އުފާވެރި ކަމުގެ ކޮޅެއް ނެތެވެ! މަޖަލާއި ހިތްހަމަ ޖެހުމާއި އުފަލާއި ލައްޒަތުގައި އުޅެމުން ދިޔަ ނަމަވެސް އަބަދުވެސް ކޮންމެވެސް ކަމަކާއި ނުތަނަވަސްވެ ހިތްހަމަ ނުޖެހިފައި ވާކަމުގެ އިޙުސާސް ހިތުގެ އެންމެ ފުންމިނުން އަބަދު ވެސް އަހަންނަށް ކުރެވެއެވެ. ބޭރުފުށުން ފެންނަ އިރު އަހަންނަށްވުރެ ވަކިން އުފާވެރި ހިތްހަމަ ޖެހިގެން ދިރިއުޅޭ މީހަކު ނޫޅޭނޭ ދެންނެވުމަކީ ގޯހަކަށް ނުވާނެ އެވެ. އެހާވެސް އަހަރެންގެ ޙަޔާތް ފަސޭހަ ވެފައި ބާއްޖަވެރި އެވެ. އަހަންނަށް ވަނީ ދުނިޔޭގެ ހުރިހާ އުފާވެރި ކަމެއް ލިބިދީފައެވެ. އޭގެ ސަބަބަކީ އަހަރެންގެ މައިންބަފައިންގެ ފަރާތުން އަހަންނަށް ވާރުތަ ކުރި މުދަލާއި ފައިސާވެރިކަން ކަމުގައި އަހަންރެން ވެސް ޤަބޫލު ކުރަމެވެ.
މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ އަހަރެން ކަމަށް ވުމީ އަހަރެންގެ ނަސީބުކަން ނުވަތަ ބަދުނަސީބުކަން ބުނާން ނޭނގުނަސް އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ މޮޅުމީހާ އަށް ހެދުމަށް އަހަރެންގެ މައިންބަފައިން ދެކެމުން އައި ހުވަފެން ތައް ބިލާހަކަށްވީ އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެންދެކެ ވީ އިންތިހާ އެއް ނެތް ކަނު ލޯބިކަން މިއަދު އަހަންނަށް މިވަނީ އިޙުސާސް ކުރެވިފައެވެ. އަހަރެން ބޭރުގައި ކިޔަވަން ހުރެގެން އެދުނު ކޮންމެ ޢަދަދަކުން ފައިސާ ފޮނުވައިދެމުން ގެންދިޔައިރު އެ ފައިސާ އަށް އަހަރެން ހަދަނީ ކިހިނެއްތޯ ވެސް އެ ދެމަފިރިން ސުވާލު ކޮށް ނުލުމަކީ އަހަރެންގެ އެކަނި ކުށެއް ކަމަށް އަހަރެން ނުދެކެމެވެ. އެހެން ނަމަވެސް އެކަން އަހަންނަށް އިޙުޞާސް ކުރެވުނުއިރު މިއަދު މިވަނީ ވަޤުތު ފާއިތުވެފައެވެ. މިއަދު އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ އަހަންނަށްޓަކާ ތާ އަބަދަށް އަލްވަދާޢު ކިޔާފައެވެ.
މުއްސަނދި ކަމުގައި އަހަރެން ވީ ދުވަހު އަހަންނަށް ވުރެ އުފާވެރި އަހަންނަށް ވުރެ ރަޙުމަތްތެރީން ގިނަ މީހަކު ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެ އެވެ. އަހަރެންގެ ރަޙުމަތްތެރީންގެ އޯގާތެރި ކަމާއި އެހީތެރި ކަމާއި އެކު ދުވަހެއް ދުވަހަކަށް އަހަރެން ބަނގުރޫޓުވެ ފަޤީރު ވަމުން ގޮސް މިއަދު އަހަރެންގެ އަތްމަތި މުޅީން ހެން ހުސްވުމާއި އެކު އަހަރެންގެ ހެޔޮލަފާ ރަޙުމަތްތެރީން ވެސް އަހަންނަށް ވަނީ ގެއްލިފަ އެވެ.
މިއަދު އަހަންނަށް ހޭވެރިކަންވީ ބެންކުން ގޯތި ރަހުނު ކޮށްފައި އަހަރެން ނެގި ލޯނަށް ފައިސާ ނުދައްކާތީ ގޯތި ވިއްކާލުމުގެ ހުއްދައަށް އެދި ބެންކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ޗިޓު ހަވާލު ކުރަން ކޯޓުގެ ދޭވާނި ކަލޭގެ އައިސް ދޮރުވައްޓާލާ ހިސާބަށް ދިޔަފަހުންނެވެ. ޗިޓާއި ޙަވާލުވީއިރު އަހަރެންގެ އަތް ތުރުތުރު އަޅައެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ހުރެ ކޯޓަށް ދާންޖެހޭ ދުވަސް ބަލާލި އިރު އަދި ހަފްތާއެއް އެބައޮތެވެ. އެހެން ކަމުން އަހަރެން ނިންމީ އޭގެ ކުރިން އަމިއްލަ އަށް މަރުވެ މި ހުރިހާ މައްސަލަ ތަކުން ސަލާމަތްވެ ބޯ ދަމައިގަތުމަށެވެ.
ނުނިމޭ.....( އަނެއްބައި މާދަމާ )
ކޮމެންޓް (0)
ލޯޑް ކުރަމުން...