ކޮލަމިސްޓް ސީރިޔާގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގެ ޙަޤީޤީ މަންޒަރު - 2

ސީރިޔާގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގެ ޙަޤީޤީ މަންޒަރު - 2

ސީރިޔާގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގެ ޙަޤީޤީ މަންޒަރު - 2

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

އަލަވީން ވެރިކަމަށް އަރައިގެން އައުން 1920-1970

އަލަވީން ވެރިކަމާއި ހަމަޔަށް އައީ މައިގަނޑު ގޮތެއްގައި ތިން ހަރުފަތެއް ކަޑައްތުކުރުމަށްފަހުގައެވެ. އެއީ ފްރާންސް މެންޑޭޓް (1920-1946)، ސުންނީ މުސްލިމުންގެ ވެރިކަމުގައި (1946-1963) އަދި އަލަވީން ބާރުވެރިވުން (1963-1970).
ފްރާންސް މެންޑޭޓް ( 1920-1946)
ފުރަތަމަ ބޮޑުހަނގުރާމައަށްފަހު ހިޖާޒްކަރައިގެ ޢަރަބިން އުސްމާނީ ދަޢުލަތާއި އިދިކޮޅަށް އިނގިރޭސިވިލާތުގެ އެހީގައި ނިކުތެވެ. އެގޮތުން ފައިސަލް ރަސްގެފާނަށް ޢަރަބީންގެ ވަކިވެރިކަމެއް ގައިމުކޮށްދޭނެކަމަށް އިނގިރޭސިން ވަޢުދުވިއެވެ. ނަމަވެސް އަބަދުވެސް ކަންވާގޮތަށް، އިގިރޭސިން ފައިސަލަށް ލަނޑުދިނެވެ. އޭރު އިނގިރޭސިންވަނީ ފަރަންސޭސީންނަށް "ސައިކް ޕިކޮޓް" އޭކިއުނު އެގްރީމެންޓެއްގެދަށުން މުޅި ޢަރަބިކަރަ ދެބައިމީހުންނަށް ބަހާލާފައެވެ. އެގޮތުން ފަރަންސޭސިވިލާތަށް ލިބުނީ ސީރިއާއެވެ. ސީރިއާތެރެއަށް ވަދެގަންނަން ފަރަންސޭސީންނަށް އެންމެބޮޑަށް އެހީވި ބަޔަކީ އަލަވީންނެވެ. އެގޮތުން އެބައިމީހުންވަނީ ފައިސަލްއާއި އިދިކޮޅަށް ފަރަންސޭސިވިލާތުގެ އެހީގައި ނިކުމެ ފައިސަލްވެރިކަމުން ވައްޓާލާފައެވެ. ފަރަންސޭސީން ވެރިކަމަށް އައުމާއިއެކު އަލަވީންނަށް ސިފައިންގެއިން މަޤާމުތައް ލިބެންފެށިއެވެ. އަދި ފަރަންސޭސީންނާއި ބައިއަތުހިފައި އަލަވީންގެ ވަކި ޤައުމެއް އުފެއްދުމަށް ފަރަންސޭސީން ގާތުގައި މިބައިމީހުން އެދުނެވެ. ފަރަންސޭސީންގެ ވެރިކަމަށް ދެއަހަރު ވުމަށް ފަހު ސާލިޙް އަލް ޢަލީގެ ވެރިކަމުގެދަށުން ފަރަންސޭސީންނާއި އިދިކޮޅަށް އަލަވީން ނިކުތެވެ. އަލަވީން ދަޢުވާކުރަނީ އެއީ އަޅުވެތިކަމުން މުސްލިމުން ސަލާމަތްކުރުމަށްކުރި ކަމެއްގެ ކަމުގައެވެ. ނަމަވެސް ޙަޤީގަތަކީ އިސްމާޢީލީންނާއި ގާތްގުޅުމެއް ފަރަންސޭސީން ބާއްވަމުންދާތީ، އެބައިމީހުން ކުރިކަމެކެވެ.
