ވާހަކަ ވާހަކަ: ނަޖާތު

ވާހަކަ: ނަޖާތު

ވާހަކަ: ނަޖާތު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ވަރަށް ގިނައިން އަޅުގަނޑާ އޭނާ ބައްދަލުވެއެވެ. ބައެއް ފަހަރު ޔުނިވަސިޓީ ތެރެއިންނެވެ. ކިޔެވުމުގައި ބައެއް ފަހަރު އޭނާގެ އެހީ ހޯދަން ޖެހެއެވެ. އޭނާވަނީ މަތީ ތަޢުލީމުގެ މަރުހަލާގެ ތެރެއިން މަރުހަލާއެއް ކަޑަތުކޮށްފައެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ ކިބައިން ނުފެންނާނެ ކަމަށް އުންމީދު ކުރި ނުރަނގަޅު ސިފައެއް ފެނުނެވެ. މިވާހަކަ ފެށެނީ އެހާހިސާބުންނެވެ. މިއީ ތަޢުލީމީ ޒުވާނެއްގެ ވާހަކައެއެވެ. އޭނާގެ ދިރިއުޅުމުގައި ފޮރުވިފައިވާ އަނެއް ފަރާތެވެ. އެފަރާތް ނިއުޅުވައި ހާމަކުރަން އޭނާ އަޅުގަނޑަށް ފުރުޞަތު ދިންކަމުގައިވިއަސް އެއީ ކާކުކަން މީހުންގެ ކުރިމައްޗަށް ހާމަ ނުކުރުމަށް އޭނާ އެދުނެވެ. އެހެންކަމުން މިލިޔުމުގައި އޭނާގެ އަސްލުނަމުގެ ބަދަލުގައި ބޭނުން ކުރާނީ އެހެން ނަމެކެވެ.

އިއްތިޝާމަކީ ތަޢުލީމީ ޤާބިލު ޒުވާނެކެވެ. ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ މަރުހަލާއެއް އޭނާވަނީ ކަޑައްތުކޮށްފައެވެ. އޭނާގެ ކިބައިން ނުފެންނާނެކަމަށް އުންމީދު ކުރެވުނު ނުރަނގަޅު ސިފައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އަޅުގަނޑު އޭނާއަށް އެކަމަށް އިޝާރާތްކުރީމެވެ. އެޑިއުކޭޓެޑު ނުވަތަ ތަޢުލީމީ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ޑިގުރޭޑެޑު ސިފައެއްގެގޮތުގައި ދެކޭކަމަށް އޭނާގާތުގައި ބުނީމެވެ. އޭނާގެ މޫނު މަތިން ސީރިއަސްކަން ފެނުނެވެ. "އެޑިއުކޭޓެޑު މީހުން ބަނގުރާވެސް ބޮއެ" އޭނާ އަޅުގަނޑަށް ދިނީ އެޖަވާބެވެ. އޭގެއިން އަޅުގަނޑު ނަގާނީ ކޮން މާނައެއް ހެއްޔެވެ. އޭނާ އަކީ ރާ ބޯ މީހެއް ހެއްޔެވެ. ނުވަތަ ބޭރު ޤައުމުތަކުގެ ޔުނިވަސިޓީތަކުގެވެސް ބައެއް ޕްރޮފިސަރުން ބަނގުރާ ބޮއެ އުޅޭ ވާހަކަ ހެއްޔެވެ. އަހަރެން ނެގީ ފުރަތަމަ މާނައެވެ. އޭނާއަކީ ރޯބޯ މީހެކެވެ. އެހެންކަމުން އެގޮތަށް ހީކުރީމެވެ. ހީކުރުން ވީ ކުށްހީއަކަށް ނޫނެވެ. އޭނާ  ރާ ބޮއެވެ. އެއީ ހަމަ ހަޤީޤަތެވެ. މިވާހަކަ ނިމޭއިރު އޭނާގެ މިހާރުގެ ހާލަތު އެނގިގެންދާނެއެވެ.

