ކޮލަމިސްޓް ކުޑަކުދިންގެ ދުވަހުގެ މުޅިން ތަފާތު "ފޮޓޯއެއް"

ކުޑަކުދިންގެ ދުވަހުގެ މުޅިން ތަފާތު "ފޮޓޯއެއް"

ކުޑަކުދިންގެ ދުވަހުގެ މުޅިން ތަފާތު "ފޮޓޯއެއް"

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިއްޔެއަކީވެސް ދުނިޔޭގެ އެކި ގައުމުތަކުގެ އާދައެއްގެ ގޮތުގައި އެކިކަންކަމާ، އެކި އުމުރުފުރާ މީހުންނާއި، ކުޑަކުދިންނާއި އަދި ތަފާތު އެކި ކަންކަމާ ގުޅިގެން ފާހަގަ ކުރަމުންދާ އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފައް ފާހަގަ ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. 100 ޕަސެންޓް އިސްލާމީ ޤައުމެއްކަމަށް ދައުވާ ކުރާ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ދުނިޔޭގެ ބިތެއްގައި ދުވަހެއް ފާހަގަ ކުރަންޏާ އެކަމާ އާނބަސްބުނެ ދިވެހިންގެ ގިނަބަޔަކު، ޙާއްސަކޮށް ސަރުކާރުގެ މަތީ މުއައްސަސާތައް އިސްވެ އަދި ގައުމުގެ ލޮލުގެ ކޮއިފަދަ މާދަމާގެ ޖީލައް އެތަނަކުން އިސްލާމީ ތަރުބިއްޔަތުން ދަރިން ނެރެމުގެ އެންމެ ބޮޑު އެއް ޒިންމާއެއް ބޮލުގައި އެޅިފައިވާ އެޑިއުކޭޝަން މިނިސްޓްރީ މުގުލުގަ އޮވެ ދަރިވަރުން ލައްވާ ކުޅުވަމުންދާ ކުޅިވަރުތަކަކީ އެކުދިންނާ އެންމެ އެކަށޭނަ ކަންކަމޭ ދެންނެވޭކަށް ނެތެވެ.

ކަންމިހެން ހުރި ނަމަވެސް ދާދި މިދާކަށް ދުވަހަކު ފާހަގަ ކުރި ކުޑަކުދިންގެ ދުވަސް ރާއްޖޭތެރޭގެ ގިނަ ސްކޫލް ތަކެއްގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. އެދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އަޅުގަނޑަށް ލިބުނު ފޮޓޯގަޑަކުން ފެނުނު ދަރިވަރެއްގެ އެދުވަހުގެ ހިތުގެ ޝުއޫރުން އެނގި ހާމަވެގެން ދިޔައީ ދިވެހިރާއްޖެއަށް މިއަދު ބޭނުންވަނީ ތަނެއްގައި ބަޔަކު ކުޅިވަރެއް ކުޅެންޏާ އެކަމާ އާނބަސް ބުނެ އަމަލީ ގޮތުން އެކަންކަން ކުރުމަށްވުރެ މި ދިވެހިރާއްޖޭގެ ކުރިއަށް އޮތް މުސްތަގްބަލު ހަމަހީމޭން ކަމާއި އަމާންކަމާއި އެކު ކުޑަކުދިންގެ މާދަމާގެ ޖީލު ބިނާކުރެވެން އޮތީ މި ބިންމަތީގައި އިސްލާމީ ޝަރީއަތް ތަންފީޒު ކޮށްގެންކަމެވެ.

އިއްތިފާގުން މި ދަންނަވާ ދުވަހަކީ އިސްލާމީ ގައުމެއްކަމަށްވާ އަޅުގަނޑުމެން މިހާރު އެގައުމަކާމެދު ފަހުރުވެރިވާ ބުރޫނާއީގައި އިސްލާމީ ޝަރީއަތް ތަންފީޒް ކުރަންފެށި ދުވަހެވެ. މި ދެންނެވި ދުވަހު މިދަންނަވާ ސްކޫލްގެ ދަރިވަރުންނާ ޖެހުނީ އެދުވަހު އެންމެ އުފާވާ ކަމެއް ލިޔުމަށެވެ. އޭގެ ތެރެއިން އެއް ދަރިވަރެއްގެ އެދުވަހުގެ ހިތުގެ ޝުއޫރުން ގައުމު ނިދާފައިވާ ގަދަ ނިދިން ހޭލައްވަން ވެއްޖެކަން އެދަރިވަރު ބުނެދޭ ކަހަލައެވެ.

އެދަރިވަރު އެދުވަހު އެންމެ އުފާވި ކަމެއްގެ ގޮތުގައި ބޯޑުގައި ލިޔެފައިވަނީ މިހެންނެވެ. "އަޅުގަނޑު މިއަދު އެންމެ އުފާވަނީ އިސްލާމީ ޤައުމެއް ކަމުގައިވާ ބުރޫނާއީގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ފެށުމުންނެވެ."

މާދަމާގެ ޖީލުވެސް އަދި މިއަދުވެސް ގައުމު އެދި ގޮވަމުންދަނީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒް ކޮށްދެއްވުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ ރިވެތި އުސޫލުތައް ނެތިގޮސްފައިވާކަން މި މާލެއަށް ނަޒަރު ހިންގާލި ކޮންމެ ދިމާއަކުން ފެންނާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ކެފޭތަކާ ރެސްޓޯރެންޓްތަކާއި ހިތް ސޭހަކޮށްލުމަށް ޢާންމު މަޑުކޮށްލުމައް ހަދާފައިވާ ތަންތަނުންވެސް ފެންނަމުންދަނީ އަހުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކެވެ. އުންމީދަކީ އެދަރިވަރުވިއަސް އަދި އެހެން ދަރިވަރެއްވިއަސް ދެން ބޯޑެއްގައި ލިޔަން ފުރުސަތެއް ލިބިއްޖެނަމަ ލިޔުމުގެ ފުރުސަތު ލިބޭނީ "މިއަދު އެންމެ އުފާވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ފެށުމުން" މިހެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.