ފަރަންސޭސީން ސީރީއާގައި ވެރިކަންކުރަން ފެށުމުން އަލަވީން ދިޔައީ ދުވެހެއް ދުވެހަކަށް ބާރުގަދަވަމުންނެވެ. ފަރަންސޭސީންވަނީ އަލަވީންނަށް ސިޔާސީ ބަރުދަނެއްދީފައެވެ. އެގޮތުން ސުންނީވެރިކަމުން މުޅީން މިނިވަން ސްޓޭޓެއް (ލަތާކިއާ) 1 ޖުލައި 1922 ގައި ޤާއިމުކުރެވިގެންދިޔައެވެ. އެގޮތުން މުސްލިމުންނާއި ވަކިން ކޯޓްތައް ހަދާއި އަލަވީންގެ މައްސަލަތައް ވަކިންބަލަން ފެށިއެވެ. އަދި ފަރަންސޭސިން ކައިރިން މިނިވަންކަން ހޯދަން މަސައްކަތްކުރާ ކޮންމެ ބަޔަކާއި ހަނގުރާމަކޮށް އެމީހުން ޤަތުލުކުރެއެވެ. އަދި އަލިއްޕޯ ،ޑަމަސްކަސް އަދި ހާވްރާންފަދަ ތަންތަން ވަކިވަކި ސްޓޭޓްތަކަށް ބަދަލުވެގެންދިޔައެވެ. މިކަމުގެ އަޑީގައި ތިބީ ފަރަންސޭސިންނާއި އަލަވީންނެވެ. މުސްލިމުން މިގޮތަށް ނިކަމެތިވެގެންދާތަން އަލަވީން ބަލަމުންދިޔައީ ވަރަށް އުފާވެރިކަމާއިއެކުގައެވެ. ސުންނީންގެ އަވަށްތަކުން ބޮޑެތި ޓެކްސްތައް ފަރަންސޭސީންނަގައި އަދި އަލަވީންގެ ތަންތަނުން ޓެކްސް ނުނެގުމުގެ ސަބަބުން އެމީހުން ތަރައްޤީވެ އަދި ސުންނީން ދުވަހެއް ދުވަހަކަށް ނިކަމެތި ވަމުންދިޔައެވެ.
ސުންނީން، ފަރަންސޭސިން ބާއްވާ ވޯޓްތައް ބޯއިކޮޓްކުރުމުގެ ސަބަބުން އަލަވީންނަށް ޑިމޮކްރަސީގެ 'ރިވެތި' އުސޫލުގެ ދަށުން ސިޔާސީ މަޤާމުތައް ލިބެމުންދިއައެވެ. ސިފައިންގެއަކީ ފިތުނައެއް ކަމަށްބުނެ މުސްލިމުން އެތަނުން ދުރުވުމުގެ ސަބަބުން އަލަވީންނަށް ސިފައިންގެއިން ޖާގަލިބެން ފެށިއެވެ. ފަރަންސޭސިން، އަލަވީންނަށް ހަތިޔާރުދީ، ސުންނީ ހުރިހާ އެއްވުންތަކެއް ރޫޅާލިއެވެ. އަދި އެބައިމީހުން ފަރަންސޭސިން ހިމާޔަތްކުރަން ޖެހުނު ހުރިހާކަމެއްކުރެއެވެ. އެގޮތުން އޭރުގެ ފަރަންސޭސި ހައިކޮމެޝަނަރ ހެންރީ ދެ ޖޮވެނެލް ލިޔެފައިވެއެވެ. "އަހުރެމެން 3 ޤަރުނުވަންދެން ނުވެވި އޮތްކަންތައް އެންމެ 3 އަހަރުން މިއަންނަނީ ކުރަމުން ނެވެ. އަހުރެމެންނަށް މިގޮތަށް ކުރިއަށް ގެންދެވިއްޖެޔާ މުސްލިމުން އަޅުވެތިކޮށްލުމަކީ އެއްވެސްކަމެއްނޫނެވެ." މުސްލިމުންނާއި ހަނގުރާމަކުރުމަށް މިހާރުވެސް އެންމެ ގިނައިން ކާފަރުން ބޭނުންކުރާ އުކުޅަކީ މިއެވެ. މުސްލިމުންގެ ތެރެއިން ބާތިލް ފިރުޤާއެއް އުފައްދާއި، އެބަޔަކު މެދުވެރިކޮށް މުސްލިމުން އަޅުވެތިކުރުމެއެވެ. މިއީ އިރާޤާއި، ޕާކިސްތާނާއި، އަފްޢާނިސްތާނާއި އަދިވެސް އެހެނިހެން މުސްލިމު ޤައުމުތަކުގައިވެސް ކަންތައް ކުރަމުން އަންނަގޮތެވެ.