އޭނާއަށްވެސް މަސްތުވުމުގެ ވަބާއާއި ގާތް ވެވުނީ އެހެން މީހުންނަށްވެސް އެކަން ދިމާވާ ފަދައިންނެވެ. ރަށްޓެހިންގެ ފަރާތުންނެވެ. އޭނާ ބަނގުރާ ބޯން ފެށުނި ރާއްޖެއިން ބޭރުގައި ކިޔަވަން ހުރިއިރުއެވެ. ޔުނިވަސިޓީގައި އުޅުނު ބައެއް އެހެން ޤައުމުތަކުގެ ދަރިވަރުންވެސް ބަނގުރާ ބޯތީ އެމީހުންނާއެކު ބޮވެން ފެށުނީއެވެ.  އޭނާ ބުނާ ގޮތުން އެދަރިވަރުންނަކީ ވަރަށް ޕްރޮފިޝަނަލްކޮށް މަސްތުވާ ބައެކެވެ. ބަނގުރާ ބޮއެ މަސްތުވުމަށްފަހުވެސް ޢާއްމުންނަށް އުނދަގޫކޮށް ޖެއްސުން ކުރުމަށް ޢާއްމުންގެ ތެރެއަށް އެމީހުން ނުނިކުންނާނެއެވެ. އެމީހުން ޢާއްމުކޮށް ބުއީ ހަފުތާ ބަންދުގައެވެ. އެމީހުން ނިދަނީ މަސްތުވާ ހާލުގައެވެ. މިއީ އޭނާ ބުނާ ޕްރޮފިޝަނަލް ގޮތެވެ. އެކަމަކުވެސް ބަނގުރާ ބުއިމަކީ ރަނގަޅު ކަމެއްކަމުގައި އެމީހުން ނުދެކޭ ކަމަށް އޭނާ ބުނެއެވެ. އެމީހުންވެސް ބަނގުރާ ބޮއެ އުޅެނީ މައިންބަފައިންނަށް ސިއްރުންނެވެ.

އެމީހުންނާއެކު ވަގުތު ހޭދަ ކުރަން ފެށިފަހުން އިއްތިޝާމަށްވެސް ބަނގުރާގެ އަވައިގައި ޖެހުނެވެ. އޭނާއަށްވެސް ދަސްވީ އޭނާ ބުނާ ޕްރޮފިޝަނަލް ގޮތެވެ. އެގޮތުގައި އޭނާ ދެމިހުއްޓެވެ.

އަހަރީ ޗުއްޓިއަށް ރާއްޖެއައުމަށްފަހު މަސްތުވާނެ ގޮތެއް ހޯދަން އޭނާގެ ނަފުސު މަޖުބޫރު ކުރިއެވެ. އެހެންކަމުން ވަރަށް ގާތް ސިއްރު ހިފަހައްޓައިދޭނެ އެކުވެރިއެއްގެ ގާތުގައި ބުނެގެން ކުދި ރާފުޅިތަކެއް އޭނާ ހޯދިއެވެ. ކުޑަ ފޮށިގަނޑަކަށް އަޅައިފައި ހުރުމުން ގެންގުޅެންވެސް އުނދަގުލެއް ނޫނެވެ. އޭނާ ބަނގުރާ ބޮނީ އޭނާގެ ކޮޓަރީގައެވެ. އެހެންކަމުން އޭނާ ބަނގުރާ ބޯކަމެއް އިތުރު ބަޔަކަށް ނޭންގެއެވެ.

ކޮންމެ ފަހަރަކު ޗުއްޓިއަށް އައިސްވެސް ކުޑަ ފޮށިގަނޑެއް ކޮޓަރިއަށް ވައްދައެވެ. ޗުއްޓި ނިންމާފައިދަމުން ކުޑަ ފޮށިގަނޑު ކޮޓަރިން ނެރެއެވެ. މިއީ ބޭރު ފުށުން އެހެން މީހުންނަށް ފެންނަ މަންޒަރެވެ. ނަމަވެސް ސިއްރުވެފައި އޮންނަނީ ފޮށިގަނޑުގައި ކޮޓަރިއަށް ވައްދަނީ ކޯއްޗެއްކަމެވެ.

