރަ ދިންނަމަ އޭނައަށްވެސް ހިތި އެއުޖޫރަ ލިބޭކަށް ނުޖެހުނީއެވެ. ގަދަބަދަވިކޮށް ހުރި މީހަކު އެފަދަ ނިކަމެތި ހާލެއްގައިވީ ބައެއްގެ ޙައްޤުތަކާއިމެދު އިހުމާލުވެ، އެމީހުންގެ އާއިލަތަކުން އޭނާއާއި މެދު ތަކުރާރުވަމުން ދިޔަ ދުޢާ ތަކުގެ ސަބަބުންނެވެ.

އެއުޖޫރަ އަދާ ނުކުރެވޭހާ ހިނދަކު އެދުޢާތައް ދާނީ ތަކުރާރު ވަމުންނެވެ.

އެނބުރި ރަށަށް ދެވުނު އިރު އޭނާގެ ހާލު ވަރަށް ގޯހެވެ. ކުއްލިއަކަށް އަނެއްކާވެސް މާލެ ގެންދިޔައެވެ. ޑޮކުޓަރަން ބުނީ އޭނާގ ހަށިގަނޑުގެ މަސްތައް ގިރިފައިވާ ކަމަށެވެ. އެހެންވީ ކީއްވެހެއްޔެވެ. ނުބައި ކެމިކަލްއެއް ހަށިގަނޑު އެތެރެއަށް ދިޔައީ ހެއްޔެވެ. ނޫނެކެވެ. އެއީ ﷲ ގެ ހިއްޕެވުމެކެވެ. މުވައްޒަފުންގެ ކަންތަކާމެދު އިހުމާލުވެ އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދިނުމުގެ ސަބަބުން އެމިހުންގެ އާއިލާތަކުން އަޅަމުން ދިޔަ ވޭނީ ކަރުނަގެއިގެ ހިއްޕެވުމެކެވެ. އެއީ އޭނާ ކުރި ޢަމަލުތަކުގެ އުޖޫރައެވެ. އެގޮތުގައި އޮވެ އޭނާ ގެ ހަށިގަނޑު ފަސް ދަށަށް ދިޔައީއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.