ކޮންމެއަކަސް ފަރަންސޭސިންގެ މެންޑޭޓް 1936ގައި ނިންމާލަން ޖެހުމުން އަލަވީންގެ ސްޓޭޓެއްކަމުގައިވާ ލަތާކިއާ، ސީރިއާގެ ސްޓޭޓެއްގެ ގޮތުގައި ހެދުނެވެ. އޭގެ ސަބަބުން ވަރަށް ގިނަ އަލަވީން މުޒާހަރާކުރިއެވެ. އަދި ފަރަންސޭސިވިލާތުގެ ވެރިންނަށް ސިޓީފޮނުވައި ސީރިއާއިން ނުފޭބުމަށް އެދުނެވެ. އެހެނީ އެމީހުން ފައިބައިފިނަމަ އަނެއްކާވެސް ސުންނީގެ ބާރުގެދަށަށް ދާންޖެހޭނެކަމަށް ޤަބޫލުކުރާތީއެވެ. އެގޮތުން ފަރަންސޭސިވިލާތުގެ ޕްރައިމް މިނިސްޓަރ ލިއޮން ބްލަމްއަށް ފޮނުވި ޕެޓިޝަން ( މިޕެޓިޝަން ތައްޔާރުކުރީ ސުލައިމާން އަސަދެވެ. މީ ހާފިޒުލް އަސަދުގެ ކާފައެވެ.) އެއްގައި ވެއެވެ. "އަލަވީންނަކީ މުސްލިމުންނާއި މުޅީން ތަފާތު ދީނެކެވެ. ސުންނީން ދެކެނީ އަލަވީންނަކީ ކާފަރުންކަމުގައެވެ. އަދި ފަރަންސޭސީން ސީރިއާއިން ފައިބައިފިނަމަ އަލަވީން ނިކަމެތިވެގެންދާނެކަމަށެވެ. ފަރަންސޭސިންގެ ބާރު ސީރިއާގައި ބޭއްވުމަށް އަލަވީން މިހާތަނަށްކޮށްފައިވާ މަސައްކަތަށްވުރެ ބޮޑު މަސައްކަތްތަކެއް ކުރަން ތައްޔާރަށް ތިބިކަމަށް ލިޔުނެވެ." މިހުރިހާ އާދޭހަކާއިއެކުވެސް ފަރަންސޭސިންނަށް ޖެހުނީ ސީރިއާއިން ފައިބާށެވެ. ސަބަބަކީ ފައިސާގެ ދަތިކަމާއި ހަމަނުޖެހުންތައް ބޮޑުވުމެވެ. ނަމަވެސް ސީރިއާގެ (މުސްލިމުންގެ) ބާރުގެ ދަށަށް ލަތާކިއާ ދިޔަ ނަމަވެސް އެތަން އޮންނަނީ ފަރަންސޭސީންގެ ހާއްސަބެލުމުގެ ދަށުގައެވެ.
މިކަމުގެ ސަބަބުން އަލަވީން ސުންނީންނާއި ދެކޮޅަށްތެދުވެ ހަމަލާދޭންފެށިއެވެ. މިގޮތުން ސުލައިމާން މުރުޝިދުގެ (ކަލާނގެކަމަށް ދައުވާކުރާ މީހެއް) ވެރިކަމުގެދަށުން 5000 އަލަވީ ސިފައިންވަނީ މުސްލިމުންނާއި ދެކޮޅަށް ނިކުމެފައެވެ.