ކިޔެވުން ނިންމާލިފަހުންވެސް އެކަލަ ކުޑަފޮށިގަނޑު ކޮޓަރިއަށް ވައްދައެވެ. ކޮންމެވެސް ބަޔަކު ސިއްރުން ނަމަވެސް ޝައްކު ކުރާނެކަން އިއްތިޝާމު ރަނގަޅަށް ދެނެގަތެވެ.

ނަމަވެސް އޭނާ އެކަން ކުރަނީ އެހެންމީހުންނަށް ފާޅުނުވާ ގޮތަށެވެ. އެހަފުތާ ބަންދުގެ މަސްތުވުމެކެވެ. ދުވަސްތައް ފާއިތުވަމުން އައިސް ޒަވާޖީ ޙަޔާތެއް ފެށުމުގެ ވަގުތު އައިސް ޖެހުނެވެ. އޭނާ މަސްތުވާކަން، އޭނާގެ އަނބިމީހައަށް އެނގޭކަށް އިއްތިޝާމު ބޭނުމެއް ނުވިއެވެ. އެހެންކަމުން ގޭތެރޭގައި އެކަމުން މަނާވެ ގަތެވެ. މިހާރު ބަނގުރާ ބޯން ދަނީ ކުރިން ބުނި ރަހުމަތްތެރިޔާގެ ގެއަށެވެ. މަސްތުވެ ޢަމަލަވުމުގެ ހާލަތު ނިމުމަށްފަހު ނުނީ އޭނާ އެނގެއިން ނުނިކުމެއެވެ.

ނަމަވެސް މިކަން އޭނާގެ ތޫނުފިލި އަނބިމިހާ ދެނެގަތެވެ. އޭނާއާއި ގާތްވުމުން ދުވާވަހުންނެވެ. އެއީ ދުންފަތްވަހައި އެކުވެގެން އައި އެހެން ވަހެކެވެ. އެއި ބަނގުރާގެ ބާވަތެއްކަން އޭނާގެ އަންހެނުން ދެނަގަތެވެ. ސިއްރުން ކުރަމުން ދިޔަ ކަންތައް ފަޅާއެރީއެވެ. އެއްވެސް ކަމެއް އަބަދު ސިއްރުގައި ނޯންނާނެޔޭ ބުނާފަދައިންނެވެ.

އަންހެނުންގެ އާދޭހާއި އެކު ބަނގުރާ ބުއިން ހުއްޓާލުމުގެ ޢަޒުމު ކުރިއެވެ. މިއީ އިއްތިޝާމަށް ކުރެވިދާނެކަމެއްތޯ ޚުދު އޭނާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

އަންހެނުންގެ އެހީއާއި އެކު އެކަމަށް ޓައިމްލައިނެއް އެކުލަވާލެވުނެވެ. ހިތްވަރުގަދަ ސާބިތުކަމާއެކު ހުރެވޭ މީހަކަށް ނޫނީ މިފަދަ ނުބައިކަން ބޮޑު ޢަމަލަކުން ދުރު ނުވެވޭނެއެވެ.

ރޯމަޟާން މަސް ގާތްވެފައިވަނިކޮށް އެކުލަވާލެވުނު މިޓައިމް ލައިނާއެއްކޮށް އޭނާ މަސައްކަތް ފެށިއެވެ. ރޯދަމަހު ދުވާލު ރޯދައަށް ހުރުމާއި ގިނަ ވަގުތު ހެޔޮ ކަންތަކާއި މަސައްކަތުގައި ސާބިތުވެގެންނެވެ. ފުރަތަމަކޮޅު އޭނާވީ އެކަމުގައި ފޭލުވެފައި ހުރި މީހަކަށެވެ. ރޯދަ މަހު ދުވާލު ބަނގުރާ ނުބުއެއް ކަމަކު ރޭގަނޑު ބަނގުރާ ބޮވެން ފެށުނެވެ. ނަމަވެސް ބޯކަމެއް އޭނާގެ އަންހެނުންނަށް ނޭންގޭނެހެން ސިއްރުންނެވެ.

