މީއީ އައްޝައިޚް އާދަމް ޝަމީމް "އީމާންކަމާއި އިހްތިސާބާއެކު ހިފާ ރޯދަ" މިމަޢްޟޫގައި ނޫރު މިސްކިތުގައި ދެއްވި ހަދީޘް ޝަރަހަގެ ކުޑަ ޚުލާސާއެކެވެ.
"އީމާންކަމާއި އިހްތަސާބާއި އެކު ރަމަޟާން މަހުގެ ރޯދަތަށް ހިފައިފި މީހާގެ އިސްވެގޮސްފައިވާ ހުރިހާ ފާފަތަކެއް ފުހެވޭނެއެވެ" (ބުޚާރީ/މުސްލިމް)
ރަމަޟާން މަހަކީ މައްސަރުތަކުގެ ސާހިބު މައްސަރެވެ. އެއީ ކުށް ފާފަ ފުއްސެވުމުގެ މޫސުން، ރަޙްމަތުގެ މަހެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ މުހިއްމު ކަމަކީ ރަމަޟާން މަހު ހިފާ ރޯދައަކީ އީމާންކަމާއި އިހްޠިސާބާއި އެކު ރޯދަހިފުމެވެ. އެއީ އެމީހެއްގެ އިސްވެދިޔަ ފާފަތައްފުއްސެވުމަށެވެ.ފަރުޟު ނަމާދު ކުރުމާއި، އިސްތިޣްފާރު ކުރުމާއި، ވުޟޫ ކުރުމުގެ ސަބަބުން ކުދި ފާފަތައް ފުއްސަވައެވެ. ނަމަވެސް ބޮޑެތި ފާފަތަކަށް ވަކިން ތައުބާ ވާންޖެހެއެވެ.
މިހަދީޘްފުޅުގެ ފުރަތަމަ ޝަރުތު: އީމާންކަމާއެކު ރޯދަހިފުމުގެ މާނައަކީ ތަފްސީލީ ގޮތެއްގައި ހިތުގައި އެއްވެސް ޝައްކެއްނެތި ޤަބޫލުކުރުމެވެ. އެހެނީ އީމާންކަން ނެތި ކުރާ އެއްވެސް ކަމަކަށް ޘަވާބު ނުދެއްވާތީއެވެ. ތަފްސީލީ ގޮތެއްގައި އީމާންވުމަކީ މާތްﷲ ބާއްވައިލެއްވި އަދި ޝަރުޢުކުރެއްވި ހުރިހާ ކަމެއް ޤަބޫލްކުރުމެވެ. އޭގެ ތެރޭގައި މާތްﷲގެ އުލޫހިއްޔަތާއި އެކަލާނގެ ރުބޫބިއްޔަތާއި އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ ޒާތުފުޅު ހާއްސަކުރުމެވެ. މަލާއިކަތްބޭކަލުންނަށް އީމާންވުމުގައި އެބޭކަލުންނާ ބެހޭގޮތުން ކީރިތި ޤުރްޢާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ޚަބަރުތަކަށް އީމާންވުމެވެ. ހައްޤުގޮތުގައި އެބޭކަލުންނަށް އަދަބު އަދާކޮށްގެނެވެ. އަދި ރަސޫލުބޭކަލުންނަށާއި އާޚިރަތްދުވަހަށް އީމާންވުމާއި ސަމާވީ ފޮތްތަކާއި ޤަޟާޤަދަރަށް އީމާންވުމެވެ.
އީމާންވުމަށްފަހު ރޯދަހިފުމުގެ ކުރިން ކުރަންޖެހޭ ކަންތަށް ކުރަންޖެހެއެވެ. އޭގެތެރެއިން ނަމާދަކީ ރޯދައިގެ ކުރިން އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ފަރުޟެކެވެ. އުންމަތުގެ ބޮޑެތި އިލްމްވެރިންގެ އަރިހުގައި ނަމާދު އެޅުމަކީ ދީނުންބޭރުވާ، މީހާ މުރުތައްދުވެ ކާފިރުވާވަރުގެ ބޮޑު ފާފައެކެވެ. އަދި ނަމާދު އެޅުމަކީ ނަރަކަވަންތަވެރިންގެ ސިފައެއްކަން މާތްﷲ ކީރިތި ޤުރްޢާނުގައި ބަޔާންކުރައްވާފައިވެއެވެ.
مَا سَلَكَكُمْ فِي سَقَرَ﴿٤٢﴾ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ﴿٤٣﴾ (މުއްދައްޘިރް:42،43)
"ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެމީހުން ބުނާނެއެވެ.ނަމާދުކުރާ މީހުންތެރެއިން ތިމަންމެން ނުވަމުއެވެ."
ނަމާދުދޫކޮށްލައިފި މީހަކަށް އިސްލާމްދީނުގައި އެއްވެސް ތަންކޮޅެއްނުވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބް ވެގެންވަނީ ތަޢުބާވެ މާތްﷲގެ ހަޟްރަތަށް ރުޖޫއަވެ ނަމާދު ޤާއިމްކުރުމަށްފަހު ރޯދަހިފުމެވެ. ފަރުޟުފަސް ނަމާދަށް ރައްކާތެރިވުމެވެ. ނަމާދު ނުކޮށް ނުކައި ނުބޮއެ ހުރުމެއް ނޫނެވެ.
ދެވަނަ ޝަރުތުކަމުގައިވާ އިހްޠިސާބްގެ މާނައަކީ ރޯދައިގެ ފައިދާ ހަމައެކަނި އާޚިރަތުގައި ބޭނުންވެ، އެއިލާހުގެ ރުއްސެވުމަށް ރޯދައަށް ހުރުމެވެ. އެކަލާނގެ ވަޖުހް ފުޅައްޓަކައި، ޘަވާބުގެ ނިޔަތުގައި ކޮއްގެން ނޫނީ އެއްވެސް އަޅުކަމެއްގެ ފައިދާއެއްނުކުރާނެއެވެ. އޭނާ އެތަކުލީފް އުފުލަނީ މާތްﷲގެ ހަޟްރަތުން ފާފަ ފުއްސެވުމާއި ޘަވާބައްޓަކައި ކަމަށާއި އެމީހާގެ ނިޔަތަކީ މާތްﷲގެ ރުއްސެވުން ކަމުގައި ހެދުން ޝަރުތުވެގެންވެއެވެ.ނިޔަތަކީވެސް ވަރަށް ބޮޑު އަޅުކަމެކެވެ. އީމާންކަމާއި ސާލިހް ނިޔަތަކީ އިންސާނާ ވަރަށް މަތިވެރި މަޤާމަކަށް ވާސިލްކޮށްދޭ ކަމެކެވެ. އެއީ ސާލިޙް ނިޔަތުގެ ސަބަބުންވެސް ނުކުރެވި ހުންނަ ޢަމަލްތަކަށް މާތްﷲ ޘަވާބުދެއްވާނެތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...