ސުންނީންގެ ވެރިކަން 1946-1963
ފަރަންސޭސީން ސީރިއާއިން ފެއްބުމަށް ފަހު ބާރުލިބިގެން ދިޔައީ ސުންނީން ގެ ޝާޙީ ޚާންދާނަކަށެވެ. 1946 ގައި ސުލައިމާން މުރުޝިދު (އަލަވީންގެ ލީޑަރެއް) ދެވަނައަށް ބަޤާވާތެއްކުރަން އުޅުނެވެ. މިފަހަރު އޭނާ ޤަތުލުކުރިއެވެ. އޭނަގެ ދަރިފުޅު 1952 ގައި ވެސް ހަމަ ނާކާމިޔާބު ބަޤާވާތެއްކުރިއެވެ. މިކަންތައްތައް ނާކާމިޔާބުވުގެ ސަބަބުން އަލަވީންގެ ސްޓޭޓް ލުބުނާންއާއި ނުވަތަ ޖޯރޑަންއާއި ގުޅެންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މިކަންތައްތަކުގެ ސަބަބުން އެބައިމީހުން ދިޔައީ ދުވެހެއް ދުވެހަކަށް ނިކަމެތިވަމުންނެވެ.
ސުންނީ މުސްލިމުން ލަތާކިއާ ދުލެއް ނުކުރިއެވެ. ސަބަބަކަށްވީ، އެއީ ކަނޑުގެ އައްސޭރިއަށް ހަމައެކަނި ދެވެން އޮންނަ މަގުކަމުގައިވާތީ ސީރިއާގެ ޢަދުއްވުންނަށް އެތަން ދޫކޮށްލެވެންނެތުނީމައެވެ. ސުންނީން އަލަވީންގެ ވަކި ސްޓޭޓްތައް އުވާލިއެވެ. އަދި ދިފާއީ ބަރުވެސް އުވާލިއެވެ. މަޖިލީހުގެ ގޮޑިތައްވެސް އަތުލިއެވެ. އަދި ކޯޓުތައް އުވާލިއެވެ. މިކަމުގެ ސަބަބުން އަލަވީންނަށް ސީރިއާއާއި ގުޅެން މަޖުބޫރުވެ، އެބައިމީހުންގެ ބާރުނެތިއްޖެއެވެ. އަލަވީންނަށް ވަކިން ސްޓޭޓެއް ހެދޭނެކަމުގެ އުއްމީދު ގެއްލުމާއި އެއްކޮށް އެމީހުން ދެން ބޭނުންކުރަންފެށީ މުޅިން އެހެން އުކުޅެކެވެ. އެއީ ދީފާއީ ބާރު (ސިފައިން) އަދި ބާތު ޕާޓީއެވެ.
ފަރަންސޭސިންގެ ވެރިކަމުގައި އަލަވީންނަށް ސިފައިންގޭގެ ބާރުލިބިފައިވުމުގެ ސަބަބުން އެތަނުގެ ބޮޑެތި މަޤާމުތަކުގައި ކުފުރުފޮރުވައިގެން ތިބިއެތައް އަލަވީންނެއް އުޅުނެވެ. އެބައިމިހުން ގެންދިޔައީ ޒުވާނުންގެ ތެރެއިން އަލަވީ އަޤީދާގެ ކުދިން ސިފައިންގެއަށް ވައްދަމުންނެވެ. އަދި އެކުދީން ދިޔައީ ވަރަށް ހިއްވަރާއިއެކު ކުރިއަރަމުންނެވެ. ދިފާއީ ބާރުގައި ސުންނީން މަދުވުމަކީ ހައިރާވާން ޖެހޭކަމެކެވެ. ސަބަބަކީ އަޢުލަބިއްޔަތު ބޮޑުބައެއް އެތަނެއްގެ ސިފައިންގޭގައި ނުތިބުމަކީ ވަރަށް ހައިރާން ކުރުވަނިވިކަމެކެވެ. މިކަން މިގޮތަށް ހިގައިދިޔައީ ވަރަށް ބައިވަރު ސަބަބުތަކާއި ހުރެއެވެ. މިގޮތުން ބަލާލާއިރު:
• ސުންނީން ދީނާއި ދުރުވެ އެބައިމީހުން ދުނިޔޭގެ މަޖަލުގައި އުޅުމުގެ ސަބަބުން ކަންނެތްވުން
• ދީންނަށް އުޅޭމީހުން ދެކެމުންއައީ ސިފައިންގެއަށް ވަނުމަކީ ތާޤޫތަށް ޚިދުމަތްކުރުން ކަމުގައި
• ސުންނީންގެ ބައިގަނޑު ބޮޑުވުމުގެ ސަބަބުން ސިފައިންގެއަކީ ވެރިކަމެއް ދެމެހެއްޓުމުގައި މާމުހިންމު ތަނެއްކަމުގައި ނުދެކުން
• ސުންނީންނަށް މަސައްކަތްނުކޮށްވެސް ސަރުކާރުން ޚާއްސަ އިނާޔަތްތައްލިބުމުގެ ސަބަބުން މަސައްކަތް ކުރުން މުހިއްމުނުވުން .