އިއްތިޝާމަށް އިހްސާސް ކުރެވުނީ އޭނާ އަންހެނުނަށް ބެވަފާތެރި ވެވޭކަމަށެވެ. ރޯދަމަހުގެ ފުރަތަމަ 10 ނިންމައި ދެވަނަ 10 އާކާއި ކުރިމަތިލީ ހިތްވަރާއެކުއެވެ. ކުރިން ރޭވިފައި ޓައިމްލައިންގެ އިތުރަށް ޝެޑިއުލްއށް އެހެން ކަންކަން އިތުރުކޮށްގެން އޭނާ މަސައްކަތް ކުރިއެވެ. ރޭގަނޑު ހާރުކެއުމުގެ ވަގުތުގައި ބަނޑުހައި ނުވާވަރަށް އޭނާ ކައެވެ. ދުވާލުގެ ވަގުތުގައި ރޯދަ ހިފުމުން ހަށިގަނޑަށް އެއްވެސް އުނިކަމެއް ނާންނާނެކަން އޭނާ ދެނެގަތެވެ. ނަމަވެސް ބަނގުރާ ބޯވަގުތތައް ހަށިގަނޑުން ބައެއް އުނިވާކަން ދެނެގަތެވެ. އޭނާ ބުއްދިފިލައެވެ.

ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރަން ފެށުމުން އޭނާއަށް އިހްސާސްކުރެވުނީ ރޯދައަކީ ވިސްނުމާ ފިކުރުވެސް މަތިކޮށްދޭ ކަމެއް ކަމަށެވެ. ރޫހާނީ ބައި ވަރުގަދަ ކޮށްދޭ އެއްޗެއް ކަމަށެވެ. ބަނގުރަލަށްވުރެ ހަށިގަނޑު ހަމަޔަކަށް އެޅުވުމަށާއި އެއްވަރެއްގައި ހިފަހަޓައި ހެމަޖެހުމަށްޓަކައި ރޯދަ މުހިންމު ދައުރެއް އަދާކުރެއެވެ. އޭނާގެ ބަހުންނަމަ އަލްޓަނޭޓިވްއެއް އޭނާއަށް ލިބުނީއެވެ. ބަނގުރަލުން ބުއްދި ފިލުވައެވެ. ހަށިގަނޑުގެ ނާރުތައް ހިނދުކޮޅަކަށް މަސައްކަތް ހުއްޓުވައެވެ. ހިތްހަމަޖެހުންމަށްވުރެ ގެއްލުން ބޮޑުކަމުގެ އިހްސާސް އޭނާއަށް ކުރެވުނީ ރޯދަ ހިފަން ފެށުމުންނެވެ.

އަލްހަމްދުﷲ އެވެ. މިއަދު އިއްތިޝާމަކީ ބަނގުރަލުގެ ވަބާއިން ސލާމަތްވެ ހުރި ޒުވާނެކެވެ. އޭނާއަށް މަގު ދެއްކުމުގައި އެހީތެރިވެދިނީ ހިތްވަރުގަދަ  ސާބިތު އޭނާގެ ވަފާތެރި އަނބިމީހާއެވެ. އެހުރިހާކަމެއް ގުޅިފައިވަނީ ރޯދައިގެ ސަބަބުން އޭނާއަށް ކުރެވުނު އިހްސާސްތަކުންނެވެ. މަސްތުވުމުގެ ޝިކާރައިގައި ޖެހިފައިވަނިކޮށް އެނުބައި ފާހިޝްކަން ބޮޑު ވަބާއިން އޭނާ ސަލާމަތްކޮށްދިނީ ﷲ ސުބުހާނަހު ވަތަޢާލާ ދީނުގެ ތިން ވަނަ ރުކުނެއް ކަމުގައި ލެއްވި ފަރުޟު ރޯދައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.