ސިފައިންގެ ވެގެންދިޔައީ އަލަވީން ބަނޑުފުރައިކާން ލިބެންއޮތް ހަމައެކަނި މަގަށެވެ. އެގޮތުން އެބައިމީހުން ދިޔައީ ކުޑަމުސާރައަށްވެސް ސިފައިންގެއަށް ވަންނަމުންނެވެ. އަދި މަދު ސުންނީ ޖެނެރަލުންވެސް ދިޔައީ މަޤާމްގެ ދަހިވެތިކަމުގައި އަނެއް ސުންނީއެއް މަރަމުން އަލަވީންނާއި އެއްބައިވަމުންނެވެ. އިސާހިތަކު ހުރިހާ މުހިއްމު ޔުނިޓުތަކުގައި އަލަވީން ދިޔައީ އަތްގަދަކުރަމުންނެވެ. ސުންނީ ވެރިން ގަބޫލުކުރަމުން ދިޔައީ އެންމެ މަތީ މަޤާމް ސުންނީއަކަށް ދިނީމަ ސިފައިންގެ ކޮންޓްރޯލް ކުރެވޭނެކަމުގައެވެ. 1949 ފެށިގެން 1963 އާ ހަމައަށް އެކިފަހަރުގެ މަތިން ވެރިކަން ވެއްޓުމުގެ ސަބަބުން ސުންނީންގެ އެއްބަޔަކު އަނެއްބަޔަކު ވަނީ ހަސަދަވެރިކަމާއި ރުޅީވެރިކަމުގެ ސަބަބުން ބައިބައިވެފައެވެ. ސިފައިންގޭގެ މަތީމަގާމުތަކުގައި ތިބޭ މީހުން މަޤާމާއި ބާރުގެ ބޭނުނުމުގައި ސުންނީންގެ މެދުގައި އޮތް ދެކޮޅުވެރިކަމުގެ ނާޖައިސް ފައިދާނެގިއެވެ. ނަތީޖާއެއްގެ ގޮތުން ސުންނީން ދިޔައީ ސިފައިންގޭގެ ފައުޖުތަކުގައި އެބައިމިހުންނަށް ލިބިފައިވާ ބާރުތައްދޫވަމުންނެވެ. ކޮންމެ ފަހަރަކު އަލަވީއަކު ސިފައިންގޭގެ މަތިމަގާމަކަށް ދާއިރު އޭނައާއިއެކު އެހެން އަލަވީންތައް ވެސް ގެންދެއެވެ. ސުންނީންނާއި ޚިލާފަށް އަލަވީންގެ މެދުގައި އަޚްވަންތަކަމުގެ ގުޅުން ވަރަށް ރަނގަޅެވެ.
ސިފައިންގޭގެ އިތުރުން ބާތު ޕާރޓީގައިވެސް އަލަވީން ދިޔައީ ބާރުގަދަކުރަމުންނެވެ. ބާތު ޕާރޓީއަކީ މައިގަނޑު ގޮތެއްގައި ތިން ވިސްނުމެއްގެ މައްޗަށް އެކުލެވިގެންވާ ޕާރޓީއެކެވެ. އެއީ އަލަވީން، ސޯޝަލިސްޓުން އަދި ސެކިއުލަރިސްޓުންނެވެ. މުސްލިމުންގެ ތެރެއިން ސުންނަތަށް ތަބަޢުވީ މީހުން ފިތުނައިން ދުރުވުމުގެ ސަބަބުން އަލަވީންނަށާއި ލާދީނީ މީހުންނަށް ސިޔާސީ މައިދާނުގައި އެއްވެސް ހުރަހެއްނެތި މަސައްކަތްކުރަން ފުރުޞަތުލިބުނެވެ. އަދި އިގްތިސާދީ ފައިދާ ހޯދުމުގެ ގޮތުން ހުޅަނގުގެ ރުހުން ހޯދަން އިސްލާމްދީން ސިޔަސީ މައިދާނުން ފޮހެލެވުނެވެ.
އަލަވީން ވެރިކަމަށްއައުން 1963-1970
ސުންނީންގެ ވެރިކަމުގައި ތަޅާފޮޅުމުގެ ސަބަބުން އަލަވީންގެ ބާރުތަށް ފަތުރާލުމަށް ރަނުގެ ފުރުޞަތުތަކެއް ލިބުނެވެ. އެގޮތުން އަލަވީން މައިގަނޑު ތިން ބަޤާވަތެއްކުރިއެވެ. އެއީ 1963 މާރޗް ގައި ބާތު ޕާރޓީން ކޫޕް ޑިއެޓޭގެ ނަމުން މަޝްހޫރުވެފައިވާ ބަގާވާތާއި، ފެބްރުއަރީ 1966 އަލަވީން ކުރި ބަޤާވާތާއި އަދި 1970 ނޮވެމްބަރ އަސަދު ގެނައި ބަޤާވާތެވެ.
މާރޗް 8، 1963 ގައި ހިނގި ބަގާވަތް ރޭވުމުގައި މައިގަނޑު ގޮތެއްގައި އުޅެނީ އަލަވީންނެއެވެ. ކަން ހިނގައިދިޔަގޮތް ވަރަށް ކުރުކޮށް ލިޔެލާނަމެވެ. މުސްލިމުން ދީނާއި ދުރުވުމުގެ ސަބަބުން އެބައިމީހުން އަޚްވަންތަވާންފެށީ ޢަރަބީންގެ ގޮތުންނެވެ. އެމީހެއްގެ އަޤީދާއަކަށް އަދި ދީނަކަށް ނުބަލައި ޤައުމީއްޔަތުގައި އެމީހުން ޖަމާވިއެވެ. މިއީ އަލަވީންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ސުންނީންގެ ޝާހީ ޚާންދާނުގެ މީހުން ދިޔައީ ސީރިއާގެ ހުރިހާ ދަނޑުތަކާއި އަދި އެހެނިހެން ބިންތައް ވާރުތަކުރަމުންނެވެ. ބުނެވޭގޮތުގައި 3000 އާއިލާއިން މުޅި ސީރިއާގެ 85 އިންސައްތަ ބިން މިލްކް ވެފައިވެއެވެ. މިއީ ފަރަންސޭސިންގެ ވެރިކަމުގައި ސުންނީންނަށް ދީފައިވާ ބިންތަކެކެވެ. މިކަމުގެ ސަބަބުން ދެން ތިބި ނިކަމެތި ސުންނީންގެ ރުޅިވެރިކަން އިތުރުވެ މިބައިމީހުން އަތުން ބާރުތައް އަތުލުމަށްޓަކައި ވަރުގަދަ މޫވްމަންޓެއް ފެށުނެވެ. އެގޮތުން މިބައިމީހުން އަލަވީންނާއި ކްރިސްޓިއަނުންނާއި އެއްބައިވެގެން މަސައްކަތްކުރިއެވެ. ބޭނުންވީ ހެޔޮބަދަލެކެވެ. ނަމަވެސް ކަންވެގެން ދިޔައީ އަބަދުވެސް ކަންވާގޮތަށެވެ. ސުންނީންނަށް ލަނޑުދީފައި، އަލަވީން ބޮޑެތިމަގާމުތަކަށް ވެރިވިއެވެ. އެގޮތުން އެދުވަސްކޮޅު އެންމެ މަޝްހޫރުވެގެން ދިޔަ ދެލީޑަރުންނަކީ ހާފިޒް އަލްއަސަދާއި ޞާލިޙް ޖަދީދެވެ. ދެމީހުންނަކީ ވެސް ވެރިކަމަށް ދަހިވެތިވެފައިވާ ދެ އަލަވީންނެވެ. ދެމީހުން ބާތު ޕާރޓީގެ ތެރެއިން އަދި މިލިޓަރީ ތެރެއިން މުޤާބަލާ ކުރަމުންދިޔައެވެ. މިކަމުގައި ކުރިއަރައިގެން ދިޔައީ ހާފިޒް އަލްއަސަދެވެ. ޞާލިޙް ޖަދީދް ބާތު ޕާރޓީގެ ތެރެއިން ހަފިޒް އަލްއަސަދު މަގާމުން ދުރުކުރުމަށް އޭރުގެ ބާތު ޕާރޓީ ރައީސް ނޫރް އަލް ދީން އަލް އަތާސީގެ ކިބައިން އޯޑަރ ހޯދިއެވެ. ނަމަވެސް އެ ބައްދަލުވުން ނިމުމުގެ ކުރިން ހާފިޒަ އަލްއަސަދަށް ވަފާތެރި ސިފައިން ބޭނުންކޮށްގެން މަޖްލިސްކުރަން ތިބިގެ ހިސާރުކޮށް އެންމެން ހައްޔަރު ކުރުމަށްފަހު ޖަލަށްލެވުނެވެ. އެއަށްފަހު އަސަދުގެ ބެލުމުގެ ދަށުން އަޙްމަދު އަލްޚަތީބް ކިޔާ ސުންނީ ގޮޑިކޮއްކޮއަކު ރައީސްކަމަށްހޮވިއެވެ. ސަބަބަކީ ސުންނީންގެ ރުހުން ހޯދުމަށެވެ. ނަތީޖާއެއްގެ ގޮތުން ދެ އަހަރުފަހުން ހާފިޒް އަލްއަސަދު ވެރިކަމަށްއައެވެ. އަދި ގާނޫނު އަސާސީ ބަދަލުކޮށް، އޭނާގެ މުށުތެރެއަށް ހުރިހާ ބާރެއް ގެނައެވެ.
މިއީ 12 އިންސައްތަ އަލަވީން 69 އިންސައްތަ ސުންނީންގެ މައްޗަށް ވެރިވެގަތްގޮތެވެ. މީގެން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން އެބަޖެހެވެ.
ސީރިއާގައި މިހާރު ހިނގަމުންދާ ޤަތުލުއާއްމުގެ ޙަޤީޤީ ސަބަބު އޮޅުންފިލައިފިކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. ބައްޝާރު، ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަން ޖެހިލުންނުވާ ސަބަބަކީ މުސްލިމުންގެ ޢަދުއްވަކަށް ވީތީއެވެ. އަދި އެއީ ކާފަރު ފާސިޤަކަށްވާތީއެވެ.

މީގެން ލިބިގަންނަންވީ ޢިބްރާތްތަކަށް ބަލާލާއިރު:
• ޤައުމުގެ އިސް މަޤާމުތަކަށް ދީނާއި ދުރު ބަޔަކު އިސްކުރުމުން މުސްލިމް މުޖުތަމަޢުއަކުން ފެންނަން ނުޖެހޭ އެތައް މަންޒަރުތަކެއް ފެނުނ
• އިސްލާމްދީނުގައި ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެކަން
• ތަރައްޤީ ހޯދުމުގެ ނަމުގައި ދީން ދޫކޮށްލި އެއްވެސް ބަޔަކަށް، އެބަޔަކު ބޭނުންވި ތަރައްޤީއެއް މިއަދާއި ހަމައަށް ގެނެވިފައިނުވުން
• މަޤާމާއި ޖާހަށްޓަކައި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބައިބައިވުން އުފެދުން
• މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް، އެބައިމީހުންގެ ތެރެއިން ބަޔަކު ތައްޔާރުކުރުމަކީ ކާފަރުންގެ ރޭވުމެއްކަން
• މުސްލިމުންގެ މުޖުތަމަޢުތައް ހަލާކުކޮށްލުމަށް ދީނުގެ ޢަދުއްވުން ގެންގުޅޭ އަނެއް ހަތިޔާރަކީ، އެތަނެއްގެ ތަޢުލީމީ ނިޒާމު ފުނޑު ފުނޑުކޮށްލުންކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.